ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"މުސްކާން.. ވަޓްސް ރޯންގް.. ޕްލީޒް.. ތިވެގެން އުޅޭގޮތެއް އަހަރެން ގާތު ބުނެބަލަ.." ކަންބޮޑުވެފައި ރުހައިމް އަހައިލިގޮތުން މުސްކާން އޭނާގެ މޫނަށް ބަލައިލިއެވެ. ހާސްވެފައިހުރިވަރު އެމޫނުމަތިން އެއްވެސް ފޮރުވުމެއްނެތި ފެންނަން ހުއްޓެވެ. އަމިއްލަ މަޖުބޫރީ ހާލަތު ރުހައިމްއާ ހިއްސާކުރަންވީބާއޭ އެވަގުތު މުސްކާންގެ ހިތަށް އެރިއެވެ. ދެޚިޔާލެއްގައި އިން މީހަކު ފަދައިން މުސްކާން ދުރަށް ނަޒަރު ހުއްޓައިލިއެވެ.

Ads by Sosun Fihaara

"މުސްކާން.." މުސްކާންގެ އެއްވެސް ހިލަމެއް ނުވުމުން ދެފަރާތަށް ލޯހިންގައިލަމުން ރުހައިމް މަޑުމަޑުން ގޮވައިލިއެވެ. ފުންނޭވައެއް ދޫކޮށްލަމުން މުސްކާން އިސްޖަހައިލިއެވެ. އަދި އުނގުމަތީގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލަ މޮޑެން ފެށިއެވެ. ފިކުރުކުރަން އިރުކޮޅަކު އިނުމަށްފަހު ރުހައިމްއަށް އޭނާ ނަޒަރު ސީދާ ކޮށްލިއެވެ.

"މިވަގުތަކު ނޫން.. ޑިއުޓީ އެއްކޮށް ނިންމާލާފަ އަހަރެން އަންނާނަން.. އެންމެ ރަނގަޅުތަ؟" ނޭފަތް އެތެރަށް ދަމައިލަމުން އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލުމަށްފަހު މުސްކާން ބުނެލިއެވެ. ވިސްނައިލަން އިރުކޮޅަކު އޮތުމަށްފަހު އެންމެ ރަނގަޅޭ ބުނަމުން ރުހައިމް ބޯޖަހައިލިއެވެ.

"އެކަމު ބުނަން.. މުސްކާން ރުއީ ކީއްވެކަން ނޭނގޭހާ ހިނދަކު މިހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެ.. ސޯ ޕްލީޒް.. ޑިއުޓީ ނިންމާފަ އަންނާތި.. އަހަރެން އިންތިޒާރު ކުރާނަން.." މޫނުމަތީގައި ރަސްކަންކުރަމުންދިޔަ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ރުހައިމް ބުނެލީ އާދޭހުގެ ރާގަކަށެވެ. ރުހައިމްގެ ވާހަކައިން މުސްކާންގެ ހިތް ތެޅިގަތީ ކީއްވެކަމެއް ނޭނގެއެވެ. އޭނާ ރުހައިމްއަށް އެހައިވެސް މުހިންމީ ހެއްޔެވެ؟ އޭނާއާ މެދުގައި ރުހައިމް އެހައި ވަރަށް ވިސްނަންވީ ކީއްވެހެއްޔެވެ؟ އޭނާއެކޭ އެއްފަދައިން ރުހައިމްގެ ހިތުގައި އެފަދަ ޖަޒުބާތުތަކެއް އުފެދުނީ ބާއެވެ؟ ފިކުރުތަކުގެ ކަނޑުގައި ފީނައިގަތުމާއެކު މަޑުމަޑުން ހޫން އަޅުވައިލަމުން އިންތަނުން މުސްކާން ތެދުވިއެވެ. އަދި ދަނީއޭ ބުނެލަމުން ލަސްފިޔަވަޅުތަކެއްގައި އައިސް އެކޮޓަރިން ނުކުތެވެ.

