ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"އާރ ޔޫ ރެޑީ ޓް ބީ މައިން؟..." އެއަތްތިލައަށް ފިތައިލަމުން ރުހައިމް އަހައިލި ގޮތުން މުސްކާންގެ ލޯލިތައް ކޮޅަށް ޖެހިގެންދިޔައެވެ. ބަނޑަށް އަރައިގެންދިޔަ ހީއްޔާއެކު މުސްކާން އަވަސް އަވަހަށް ރުހައިމްގެ އަތު ތެރެއިން ތެރެއިން އޭނާގެ އަތްތިލަ މިނިވަންކުރުމަށް އުޅުނެވެ. ވިސްނައިގެންއިން ރުހައިމް އެއަތްތިލައަށް ބާރުކޮށްލީ ޖަވާބު ނުދެނީސް ދޫކޮށްނުލާނަމޭ ބުނެލަމުންނެވެ. ލަދުގަތްވަރުން މުސްކާން އަށް އިސްޖަހައިލެވުނެވެ. އަދި ރުހައިމްއަށް އިވޭ ވަރަށް މަޑުމަޑުން އާނއެކޭ ބުނެ އޭނާގެ ސުވާލަށް މުސްކާން ޖަވާބުދިނެވެ. އެއާއެކު ކާމިޔާބީގެ ހިނިތުންވުމެއް ރުހައިމްގެ ތުންފަތާ ކުޅެލިއެވެ.

Ads by Sosun Fihaara

ކޮޓަރީގެ ދޮރުހުޅުވައިލަމުން ކާއިލް އެތެރަށް ވަނީ އެވަގުތުއެވެ. އަވަސް އަވަހަށް ރުހައިމްގެ އަތުތެރެއިން އަތްދަމައިގަންނަމުން މުސްކާން ކުޑަކޮށް ދުރުވެލިއެވެ. އެދެމީހުނަށް ބަލައިލަމުން ހިނިތުންވެލުމަށްފަހު ކާއިލް ރުހައިމް އިން ގޮނޑީގެ ފަހަތުގައި ހުއްޓިލިއެވެ. އަދި ގެއަށް ދާންވީ ވަގުތު ޖެހުނީ ކަމުގައި ބުނެލީ އުފައުވެރި ރާގަކަށެވެ. ހިނިތުންވެފައިއިން ރުހައިމް ވެސް މަޑުމަޑުން ބޯޖަހައިލިއެވެ. ކާއިލްއާއި ރުހައިމްއަށް ވަދާޢުގެ ސަލާމް ކިޔުމަށްފަހު މުސްކާން އެކޮޓަރިން ނުކުތެވެ. އެއްއަތުން އަނެއް އަތުގައި ހިފައިލައިގެން ހުރިއިރު އޭނާގެ ސިކުނޑީގައި ހުއްޓުމެއްނެތި ރޯލުވަމުން ދިޔައީ ދާދި ދެންމެއަކު ހިނގައިދިޔަ ކަންތަކެވެ. ރުހައިމްގެ އެކުޑަ ބީހުމުން އޭނާއަށް ކުރުވި އަސަރެވެ. ރަކި ހިނިތުންވުމެއް ތުންފަތުގައި ކުޅެލުމާއެކު މުސްކާންއަށް އިސްޖަހައިލެވުނީ އެމޫނަށް އަރައިފައިބަމުންދިޔަ ކުލަވަރު އެހެން މީހަކަށް ފެންނަން ނޭދޭފަދަ ގޮތަކަށެވެ.

