ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"ދެން އެންމެ ދުވަހަކު ކީއްކުރަން، އެންމެ ހިނދުކޮޅަކުވެސް ތިފަދަ އަނިޔާވެރި ތަނެއްގަ މުސްކާން ހުންނާކަށް އަހަންނަކަށް ނުރުހެވޭނެ.. އެއްވެސް ކަމެއް ލަސްކުރާކަށް އަހަރެން ބޭނުމެއްނޫން.. އަންނަ ހަފުތާގަ އަހަރެން ހޮސްޕިޓަލުން ދޫކޮށްލާނޭ ދޮންބެ ބުނި.. އޭގެ ކުރިންވެސް ހަމަޖައްސަންޖެހޭ ހުރިހައި ކަމެއް ނިންމޭތޯ އަހަރެން ބަލާނަން.. އިރާދަ ކުރެއްވިއްޔާ ވީ އެންމެ އަވަހަކަށް އަހަރެމެންގެ ކައިވެނި ކުރެވޭނެ.. އެދުވަހަކަށް ތައްޔާރުވެގެން މުސްކާން ހުރޭ.. ތިނަރަކައެއްފަދަ ތަނުން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރެން މުސްކާން ސަލާމަތްކުރާނަން.." ރުހައިމްގެ އަޑުގައިވީ އަޖައިބެއްފަދަ ސާބިތުކަމެކެވެ. އެއަޑުއިވިފައި މުސްކާންގެ ގައިން ހީބިހި ހިލިގެންދިޔައެވެ. ކަރުނައިގެ ތެރެއިން ރުހައިމްގެ މޫނަށް ބަލަން އިންއިރު، މުސްކާންގެ ހިތުގެ ތެޅުން ހިނދެއް ހިނދަކަށް އަވަސްވަމުން އައިކަންވެސް އޭނާއަށް އިހުސާސުނުވިއެވެ.

Ads by MWSC

"މުސްކާން.. އަހަރެން މުސްކާންއާ އިންނަން ބޭނުންވަނީ ރަނގަޅު ނިޔަތަކު.. ކުރިންވެސް ބުނިހެން އަހަރެން ލޯބިވާ ކުއްޖަކު ހުރޭ.. އެހެނަސް ދެން އިތުރަށް މާޒީއަށް ބަލާކަށް ނެތިން.. އައު ފެށުމަކުން އަލުން ފަށަން ބޭނުންވަނީ.. މުސްކާން އަހަންނަށް އެހީވެދޭނަންތަ؟ އެންމެ ފުރިހަމަ ފިރިޔަކަށް ނުވެވުނަސް އަހަންނަށް ވީވަރަކުން މުސްކާންގެ މައްޗަށް ހެޔޮ ފިރިއެއްގެ ގޮތުގަ ހުރެދޭނަން.. މުސްކާންއަށް ދިމާވާ ކޮންމެ ކަމެއްގަ.. އިރާދަފުޅުން އަބަދުވެސް އެންމެ ގާތުގަ ހުންނާނަން.. މިކުޑަ ދުވަސްކޮޅުތެރޭ އަހަރެންގެ ދިރިއުޅުން ވަނީ ހީވެސްނުކުރާ އެތައް ގޮތަކަށް ބަދަލުވެފަ.. އެބަދަލުތަކާއެކު ކުރިއަށް ދާން ބޭނުން.. އަހަރެންނާއެކު މުސްކާން އަބަދުވެސް ހުރެދޭނަންތަ؟" އިސްޖަހައިލައިގެން އިނދެ ރުހައިމް ބުނެލިއެވެ. ލުއި ހިނިތުންވުމެއް ރުހައިމްގެ ވާހަކަތަކުން މުސްކާންގެ ތުންފަތަށް ވެރިކުރުވިއެވެ. ޚުދު އޭނާގެ ހިތުގެ އެދުމަކީވެސް އެއީ އެވެ. ދިރިއުޅުމަކީ އެފަދަ އެއްޗެކެވެ. ހާލަތު ބަދަލުވެދާނީ ކޮންއިރަކުކަން ބުނެދޭކަށް ނޭނގެއެވެ. ބައެއް ފަހަރު އަހަރެމެން ހިތް އެދޭ ގޮތާ ޚިލާފަށްވެސް ހާލަތް ނިޔާކޮށްފާނެއެވެ. އެހެނަސް އަހަރެމެން އިންސާނުންނަށް އޮތީ ﷲގެ ޤަދަރުފުޅަށް ފުރިހަމައަށް އީވާން ވުމާއެކު ކުރިއަށް ދިއުމެވެ. އެކަލާނގެއަށް ވަކީލުކުރުމެވެ.