މުސްކާން ނުކުތުމާއެކު ރުހައިމްގެ ހިތާއި ސިކުނޑިއަށް ވެރިވެގަތީ އައިޝްގެ ހަނދާންތަކެވެ. އެއަންހެންކުއްޖާއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އޭނާއަށް ނޭނގޭއިރު ދުވަހެއްގެ ކޮޅުންވެސް އެކުއްޖަކު ހޯދުމުގައި އޭނާއަށް ކާމިޔާބުވާނޭ ބާއޭ ހިތާ ސުވާލުކޮށްލިއެވެ. އެއަންހެންކުއްޖާ އުޅެމުންދަނީ އަނެއްކާ ކޮންފަދަ ދިރިއުޅުމެއްބާއޭ ހިތަށް އެރިއެވެ. ކުރީބައިގައި އެއްވެސް މައުލޫމާތެއް ހޯދަން ނޫޅެވުމުން އަމިއްލަ ނަފުސު އޭނާ ކުށްވެރިކުރިއެވެ. އޭރަށް ކޮންމެވެސް ދުވަހަކުން އެކުއްޖަކު ހޯދުމުގެ ކުޑަވިއަސް އުއްމީދެއް އޮތީހެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލުތަކުން އުނދަގޫވެފައި ރުހައިމް ދެލޯމަރައި ފިއްތައިލިއެވެ. "ވެއަރ އާރ ޔޫ؟" އަމިއްލަ ނަފުސާ އޭނާ މަޑުމަޑުން ސުވާލުކޮށްލިއެވެ. "ކުޑަކޮށްވެސް މިހާރު އަހަރެން މަތިން ހަނދާން ހުންނާނެބާ؟" ހިތި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވުމާއެކު ފިނި ނޭވާއެއް ރުހައިމްއަށް ދޫކޮށްލެވުނީ އެޚިޔާލުތަކުން ނަފުސު ވަރުބަލިވީ ވަރުންނެވެ.

ދެމެދުގައި އެއްބަސްވި ގޮތަށް ޑިއުޓީ ނިންމައިލުމަށްފަހު މުސްކާން ރުހައިމް ބާއްވައިފައި އޮތް ކޮޓަރިއަށް އައެވެ. އެވަގުތު އެކޮޓަރިން ނުކުންނަން އައި ކާއިލް ފެނުމާއެކު ދެމެދުގައި ލުއި ހިނިތުންވުމެއް ބަދަލުކޮށްލެވުނެވެ. ކާއިލް ނުކުމެ ދޮރުޖަހައިލުމާއެކު މަޑުމަޑުން އައިސް ރުހައިމްގެ އެނދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި މުސްކާން އިނށީނެވެ.

