ޚަބަރު

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

Ads by MWSC

މި މަހުގެ ނިޔަލަށް މި މުއްދަތު ދަންމައިލައިފައިވާ އިރު، މިއީ ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި 21 ވަނަ ފަހަރެވެ.

ރާއްޖޭގައި ކޮވިޑް-19ގެ އާލަމީ ވަބާ ފެތުރެން ފެށުމުން، އެ ބަލި ކޮންޓްރޯލު ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. މަހަކަށް އިއުލާންކުރާ އެ ހާލަތު، އާންމު އުސޫލުގެ ދަށުން ކޮންމެ މަހަކު އިތުރުކުރަމުން އައިސް، އެންމެ ފަހުން އިތުރު ކުރި މުއްދަތު ހަމަަވީ އިއްޔެގެ ނިޔަލަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރު ކޮށްފައިވާކަން އިއުލާނު ކުރައްވައި، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވައި ނެރުއްވި ގަރާރެއްގައި ވިދާޅުވެފައި ވަނީ، އެ މުއްދަތު މިމަހުގެ 30ގެ ނިޔަލަށް ދަންމައިލައިފައިވާ ކަމަށެވެ.

އެ ގަރާރުގައިވާ ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރީ، ކޮވިޑުގެ ނުރައްކާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އަދިވެސް އޮތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ލަފާ ދެއްވާފައިވާތީއެވެ.

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތައް:

▪︎ މީހުން އެއްވެ އުޅުން މަނާކުރަން އަމުރު ނެރުން

▪︎ ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން އެއްވެއުޅުމާއި ތަންތަނަށް ދިއުން މަނާކުރުމުގެ އަމުރު ނެރުން

▪︎ ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުން

▪︎ ސަބަބު ބަޔާން ކޮށްދިނުމަށް ފަހު މީހެއްގެ އިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހަމަޖެއްސުން

▪︎ ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރުކުރުން ހުއްޓުވުން ނުވަތަ ހާއްސަ ފިޔަވަޅުތަކެއް އެޅުން

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!