ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"ސްޓިލް.. އަޅެ ބުނެބަލަ.. މުސް ހައިމްއާ ކުޑަކޮށްވެސް ގަޔައެއް ނުވޭތަ؟ ތިހިތުގަ އޭނާގެ މައްޗަށް އެއްވެސް ތަފާތު އިހުސާސެއް ނެތްތަ؟ ފޮރުވަން އުޅުނަސް އަހަންނަށް މިހާރުވެސް ތި މޫނުން ސާފުކޮށް ހުރިހައި ކަމެއް އެބަ ފެނޭ.. ކިހައި ދުވަހެއް ވަންދެން އަމިއްލަ ނަފުސަށް އޮޅުވައިލާނީ؟ އަޅެ ތެދަށް ބުނެބަލަ.. މުސް އޭނަ ދެކެ ލޯތްބެއް ނުވޭތަ؟" ޔަގީންކަމާއެކު ލޫޔާ ބުނެލި ގޮތުން ސިހިފައި މުސްކާން ލޫޔާގެ މޫނަށް ބަލައިލިއެވެ. އެދެލޮލުގައިވި ޖެހިލުންވުން ފެނި ލޫޔާގެ ތުންފަތަށް ވެރިވީ ފަތަޙައިގެ ހިނިތުންވުމެކެވެ. އޭނާގެ ހިތް ބުނީ ތެދެއްކަން ލޫޔާއަށް ޔަގީން ވެއްޖެއެވެ. ހާސްވެފައި އިން މުސްކާން ތުންފަތް ހަފަން ފެށީ ލޫޔާގެ ވާހަކަތަކަށް ދޭނެ ޖަވާބަކާއި މެދުގައި ވިސްނަމުންނެވެ. އެހިތުގައި ރުހައިމްއަށް ޚާއްސަކަމެއް ދެވިފައި ވާކަން އެކަކު ބުނެނުދިނަސް ޚުދު އޭނާއަށް ވެސް އެނގެއެވެ. ރުހައިމް އަށްޓަކައި ހިތުގައި އައު ވިންދެއް ޖަހަމުން ދިޔަކަމާމެދު އޭނާ ދެކޮޅެއް ނުހަދައެވެ. އެހެނަސް އެނާއަށް ކުރެވެމުންދިޔަ އައު އިހުސާސްތަކަކީ "ލޯބި" ކަމުގައި ވެދާނެ ހެއްޔެވެ؟

Ads by Sosun Fihaara

ވިސްނުމަކަށް ގެއްލިފައި މުސްކާން އިންނަން ފެށުމުން ލޫޔާ އޭނާއަށް ގޮވައިލިއެވެ. އަދި އޭނާގެ ސުވާލު އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. އެމީހުން ތިބި ދިމާލުން ދުވެފައިދިޔަ ކުޑަކުދިން ތަކަކަށް މުސްކާން ނަޒަރު ސީދާކޮށްލިއެވެ. ހަމަހިމޭންކަމާއެކު އިރުކޮޅަކު އިނުމަށްފަހު ފަޒާގެ ތެރެއަށް ފުންނޭވައެއް ދޫކޮށްލަމުން ލޫޔާއަށް އޭނާ ބަލައިލީ އެސުވާލަށް ޖަވާބު ދޭން ތައްޔާރުވެގެން ކަހަލައެވެ.

"އަހަންނަކަށް ނޭނގެ މިހެން އިހުސާސުކުރެވެން ފެށީ ކިހިނެއް ކޮންއިރަކު ކަމެއް.. އެކަމަކު.. އެނގޭހައިވެސް އެއްޗަކީ އަހަރެންގެ ހިތުގަ އޭނައަށް ޚާއްސަކަމެއް ދެވިއްޖެކަން.. ހައިމްއާއެކު ވަގުތު ހޭދަކުރެވުނީމަ އަހަރެންގެ ހިތްހަމަޖެހޭ.. މާޔޫސްކަން ލިބިފައިވާ ހިތަށް އުފާވެރިކަން ލިބޭ.. އެކިކަންކަމުގަ މަޝްއޫލުވެ އުޅުނަސް އޭނާ މަތިން އަބަދުވެސް ހަނދާންވޭ.. ދެކިލަން ބޭނުންވޭ.. ހައިމްއާ އެކު ހޭދަކުރާ ވަގުތުތަކު އަހަންނަށް އިހުސާސުވަނީ އަހަރެން މީ މުޅިން ތަފާތު އެހެން މީހެއް ފަދައިން.. ލޫ.. އަހަންނަކަށް ނޭނގެ މި އިހުސާސުތަކަށް ދޭނެ ނަމެއް.. މިއީ ލޯބި ކަމުގައިވެސް ވެދާނެ.. ދުވަހަކުވެސް އަހަރެން ހިތުގައި ނުޖަހާ އައު ވިންދެއް ޖަހާފަދަ.. ލުހާމް.. އޭނާދެކެ ލޯބިވެގެން ދުވަހަކުވެސް އަހަންނަށް މިފަދައިން އިހުސާސެއް ނުކުރެވޭ.. މިގޮތަކަށް އަހަރެންގެ ހިތެއް ނުތެޅޭ.. ވިތް ހައިމް.. އެވްރިތިންގް އިޒް ޑިފަރެންޓް.." އިސްޖަހައިލައިގެން އިނދެ މަޑުމަޑުން މުސްކާން ވާހަކަ ދެއްކިއެވެ.