"މުސްކާން.. އަހަރެން މިއޮތީ އަޑުއަހަން.." މުސްކާންއާ ވީދިމާއަށް މޫނު އަނބުރައިލިއަސް ރުހައިމްގެ ދެލޯ އަމާޒުވެފައިވީ މުޅިން އެހެން ދިމާއަކަށެވެ. ކޮނޑުގައި އަޅުވައިފައި އޮތް އަތްދަބަސް އުނގުމަތީގައި ބާއްވަމުން އޭގެއަށް ބަލަން އިނދެ މުސްކާން އޭނާގެ ވާހަކަ ފެށީ މައިންބަފައިންނާއެކު އުޅެމުންއައި އުފައުވެރި ދުވަސްތަކުންނެވެ. ކީއްވެކަން ނޭނގުނަސް އެހުރިހައި ވާހަކައެއް ރުހައިމްއާ ހިއްސާކުރަން ހިތް އެދުނީ އިންތިހާއަށެވެ. ދެމެދުގައި އުފެދިފައިވި އެކުވެރިކަން ވަރުގަދަވެފައިވީ މިންވަރު އެކަމުން ހެކިދެއެވެ. ނޫނީ އެއީ އެހިތުގައި އަލަށް ރުހައިމް އަށްޓަކައި އުފެދެމުންއައި އިހުސާސްތަކުގެ ނަތީޖާބާއެވެ؟ އެސުވާލުގެ ޖަވާބު ނޭނގުނަސް އޭނާއަށް އެނގޭހައިވެސް އެއްޗަކީ ހިތުގައި ސިއްރުކުރެވިފައި ކޮންމެ ވާހަކައެއް ރުހައިމް ގާތުގައި ބަންޑުން ކޮށްލަން ބޭނުންވެފައި އޭނާ އިންކަމެވެ. މައިންބަފައިންގެ އެކްސިޑެންޓުގެ ވާހަކަ މުސްކާން ކިޔައިދިނީ އަސަރާއެކުއެވެ. އަޑުގައި މަޑު ތުރުތުރެއް އުފެދުމާއެކު ދެލޮލަށް ތާޒާ ކަރުނަ ޖަމާވެގަތީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އުފާ ފާގަތިކަމުގައި ހޭދަކުރަމުންއައި ދުވަސްތައް ނިމި މުސްކާންގެ ދިރިއުޅުން އެފުށްމިފުށަށް ޖަހައިލި ހާދިސާކަމުގައި އެކަން ވަނީ ވެފައެވެ. މައިންބަފައިންގެ ވަކިވުމަށްފަހު އޭނާގެ ބޮޑުބޭބެ ގެއަށް ބަދަލުވާން ޖެހުނު ގޮތުން ފެށިގެން އެގޭތެރެއިން އޭނާއަށް ކުރިމަތިލާން ޖެހުނު ކަންކަން ކިޔައިދެމުންދިޔައިރު ދޭތެރަކުން އޭނާގެ އަޑު ބެދޭގޮތްވެއެވެ. އެފަދަ ވަގުތުތަކު ވާހަކަ މެދުކަނޑައިލުމަށްފަހު އިރުކޮޅެއްވަންދެން އަމިއްލަ ނަފުސު ހަމައަކަށް އެޅެންދެން އޭނާ މަޑުކޮށްލައެވެ. ބޮޑުދައްތަގެ ދުއްތުރާއިން ފެށިގެން ދީމްގެ ކުދިކުދި ގޯނާ ތަކުގެ ވާހަކަވެސް މުސްކާން ކިޔައިދިނެވެ. އަދި އޭގެފަހުން ލުހާމް އެނބުރި ރާއްޖެއައުމާއެކު އޭނާއަށް ދެން އެގޭތެރެއިން ދިމާވާންފެށި ބިރުވެރި ހާދިސާތަކުގެ ވާހަކަ މުސްކާން ކިޔައިދިނީ ހިތް ފިސްފިސްވަމުންދިޔަ ހާލުއެވެ. ޅަދުވަހުންސުރެ ހިތުގައި ރަސްކަންކުރަމުން އައި ހަމައެކަނި ފިރިހެންކުއްޖާގެ ފަރާތުންވެސް އޭނާއަށް ކުރިމަތިލާން ޖެހުނީ އަނިޔާއާ ކަމުގައި މުސްކާން ބުނެލީ މަޑު އާހަކާއެކުއެވެ. އަދި އެންމެ ފަހުން ގަދަކަމުން ލުހާމް އޭނާއާ ބެހެން ދިމާކުރިކަމާއި އެރޭގައި ގެއިން ނުކުމެގެން ދަނިކޮށް ރުހައިމް ފެނުނީ ކަމުގައި މުސްކާން ބުނެލީ މަޑުމަޑުންނެވެ. އެންމެފަހުން ރޭގައި ލުހާމްގެ ފަރާތުން އޭނާއަށް ލިބުނު އިންޒާރުގެ ވާހަކަބުނިއިރު މުސްކާންގެ މޫނުމަތިންނާއި އަޑުން އޭނާ ޖެހިލުންވެ ބިރުގަނެފައި އިންވަރު ހާމަވެއެވެ.

އެހުރިހައި އިރެއް ވީއިރު ހަމަހިމޭންކަމާއެކު ކަނުލައި މުސްކާންގެ ވާހަކަތައް އަޑުއަހަން ރުހައިމް އޮތެވެ. އިވެމުންދިޔަ ވާހަކަތައް ގަބޫލުކުރަން ދަތިވެފައެވެ. އެފަދަ ހިތްދަތިކަމެއް އެއަންހެންކުއްޖާ ބަރުދާސްތުކޮށްފައި ވާކަމަކަށް ރުހައިމް ކުޑަކޮށްވެސް ހިއެއްނުކުރެއެވެ. އެތައްހާސް ކުލައެއް މޫނުމައްޗަށް އަރައިފައިބަމުންދިޔައިރު ލުހާމްގެ ގޯނާތައް އަޑުއިވިފައި ރުހައިމްއަށް އޭނާގެ ދެއަތްތިލަ މުށްކަވައިލެވުނެވެ. ކޮންމެވެސް ގޮތަކުން މުސްކާން އެހުރަގެއިން ސަލާމަތްކުރުމަށް އޭނާގެ ހިތް އެދުނެވެ. މުސްކާންގެ އަނގައިން ބޭރުވާ މަޑު އާހާއެކު ރުހައިމްގެ ހިތަށް ބަޔާންކުރަންދަތި ވޭނެއް އިހުސާސު ވެގެން ދެއެވެ. އެހިތްދަތިކަމުން މުސްކާން މިންޖުކުރުމަށް ބޭނުންވެއެވެ. އެހެނަސް އޭނާފަދަ މީހަކަށް ކުރެވޭނީވެސް ވަކި ކޮންކަމެއް ހެއްޔެވެ؟ އެ ސުވާލާއެކު ރުހައިމްއަށް ހިންދިރުވައިލެވުނީ ހިތަށް އަސަރުކުރި ވަރުންނެވެ.

