ކޮމަންޑޫ ކޮވިޑްގެ ހާލަތު: މިހާތަނަށް 82 ގެއެއް ވަނީ ކަރަންޓީން ކުރެވިފައި
ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި މިމަހުގެ 23 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ ށ.ކޮމަންޑޫގެ 82 ގެއެއް މިހާތަނަށް ކަރަންޓީނު ކުރެވިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުހަައްމަދު ޝިނާން ވިދާޅުވީ އެ ރަށުގައި މިހާރު ޖުމްލަ 13 މީހަކު ބަލިޖެހިފައި އެބަތިބި ކަމަށާއި ނަތީޖާ 52 ސުންކުގެ ނަތީޖާ ނުލިބިވާ ކަމަށެވެ.
"މިހާރު ބަލިޖެހިފައިވާ މީހުންގެ ޖުމްލައަކީ 13. އަދި 82 ގެއެއް މި ވަނީ ކަރަންޓީނުގައި. އިއްޔެ ނެގި ސާމްޕަލްތަކުން މިހާތަނަށް އެންމެ މީހެއް ބައްޔަށް ފައްސިވީ" ޝިނާން ވިދާޅުވިއެވެ.
ޝިނާން ވިދާޅުވީ އާއްމު ގޮތެއްގައި ރަށުގެ އާއްމު ހާލަތު މިވަގުތު ރަނގަޅު ކަމަށާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފިޔަވަޅުތައް ރަށުގައި ތަންފީޒު ކުރަމުން ދާކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާ ކުރެއްވިއެވެ.
ރާއްޖޭގެ އެކި ރަށްރަށުން ކޮވިޑް-19ގެ ވޭދަނަތައް ފެނުން އަނެއްކާ ވެސް އަންނަނީ އިތުރު ވަމުންނެވެ. އަދި ރާއްޖޭގައި ކޮވިޑް ފެތުރުން އިތުރުވެފައިވާތީ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ މަޝްވަރާތަކެއް ވެސް ދާދި ފަހުން ވަނީ ކޮށްފައެވެ.