ޚަބަރު

ގެވެށި އަނިޔާގެ ޝިކާރައަކަށްވި ފަތޯގެ އޮޕަރޭޝަންކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި މަހުގެ 3ވަނަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، އަތް ބިނދިގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރި މަޝްހޫރު ލަވަކިޔުންތެރިޔާ ފަތުހުﷲ ޢަބްދުލްފައްތާހް (ފަތޯ) \ގެ އަތުގެ އޮޕަރޭޝަން މިއަދު ކޮށްފިއެވެ.

Ads by STELCO

އާއިލާތެރޭގައި ޖެހުނު މައްސަލައެއްގައި ފަތޯއަށް އަނިޔާ ކޮށްފައި ވަނީ އޭނާގެ ބޭބެއެކެވެ. އެ މައްސަލަ ބެލުމުގައި ފުލުހުން ކުރިން އިހުމާލުވި ކަމަށާއި ފަތޯއަށް ފަތުވާ ދިނުމުގައި އައިޖީއެމްއެޗްއިން ވެސް ލަސްކުރަމުން ދިޔަ ކަމަށް އާއިލާގެ ފަރާތުން މީގެ ކުރިން ވަނީ "ދެން"އަށް މައުލޫމާތު ދެއްވައިފައެވެ.

"ދެން"އަށް މައުލޫމާތު ދެމުން ފަތޯ މިއަދު ބުނީ، އޭނާގެ އޮޕަރޭޝަން މިއަދު ކުރީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށާއި މިހާރު ހާލު ތަންކޮޅެއް ސްޓޭބަލް ކަމަށެވެ.

"އަދިވެސް އެކަމަކު ވަރަށް ތަދުވޭ، ރިހުން އެއްކޮށެއް ނުއެއްދޭ. ތަދު ކަނޑުވަން ދީފަ ހުރި ބޭހުގެ ޑޯސޭޖް ހަމަ ހަމަވާއިރަށް ވަރަށް ބޮޑަށް ތަދުވޭ." ފަތޯ ބުންޏެވެ.

ފަތޯއަށް ފަރުވާ ކުރަން އޭނާ އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗް އަށެވެ. ނަމަވެސް އެ ހޮސްޕިޓަލުން މިފަދަ އޮޕަރޭޝަން ކުރެވެނީ ވަކި ދުވަސްތަކެއްގައި ކަމަށް ބުނުމުން، ފަތޯ ފަހުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ވެސް ގޮސްފައެވެ.

"އޭޑީކޭއިން އެމީހުން މި ސާޖަރީ ހަދަން ބޭނުންވާ ޕްލޭޓްސް ނުލިބިގެން، މިކޮޅަށް (ޓްރީޓޮޕްއަށް) ގުޅީ. ގުޅާފައި އައީ. މިކޮޅުން ވެސް ކުޑަކޮށް ލަސްވި، މިކަމަށް ބޭނުންވާ ޕްލޭޓްސް ނުފެނިގެން. އެއީ މިއީ އާންމުކޮށް ކުރަން ޖެހޭ އޮޕަރޭޝަނަކަށް ނުވާތީ ކަމަށް އެމީހުން ބުނީ" ފަތޯ ބުންޏެވެ.

ފަތޯގެ އޮޕަރޭޝަން ކުރެވިފައިވީ ނަމަވެސް، ޓްރީޓޮޕް ހޮސްޕިޓަލަކީ ވަރަށް އަގުބޮޑު ތަނަކަށް ވާތީ، އޭނާ މިވަގުތު ހުރީ މާލީ އެހީތެރިކަމަށް ވެސް ބޭނުން ވެފައެވެ.

"މިތަނުގައި އެހީތެރިއަކަށް ހުންނަ މީހަކަށް ވެސް ކާ އެއްޗެހި ނުއެއް ގެނެވޭ ބޭރަކުން. މިތާ އެތެރޭގައި އިންނަ ކެފޭއަކުން ކޮންމެ ކެއުމަކަށް ދޭ 100އެއްހާ ރުފިޔާ. އެއީވެސް ހަމަ ދުވާލެއްގެ މައްޗަށް 400-500 ރުފިޔާ ދަންޏާ ވަރަށް ބޮޑު އެއްޗެއް." އާއިލާއިން މައުލޫމާތު ދިން މީހަކު ބުންޏެވެ.

ފަތޯއަށް މާލީ ގޮތުން އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ 7701118530101 މި އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާއިން އެދެއެވެ. އިތުރު މައުލޫމާތު 7989056އިން ލިބޭނެއެވެ.

ފަތޯއަށް އަނިޔާ ކުރި ބޭބެއާ މެދު އަދިވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ. ނަމަވެސް މިހާރު ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ފަތޯގެ ބަޔާން ނަގައިފައި ކަމަށާއި، ފަތޯގެ ސިއްހީ ހާލު ރަނގަޅުވުމުން، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް، ފުލުހުން ވިދާޅުވިކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!