"ތިއަށް ލޯތްބޭ ނުކިޔާ ދެން ކީކޭތަ އަހަރެން ކިޔަންވީ؟ ޔޫ އަރ އިން ލަވް ވިތް ހިމް" ޔަގީންކަމާއެކު ލުޔާ ބުނެލިއެވެ. ވާހަކަދައްކަން ފެށިއިރު އެއަޑުގައިހުރި ދިމާކުރުމުގެ ރާގުގަނޑު ބަދަލުވީ ޖުމުލަ ނިންމައިލި އިރުއެވެ. ލަސްލަހުން އެސްފިޔަތައް އުފުލައިލަމުން ލޫޔާއާ މުސްކާން ނަޒަރު ސީދާ ކޮށްލިއެވެ. އެއްބަސްވާން ބޭނުން ނުވިއަސް ލުޔާ އެހާމަކުރީ ހަގީގަތްކަން ޚުދު މުސްކާން ވެސް ގަބޫލުކުރެއެވެ.

"އާރ ޔޫ ގޮއިންގް ޓް ޓެލް ހިމް؟" މުސްކާންގެ ނުތަނަވަސްވެފައިވި މޫނަށް ބަލަން އިނދެ ލޫޔާ އަހައިލިއެވެ. ނޭނގެއޭ ބުނާފަދަ ގޮތަކަށް މުސްކާން ދެކޮނޑު އަރުވައިލީއެވެ. "މިސާލަކަށް އެދިރިއުޅުމުން ޖާގައެއް ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުން މުސް ހިފާނަންތަ؟" ފުންނަޒަރަކުން މުސްކާނަށް ބަލަން އިނދެ ލޫޔާ އަހައިލިއެވެ. "ތިއެއްވެސް ނޭނގެ.. އެކަމަކު.. ހައިމްއާ އެކުގަ ވާން އަހަރެންގެ ހިތް އެދޭ.." އުނގުމަތީގައި އޮތް ދެއަތްތިލަ މޮޑެމުން މުސްކާން ބުނެލީ ކިރިޔާ އަޑުއިވޭ ވަރަށެވެ.

"އުމުރު ދުވަހު ދެލޮލަށް ނުފެންނަ މީހެއްގެ ގޮތުގަ އޭނަ ވިއަސްތަ؟" ލޫޔާ ބޭނުންވީ މުސްކާންގެ ވިސްނުން ހުރިގޮތެއް ބަލަން ކަހަލައެވެ. ހިތުގައި ބުރުޖަހަމުންދިޔަ ސުވާލުތަކުން ފަހަރަކު ސުވާލެއް ކުރަމުން އޭނާ ދިޔައީ އެހެންވެއެވެ. މިފަހަރުވެސް ލޫޔާގެ ސުވާލަށް މުސްކާން ބޯޖަހައިލީއެވެ.

