އަންނަ އަހަރު އަންނަ އެކި މުނާސަބަތުތަކާ ގުޅުވައި ސަރުކާރު ބަންދު ދުވަސްތައް އިތުރުކޮށް، ރަސްމީކޮށް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު 4 ދުވަސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސް ޞާލިހު ބަންދު ދުވަސްތަކުގެ ގޮތުގައި މިއަދު ކަނޑައެޅީ އަންނަ އަހަރުގެ މެއި 5، ޖުލައި 13 އަދި 14 ގެ އިތުރުން ޖުލައި 28 އެވެ.
ރައީސް އޮފީހުން ބުނީ މި ހަތަރު ދުވަސް ވެސް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ކަނޑައަޅަން ރައީސް ނިންމެވީ އެކި މުނާސަބަތުތަކާއި ގުޅިގެން ދިގު ހަފްތާ ބަންދެއް ދިނުމުގެ ގޮތުންނެވެ.
އެގޮތުން މެއި މަހުގެ 3 ވާ އަންގާރަ ދުވަހު އަންނަ ފިތުރު އީދު ދުވަހާއި އެއާ ޖެހިގެން އަންނަ މެއި 4 އެއީ ސަރުކާރު ބަންދު ދުވަހެކެވެ. މެއި 5 ވަނީ ބުރާސްފަތި ދުވަހަކަށެވެ. އެހެންވެ އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހާ އެކު ފަސް ދުވަހުގެ ބަންދެއް ލިބޭނެއެވެ.
އަންނަ އަހަރުގެ އަޟްހާ އީދު ދިމާ ވަނީ ޖުލައި 10ވާ އާދިއްތަ ދުވަހާއެވެ. އެއާއެކު ޖެހިގެން އަންނަ ދެ ދުވަސް ވެސް ސަރުކާރު ބަންދުވާނެއެވެ. ރައީސް ޞާލިހު ވަނީ އެ ހަފްތާގެ ބުދަ އަދި ބުރާސްފަތި ވެސް ބަންދުކުރަން ނިންމައިފައެވެ. އެއާ އެކު އަޟްހާ އީދާއި ދިމާކޮށް އަންނަ އަހަރު 9 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
މީގެ އިތުރުން މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖުލައި 26ވާ އަންގާރަ ދުވަހާއި އެއާ ޖެހިގެން އަންނަ ބުދަ ދުވަސް ސަރުކާރު ބަންދުވާނެއެވެ. މިއަދު ރައީސް ކަނޑައެޅުއްވީ ޖުލައި 28 ވާ ބުރާސްފަތި ދުވަސްވެސް ސަރުކާރު ބަންދުކުރާށެވެ. މިއާ އެކު މިނިވަންދުވަހާ ގުޅިގެން ފަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.