* * * * *

މާލިކްގެ މޭގައި މޫނު ޖައްސައިލައިގެން އިން ރައުލާއަށް އޭނާގެ ކަރުނަތައް ކޮންޓްރޯލް ކުރުންވީ ދަތި ކަމަކަށެވެ. ރުހައިމްގެ ދެލޮލުގެ ފެނުން ދިޔަކަން އެނގުނު ދުވަހުން ފެށިގެން އޭނާގެ ހާލަކީ އެއީއެވެ. ދަރިފުޅާމެދު ހިތާމަކޮށް އެދެލޮލުން ކަރުނަ ހިކޭ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. ސާމިޔާއާއި މާލިކް އެތައް ފަހަރަކު ވިސްނައިދިނަސް އޭނާއަށް ކުށްވެރިކުރެވެމުން ދިޔައީ އަމިއްލަ ނަފުސެވެ. ލޯބިވާ ދަރިފުޅުގެ ސޫރަ ދެކިލުމަށް ހިތް އެދެމުންދިޔައީ އިންތިހާއަށެވެ. ކޮންމެ ދުވަހަކު ކާއިލްއަށް ގުޅައި ބަރާބަރަށް ރުހައިމްގެ ހާލު އޭނާ އޮޅުންފިލުވައެވެ. އެހެނަސް އެވަރުން އޭނާގެ ހިތެއް ނުފުރެއެވެ. ރުހައިމްގެ އަޑު އެންމެ ފަހަރަކު ނަމަވެސް އަހައިލަން ބޭނުންވަނީއެވެ. އެދަރިފުޅުގެ ކިބައިން ތަކުރާރުކޮށް މަޢާފަށް އެދި އާދޭސްކުރަން އެދެވެނީއެވެ. އެދަރިފުޅުގެ ހިތްހަލާލުކަން އޭނާ ބޭނުންވެފައިވީ މިންވަރު މޮޅަށް ދެނެވޮޑިގެންވަނީ އޭނާގެ ވެރި ރަސްކަލާނގެއެވެ. އެހެނަސް އެހިތްވަރުކުރަން ރައުލާ ވަނީ ފަސްޖެހިފައެވެ. ރުހައިމް އޭނާއާއި މާލިކްދެނެ ނުރުހުންވާވަރު އެނގޭތީއެވެ. ހިތް އެދުނަސް އެހިތުގެ އެދުން ފުރިހަމަކުރަން އޭނާ ވަނީ ނުކުޅެދިފައެވެ.

"ދެން ތިވަރަށް ހިތާމަނުކުރޭ ރައޫ.. ހުރިހައި ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.." ދެރަވެފައިއިން މާލިކް ރައުލާގެ ބުރަކަށީގައި ނުހަނު އޯގާތެރިކަމާއެކު ފިރުމައިލިއެވެ.

"ކައިވެނިކޮށް އައު ޙަޔާތެއް ފަށަން އުޅޭއިރު އެންމެ ފަހަރަކު ނަމަވެސް އަހަންނަށް ގުޅައިލާފަ ރުހައިމް އެޚަބަރު ދޭނެނަމަ.. އޭނާއަށް އަހަރެމެންމީ ނެތްބައެއްފަދަ.." ގިސްލެވިފައިއިން ރައުލާ އެހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ.

"ތިހެން ބުނާއިރުވެސް އެނގެއެއްނު ހައިމް އެހެން އެއުޅެނީ ކީއްވެކަން.. އަހަރެމެން ޖެހޭނީ އޭނާގެ އިތުބާރު އަނބުރައި ހޯދަން.."

"އިތުބާރު ހޯދޭނީވެސް އަހަރެމެންނަށް އެންމެ ފުރުސަތެއް ނަމަވެސް އެސޮރު ދީގެންނު.. މާލިކް.. އަހަރެން.. އަހަރެން ބޭނުން އެސޮރު ގާތަށް ދާން.. ހެޔޮނުވާނެ އަހަރެންގެ ދެދަރިން ގާތަށް އަހަރެން ގެންގޮސްދީ.." ކަރުނުން ބަރާވެފައިވި ދެލޯ މާލިކްގެ މޫނަށް އަމާޒު ކޮށްލަމުން ރައުލާ އާދޭސްކޮށްލިއެވެ.