"އިރާދަކުރެއްވިއްޔާ އަހަރެންގެ ފަހު ނޭވައާ ޖެހެންދެން ހުންނާނީ ހައިމްއާ އެކު.. ތީ ހުރިހައި ގޮތަކުންވެސް ފުރިހަމަ އިންސާނެއް.. އަހަރެންގެ ދެލޯ ކުރިމަތީ ހައިމްގެ އެއްވެސް އުނިކަމެއް ނެތް.." ލަދުވެތިގޮތަކަށް މުސްކާން ބުނެލިއެވެ. ރުހައިމްއަށް ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ. އިސްޖަހައިގެން އިންއިރު އެދެލޮލުން ފައުޅުވާންހުރި ވޭނެއް މުސްކާން ނުދެކެއެވެ. އެހިތުގައި ރިއްސަމުން ދިޔައީ އުއްމީދުކުރި ގޮތާ ޚިލާފަށް، އެހިތުގެ މަލިކާ ނޫން ކުއްޖަކާއެކު ޒަވާޖީ ޙަޔާތެއް ފަށަން ޖެހުމުންނެވެ. ނަމަވެސް މުސްކާންގެ ހައްޤުގައި އެހިތުގެ ލޯބި ޤުރުބާން ކުރަންޖެހުނަސް ރުހައިމް ހުރީ ތައްޔާރަށެވެ. މުސްކާން އޭނާއަށް ވެދިން ހެޔޮކަން ދުވަހަކުވެސް ހަނދާނުން ނުފިލާނެއެވެ. މިއަދު އެނިޔަނެތި އަންހެންކުއްޖާއަށް އެހީވުން އެހެން ހުރިހައި ކަމަކަށްވުރެ އޭނާ އަށް މުހިންމެވެ. ފުންނޭވާއެއް ދޫކޮށްލަމުން ރުހައިމް ދެލޯމަރައިލިއެވެ. އަނދިރިކަމުގެ ތެރެއިން ދިއްލުނު އަލި ވޮށެއް ފަދައިން އައިޝްގެ ސޫރަ އޭނާއަށް ސިފަވިއެވެ. ހިނިތުންވެފައި ހުންނައިރު ހުންނަ މައުސޫމުކަން ހިތަށް ވެރިވިއެވެ. ތުންފަތުގައި ރުހައިމްއަށް ދަތްއަޅައިލެވުނެވެ. ދުވަހަކުވެސް ދެން އެލޯބި ލިބުމެއް ނެތެވެ. އެލޯތްބަށް އުމުރަށް ވަދާޢު ކިޔަންވީ ވަގުތު އައިސް އޭނާއާ ބައްދަލުކުރީއެވެ. ހިންދިރުވައިލި ރުހައިމްގެ ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ގަދަކަމުން ހިންދައިލަމުން އޭނާ އެނދުގައި ހަމަޖެހިލިއެވެ.