"އެއިން އެއްވެސް ކަމަކީ އަހަންނަށް މުހިންމު ކަމެއް ނޫން ލޫ.. އަހަރެން... އަހަރެން ހައިމް ދެކެ ތިހުރިހައި ކަމަކަށްވުރެ ބޮޑަށް ލޯބިވޭ.. އައި ކާންޓް ސްޓޮޕް މައި ސެލްފް.. ފްރޮމް ފޯލިންގް ފޯރ ހިމް.." ފުރަތަމަ ފަހަރަށް ހިތުގައިވި އިހުސާސުތަކަށް މުސްކާން އިއުތިރާފް ވިއެވެ. ހަގީގަތުގައިވެސް ރުހައިމްދެކެ ލޯބިވާކަމަށް އެއްބަސްވިއެވެ. ލޫޔާއަށް ސިއްރުކުރަންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް މުސްކާން ނުދެކެއެވެ. އޭނާގެ ހިތުގައިވީ ސާފު ތެދުވެރި ޖަޒުބާޒުތަކެކެވެ. ހުރިހައިކަމެއްގެ މައްޗަށް އެއިހުސާސުތައް ގަދަވެފައި ވިއެވެ. ހިތުން ދުވަހަކުވެސް އެހެން ފިރިހެނަކަށް ނުދެވޭނެފަދަ މަގާމެއްވަނީ ރުހައިމްއަށް ދެވިފައެވެ. އޭނާ ކޮންމެފަދަ ހާލެއްގައި ވީނަމަވެސް މުސްކާންގެ އެއްވެސް ފަރުވާލެއް އެކަމަކަށް ނެތެވެ. އެހުރިހައި ކަމަކަށް ވުރެވެސް އޭނާއަށް މުހިންމީ އޭނާގެ ހިތުގައި ރުހައިމް އަށްޓަކައިވި ލޯތްބެވެ. އުމުރު އެލޯބީގައި ހޭދަކޮށްލަން ޖެހުނަސް އެކަންވެސް އޭނާ ކުރާނެއެވެ.

މުސްކާން ހީކުރީ އޭނާއަށް ހަގީގީ ލޯބި ވެވުނީ ލުހާމް ދެކެ ކަމަށެވެ. އޭރު ޖެހި އައު ވިންދަކީ ލޯބި ކަމުގައި އޭނާ ދެކުނެވެ. އެހެނަސް އެވިސްނުން ބަދަލުވީ ލުހާމްގެ ޝައިތާނީ އަމަލުތަކުގެ ސަބަބުންނެވެ. އޭނާގެ ނަޒަރަކުގައި މުސްކާންއަކީ ކިހައި ދަށުދަރަޖައިގެ މީހެއްކަން ވިސްނުމުންނެވެ. ރުހައިމްއާ ބައްދަލުވީ ދުވަހުން ފެށިގެން ދިރިއުޅުމާއި މެދު މުސްކާން ދެކެމުންއައި ނަޒަރިއްޔާތު ވަނީ މުޅިން ބަދަލުވެފައެވެ. ދެލޮލަށް އޭނާގެ ސޫރަ ނުފެނުނެއްކަމަކު އޭނާއާ މެދުގައި އަބަދުވެސް ރުހައިމް ބެހެއްޓި ގާތްކަމާއި އެހިތުން އޭނާއަށްދިން ޤަދަރާއި އިޙުތިރާމަކީ މުސްކާންގެ ހިތުގައި ރުހައިމްގެ ނަން ފެވިގެންއައި އެންމެ ބޮޑު އެއް ސަބަބެވެ. އެއޯގާތެރިކަމާއި ވިސްނުންތޫނުކަމާއި މަޑުމައިތިރިކަން މުސްކާންގެ ހިތް ފަތަޙަކުރީއެވެ. ރުހައިމްގެ ނުކުޅެދުންތެރިކަމާއި އެސޫރަ އަށްވުރެ މުސްކާންގެ ހިތް ބަލައިގަތީ ރުހައިމްގެ އެތެރެފުށުގެ ރީތި ކަމެވެ. ހިތްހެޔޮކަމާއި ރިވެތި އަޚްލާޤެވެ. އަމިއްލަ ހާލާއި މެދުގައި އުފްވެސް އެދުލުން ބުނާތީ މުސްކާން ނާހައެވެ. ޝުކުރުވެރިވާ ޙާލު ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އޭނާ މަސައްކަތްކުރާތީ މުސްކާން ދުއްޓެވެ. އެހާލަތުގައިވެސް ދީނީ ކަންކަމަށް އޭނާ ފަރުވާތެރިވާތަންފެންނާތީ މުސްކާންގެ މުޅި ހިތާއި ނަފުސު ވަނީ އޭނާ ބަލައިގަނެފައެވެ. ދިރިއުޅުމުގެ ސިއްރުތައްވެސް އެއްވެސް ޖެހިލުމެއްނެތި ރުހައިމްގެ ގާތުގައި ފައުޅުކުރެވެނީ އެހެންވެއެވެ. ބައެއްފަހަރު ރުހައިމް ބުނެލާ ބަސްތަކުން އެހިތްވެސް މުސްކާންއަށް އެދޭހެން އޭނާއަށް ހީވެއެވެ. އެހެނަސް ހީއެއްގެ މައްޗަށް ގޮތް ނިންމަން އޭނާ ބޭނުންނުވަނީއެވެ.

