އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށާއި އެކަމާ ގުޅިގެން ބައެއް ކޮމިޓީ މެމްބަރުން އިސްތިއުފާ ދެއްވަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުން އިންތިހާބުވުމަށް ފަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ބައި އިލެކްޝަންތައް ވަނީ އިތުރުވެފައެވެ. އެގޮތުން އީސީގެ ރައީސް ފުއާދު ވިދާޅުވީ ހދ. ނޮޅިވަރަމް، ނ. މަގޫދޫ، ކ.ދިއްފުށި، އއ.ފެރިދޫ އަދި ނ. ކެނދިކުޅުދޫގައި މިހައިތަނަށް ބައި އިލެކްޝަންތައް ބޭއްވިއްޖެ ކަމަށާއި އެ އިންތިހާބުތަކަށް ޖުމްލަ 1.2 މިލިއަން ހަރަދު ކުރެވިފައިވާ ކަމަށެވެ. އޭގެ ފަހުން އޮގަސްޓު އަދި އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ފަސް ބައި އިލެކްޝަނެއް ބާއްވަން ޖެހުނު ކަމަށާއި އެ އިންތިހާބުތަކުގެ ހަރަދުގެ ގޮތުގައި 6 ލައްކައެއްހައި ރުފިޔާ ހަރަދުވިކަމަށް ވެސް ވިދާޅުވިއެވެ. މި ހުރިހާ ބައި އިލެކްޝަނަކީ ވެސް އަންހެނުންގެ ކޮމިޓީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުމުން ބާއްވަންޖެހުނު ބައި އިލެކްޝަންތައްކަމަށް ފުއާދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ މިގޮތަށް ބާއްވާ ބައި އިލެކްޝަންތަކުގައި ވޯޓުގައި ބައިވެރިވާ ރައްޔިތުންގެ އަދަދު ވަރަށް ބޮޑަށް މަދުވާކަން ފާހަގަކުރެވޭ ކަމަށެވެ. ބައެއް އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ވިހި އިންސައްތަ މީހުން ވެސް ވޯޓުލާން ނުނިކުންނަކަމަށް ފުއާދު ވިދާޅުވިއެވެ.
"180 މީހުން ވޯޓު ލިޔަސް 922 މީހުންނަށް ހައްގު ލިބިފައިވާކަމަށް ވަންޏާ އަޅުގަނޑުމެން މި ހުރިހާ، ވޯޓުލާ ކަރުދާސް ޗާޕު ކުރުމުން ފެށިގެން ހުރިހާ އިންތިޒާމުތަކެއް މިކުރަނީ 922 މީހުން ވޯޓު ލާނެކަމަށް. އެހެންވީމަ ވަރަށް ބޮޑު މަސައްކަތްތަކަކާ ފައިސާ ވަރަށް ބޭކާރުވެގެން ދާފަދަ ގޮތަކަށް މިކަންތައްތައް މިދަނީ" ފުއާދު ވިދާޅުވިއެވެ.
ރައްޔިތުންގެ އަތުން ނެގޭ ޓެކްސްއާއި ދައުލަތަށް ލިބޭ އާމްދަނީ މި ގޮތަށް ބޭކާރު ގޮތުގައި ހަރަދު ކުރުމުގެ ކަންބޮޑުވުން ފާޅު ކުރައްވައި ފުއާދު ވަނީ އެކަމަށް ގާނޫނީ ހައްލެއް ބޭނުންވާކަމަށް ވިދާޅުވެފައެވެ.
އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދެމުންދާ ސަބަބާ ގުޅޭ ގޮތުން ފުއާދު ވިދާޅުވީ ބައެއް ރަށްރަށަށް ދަތުރު ކުރުމުން ކޮމިޓީތަކުގެ މެމްބަރުންގެ ފަރާތުން ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ކޮމިޓީ މެމްބަރުން މަސައްކަތް ކުރާނެ އޮފީހެއް ބައެއް ރަށްރަށުގައި ނެތްކަމަށާއި ވަރަށް މަދު ރަށެއްގައި ކައުންސިލްތަކުގެ އޮފީސްތައް ކޮމިޓީ މެމްބަރުންނަށް ވެސް މަސައްކަތް ކުރަން ދީފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިޓީތަކުގެ މެމްބަރުންނަށް އިންތިހާބުވާ ފަރާތްތަކުން އެހެން މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވި އިންތިހާބުވާފަހުން އިސްތިއުފާ ދޭކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ ކޮމިޓީއަށް އިންތިހާބުވުމުގެ ކުރިން މިފަދަ ކަންކަން މެމްބަރުންނަށް އޮޅުންފިލުވައިދެވިފައި އޮތުން މުހިންމުކަމަށެވެ.
"މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަގާމަށް މެމްބަރަކު ހޮވަން އެބަޖެހޭ. ދެން މިކަމާ ބެހޭ ގޮތުން އަޅުގަނޑުމެން ވާނީ އެޓާނީ ޖެނެރަލްގެ އޮފީހަށް މިވާހަކަ ދަންނަވައިފަ. އެޓާނީ ޖެނެރަލްގެ ސަމާލުކަމަށް ވެސް މި ވާހަކަ ދަންނަވައިފަ. އަދި ފިނޭންސް މިނިސްޓަރަށް ވެސް ފިނޭންސްގަ ވެސް އަޅުގަނޑުމެންގެ މިކަންބޮޑުވުމުގެ ވާހަކަ ދަންނަވާފަ" ފުއާދު ވިދާޅުވިއެވެ.
އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންގެ މަގާމަކީ ފުލް ޓައިމް މަގާމެއް ނޫނެވެ. އެހެން ނަމަވެސް 60 ދުވަހުގެ ތެރޭގައި އިންތިހާބު ކުރަން ގާނޫނީ ގޮތުން ލާޒިމްކުރާތީ ހަރަދު ބޮޑުވެގެންދާކަމަށް އިސީން ބުނެއެވެ. އެކޮމިޝަނުން މިހާރު މަސައްކަތް ކުރަމުންދަނީ މި މުއްދަތަށް ބަދަލުގެނައުމަށެވެ. އޭރުން ވެސް ހަރަދުތައް ކުޑަވެގެން ހިނގައިދާނެކަމަށް އިލެކްޝަނުން ބުނެއެވެ.