* * * * *

ލޫޔާއަށް ގުޅޭގޮތް ވުމާއެކު އެންމެ ފުރަތަމަވެސް މުސްކާން ހިއްސާކުރީ އޭނާއާ ރުހައިމްއާ ދެމެދު ދެކެވުނު ވާހަކަތަކެވެ. އެއާ ވިދިގެން ފައްޗަކަށް ލޫޔާ ސުވާލުތައް އަމުނައިލުމުން މުސްކާންއަށް މަޖުބޫރުވީ އޭނާގެ ހާލަތު އެއްވެސް ފޮރުވުމެއްނެތި ލޫޔާއަށް ހާމަކުރުމެވެ. އެވަރުގެ ބޮޑު ކަމެއް ހިނގައި ދިޔައިރުވެސް މުސްކާން އޭނާ ގާތު ނުބުނުމުން ލޫޔާ ހިތްހަމަނުޖެހޭގޮތް ވިއެވެ. އެހެނަސް ދާދި އަވަހަށް އެކަން އެއްފަރާތް ކޮށްލީ ލިބުނު އުފައުވެރި ޚަބަރެއްގެ ސަބަބުންނެވެ. މުސްކާން އަބަދުވެސް ހިނިތުންވެފައި ހުރުމަށް ލޫޔާއަށް އެދެވެއެވެ. އެގޭގައި އުޅޭހައި ހިނދަކު މުސްކާން ޖެހޭނީ ހިތާމަކުރާންކަން އޭނާ ދަނެއެވެ. މުސްކާންއަށް އެންމެ ރަނގަޅު ގޮތަކީ ރުހައިމްއާ ކައިވެނިކޮށް ރުހައިމްގެ ގެއަށް ބަދަލުވުން ކަމުގައި ޚުދު ލޫޔާވެސް އެއްބަސްވިއެވެ. އެއަށްވުރެ ބޮޑަށް އޭނާ އުފައުވީ އެކުވެރިޔާގެ ހިތުގެ މުރާދު އެހައި ފަސޭހައިން ހާސިލް ވުމުންނެވެ. ރުހައިމްދެކެ މުސްކާން ހަގީގަތުގައިވެސް ލޯބިވާކަން އޭނާއަށް އެނގެއެވެ. މުސްކާންއަށް އޭނާގެ ލޯބި ލިބުމަށް ލޫޔާއަށް އެދެވެއެވެ. ކާއިލްގެ ކޮއްކޮއަކަށް ވުމުން އެއީ ރަނގަޅު ޒުވާނަކަށް ވާނޭ ލޫޔާގެ ހިތް ބުނެއެވެ. މުސްކާންގެ އުފަލަށްޓަކައި އޭނާ ޚިޔާކުރި ބައިވެރިޔާ ގަބޫލުކުރަން ލޫޔާ ނިންމިއެވެ. މުސްކާންގެ ނިންމުމާއި ވިއްދައި ދެކޮޅަށް ލޫޔާ އެއްޗެއް ނުބުނީ އެހެންވެއެވެ. ގޯސްމަގަކުން ނުދާހައި ހިނދެއްގައި އެކުވެރިޔާގެ ނިންމުންތަކަށް އިޙުތިރާމް ކުރަން އޭނާ ބޭނުންވެއެވެ. މުސްކާނަށްޓަކައި ހެޔޮ ދުޢާކުރަމުން އޭނާ ފޯނު ބޭއްވީ އެކައިވެނީގައި ބައިވެރިނުވެވޭނެތީ އެތައް ޝަކުވާއެއްކޮށްފައެވެ. ލޫޔާ އަންނަންދެން މަޑުކުރަން މުސްކާން ބޭނުންވިއެވެ. ނަމަވެސް އެގޮތާ ނުރުހުނީ ލޫޔާއެވެ. ވީހައިވެސް އަވަހަށް އެއަނދަވަޅުން މުސްކާން މިންޖުވާން އެދެވޭތީއެވެ. އެގޮތަށް އެކަން ވާން އޮތީ ކައިވެނި އަވަސްކޮށްގެނެވެ. އެހެންކަމުން މުސްކާނަށް ލޫޔާ ނަސޭހަތްތެރިވީ ރުހައިމް އެދޭ ފަދައިން ކަންތައް ކުރުމަށެވެ. ލޫޔާ އެނބުރި އައުމުން އެއުފައުވެރިކަން ފާހަގަކުރުމަށް ދެމީހުން އެއްބަސްވިއެވެ.