އެތައް އިރަކު ވާހަކަދައްކަން ތިބުމަށްފަހު ލޫޔާއާއި މުސްކާން ގެއަށް ދިޔައީ އިރުއޮއްސެން ކައިރިވުމުންނެވެ. ވަކި ހިސާބަކުން ދެއެކުވެރިން ވަކިވީ ދެމީހުންގެ ގެ ހުންނަނީ ދެދިމާލަކު ކަމުގައި ވުމުންނެވެ. އެކަނި ހިނގައިފައި ގެއަށް ދިޔައިރު ވަށައިގެން މުސްކާން އެކި ދިމާއަށް ބަލަމުންދިޔައެވެ. އާންމުކޮށް ގެއަށްދާ މަގަށް އެޅުމާއެކު އޭނާގެ ދެލޯ އަމާޒުވެލީ މަގުގެ އަނެއް ފަރާތުގައި ހުރި ގޯޅިގަނޑަށެވެ. އެތަނުން އޭނާއާ ދިމާކުރާ ޒުވާނާމަތިން އެވަގުތު ހަނދާންވާގޮތްވިއެވެ. އެޒުވާނާ ކޮބައި ބާވައޭ މުސްކާންގެ ހިތަށް އެރިއެވެ. އެމީހެއްގެ އުނދަގޫ ނުޖެހޭތާ އެހައި ދުވަސްވެފައިވާއިރު މަގެއް މަތިންވެސް އޭނާއަށް އެޒުވާނާ ނުފެނެއެވެ. އެމީހަކާއި މެދުގައި ވިސްނެން ފެށުމުން މުސްކާން ދެފަރާތަށް ބޯހޫރައިލިއެވެ. ކުރެވެމުންދިޔައީ ބޭކާރު ޚިޔާލުތަކެއްކަން އޭނާގެ ނަފުސަށް ވިސްނައިދިނެވެ. އޭނާއަށް ރަނގަޅީ ދުވަހަކުވެސް އެޒުވާނާއާ ބައްދަލުނުވީއާއެވެ. އެމީހެއްގެ އުނދަގުލުން ސަލާމަތްވީކަމީ އެކަމާ އޭނާ ޝުކުރުވެރިވާ ކަމެވެ. އެހެނަސް މުސްކާންއަށް ނޭނގުނު ކަމަކީ އިރެއްގައި އެހިތުގައި ނަފުރަތުގެ ހުޅުކޮޅު އަނދަމުންދިޔަ ޒުވާނާއަކީ މިއަދު އެހިތުގައި ރަސްކަންކުރަމުންދިޔަ ޒުވާނާކަމެވެ.

* * * * *

ބައްޕަގެ ބަލިހާލަތު ގޯސްވުމުގެ ސަބަބުން އޭނާގެ އާއިލާއާއެކު އިތުރު ބޭސްފަރުވާއަށް ލޫޔާ އިންޑިއާއަށް ފުރަންޖެހުނީ ކުއްލިއަކަށެވެ. އެކުވެރިޔާގެ ހިތަށް ކުޑަވެސް ތަސައްލީއެއް ލިބޭތޯ މުސްކާން އެތައް ވާހަކައެއް ދެއްކިއެވެ. އަތުގައި އެއްކޮށްފައިހުރި ފައިސާކޮޅުވެސް ލޫޔާއަށް ދިނީ މިއަދު އޭނާއަށްވުރެ ބޮޑަށް އޭގެ ބޭނުންޖެހޭނީ އެ އެކުވެރިޔާއަށް ކަމުގައި އޭނާއަށް ވިސްނުނީތީއެވެ. ކޮންމެފަދަ ހާލެއްގައިވެސް މުސްކާނަށް ކެތްކުރެވިދާނެއެވެ. ނަމަވެސް ހުއްޓުމެއްނެތި ލޫޔާގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ދެކޭކަށް އޭނާއަކަށް ކެތެއް ނުވާނެއެވެ.

