އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖެއަށާއި މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫ.އޭ.އީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއަން އޯޝަން ކޮންފަރެންސް 2021ގައި ބައިވެރިވެވަޑައިގެންނެވުމަށް އަބޫދާބީއަށް ކުރައްވާ ދަތުރުފުޅުގައި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ކަނޑުގެ ސަރަޙައްދަކީ، ރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަމާ ސީދާ ގޮތުން ގުޅިފައިވާ މުހިންމު ވިޔަފާރީގެ ހަބެއްކަން ފާހަގަކުރައްވަމުން، މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ. އަދި ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމާއި، ކަނޑުފޭރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ސައިބަރ ސެކިއުރިޓީއާއި، އިންސާނީ ވަގުފާރި ފަދަ ނުރައްކާތައް އިތުރުވަމުން ދިއުން ފަދަ ކަންކަމަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ހުރިހާ ބައިވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަންތައްތައްކަން ނައިބު ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.
ހަމައެހެންމެ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެއްވެސް ގައުމަކަށް އެކަނި މަސައްކަތްކޮށްގެން ކުރެވޭނެ ކަމެއް ނޫންކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކޮވިޑް-19ގެ ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭ މަޢުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ބައްދަލުވުމުގެ ބައިވެރިންނާ ޙިއްޞާ ކުރައްވައިފައެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވައިލައި، ރާއްޖެއަށް ކޮންމެ ވެސް މިންވަރަކަށް އާންމު ހާލަތަށް އާދެވިފައިވާކަން ފާހަގަ ކުރައްވައި އެކަންކަން ހާސިލުވީ ދުރާލައި ޞިއްޙީ ޤަވާޢިދުތައް ހަރުދަނާކޮށް ވެކްސިން ކެމްޕޭން ބާރަށް ކުރިއަށް ގެންދެވުނީމައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެ ގޮތުން ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށް ވެސް ވެކްސިން ލިބޭނެ ގޮތަށް އޮތުމަކީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު އެއް ކަންތައްކަން ފާހަގަކުރައްވައި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާއެކު ވެކްސިން ލިބުމުގެ މަގުފަހިކޮށްދީފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.