"ބޮޑު ބޭބެ ގާތު ތިވާހަކަތައް ބުނަންވީނު.. ނޫނީ ކަންތައްތައް މާ ގޯސްވެދާނެ.." ދެމެދަށް ވެރިވެފައިވި ހަމަހިމޭންކަން ނައްތައިލަމުން ރުހައިމް ބުންޏެވެ.

"ނޫން.. އޭރަށް މިހުރިހައި ކަމެއް ދައްތައަށްވެސް އެނގޭނެ.. ދައްތަ މިއިން އެއްވެސް ވާހަކައެއް ގަބޫލު ނުކުރާނެކަން އަހަންނަށް ޔަގީން.. ކުށްވެރިވިއަސް ވާނީ އަހަރެން.. ހިތްހަމަނުޖެހި އަހަރެން އެގެއިން.. ނެރެލާކަށްވެސް ދައްތަ ފަހެއް ނުޖެހޭނެ.. އެގެ ނޫނީ އަހަރެން ގޮސް ވަންނާނެ އިތުރު އެއްވެސް ތަނެއް ނެތް.." ނޯށްދަމައިލަމުން މުސްކާން ބުނެލީ މަޑުމޮޅި ކަމާއެކުއެވެ.

"އެކަމަކު.. ކޮންމެވެސް ގޮތެއް އޮންނާނު" ކަންބޮޑުވުން ރުހައިމްގެ ފުށުން ފައުޅުވެލިއެވެ.

"ދެއަރ އިޒް ނޯ ވޭ.. އަހަރެން ޖެހޭނީ މިހުރިހައި ކަމަކަށް ކެތްކޮށްލައިގެން ހުންނަން.." ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން މުސްކާން ފުހެލިއެވެ. ފުންނޭވާއެއް ރުހައިމްއަށް ދޫކޮށްލެވުނީ އެކަމާއި މެދުގައި ފިކުރުހިންގަމުންނެވެ. މުސްކާން އެދަންތުރައިން ސަލާމަތްކުރަން އޭނާ ކޮންމެހެންވެސް ބޭނުންވެއެވެ. އެހީތެރިކަން ބޭނުންވި ހިނދު އޭނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ މުސްކާންއެވެ. ވީއިރު މިއަދު އެއަންހެންކުއްޖާ އެކަނި ހާލަށް ދޫކޮށްލާކަށް ރުހައިމްގެ ހިތެއް ނުރުހެއެވެ. މުސްކާން ވެދިން އެހީތެރިކަމުގެ ބަދަލު ކޮންމެވެސް ސިފައެއްގައި އޭނާއަށް އަނބުރައިދޭން ރުހައިމް ބޭނުންވެއެވެ. އެހެންނޫނަސް އެހިތުގައި މުސްކާންގެ މައްޗަށް އުފެދިފައިވި ޚާއްސަކަން އެހުރިހައި ކަމަކަށްވުރެ ބޮޑެވެ. ކޮންމެފަދަ ހާލަކުންވިއަސް މުސްކާން ރައްކައުތެރިކުރަން ރުހައިމްއަށް އެދެވެއެވެ.

"ދެން އަހަރެންގެ ވާހަކަ ބާއްވާ.. ހައިމްއާ ބެހޭގޮތުން އެއްވެސް ވާހަކައެއް ކިޔައެއް ނުދެމެއްނު.." ނަފުސު ހަމައަކަށް އަޅުވައިލަމުން ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން މުސްކާން ބުންޏެވެ.

"އަހަންނާ ބެހޭގޮތުން ދައްކާނެ މާ ބައިވަރު ވާހަކަތަކެއް ނެތް.." ލުއިގޮތަކަށް ރުހައިމް ހީލިއެވެ.