ލޫޔާ ނެތުމުގެ ފަޅުކަން މުސްކާންއަށް އިންތިހާއަށް އިހުސާސުވިއެވެ. އަބަދު ހިނިއައިސްފައި ގާތުގައި އުޅޭ ކުއްޖާ ކުޑަ ދުވަސްކޮޅަކަށްވިއަސް ނެތުމުން މުސްކާންގެ ތަބީއަތަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައެވެ. ރުހައިމް ގާތުގައި އިންނައިރުވެސް އޭނާއަށް ހަމަހިމޭންކަން ވެރިވެފައިވާކަން ރުހައިމްއަށް ވެސް ވަނީ ފާހަގަވެފައެވެ. އެކަމާއި ގުޅޭގޮތުން އޭނާ ސުވާލުކުރުމުން ކުރުގޮތަކަށް ލޫޔާގެ ވާހަކަތައް މުސްކާން ކިޔައިދިނެވެ. އެދުވަހަށްފަހު ވީވަރަކުން މުސްކާންގެ ހިތަށް ލިބިފައިވި އެހުސްކަން ފިލުވައިލައި ދެވޭތޯ ރުހައިމް މަސައްކަތް ކުރެއެވެ. އަބަދުވެސް އެއަންހެންކުއްޖާ ހިނިތުންވެފައި ހުރުމަށް ރުހައިމްއަށް އެދެވެއެވެ. އޭނާގެ މުޅި ދުނިޔެވެސް މިއަދު އެނބުރެމުންދިޔައީ މުސްކާންގެ ވަށައިގެން ކަހަލައެވެ. ސިކުނޑީގައި އަބަދުމެ ނުފިލާ އެޚިޔާލުތައް ހުންނަނީ އެހެންވެކަން ގައިމެވެ. މުސްކާން ނެތް ވަގުތުތަކު އޭނާއާ މެދު ރުހައިމްއަށް ޚިޔާލުކުރެވޭވަރު އިތުރުވެފައިވިއެވެ. ޚާއްސަކޮށް އެދިރިއުޅުމުގެ ކަންކަން އެނގުނުފަހުން އެނޫން ކަމަކާއި މެދުގައި ރުހައިމްއަށް ނުވިސްނެއެވެ. އައިޝްގެ ހަނދާންތައް ހިތުގެ ކަނެއްގައި ފޮރުވުމާއެކު މުސްކާންގެ ނަން މަޑުމަޑުން އެހިތަށް ގަދަކުރަން ފަށައިފިއެވެ.

* * * * *

ލުހާމް ފައިވިއްދައިފައި ހުރީ މުސްކާންގެ ދިރިއުޅުމަށްވެސް ދަތިކުރަންކަހަލައެވެ. ގޭތެރޭގައި އުޅޭއިރު މީހަކު ފެންނަން ނެތްނަމަ ދޭތެރަކުން ކޮންމެވެސް ގޯނާއެއް އޭނާ މުސްކާންއަށް ކޮށްލައެވެ. އެކަމާއި މުސްކާން ހުންނަން ޖެހެނީ އަބަދު ސިހިސިހިއެވެ. ގޭތެރެއިން ރައްކާތެރިކަން ބޭނުންވިއަސް އެކަން ކޮށްދޭނެ އެއްވެސް މީހަކު ނެތެވެ. ލުހާމްގެ ހާލަތު ރަނގަޅުވުމާއެކު ނެގި ކުރު ޗުއްޓީ ނިންމައިލުމަށްފަހު ބޮޑުބޭބެ ވެސް އެނބުރި ރިސޯޓަށް ގޮސްފިއެވެ. ފުރުސަތަކަށް ބަލަބަލައި ލުހާމް ހުންނަ ފަދައެވެ. މުސްކާން ފެންނަފަށުގައި އަބަދުވެސް ކޮންމެވެސް ބަހަނާއެއް ދައްކައިފައި ލުހާމް ހުރެއެވެ. ފަހަކަށް އައިސް ލުހާމްގެ މިޒާޖަށް އަންނަމުންދިޔަ އެފަދަ ބަދަލުތައް ޒުލޭހާއަށްވެސް އައީ ފާހަގަވަމުންނެވެ. އެކަމާހުރެ އޭނާގެ ބޮލުން ރިހުން ނުފިލައެވެ. މުސްކާންގެ ފޫބުޑުން އޭނާގެ ހުރި ހަމައެކަނި ފިރިހެންދަރި އުޅޭތަން ބަލާކަށް އޭނާއަށް ހިލާ ކެތެއްނުވެއެވެ. އެކަމަށް ކޮންމެވެސް ފިޔަވަޅެއް އަޅަންވެއްޖެ ކަމުގައި ޒުލޭހާ ދެކުނެވެ.