ހަފުތާ ބަންދާ ދިމާކޮށް މުހުސިން މާލެ އައުމާއެކު ޒުލޭހާގެ ފަރާތުން ލިބުނު ޚަބަރުން އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މުސްކާން އެވަރުގެ ނުބައި ކަމެއް ނުކުރާނެކަން އޭނާއަށް ޔަގީންވެއެވެ. އެހެނަސް ޒުލޭހާގެ ކުރިމަތީގައި އެހުރިހައި ވާހަކައެއް ދެއްކުންވާނީ ބޭކާރު ކަމަށްކަން ވިސްނި މުހުސިން އެއްޗެއް ނުބުންޏެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުނި ކަމުގައި ވިއަސް އޭނާގެ ލޯބިވާ ބޮޑުބޭބެ ދަރިއަކީ އެފަދައިން ނުބައި މަގަކުން ހިނގާނެ ކުއްޖެއްނޫންކަން މުހުސިންއަށް އެނގެއެވެ. އޭނާއަށް ކުށްވެރިކުރެވުނީ ލުހާމް އެވެ. ހިތްހަމަ ނުޖެހުނުވަރުން އެއްވެސް އެއްޗެއް ބުނުމެއްނެތި އޭނާ އައީ މުސްކާންއާ ބައްދަލުކުރުމަށެވެ. އެހުރިހައި ކަމެއް ހިނގައި ދިޔަގޮތް އެނގެން އޭނާ ބޭނުންވެއެވެ. އެކަކު އަޑު ނޭހިޔަސް މުސްކާންގެ ވާހަކަތައް އޭނާ އަހާނެއެވެ.

ޖެހިލުންވިއެއްކަމަކު މުހުސިންގެ ކޮންމެ ސުވާލަކަށް މުސްކާން ޖަވާބު ދިނެވެ. އޭރު ބިރުންގޮސް އޭނާގެ ހިތް ތެޅެމުންދިޔައީ ބޮޑު ބޭބެވެސް އޭނާގެ ވާހަކަތައް ދޮގުކޮށްފާނެތީއެވެ. ނަމަވެސް ކަންތައްވީ މުސްކާން ހީކުރިގޮތާ މުޅިން ޚިލާފަށެވެ. އޭނާގެ ބޮލުގައި ފިރުމައިލަމުން ދެރަވެފައި މުހުސިން މަޢާފަށް އެދުނީ ބޭނުންވިއަސް އޭނާއަށް މުސްކާނަށްޓަކައި ކޮށްދެވޭނެ އެއްވެސް ކަމެއް ނެތުމުންނެވެ. ޒުލޭހާގެ ނުރުހުމުގައި އެގޭގައި އޭނާއަށް މުސްކާން ބެހެއްޓޭކަށް ނެތެވެ. އެކަން މުސްކާނަށްވެސް ވިސްނެއެވެ. މާކުރިންވެސް ކަންތައްވާނީ އެހެންކަން އޭނާއަށް އެނގެއެވެ. މުހުސިންގެ ވާހަކަތަކަށް ބޯޖަހައިލަމުން އޭނާ ވަރަށް އަވަހަށް ކައިވެނިކުރަން ވިސްނާކަމުގައި މުސްކާން ހާމަކޮށްލިއެވެ. ނުތަނަވަސްވެފައިވި މުހުސިންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްގެ އަސަރު ވެރިވީ އެވާހަކަ އަޑުއިވިފައެވެ. މުސްކާންއަށް އެންމެ ރަނގަޅު ގޮތަކީ އެއީކަން އޭނާ ގަބޫލުކުރެއެވެ. ޒުލޭހާގެ ކުރިމަތީގައި އޭނާގެ އެއްވެސް ބާރެއް ނުހިނގާއިރު، ހިތް އެދުނަސް އޭނާ ބޭނުންވާފަދަ ރައްކައުތެރިކަމެއް އެގެއިން މުސްކާންއަށް ހޯދައިދެވޭކަށް ނެތެވެ. މުސްކާންގެ ބޮލުގައި ކުލުނާއެކު ފިރުމައިލަމުން އެކޮޓަރިން އޭނާ ނުކުތީ ކުރެވެން އުޅޭ ކައިވެންޏަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގައި ވަޢުދުވަމުންނެވެ.