"ހައިމްގެ އާއިލާގަ ހުންނަނީ ކާއިލް އެކަނިތަ؟ މިހެން މިއެހީ ކާއިލް ނޫން އިތުރު އެއްވެސް މީހެއް ނުފެންނާތީ.."

"ނޫނޭ.. އަހަރެން އުޅެ ބޮޑުވީ މެލޭޝިޔާގަ.. އަހަރެން އުފަންވުމުގެ މާކުރިންވެސް އަހަރެންގެ މައިންބަފައިންގެ ދިރިއުޅުންވަނީ އެތަނަށް ބަދަލުކުރެވިފަ.. ޅަފުރާގެ ދުވަސްތަކަކީ އެހެން ކުދިންނާ ޚިލާފަށް އަހަންނަށް މާ އުފާވެރި ދުވަސްތަކެއް ނޫން.. މަންމައާ ބައްޕައަށް އަހަންނާ ދޮންބެއަށްވުރެ މުހިންމުވީ އެމީހުންގެ މަސައްކަތް.. އަހަރެމެންގެ ހުރިހައިކަމެއްގެ މައްޗަށް އަބަދުވެސް އިސްކުރީ އޮފީހުގެ ކަންކަން.. ހަޔާތުގަ އައި އެއްވެސް ޚާއްސަ ދުވަހެއް އެމިހުނާއެކު ފާހަގަކުރި ހަނދާނެއް އަހަރެން ނުހުރޭ.. ދެލޮލަށް ފެންނަ ދުވަސްތަކަށްވުރެ ގިނަވާނީ ނުފެންނަ ދުވަސްތައް... ޝަކުވާއެއްކޮށްފިނަމަ އަޑުހަރުކޮށް ހަޅޭއްލަވައި އަނިޔާކޮށްވެސް ހަދާނެ.. އަމިއްލަ ދަރިންނަކީ އެމީހުނަށް އެއްވެސް މުހިންމު ބައަކަށްނުވި.. އަހަރެމެން އެންމެ ކުޑަދުވަހުން ފެށިގެން ބަލައިބޮޑުކޮށް މީހުނަށް ހެދީ ސާމިއްތަ.. އެއީ ގޭގައި އަހަންނާ ދޮންބެގެ ކަންކަން ބަލަހައްޓަން ގެނެސްފަހުރި އަންހެނެއް.. އެގެއިން ހިތްހެޔޮކަމާއި ލޯތްބާއި އޯގާތެރިކަން އަހަންނަށް ކުޑަކޮށްވެސް އިހުސާސުވީ ސާމިއްތަގެ ފަރާތުން.. އުމުރުން ދޮށިވީ ވަރަކަށް އަހަރެންގެ ހިތުގަ މައިންބަފައިންގެ މައްޗަށް ގިލަންވެރިކަން އުފެދުނީ އެހެންވެ.. އެމިހުނާ އެއްވެސް ގުޅުމުއް ބާއްވާކަށް ބޭނުމެއްނުވޭ.. މިއަދު އަހަރެމެން ބޮޑެތިވީމަ، އޭރު ކުރެވުނު ކުށުގެ އިހުސާސު އެދެމީހުނަށް ކުރެވުނީ.. އެންމެ ބޭނުންވި ދުވަހު ނައިސްފަ މިއަދު އައުމުގެ ބޭނުމެއްކޮބާ؟.. އަހަރެން އެތަން ދޫކޮށް މިކޮޅުން އެޕާރޓްމަންޓެއް ގަނެގެން ބަދަލުވީ އެހެންވެ.. އެމީހުނާ ވީހައިވެސް ދުރުގައި ހުންނަން ބޭނުންވާތީ.. އަހަރެން އެކަނި ހާލަށް ދޫކޮށްލަން ބޭނުން ނުވާތީ ދޮންބެވެސް އަހަންނާއެކު މިކޮޅަށް އައީ.. ދޮންބެ އެހައި ފަސޭހައިން އެމީހުނަށް މަޢާފުކުރިއަސް.. އަހަރެންގެ ހިތް އެމީހުންގެ މައްޗަކަށް ދުވަހަކުވެސް ހެވެއް ނުވާނެ.. އެއީ އަހަންނަށް ނެތް ބައެއްފަދަ.." ރުހައިމްގެ ދެލޮލުން ފައުޅުވީ ރިހުމެވެ. މައިންބަފައިންނާމެދު އެހިތުގައި އުފެދިފައިވި ޝަކުވާއެވެ. ލޯތްބާއި އޯގާތެރިކަން އެންމެ ބޭނުންވި ދުވަހު އެއިން ކަމެއް އެމީހުންގެ ފުށުން ނުލިބުމުން އެހިތުގައިލި ޒަޚަމް އަދިވެސް ތާޒާކަންމަތީގައި އެބައޮތެވެ. ހިތުގައިވި ގިލަންވެރިކަން ނައްތައިލާ އެމީހުންގެ މައްޗަށް ހިތްހެޔޮކުރަން އޭނާއަށް ދަތިވަނީ އެހެންވެކަން ގައިމެވެ. ރުހައިމްގެ ވާހަކަތަކުން މުސްކާންގެ ހިތަށްވެސް އަސަރު ކުރިއެވެ. މައިންބަފައިންގެ ލޯތްބާއި ގާތްކަމާއި ނުލައި ދުވަސްތައް ވޭތިކުރުމަކީ ކޮންފަދަ ހިތްދަތިކަމެއްކަން އޭނާއަށް އިހުސާސުވެއެވެ. ގާތުގައި ތިބެމެ އެލޯބިން މަހުރޫމުވުމުން އަދި ހިތަށް ކުރާނީ ކޮންފަދަ އަސަރެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ދެފަރާތަށް ބޯހޫރައިލުމާއެކު މުސްކާން ރުހައިމްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