"އަހަރެން ކުރިންވެސް ބުނީމެއްނު.. މިދަނޑިވަޅުގަ ތީ އެހައި ރަނގަޅު ނިންމުމެއް ނޫނޭ... ހައިމް އެއުޅެނީ އައު ދިރިއުޅުމެއް ފަށަން.. މިއީ އޭނާއަށް ވެސް އަންނާނެ ވަރަށް ޚާއްސަ ދުވަހެއް.. އަހަރެން ނޭދެން އަހަރެމެންގެ ސަބަބުން އެދުވަސް ޚަރާބުވާކަށް... އަހަރެންވެސް އެދެކުދިން ދެކިލާހިތްވޭ.. ގާތަށް ދާހިތްވެސް ވޭ.. އެކަމަކު.. މިވަގުތު އަހަރެމެން އިސްކުރަންވާނީ އެދެކުދިންގެ އުފައުވެރިކަން.. އަހަރެންގެ އެ ހަގު ދަރިފުޅަށް އަދި ﷲ އިރާދަކުރެއްވިއްޔާ ވިސްނޭނެ.. އަހަރެމެންގެ ގާތަށް އެނބުރި އަންނަންވެސް އަންނާނެ.. އަހަރެން ބުނީތީވެސް ކެތްތެރިވެލައިގެން ﷲ އަށް ވަކީކޮށްލައިގެން ރައު ހުރެބަލަ.. މިދުވަސްވެސް އިރާދަކުރެއްވިއްޔާ ފާއިތުވެ ހިނގައިދާނެ.." ރައުލާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން އޭނާގެ ނިތުގައި މާލިކް ބޮސްދިނެވެ. ލަސްލަހުން ބޯޖަހައިލުމާއެކު އަނެއްކާވެސް މާލިކްގެ މޭގައި ރައުލާ ބޯއަޅައިލިއެވެ. އެހިތަށް ކޮށްފައިވި ފުން އަސަރުން އެދެލޯ އިތުރަށް ތެންމަމުން ދިޔަ ނަމަވެސް ހިތްވަރުކުރަން ރައުލާ މަސައްކަތް ކުރިއެވެ. މާލިކްގެ ވާހަކަތކުގައިވި ތެދުކަން ޚުދު އޭނާ ވެސް ގަބޫލުކުރާތީއެވެ. ކެތްތެރިވުން ނޫންހެން ގޮތެއް ނެތް މީހަކު ފަދައިން އޭނާ ދެލޯމަރައިލީ ވަރުބަލި ގޮތަކަށެވެ.

* * * * *

ރުހައިމް ގެއަށް ބަދަލުވުމުގެ ކުރިން ކާއިލް ވަނީ އޭނާގެ ކަންކަން ބެލެހެއްޓުމަށް ބޭރު ޤައުމަކުން ރަނގަޅު މީހަކު ހޯދައިފައެވެ. ރުހައިމްގެ ހުރިހައި ކަމަކާއި އަރުން ހަވާލުވީ އުފަލުން ހުރެއެވެ. އޭނާއަކީ އަމިއްލަ ޤައުމުގައިވެސް އެފަދަ މަސައްކަތް ކޮށްގެން އުޅުނު ޒުވާނެކެވެ. ރުހައިމްގެ ދެލޮލަށް ނުފެންނާނީ އޭނާއަށް ކުރަން ދަތިވެއްޖެ ކޮންމެ ކަމެއް ކުރުމަށް އެހީވަނީ އަރުންއެވެ. އެދެމެދުގައި ގާތް ގުޅުމެއް އުފެދެން މާގިނަ ދުވަހެއް ނުނެގިއެވެ. ކާއިލް މަސައްކަތުގައި ހޭދަކުރާ ގިނަ ވަގުތު އެކަނިވެފައި ހުންނަން ނުޖެހުމުން ރުހައިމްގެ ހިތަށް ހަމަޖެހުން ލިބުނެވެ. ދިރިއުޅުމުގެ އެކި ކަންކަމާއި ބެހޭގޮތުން ދެމެދުގައި ވާހަކަ ދެކެވެއެވެ. އަރުންގެ މިޒާޖު ދަސްވަމުން ދިޔަ ވަރަކަށް ގާތް އެކުވެރިކަމަކަށް ފުރުސަތު ހުޅުވެމުންދިޔައެވެ. ހަޔާތުގެ ބައެއް ވާހަކަތައް އޭނާ އަރުންނާ ހިއްސާކުރިއެވެ. އެހެނަސް އެއީ އާންމުކޮށް އޭނާއާ ބެހޭގޮތުން މީހުނަށް އެނގޭ ވާހަކަތެކެވެ. އެހިތުގެ ސިއްރުތައް އެއްވެސް މީހެއް ގާތު ހާމަކުރުން ރުހައިމްއަށް ވަނީ ދަތިކަމަކަށެވެ. އެކަންކަން ހިތުގެ އެންމެ އަޑީގައި ފޮރުވިފައިވީ އެހެންވެއެވެ.