* * * * *

އެއް ހަފުތާ ފާއިތުވެދިޔައީ ނުހަނު އަވަހަށެވެ. ރުހައިމް ހޮސްޕިޓަލުން ދޫކޮށްލާ ދުވަސް އައިސް ޖެހުނުއިރު މުސްކާންއާއި ރުހައިމްގެ ހިތްވެސް ވަނީ އަވަސްވެފައެވެ. ކުއްލިއަކަށް ކައިވެނީގެ ވާހަކަ ރުހައިމް ދެއްކުމުން ކާއިލް ވަރަށް ހައިރާންވިއެވެ. އެހެނަސް އެކުއްޖަކީ މުސްކާންކަން ވިސްނުމުން އޭނާގެ ހުރިހައި ނުތަނަވަސްކަމެއް ފިލައިދިޔަފަދައެވެ. އެގުޅުމަށް ދެކޮޅު ވާން އޭނާ ބޭނުންނުވީ މުސްކާންގެ ގޮތް ރަނގަޅަށް އެނގޭތީއެވެ. އޭނާގެ ކޮއްކޮއަށްޓަކައި އެންމެ އެކަށޭނަ ބައިވެރިޔަކީ އެއީ ކަމުގައި ކާއިލްގެ ޟަމީރު ބުނެލިއެވެ.

ޑިއުޓީ ނިންމައިލުމަށްފަހު މުސްކާން އައިސް ރުހައިމްގެ ކޮޓަރިއަށް ވަތްއިރު ދުއްވާ ގޮނޑިއެއްގައި ކާއިލް އޭނާ ބައިނދަނީއެވެ. މުސްކާން ފެނުމުން ހިނިތުންވެފައި ކާއިލް ގޮވައިލިއެވެ. ބޯޖަހައިލަމުން މުސްކާން ބަލައިލީ ރުހައިމްއަށެވެ. ކަޅު ޓީޝާރޓަކާއެކު ހަމައެކުލައިގެ ޖިންސެއް ލައިގެން ރުހައިމް އިންއިރު އެފިރިހެންވަންތަކަށް އެތައް ގުނައެއް ފުރިހަމަކަން މުސްކާންއަށް ފާހަގަވިއެވެ. ރުހައިމްގެ ބޮލުންފެށިގެން ފަޔާއި ހަމައަށް އޭނާ ނަޒަރު ހިންގައިލިއެވެ. އެތަން ބަލަންހުރި ކާއިލް ލާނެތް ގޮތަކަށް ހިނިތުންވެލަމުން އެބަ އަންނަން ކަމުގައި ބުނެ އެތަނުން ނުކުތީ އެދެމީހުނަށް ވަގުތުކޮޅެއް ދިނުމުގެ ގޮތުންނެވެ.

"މުސްކާން.." ރުހައިމް ގޮވައިލީ މުސްކާންގެ ހިލަމެއް ނުވުމުންނެވެ. މުސްކާންގެ ގައިން ދުވާ މަޑު ސެންޓްވަސް ޖެހުމާއެކު އެތަނުގައި އޭނާ އެބަހުރިކަން ރުހައިމް ދެނެގަތެވެ.

ކުދި ފިޔަވަޅުތަކެއްގައި އައިސް ރުހައިމްގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިލަމުން މުސްކާން އިނށީދެލިއެވެ. އަދި ފުން ނަޒަރަކުން އެމޫނަށް އޭނާ ބަލައިލިއެވެ. ހިތަށް އެތައް ހާސް ޝުޢޫރެއް ވެރިވުމާއެކު މުސްކާންގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ.