"އެކުވެރިއެއްގެ ހައިސިއްޔަތުން އަހަރެން ނަސޭހަތެއް ދީފިނަމަ ގަބޫލުކުރާނަންތަ؟" މުސްކާންގެ ވާހަކައަށް ރުހައިމް ބޯޖަހައިލީ އިރުކޮޅަކު ވިސްނަން އޮވެފައެވެ.

"އަހަރެން ގަބޫލުކުރަން ހައިމްގެ މައިންބަފައިން ކަންތައްކުރީ ރަނގަޅަކަށް ނޫންކަން.. އެހެނަސް އެމީހުން ކޮންމެފަދަ ގޮތަކަށް ކަންތައް ކުރި ނަމަވެސް، ދަރީންވާނީ މައިންބަފައިންނަށް ހެޔޮކޮށް ހިތަން.. އަހަރެމެން ދުނިޔެއަށް އައުމުގެ އަސްލަކީ އެއީ.. ވީވަރަކުން އެމީހުންގެ މައްޗަށް އަދާކުރަން އަންގަވާފަ އޮތް ހައްޤުތައް އަދާކޮށްދިނުންމަތީ ދެމިތިބެން ޖެހޭނެ.. އަހަރެމެންނަށް އަންގަވާފަ ވަނީ އަހަރެމެން ހެއްދެވި ފަރާތަށް އަޅުކަންކުރުމާއެކު މައިންބަފައިންނަށް އޯގާތެރިވުމުގެ ގޮތުން ނިކަމެތިކަމުގެ ފިޔަ އެދެމީހުންނަށްޓަކައި ތިރިކޮށްލަން.. އެދެމީހުންގެ ކުރިމަތީ ނުރުހުމުގެ ގޮތުން އުފްވެސް ނުބުނުމަށް.. މުސްލިމަކަށް ވީހިނދު އަހަރެމެން ޖެހޭނީ އެފަދައިން ޢަމަލުކުރަން.. މީހަކު އަހަރެމެންނާމެދު ނުބައި ގޮތަކަށް ކަންތައް ކުރުމުން އޭގެ މާނައެއްނޫން އަހަރެމެންވެސް އެމީހަކާމެދު ކަންތައް ކުރަން ޖެހޭނީ ހަމަ އެފަދައިންނޭ.. ހައިމް ވިސްނާލަބަލަ.. ކުށް ކުރެވޭނީ ވެސް އަހަރެމެން ނިކަމެތި އިންސާނުންނަކަށްނު.. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހާއެއް ނޫން.. އަހަރެމެން ކޮންމެ މީހަކީވެސް ކުށްކުރެވޭނެ ބައެއް.. އެކުށް އިހުސާސުވެ މަޢާފަށް އެދުމުން މަޢާފު ނުކުރަންވީ ކީއްވެ؟ މަޢާފަށް އެދޭމީހާއަށްވުރެ ﷲ އަށްޓަކާ މަޢާފުކުރާ މީހާގެ ދަރަޖަ އުފުލިގެންވޭ.." އޯގާތެރިކަމާއެކު މުސްކާން ބުނެލިއެވެ. ބުނާނެ އެއްޗެއް ނުވިސްނި ބަސްހުއްޓިފައި ރުހައިމްއަށް އޮވެވުނީއެވެ. މުސްކާންގެ ވާހަކަތައް އެހިތް ވަށައިގެންވި ބޯ ފާރު ފުނޑުފުނޑުކޮށްލުމަށްފަހު ހިތުގެ އެންމެ ހިމަނާރާއި ހަމައަށް ވާސިލް ވެއްޖެކަން ޔަގީނެވެ. ލުއި ހިނިތުންވުމެއް ރުހައިމްގެ ތުންފަތަށް ވެރިވުމާއެކު އިހުނަށްވުރެ ބޮޑަށް