ހެނދުނު ޑިއުޓީއަށްދާން ގެއިން ނުކުންނަންދިޔަ މުސްކާންގެ ގައިގައި ގެއަށް ވަންނަންއައި ލުހާމް ޖެހިގަތީ ގަސްދުގައެވެ. ރުޅިއައިސްފައި މުސްކާން ބަލައިލުމުން ލުހާމް ދެއަތް މައްޗަށް ހިއްލައިލީ އަމާންދޭ މީހަކު ފަދައިންނެވެ. ނިތް އަރުވައިލުމާއެކު އޭނާގެ ތުންފަތުގައި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ.

"ހާދަ މީރުވަސް ދުވައޭ.." މުސްކާންއާ ދިމާއަށް ކުޑަކޮށް ގުދުވެލަމުން ލުހާމް ނޭފަތްއެތެރަށް ދަމައިލިއެވެ. އަދި ހިތްހަމަޖެހުމުގެ އަޑެއް އަނގައިން ލައްވައިލަމުން ދެލޯމަރައިލިއެވެ.

"އަހަންނާ ދުރުގަ ހުރޭ.." ދެލޯހަނިކޮށްލަމުން މުސްކާން ދުރައްޖެހިލިއެވެ. "ދުރުގަ ނުހުރެވޭތީއެއްނު މައްސަލައަކީ.." އެއްލޯ މަރައިލަމުން ލުހާމް ބުނެލީ ލާނެތް ރާގަކަށެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސައިލުމާއެކު އެތަނުން ދިއުމަށް މުސްކާން އުޅުނެވެ. އެވަގުތު އެއްލިއަތުން ލުހާމް ހިފީ މުސްކާންގެ މަޑުކަފަކޮޅެއްފަދަ އަތްތިލައިގައެވެ.

"ކިހިނެއްވެގެންތަ ކަލޭ ތިއުޅެނީ؟.. ކިހައި ދެރަކަމެއް.. ކަލޭގެ ކަންފަތްވެސް ބީރުހެން އަހަންނަށް މިހާރު ހީވަނީ.. ބުނާއެއްޗެއް އަޑުނީވެނީ އެހެންވެއެއްނު.." ގަދަކަމުން ލުހާމްގެ އަތްފޮޅުވައިލަން މަސައްކަތްކުރަމުން މުސްކާން ބުނެލީ އަޑަށް ބާރުލައިފައެވެ.

"އަހަރެން އަތް ޖައްސައިލީމަ ދޯ ތިހައި ވަރެއް ތިވަނީ.. އެހެންފިރިހެނުން ވަރިހަމަ.."

"ޖަސްޓް ސްޓޮޕް... އިރުއިރުކޮޅުން ތަކުރާރުކޮށް އެއް ވާހަކަތަކެއް އަހަރެން ދައްކާކަށް ނުޖެހޭނެ.. އަހަންނާ ދުރުގަ ހުރޭ.. އެހެންނޫނީ ދެންފަހަރަކުން ބޮޑުބެއައީމަ އަހަރެން ހުރިހައި ވާހަކައެއް ކިޔައިދޭނަން.." ލުހާމްގެ އަތްފޮޅުވައިލުމާއެކު އޭނާއާ ދުރަށްޖެހިލަމުން މުސްކާން ބުނެލީ އިންޒާރެއްފަދައިންނެވެ. ނަމަވެސް މުސްކާންގެ ވާހަކަތަކަށް ލުހާމް މާބޮޑަށް އަޅައިލިހެނެނެއް ހިއެއްނުވެއެވެ. އެއްފިޔަވަޅު އޭނާ ކުރިއަށް އަޅައިލީ މުސްކާންއާ ގާތްވެލުމުގެ ގޮތުންނެވެ.

"ތިހެން ބުންޏަސް އަހަރެން ބިރެއްނުގަންނާނެ.. ޖެހިލުމެއްވެސް ނުވާނެ.. މިގޭގަ އުޅޭހައި ހިނދަކު އަހަރެން ބޭނުން ގޮތަކަށް މުސްކާންއާ މެދު ކަންތައް ކުރާނީ.." ދެލޯހަނިކޮށްލަމުން އެހެން ބުނެލުމަށްފަހު ލުހާމް މިސްރާބުޖެހީ ގެއަށް ވަނުމަށެވެ. އަތްދަބަހުގައި ބާރަށް ހިފަހައްޓައިލުމާއެކު ލުހާމަށް ފުރަގަސްދެމުން މުސްކާން ހިނގައިގަތެވެ. އޭރު ހުއްޓުމެއްނެތި ލުހާމްގެ ބަސްތައް މުސްކާންގެ ކަންފަތް ބުޑުގައި ގުގުމަމުން ދިޔައެވެ. ހިނދުކޮޅެއްކުރިން މޫނުމައްޗަށް ވެރިވެފައިވި ރުޅިވެރިކަން ފިލައި އެމޫނަށް ހިތާމައިގެ ކުލަވަރު ވެރިވެގަތެވެ. އަމިއްލަ ނަފުސުގެ ރައްކައުތެރިކަމަށްއެދި މުސްކާނަށް ދުޢާކޮށްލެވުނީ ލުހާމް ކޮށްފާނެ ކަމަކާއިމެދުގައި ޔަގީންނުވެފައިވި ހާލުއެވެ.

