ޚަބަރު އިޖުތިމާޢީ

48 ގަޑިއިރު ތެރޭގައި 119 ޕެކެޓުގެ މަސްތުވާތަކެތި ހޯދައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހުޅުމާލެއިން ހޯދި މަސްތުވާތަކެތި

މިދިޔަ އާދިއްތަ ދުވަހު މާލެއިން ހޯދި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ ގުޅުން ހުރި އިތުރު 91 ޕެކެޓުގެ މަސްތުވާތަކެތި ހުޅުމާލެއިން ހޯދައިފިއެވެ.

Ads by MWSC

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ 48 ގަޑިއިރު ތެރޭގައި 119 ޕެކެޓް ޑްރަގްސް ހޯދައިފައިވާ ކަމަށާއި މީގެ ބަރުދަނުގައި ގާތްގަނޑަކަށް 119 ކިލޯ ހުންނާނެ ކަމަށެވެ. ހޯދައިފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއެވެ.

އާދިއްތަ ދުވަހު މާލެއިން އަތުލައިގަތީ 28 ޕެކެޓުގެ މަސްތުވާތަކެއްޗެވެ.

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދީ ޕާކުކޮށްފައި އޮތް ކާރެއްގެ ތެރެއިންކަމަށް މައުލޫމާތު ލިބެއެވެ.

އަތުލައިގަތް މަސްތުވާތަކެއްޗަކީ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓުވޯކަކަށް ނިސްބަތްވާ ތަކެތިކަން ވަނީ އެނގިފައެވެ. މިނެޓުވޯކުގައި ހަރަކާތްތެރިވާ މީހުން މީގެ ކުރިން މަސްތުވާތަކެއްޗާ އެކު ހައްޔަރު ވެސް ކުރިއެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރި ނަމަވެސް ކޯޓުގައި އެކަން ސާބިތުނުވުމުން ވަނީ ދޫކޮށްލައިފައެވެ.

މިފަހަކަށް އައިސް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެއެވެ. އެހެން ނަމަވެސް އެތަކެއްޗާ އެކު އަތުލައިގަންނަ މީހުންގެ މައްޗަށް ކުށް ސާބިތުނުވުމުން އެމީހުން އަނބުރާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލަނީއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވަނީ މާލޭގެ މަގެއްގެ މަތީގައި ޒުވާނަކު މަސްތުވާތަކެތި އިންޖެކްޓު ކުރާ ވީޑިއޯއެއް ވެސް އާންމުވެފައެވެ. މިހާރު މާލޭގައި މަސްތުވާތަކެތީގެ އެކި ބާވަތްތައް ވަރަށް ބޮޑަށް އާންމުވެގެން ގޮސްފައިވާއިރު އެތަކެތީގެ އަގު ވެސް ހެޔޮވަމުން ދާކަމަށް މައުލޫމާތު ލިބެއެވެ. މިފަހަކަށް އައިސް މާލޭގައި އެންމެ ބޮޑަށް އާންމުވެފައި ވަނީ ހެރޮއިންއާއި ކްރިސްޓަލް މެތެވެ. މީގެ އިތުރުން އެކި ވައްތަރުގެ ޕާޓީ ޑްރަގްސް ވެސް ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.

ހޯދުންތަކުން ދައްކާގޮތުގައި ޒުވާނުންގެ ކޮންމެ 100އަކުން އެކަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!