މުސްކާންގެ ސޫރަ ދެކިލުމަށް ހިތް އެދުނެވެ. އެފަދަ ހިތްހެޔޮކަމެއް އޭނާ އެހެން މީހެއްގެ ފަރާތުން ނުދެކެއެވެ. މުސްކާންގެ މައްޗަށް ހިތުގައިވި ޤަދަރު އުފުލިގެން އައެވެ. ހިނިއައިސްފައި ރުހައިމް އޮތްތަންފެނި މުސްކާން ވެސް ހިނިތުންވެލިއެވެ. ދެމީހުން އަމިއްލަ ދުނިޔެއެއްގައި އެކި ވާހަކަތަކުގައި މަޝްއޫލުވެފައި ތިބިއިރު ދޮރުމަތީގައި ހުއްޓިހުރި ކާއިލްގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. މުސްކާންގެ ދުލުން އިވިގެންދިޔަ ކޮންމެ ލަފުޒަކީ ޚުދު އޭނާވެސް ރުހައިމް ގާތުގައި ބުނަން ބޭނުންވެފައި ހުރި ވާހަކަތަކެވެ. އެހެނަސް އެފަދަ ގޮތަކަށް އެހެން މީހަކު ރުހައިމްއަށް ނަސޭހަތްތެރިވުމުން ކާއިލް ހިތްހަމަޖެހުނެވެ. އޭނާގެ ވާހަކަ ގަބޫލު ނުކުރިއަސް މުސްކާންގެ ވާހަކަ ރުހައިމް ގަބޫލުކޮށްފާނޭ އޭނާގެ ހިތް ބުނެލިއެވެ. އެދެ ޒުވާނުންނަށް ބަލަން ހުރުމަށްފަހު ކާއިލް މަޑުމަޑުން ދޮރު ލައްޕައިލިއެވެ. ލިބުނު ކުޑަ ހުސްވަގުތުކޮޅު އޭނާ އައީ ރުހައިމްއާ އެކު ވަގުތު ހޭދަކޮށްލުމަށެވެ. ނަމަވެސް މުސްކާން އޭރުވެސް އެތަނުގައި އިނުމުން އަޅައިނުލީ އެ ދެމީހުނަށް ވަގުތު ދިނުމުގެ ގޮތުންނެވެ. މުސްކާންގެ ސަބަބުން ރުހައިމްއަށް އަންނަމުންދިޔަ ހެޔޮ ބަދަލު ކާއިލްއަށް ކަމުދިޔައެވެ.

* * * * *

ހަވީރުގެ ހިތްފަސޭހަ ވަގުތު މަގުތައް ތޮށްޖެހިފައިވީ ހަވީރު ފިންޏަށް ނުކުމެ އުޅޭ އެކި މީހުންތަކުންނެވެ. ލޫޔާއާ މުސްކާންވެސް މަޑު ހިނގުމެއްގައި އައިސް ލޮނުޒިޔާރާތް ޕާރކަށް ވަނެވެ. މީހުންތަކާ ތަންކޮޅެއް އެކަހެރިކޮށްހުރި ބެންޗެއްގައި ދެމީހުން އިނށީދެ ހަމަޖެހިލިއެވެ.

"އަހަންނަށް ހީވަނީ ކާއިލްގެ ކޮއްކޮ މުސްއަށް ވަރަށް ކަމުގޮސްފިހެން.. ދޯ.." ނޫން ގޮތަކަށް މޫނަށް ވައްތަރެއް ޖައްސައިލަމުން ލޫޔާ މުސްކާނާ ދިމާކޮށްލިއެވެ. ވަގުތުން މުސްކާންގެ މޫނަށް ރަތްކުލަ ފާއްދައިލީ ރަކިވީ ވަރުންނެވެ. ދުރަށް ނަޒަރު ހުއްޓައިލިއިރު އެތުންފަތުގައިވީ ލަދުރަކި ހިނިތުންވުމެކެވެ.