* * * * *

ކައިވެންޏާ ދިމާކޮށް މުސްކާން ޗުއްޓީ ނެގިނަމަވެސް ގޭތެރޭގައި ހުންނަން ވުމުން އޭނާ ވަނީ ފޫހިކަމެއްގެ ތެރޭގައެވެ. ގޭތެރޭގެ މަސައްކަތްތަކުން އަވަދިވުމުން އޭނާ ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. އެނދުގައި އޮތްއިރު މުސްކާންގެ ސިކުނޑީގައިވީ ރުހައިމްގެ ޚިޔާލުތަކެވެ. އާދައިގެ ގޮތަކަށް އޭނާގެ ރަންކިޔުމުގެ ހަފުލާ ނިމިދިޔަސް އެކަމަކާ މުސްކާންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ކައިވެންޏަކީ ކިހިނެއް ހަމަޖެހުނު ކަމެއްކަން އޭނާ ހަނދާން ނައްތައެއްނުލައެވެ. އެހެންނޫނަސް ގިނަ އަންހެންކުދިންނާ ޚިލާފަށް އޭނާ ބޭނުންވީ އެހުރިހައި ކަމެއްވެސް ސާދާގޮތެއްގައި ނިންމައިލުމަށެވެ.

ރަންކިޔުމުގެ ކަންކަން ހަމަޖެހުނީ ރުހައިމްގެ އެޕާރޓްމަންޓްގައެވެ. އެއީ އެތަނަށް މުސްކާން އެންމެ ފުރަތަމަ ދިޔަ ދުވަހެއެވެ. ވަށައިގެން އެތަނުގެ އެކި ދިމާއަށް މުސްކާން ނަޒަރު ހިންގިއެވެ. އެދުވަހު ދެކެވުނު ވާހަކައިގެ ތެރެއިން އެއެޕާރޓްމަންޓްގައި ހުންނަނީ ޖުމުލަ ތިން ކޮޓަރި ކަމުގައި ކާއިލް ވަނީ ބުނެދީފައެވެ. އަދި ރަން ކިޔުމުގެ ކަންކަން ނިމުމުން ކާއިލް ވަނީ މުސްކާންއަށް މުޅި އެޕާރޓްމަންޓް ދައްކައިލައިފައެވެ. ރުހައިމް ގާތުގައި އަރުން އިނީ ހިނިތުންވެލައިގެންނެވެ. ރުހައިމްގެ ހޮވުން އޭނާއަށްވެސް ނުހަނު ކަމުދިޔައެވެ. ޚާއްސަކޮށް މުސްކާންގެ ފުށުން ފެނުނު މަޑުމައިތިރިކަމާއި ހިތްހެޔޮކަންދެކެ އޭނާ ގަޔާވިއެވެ.