"އަހަރެން ވަރަށް ކަންބޮޑުވޭ އެބަ.. މިގޮތަށްހުރެ ކިތަންމެ ބޭނުންވިއަސް، އާދައިގެ ދިރިއުޅުމަކަށް އެނބުރި ރުޖޫޢަ ނުވެވޭނެކަން ވިސްނި އެކަމާ މާބޮޑަށް ހާސްވަނީ.." ފިނިނޭވައެއް ދޫކޮށްލަމުން ރުހައިމް ބުނެލިއެވެ. އެއަޑުގައިވި ނުތަނަވަސްކަން މުސްކާންއަށް އިހުސާސުވިއެވެ.

"ކަންބޮޑު ނުވޭ.. އަހަރެން ވެސް މިހުރީނު.. ހައިމް އަހަންނަށް ބޭނުންވާ ކޮންމެ ހިނދެއްގަވެސް އެންމެ ގާތުގަ އަހަރެން ހުރެދޭނަން.. މީ އަހަރެން ވާ ވަޢުދެއް.." ޔަގީންކަން ދޭފަދަ ގޮތަކަށް މުސްކާން ބުނެލީ މަޑުމަޑުންނެވެ.

"ފޯ އަ ނިއު ބިގިނިންގް.." ކަނައަތްތިލަ ކުރިއަށް ދިއްކޮށްލަމުން ރުހައިމް ބުނެލިއެވެ. އެއާއެކު ހިތް އަވަސްވެފައި އިނދެ އޭނާގެ އަތްތިލަ ރުހައިމްގެ އަތުގެ ތެރަށް މުސްކާން ލިއެވެ. އަދި ރުހައިމް ބުނި ބަސްތައް ތަކުރާރުކޮށްލީ ފެންކަޅިވެފައި އިނދެއެވެ. ފުރަތަމަ ފަހަރަށް އެމަޑު އަތްތިލައިގައި ހިފައިލެވުމުން ރުހައިމްގެ ހިތަށް ހީވީ ތޫފާނެއް ވެރިވިހެންނެވެ. އެތައް އިހުސާސުތަކަކުން އެހިތް ފުރި ބަންޑުން ވަމުންދިޔައިރު ދުލުން އެންމެ ބަހެއްވެސް ބޭރުކޮށްލުމަށް އޭނާ އިނީ ނުކުޅެދިފައެވެ. އެމަޑު އަތްތިލައަށް އޭނާ ފިތައިލީ ނުހަނު އޯގާތެރިކަމާއެކުއެވެ.

"ދުވަހަކުވެސް މިއަތުން ދޫކޮށްނުލައްޗޭ..." މުސްކާންގެ މަޑު ކަފަކޮޅެއްފަދަ އަތްތިލައިގައި ހިފައިލައިގެން އިނދެ ރުހައިމް ބުނެލީ އާދޭހުގެ ރާގަކަށެވެ. އާނއެކޭ ބުނަމުން އަވަސް އަވަހަށް މުސްކާން ބޯޖަހައިލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ރުހައިމްގެ ހިތަށް އިހުސާސުވަމުން ދިޔައީ މުސްކާންއަކީ އެހިތާއި ވަރަށް ގާތް ފަރާތެއް ގޮތުގައެވެ. މިއިން ދުވަހަކު އިހުސާސުނުވާފަދަ އައު ޖަޒުބާތު ތަކަކުން އެހިތް ފުރެމުންއައެވެ. އައިޝްގެ ލޯބިވެތި ސޫރަ ހިތަށް ސިފަވުމުން އެކުރުވާ ފޮނި ފޮނި އިހުސާސުތައް އޭނާއަށް ކުރެވެނީއެވެ. މުސްކާންގެ އަތުން ދޫކޮށްލަން ބޭނުންނުވެފައި ރުހައިމްއަށް އިނދެވުނެވެ. އެސޫރަ ދެކިލުމަށްއެދި އޭނާގެ ހިތް ތެޅިފޮޅެމުންދިޔައީ އިންތިހާއަށެވެ. މަޑުމަޑުން މުސްކާންގެ އަތްތިލައިގައި ބޮޑުވައި އިނގިލިން ރުހައިމް ފިރުމައިލިއެވެ. އެއާއެކު މުސްކާންގެ ހަށީގައި ކަރަންޓްގެ އޮއެވަރެއް އުފެދުނު ކަހަލައެވެ. ތުންފަތް ތުރުތުރުއަޅައިލުމާއެކު ބަނޑުން ފެށިގެން ކަނދުރާއާ ހަމައަށް ފާޑެއްގެ ހީޔެއް އަރައިގެން ދިޔައެވެ. ހިތަށް ވެރިވެގަތް ޚިޔާލުތަކާއެކު މުސްކާންގެ ދެކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. ލަދުން އިސްޖަހައިލެވުމާއެކު ލުއި ގޮތަކަށް އޭނާއަށް ހިނިތުންވެލެވުނެވެ. ދެ ދުވަސްފަހުން ރުހައިމްގެ އަނތްބަކަށް ވުމަށްޓަކައި އޭނާ ރަން ކިޔާނެއެވެ. އޭގެ ކުޑަދުވަސްކޮޅެއްފަހުން އޭނާ ވާނީ ރުހައިމްގެ އަނބިމީހާއަށެވެ. އެދުވަސް ދެކޭ ހިތުން އޭނާއަށް ކެތްވަނީކީ ނޫނެވެ. އައު ހަޔާތެއް ފަށަން އުޅޭއިރު ކޮންމެ މީހަކަށްވެސް އިހުސާސުކުރެވެނީ މިހެން ބާއެވެ؟