* * * * *

"ހާދަ މަޑުން އިންނަ ދުވަހެކޭ.. ކަމެއްވީތަ؟" ޑިއުޓީ ނިންމައިލުމަށްފަހު ގެއަށް ދިއުމުގެކުރިން ރުހައިމް ގާތުގައި އައިސް އިން މުސްކާންއާ މުޚާތަބުކޮށް ރުހައިމް ބުނެލިއެވެ. އެހެންދުވަސްތަކާ ޚިލާފަށް މުސްކާން ބަސްމަދުވެފައި އިންކަން އޭނާއަށް އިހުސާސުވާތާ އިރުކޮޅެއްވެއްޖެއެވެ. ކޮންމެވެސް ބޮޑު ފިކުރެއް މުސްކާން ކުރާ ކަހަލައެވެ. ދެތިން ފަހަރު މުސްކާނަށް ގޮވައިލައިގެން ނޫނީ އޭނާގެ ސަމާލުކަން ނުހޯދޭކަން ރުހައިމް ދެނެގަތެވެ. ރުހައިމްގެ އަޑަށް، ދުރަށް ނަޒަރު ހުއްޓައިލައިގެން އިން މުސްކާން ރުހައިމްގެ މޫނަށް ބަލައިލިއެވެ. ރުހައިމްގެ ކަޅުކަންގަދަ ފަންއިސްތަށިގަނޑުން ބައެއް ނިތްމައްޗަށް ފައިބައިފައިއޮތް ގޮތް މުސްކާންއަށް ނުހަނު ކަމުދިޔައެވެ. ތުނިތުނިކޮށް ހުރި ތުނބުޅިން އެފިރިހެންވަންތަ ސޫރަ އިތުރަށް ފުރިހަމަކޮށްދެއެވެ. ފަނޑު ހިނިތުންވުމެއް އެތުންފަތުގައި ވީއިރު ރުހައިމްގެ ދެލޯހުރީ ދުރަށް އަމާޒުވެފައެވެ. ހިނދުކޮޅަކު ރުހައިމްގެ ސޫރައަށް ބަލަހައްޓައިގެން މުސްކާންއަށް އިނދެވުނެވެ. ހިތުގައި ކުޅެވެމުންދިޔަ ހިތްގައިމު ރާގުގެ ތެރެއަށް ގެއްލިފައެވެ. މުސްކާންގެ ޚަބަރެއްނުވެ ގިނައިރުވުމުން އަނެއްކާވެސް ރުހައިމް ގޮވައިލިއެވެ.

"ގޭތެރޭގަ ކަމެއް ދިމާވީތަ؟" މުސްކާންގެ ހަމަހިމޭންކަމުން އުނދަގޫވެފައި އިނދެ ރުހައިމް އަހައިލިއެވެ. އެއާއެކު ލަސްލަހުން ލުހާމްގެ ވާހަކަތައް މުސްކާން ކިޔައިދިނެވެ. އެއަޑުގައިވި މަޑުމޮޅިކަން ރުހައިމްގެ ހިތަށް ތަދުކުރުވިއެވެ.

"މުސްކާން ތިގެއިން ނުކުމެ އެހެން ތަނަކަށް ބަދަލުވާންވީނު.." އެންމެފަހުން ކެތްނުވެގެން ރުހައިމް އޭނާގެ ހިތުގައި އުފެދެމުންއައި ޚިޔާލެއް ފައުޅުކޮށްލިއެވެ. އެއާއެކު ނޫނެކޭބުނެ އޭނާގެ ހާލަތު މުސްކާން ހާމަކޮށްލީ ހިތުޖެހިފައި އިނދެއެވެ. އޭނާއަށް މިނޫން އިތުރުގޮތެއް ނެތޭ މުސްކާން ބުނެލީ ފުންނޭވައެއް ދޫކޮށްލަމުންނެވެ.