ވިސްނުމަކަށް ގެއްލިފައި އޮތް މުސްކާންގެ ތުންފަތް ދެމިލިއެވެ. އެދުވަހުގެ އެކި ހަނދާންތައް އާވުމުންނެވެ. ރުހައިމްގެ ސޫރަ ދެލޯކުރިމަތީގައި ސިފަވެލިއެވެ. ދުވަސްތައް އަވަހަށް ފާއިތުވެދާނެ ނަމައޭ މުސްކާންގެ ހިތަށް އެރިއެވެ. ރުހައިމްގެ ހައްޤަކަށް ވާހިތުން އޭނާއަށް ކެތްވަނީކީ ނޫނެވެ. މުޅި އުމުރުވެސް އޭނާގެ ޚިދުމަތުގައި ހޭދަކޮށްލުމަށް މުސްކާންވަނީ ބޭނުންވެފައެވެ. އެހެނަސް އެއިން ކޮންމެ ވަގުތަކު ރުހައިމްގެ ވާހަކަތައް ހަނދާންވެ މުސްކާން މާޔޫސްވާގޮތްވެއެވެ. ރުހައިމް ލޯބިވަނީ ކޮންކުއްޖެއް ދެކެތޯ އަމިއްލަ ނަފުސާ ސުވާލުކުރެވެއެވެ. އެކުއްޖަކު ހުންނާނެ ގޮތަކާއިމެދު ޚިޔާލުކުރެވެއެވެ. ރުހައިމްގެ ހިތުން އޭނާއަށް ޖާގައެއް ހުސްވެދާނެތޯ ޟަމީރު ކުރެ ތަކުރާރުކޮށް އެހެއެވެ. އެހިތުން އޭނާއަށްޓަކައި ކޮންމެވެސް މަޤާމެއް އުފެދުމަށް އެދެވެއެވެ. ކޮންމެވެސް ދުވަހަކުން އެހިތް ފަތަޙަކުރުމުގެ ހުވަފެން މުސްކާން އައީ ދެކެމުންނެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު ކުރެވެމުންދިޔަ ބޭކާރު ފިކުރުތަކާ ދުރުވެލަމުން މުސްކާން ދެލޯމަރައިލީ ވަރުބަލިވެފައިވީ ވަރުންނެވެ. ހަށިގަނޑަށް ކުޑަ ނަމަވެސް އަރާމެއް ލިބޭތޯއެވެ.

* * * * *

"ހައިމް.. ކޮބާ ތައްޔާރުވެ ނިމިއްޖެތަ؟" ރުހައިމްގެ ކޮޓަރީގައި ޓަކި ޖަހައިލުމަށްފަހު ދޮރުހުޅުވައިލަމުން ކާއިލް އަހައިލިއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިހުރި ރުހައިމްގެ ސޫރައަށް އޭނާއަށް ބަލައިލެވުނީ ހިނިތުންވެލަމުންނެވެ. ކޮއްކޮގެ ފުރިހަމަކަމަށް ހިތާހިތުން ތަޢުރީފު ކޮށްލެވުނެވެ. ހުދުކުލައިގެ އަތްދިގު ގަމީހާއެކު ލައިފައިހުރި ކްރީމް ކުލައިގެ ފަޓުލޫނު ރުހައިމްއާ ނުހަނު ގުޅެއެވެ. އެއީ އެދުވަހަށް ޚާއްސަކޮށް ކާއިލް އޭނާގެ ކޮއްކޮއަށް ހޯދައިދީފައިވާ އަންނައުނެވެ. ގަމީހުގެ އަތް އުޅަނބޮއްޓާއި ހަމައަށް އޮޅައިލައިފައި ހުރިއިރު އެބާރުގަފަ މުލައްދަނޑި ހާމައަށް ފެންނަން ހުއްޓެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ޖެލްލައި ރީތި ގޮތަކަށް ސްޓައިލް ކޮށްފައެވެ. ހިނިއައިސްފައި ރުހައިމް ގާތުގައި އޭނާއަށް ބަލަން އަރުން ހުއްޓެވެ. ހުރިހައި ކަމެއްވެސް ފުރިހަމަވެއްޖެ ކަމުގައި އޭނާ ކާއިލްއަށް ބުނެލީ ރުހައިމްގެ ގަޔަށް ސެންޓްކޮޅެއް ޖަހައިލަމުންނެވެ. ރުހައިމް ގެންގުޅޭ އަސައެއް ފާޑު އެއްޗެއް އޭނާގެ ކަނައަތަށް ދިނުމަށްފަހު އަނެއް އަތުގައި އަރުން ހިފައިލިއެވެ. އަދި ދާން ހިނގާށޭ އޭނާ ބުނެލީ ފުޅާ ހިނިތުންވުމަކާ އެކުއެވެ. އެއާއެކު ކާއިލްވެސް ރުހައިމް ގާތަށް ޖެހިލަމުން ކުރިއަށް ދިއުމަށް އޭނާއަށް އެހީވިއެވެ.

