އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
އަންނަ އަހަރަށް 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހުށަހެޅުއްވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބަޖެޓު ކޮމިޓީން ނިންމީ ހުށަހެޅުއްވި ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓު ބޮޑު ކުރުމަށެވެ.
ބަޖެޓު ކޮމިޓީގެ އެ ނިންމުމާ އެއްގޮތަށް ޖުމްލަ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް މިއަދު ވަނީ ފާސްކޮށްފައެވެ. އެ އަދަދަށް ބަޖެޓު ފާސްކުރީ 64 މެމްބަރުންގެ ވޯޓާ އެކުއެވެ. ބަޖެޓް ފާސްކުރުމާ ދެކޮޅަށް އަށް މެންބަރަކު ވޯޓު ދެއްވައިފައިވެއެވެ.
އަންނަ އަހަރުގެ ބޮޑު ބަޖެޓަށް ފަހުން އިތުރުކުރީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 57.4 މިލިއަން ރުފިޔާއާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި ރައްޔިތުންގެ މަޖިލީހަށާއި އަދި ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާއެވެ.
ބައެއް އިދާރާތަކުގެ ބަޖެޓަށް އިތުރުކުރި އަދަދުތައް:
▪︎ ރައްޔިތުންގެ މަޖިލީހުގެ އިދާރާ: 7 މިލިއަން ރުފިޔާ
▪︎ އޭސީސީ: 3.9 މިލިއަން ރުފިޔާ
▪︎ އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީސް: 2.2 މިލިއަން ރުފިޔާ
▪︎ ސިވިލް ސާވިސް ކޮމިޝަން: 1.69 މިލިއަން ރުފިޔާ
▪︎ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ: 865،636 ރުފިޔާ
▪︎ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން: ފަސް ލައްކަ ރުފިޔާ
▪︎ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް: 204،000 ރުފިޔާ
▪︎ މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓް: 73،782 ރުފިޔާ