"ކީއްވެ ތިހެން ތިބުނީ" ލޫޔާގެ ވާހަކަތަކައް އެހައި ފަސޭހައިން އެއްބަސް ވާކަށް މުސްކާން ބޭނުމެއް ނުވިއެވެ.

"މުސްގެ ހިތުގަ ހިނގާ އިހުސާސުތައް ދެން އަހަންނަށް އޮޅުވައެއް ނުލެވޭނު.. އަހަންނަށް އެހެން ހީވާތާ ދުވަސްކޮޅެއް ވެއްޖެ.. އެހެންނާ މުސް ތީކީ ތިހެން އުޅޭ މީހެއްނޫން.. ޑިއުޓީ ގަޑީގަޔާ ޑިއުޓީ ނިންމާފަ ޕޭޝަންޓްސްގެ ހާލު ބަލަން އަބަދު ގޮސް އަނގަތަޅަން ހުންނަ މީހެއް ނޫން.. ތިދެމެދުގަ އޮތް ގުޅުން ތަފާތުކަން އަހަންނަށް އެނގޭ.."

"އަހަރެން ލޫ ގާތު ބުނީމެއްނު.. އެންމެ ފުރަތަމަވެސް އަހަރެން އޭނަ ގާތަށް ދާންފެށި ސަބަބު.. އަހަރެން ދެކެނީ ހަމައެކަނި އަހަރެމެންމީ ގާތް އެކުވެރިން ގޮތުގަ.. ނެތިންގް މޯރ.." ލޫޔާގެ މޫނަށް ބަލަން ނުކެރި އިނދެފައި މުސްކާން ބުނެލިއެވެ.

"ސްޓިލް.. އަޅެ ބުނެބަލަ.. މުސް ހައިމްއާ ކުޑަކޮށްވެސް ގަޔައެއް ނުވޭތަ؟ ތިހިތުގަ އޭނާގެ މައްޗަށް އެއްވެސް ތަފާތު އިހުސާސެއް ނެތްތަ؟ ފޮރުވަން އުޅުނަސް އަހަންނަށް މިހާރުވެސް ތި މޫނުން ސާފުކޮށް ހުރިހައި ކަމެއް އެބަ ފެނޭ.. ކިހައި ދުވަހެއް ވަންދެން އަމިއްލަ ނަފުސަށް އޮޅުވައިލާނީ؟ އަޅެ ތެދަށް ބުނެބަލަ.. މުސް އޭނަ ދެކެ ލޯތްބެއް ނުވޭތަ؟" ޔަގީންކަމާއެކު ލޫޔާ ބުނެލި ގޮތުން ސިހިފައި މުސްކާން ލޫޔާގެ މޫނަށް ބަލައިލިއެވެ. އެދެލޮލުގައިވި ޖެހިލުންވުން ފެނި ލޫޔާގެ ތުންފަތަށް ވެރިވީ ފަތަޙައިގެ ހިނިތުންވުމެކެވެ. އޭނާގެ ހިތް ބުނީ ތެދެއްކަން ލޫޔާއަށް ޔަގީން ވެއްޖެއެވެ. ހާސްވެފައި އިން މުސްކާން ތުންފަތް ހަފަން ފެށީ ލޫޔާގެ ވާހަކަތަކަށް ދޭނެ ޖަވާބަކާއި މެދުގައި ވިސްނަމުންނެވެ. އެހިތުގައި ރުހައިމްއަށް ޚާއްސަކަމެއް ދެވިފައި ވާކަން އެކަކު ބުނެނުދިނަސް ޚުދު އޭނާއަށް ވެސް އެނގެއެވެ. ރުހައިމް އަށްޓަކައި ހިތުގައި އައު ވިންދެއް ޖަހަމުން ދިޔަކަމާމެދު އޭނާ ދެކޮޅެއް ނުހަދައެވެ. އެހެނަސް އެނާއަށް ކުރެވެމުންދިޔަ އައު އިހުސާސްތަކަކީ "ލޯބި" ކަމުގައި ވެދާނެ ހެއްޔެވެ؟

(ނުނިމޭ)

  1. ަސާޔާ

    ވަރައް ރީތި