"މުސްކާންއާ އޭނާގެ ބޮޑުބޭބެ މިހާރު އަންނަން އުޅޭނެ.. އިރުކޮޅެއްފަހުން ޣާޒީއާއި ކޯޓުގެ ފަރާތުން އަންނަ މީހުންވެސް ދުރުވާނެ.." ރުހައިމްގެ އަތުގައި ހިފައިލައިގެން ހުރެ ކާއިލް ބުނެލިއެވެ. އަދި އިރުކޮޅެއްފަހުން ރުހައިމްގެ ފުރިހަމަކަމަށް ތަޢުރީފުކޮށްލިއެވެ. އެއާއެކު ލުއި ހުނުމެއް ރުހައިމްގެ އަނގައިން ބޭރުވިއެވެ. ނުތަނަވަސްކަން ފިލުވައިލުމަށް އޭނާ ހިތްވަރުކުރިއެވެ. ކުރެވެމުންދިޔަ ޖެހިލުންވާފަދަ ޚިޔާލުތައް ސިކުނޑިން އެއްފަރާތްކޮށްލިއެވެ. މުސްކާންގެ ނަން ހިތާހިތުން ކިޔައިލަމުން އޭނާ ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންދިޔައެވެ.

ހުދުކުލައިގެ ދޫ ހެދުމާއެކު މަޑު ކްރީމް ކުލައިގެ ޝޯލް މުސްކާން އެޅީ މޭމަތި ނިވައިވާނެފަދަ ގޮތަކަށެވެ. އަމިއްލައަށް ރީތި ސްޓައިލަކަށް ޝޯލްއަޅައި ނިންމައިލަމުން އެންމެ ފަހުފަހަރަށް ލޯގަނޑުން ފެންނަންހުރި އަމިއްލަ ސޫރައަށް އޭނާ ބަލައިލިއެވެ. ލުއި މޭކަޕެއް ކޮށްފައިވާއިރު އެމަޑު ކްރީމް ޝޯލް ތެރެއިން އޭނާގެ މޫނުކޮޅު ފައުޅުވާންހުރީ ހިތްގައިމު ގޮތަކަށެވެ. ހެދުމުގެ މޭމަތިން ފެށިގެން ބަނޑާއި ހަމައަށް ހުދާއި ކްރީމް ކުލައިގެ މިނަލާއި މައު ތަކަކުން ރީތިގޮތަކަށް ޖަރީކޮށްފައި ހުއްޓެވެ. ބަނޑާއި ހަމައިން ފެށިގެން ފުޅާ ތިރިއެއްހެން ހެދުން ހުރިއިރު އެހަށިގަނޑުގެ ބައްޓަންވަނީ ފޮރުވިފައެވެ. ހިތްހަމަޖެހޭވަރު ވުމުން މުސްކާން ދެއަތް ދެއަތާއި މޮޑެލަމުން ކޮޓަރީގެ ދޮރާއި ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. ޓަކިޖަހައިލަމުން މުސްކާންގެ ނަމުން މުހުސިން ގޮވައިލީ އެވަގުތުއެވެ. ހިންދިރުވައިލުމާއެކު ކުދި ފިޔަވަޅުތަކެއްގައި އައިސް މުސްކާން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި އިސްޖެހިފައި ހުއްޓިހުރި މުސްކާންއަށް ބަލައިލުމާއެކު މުހުސިންގެ ދެލޯ ފެންކަޅިވިއެވެ. މިދުވަސްދެކެން މުސްކާންގެ މައިންބަފައިން ދުނިޔޭގައި ތިބިނަމައޭ އޭނާގެ ހިތަށް އެރިއެވެ. ލޯތްބާއެކު މުސްކާންގެ ބޮލުގައި ފިރުމައިލަމުން ކާއިލްގެ ކާރުގައި އޭނާގެ އެކުވެރިއެއް އެމީހުން ބަލައި އައިސް އެބަ ހުރިކަމުގައި މުހުސިން ބުނެލިއެވެ. ގޭތެރެއަށް މުސްކާން ނަޒަރު ހިންގައިލީ ޖެހިލުންވެފައި ހުރެއެވެ. ޒުލޭހާއާއި ލުހާމް ދުށުމަކަށް އޭނާ ނޭދެއެވެ. ލިބިފައިވި ހާސްކަން އެމީހުންގެ ސަބަބުން އިތުރުވާކަށް މުސްކާން ބޭނުމެއްނުވެއެވެ. އެކަން ވިސްނުނު މީހަކު ފަދައިން މުހުސިން ހިނިތުންވެލިއެވެ.