"މުސްކާން..." ލާނެތް ރާގަކަށް ރުހައިމް ގޮވައިލިއެވެ. އޭރުވެސް ހުއްޓުމެއްނެތި މުސްކާންގެ އަތްތިލައިގައި މަޑުމަޑުން ފިރުމަމުން އޭނާ ދިޔައެވެ.

"އާރ ޔޫ ރެޑީ ޓް ބީ މައިން؟..." އެއަތްތިލައަށް ފިތައިލަމުން ރުހައިމް އަހައިލި ގޮތުން މުސްކާންގެ ލޯލިތައް ކޮޅަށް ޖެހިގެންދިޔައެވެ. ބަނޑަށް އަރައިގެންދިޔަ ހީއްޔާއެކު މުސްކާން އަވަސް އަވަހަށް ރުހައިމްގެ އަތު ތެރެއިން ތެރެއިން އޭނާގެ އަތްތިލަ މިނިވަންކުރުމަށް އުޅުނެވެ. ވިސްނައިގެންއިން ރުހައިމް އެއަތްތިލައަށް ބާރުކޮށްލީ ޖަވާބު ނުދެނީސް ދޫކޮށްނުލާނަމޭ ބުނެލަމުންނެވެ. ލަދުގަތްވަރުން މުސްކާން އަށް އިސްޖަހައިލެވުނެވެ. އަދި ރުހައިމްއަށް އިވޭ ވަރަށް މަޑުމަޑުން އާނއެކޭ ބުނެ އޭނާގެ ސުވާލަށް މުސްކާން ޖަވާބުދިނެވެ. އެއާއެކު ކާމިޔާބީގެ ހިނިތުންވުމެއް ރުހައިމްގެ ތުންފަތާ ކުޅެލިއެވެ.

(ނުނިމޭ)

  1. ގާލް

    ވަރަށް ރީތި

  2. ވަރަށް ސަޅި ވަރަށް ކިޔާހިވޭ.

  3. ނަމް

    ވަރަަށް ރީތި. ތަންކޮޅެއް އަވަހަށް އަނެއް ޕާޓް ގެނެސްދީފިއްޔާ ވ.ސަޅިވާނެ

  4. ޥަރަަަށް ކަމުދޭ..ވަަަ

  5. ކިއުން ތެރިއެއް

    ލަހުން އަޕްޑޭޓް ވާތީ ވަރަށް ދެރަ، ތަންކޮޅެއް އަވަހަށް އަޕްޑޭޓް ކޮންލަދޭތި

  6. ފާތު

    ވ.ވ ރީތި އެކަމަކު އަޕްލޯޑު ކުރާލެއް ތަންކޮޅެއް ލަހީ