13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލަ: ތުހުމަތު ކުރެވޭ ފަރާތްތަކުގެ ބަންދުގެ މުއްދަތު ދަމަހައްޓައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަރައިލައިފައި އޮއްވާ މިދިޔަ ޖޫން މަހު ފެނުނު އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖާގެ މަރުގެ ތުހުމަތު އުފުލިފައިވާ ދެ މީހުންގެ ވެސް ބަންދުގެ މުއްދަތު ދަމަހައްޓައިފިއެވެ.
މި މައްސަލައިގައި ތުހުމަތުކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ކުޑަ ކުއްޖަކަށާއި ނ. ލަންދޫ/ ބަގީޗާގެ، އިބްރާހީމް ޒިހާން (27އ.)ގެ މައްޗަށެވެ.
އުމުރުން 17 އަހަރުގެ ކުއްޖާއަށް، ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށް، އެ މައްސަލަ ނިމެންދެން އޭނާ ބަންދުކުރުމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ނަމަވެސް އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޖަލުގައި އެކުއްޖާ ބަންދުގައި ހުއްޓައި، އެޗްއާރްސީއެމްއިން ނެރުނު ރިޕޯޓަކާ ގުޅިގެން އޭނާ ގޭ ބަންދަށް ބަދަލު ކުރަން މިދިޔަ މަހުގެ ކުރީކޮޅު ޖުވެނައިލް ކޯޓުން ނިންމިއެވެ. އަދި މިއަދު އެ ކޯޓުން ވަނީ އެ ކުއްޖާ ގޭ ބަންދުގައި ބަހައްޓަން ކުރި އަމުރު ދަމަހައްޓައިފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވީ، ޖުވެނައިލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުވާ ލިބޭ އެ ކުއްޖާ ޖަލު ބަންދަށް ބަދަލު ކުރުމަށް އެ އޮފީހުން އެދިލެއްވި ކަމަށެވެ. ނަމަވެސް އެ ކުއްޖާ ގޭބަންދަށް ބަދަލު ކުރި ހާލަތަށް އަދި ބަދަލު ނާންނާތީ ކުއްޖާ ގޭބަންދުގައި ބަހައްޓަން އަނެއްކާ ވެސް ކޯޓުން އަމުރުކޮށްފައިވާކަމަށް ޕީޖީން ވިދާޅުވިއެވެ.
މި މައްސަލައިގައި ތުހުމަތު ކޮށްފައިވާ ޒިހާން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިން ވެސް ނިންމިއެވެ. މިއަދުގެ ބަންދު މުރާޖައާކުރުމުގެ އަޑުއެހުމުގައި ވެސް ކްރިމިނިލް ކޯޓުން ވަނީ އޭނާގެ ބަންދު ދަމަހައްޓަން ނިންމައިފައެވެ.
ޒިހާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް:
▪︎ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
▪︎ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާ
▪︎ކުުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެ ކުއްޖާއާ އެކު ޖިންސީ ގުޅުން ހިންގުމުގެ ދައުވާ
▪︎ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށް ޓަކައި ކުއްޖާ ގްރޫމްކުރުމުގެ ދައުވާ
▪︎ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ
▪︎މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ
▪︎ޖިނާއީ ކުށެއްކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ
ޒިހާންގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ 100އެއްހައި އަހަރު ދުވަހުގެ ހުކުމެއް އަންނާނެއެވެ.