"އެކަކުވެސް ގޭގަ ނޫޅޭ.. ހާސްނުވޭ.." މުސްކާންގެ އަތުގައި ފިރުމައިލަމުން އޯގާތެރި އަޑަކުން މުހުސިން ބުންޏެވެ. ސުވާލު އުފެދުނު ނަމަވެސް އެއްވެސް އެއްޗެއް ބުނާކަށް މުސްކާން ގަސްދެއް ނުކުރިއެވެ. އެއްފަރާތުގައި ހުރި އޭނާގެ ފޮށްޓަށް އިޝާރާތް ކޮށްލުމާއެކު މުހުސިން އަވަސްވެގަތީ އެދިމާއަށެވެ. ފޮށީގައި ހިފަމުން މުސްކާން ގާތުގައި އަވަހަށް ދިއުމަށް މުހުސިން އެދުނެވެ. ބޯޖަހައިލުމާއެކު ހެދުމުގެ ދެފަރާތުގައި ހިފައި ކުޑަކޮށް ހިއްލައިލަމުން މުސްކާން ކޮޓަރިން ނުކުތެވެ.

ގޭ ދޮރު ކުރިމަތީގައި ހުއްޓިހުރި ކާއިލްގެ ލޮލުގައި އެތަނަށް އައިސް މަޑުކޮށްލި ކާރު އަޅައިގަތުމާއެކު އޭނާ އަވަސްވެލީ އެދިމާއަށެވެ. ފަހަތު ދޮރު ހުޅުވައިލުމާއެކު މުސްކާން ފޭބުމަށް އޭނާ އެހީވިއެވެ. އަދި ޑިކީގައި އޮތް ފޮށި ބޭއްވުމަށް ބުނުމަށްފަހު އަވަހަށް އެތެރެއަށް ވަނުމަށް އޭނާ އިޝާރާތް ކޮށްލިއެވެ. މުސްކާން ފަހަތުން ކަހަލަ ގޮތަކަށް މުހުސިންވެސް އެތެރަށް ވަނެވެ. ޣާޒީ އާއި ހެކިވެރިން ވެސް އައީ އެވަގުތުއެވެ. އެމީހުނަށް މަގު ދައްކައިދެމުން އެމީހުން ގޮވައިގެން ކާއިލް ގޭތެރެއަށް ވަދެ ލިފްޓާ ދިމާއަށް މިސްރާބުޖެހިއެވެ.