"އަހަރެން ފައިސާގެ ކަންތައް ހަމަޖައްސަފާނަން.." އަނެއްކާވެސް ރުހައިމް ބުންޏެވެ.

"ނު..ނޫން.. އަހަންނަށް ތިވަރުގެ ކަމަކަށް އެއްބަހެއް ނުވެވޭނެ.." ވަގުތުން އެކަމަށް މުސްކާން އިންކާރުކުރިއެވެ. އެފަދަކަމަކަށް އެއްބަސްވާކަށް އޭނާއަށް ހިލާ ނުކެރޭނެއެވެ. މުސްކާންގެ ޖަވާބު މާކުރިންވެސް އަންނާނީ އެފަދައިންކަން ރުހައިމްއަށް އެނގެއެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވީ އެހެންވެއެވެ. މިވީ ދުވަސްތަކު ތެރޭގައި މުސްކާންގެ ގޮތް އޭނާއަށް ވަނީ ކޮންމެވެސް ވަރަކަށް ދަސްވެފައެވެ.

"އެބައޮތް އެހެން ގޮތެއް.." ވިސްނަން އިނުމަށްފަހު ރުހައިމް ބުނެލީ ހިސާބަކަށް ޖެހިލުންވެފައި އިނދެއެވެ. އޭނާއަށް ބުނެވޭ އެއްޗަކުން މުސްކާން ހިތްހަމަނުޖެހޭކަށް ރުހައިމް ނޭދެއެވެ.

"މުސްކާން.. މީހަކާ އިންނަންވީނު.. އޭރުން ތިހުރަގެއިން ސަލާމަތް ވެވިދާނެ.. ލުހާމްގެ ފުށުންވެސް.. މީހެއްގެ އަނތްބަކަށް ވަނިކޮށް ލުހާމްގެ ސިކުނޑިން ތި ޝައިތާނީ ވަސްވާސްތައް ފިލައިފާނެ.. އަނެއްކާ އޭރުން ފިރިމީހާގެ ފުށުން ހިމާޔަތާއި ރައްކާތެރިކަންވެސް ލިބޭނު.." ރުހައިމް ބުނެލި ވާހަކަތަކުން މުސްކާންއަށް ލިބުނީ ސިހުމެކެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި އޭނާއަށް ކުޑައިރުކޮޅަކު އިނދެވުނެވެ.

"މުސްކާން.. ކޮންމެވެސް އެއްޗެކޭ ބުނެބަލަ.."

"އަހަރެން... އަހަރެންނާ ކާކު އިންނާނީ.." މާޔޫސީ ރާގަކަށް މުސްކާން ބުނީ، ބުނާނެ އިތުރު އެއްޗެއް ނުވިސްނުމުންނެވެ. މުސްކާންގެ އަޑުގައިވި ހިތްދަތިކަން ރުހައިމްގެ ހިތުގެ އެންމެ ހިމަނާރާ ހަމައަށް ވާސިލްވިއެވެ. ކޮންމެފަދަ ހާލަކުންވެސް އެއަންހެންކުއްޖާއަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް އޭނާގެ ހިތް އެދުނެވެ. ކޮންމެފަދަ ޤުރުބާނީއެއް ވެގެންވިއަސްއެވެ. އޭނާގެ ފުރާނަ ސަލާމަތްކޮށްދިނަތީ އުމުރު ދުވަހު މުސްކާނަށް ޝުކުރުވެރިވާ ހާލުއެވެ. އެހީތެރިކަން އޭނާ އެންމެ ބޭނުންވި ވަގުތު އެކަނިވުމަށް އޭނާ ދޫކޮށްނުލި ފަދައިން މިއަދު މުސްކާނަށްޓަކައި ހުރުމަށް ރުހައިމްއަށް އެދެވުނީ އިންތިހާއަށެވެ.

"އަހަންނާ.. އިންނަން ކެރޭނެތަ؟.." ހިތަށް ވެރިވި ބަސްތައް ރުހައިމްއަށް ދުލުން ބޭރުކޮށްލެވުނީ އެއްވެސް ވިސްނުމެއް ނެތިއެވެ. ރުހައިމްގެ ސުވާލާއެކު މުސްކާން ލައިލައިހުރި ނޭވާ ހީވީ ތާށިވީހެންނެވެ. ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެން ދިޔައީ ކުއްލިއަކަށެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ވަރައް ސަޅި

    • ށާވިޔަނި

      ވަރަށް ރީތި ވާހަކެކެވެ

  2. ަހާސް

    ހާދަ ރީތި ވާހަކައެކޭ..