މުސްކާން ފެނުމާއެކު ރުހައިމްގެ ކަންފަތް ދޮށުގައި އަރުން ދެތިން އެއްޗެއް ބުނެލީ މުސްކާންގެ ޗާލުކަމަށް ތަޢުރީފުކޮށްލަމުންނެވެ. އެއާއެކު ރުހައިމްގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. އެފުރިހަމަކަން ހިތަށް ސިފަކުރެވޭތޯ އޭނާ މަސައްކަތްކުރިއެވެ. ކާމިޔާބު ނުވިއެއްކަމަކު ރުހައިމްގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. ކޮންމެވެސް ދުވަހަކުން އެ ސޫރަ އޭނާއަށް ފެންނާނެކަމުގައި ޟަމީރު ބުނެލީ ހިތުގައިވި އުއްމީދު އައު ކޮށްދެމުންނެވެ.

ރުހައިމްއަށް ބަލައިލުމާއެކު މުސްކާންއަށް ނަޒަރު ވަކިކޮށްލުންވީ ދަތިކަމަކަށެވެ. އެފަދަ ފުރިހަމަކަމެއް އޭނާ އެހެން ތަނަކުން ދުވަހަކުވެސް ނުދެކެއެވެ. އެފިރިހެންވަންތަ ސޫރަ ފެނުމާއެކު މުޅި ގައިން ހީބިހި ހިލިގެންދިޔައީ ހިތަށް ކުރުވި ފޮނި މީރު އިހުސާސުންނެވެ. ދެކޯތާފަތަށް ޖަންބުކުލަ ފާއްދައިލުމާއެކު މުސްކާން އަވަސް އަވަހަށް އިސްޖަހައިލިއެވެ.

ޣާޒީއާ އެކު ކާއިލް އައިސް އެތެރަށް ވަނުމުން މުސްކާންގެ އަތުގައި ހިފައިގެން ގޮސް ރުހައިމްއާ ޖެހިގެން ހުރި ގޮނޑީގައި އިނށީނުމަށް ބުނެލިއެވެ. ހާސްވެފައި އިނދެ މުހުސިން ބުނި ފަދައިން މުސްކާން ކަންތައް ކުރިއެވެ. މުސްކާން ގާތްވެލުމާއެކު ނޭފަތުގައި ޖެހުނު މަޑު މީރުވަހުން ރުހައިމްގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. ދެލޯމަރައިލެވުމާއެކު އެތުންފަތުގައިވި ހިނިތުންވުން ފުންވެލިއެވެ. ލަސްލަހުން ގޭތެރެއަށް މުސްކާންގެ ނަޒަރު ދަތުރުކޮށްލިއެވެ. ކައިވެނި ކޮށްދެން ތައްޔާރުކޮށްފައި ހުރި މޭޒު ހުދުފޮތިން ނިވައިކޮށްފައި ވީއިރު، ކްރީމްކުލައާއި ހުދުކުލައިގެ ބޮޑެތި މާތަކަކުން ފުރައިލައިފައިހުރި ވާރސްއެއް މޭޒުގެ މެދުގައި ބަހައްޓައިފައި ހުއްޓެވެ. ގޭތެރެ ޒީނަތް ތެރިކުރުމުގެ ގޮތުން ވަށައިގެންހުރި ތަނބުތަކުގައިވެސް ކްރީމްކުލައާއި ހުދު ކުލައިގެ މައުތައް ވަށައިގެން އެކި ޑިޒައިންއަށް ހަރުކޮށްފައި ހުއްޓެވެ. މައުނަވީ ގޮތަކަށް ހިނިތުންވެލަމުން މުސްކާން އިސްޖަހައިލީ އެދިމާއަށް އައި ޣާޒީ ފެނިފައެވެ. އޭނާ އެދުނުފަދަ ސާދާކަން އެމުޅި މާޙައުލުން ފައުޅުވީތީ އެކަމާ މުސްކާން އިނީ ހިތްހަމަޖެހިފައެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ކައިވެނީގެ މަޖިލިސްފެށުނެވެ. ޝައުޤުވެރިކަމާއެކު ކައިވެނީގެ ޚުތުބާ އަޑުއަހަމުން މުސްކާނާއި ރުހައިމް ދިޔައެވެ. ހިތަށް އެތައް ހާސް ޖަޒުބާތެއް އަރައިފައިބަމުންދިޔައިރު މުސްކާންގެ ހަށިގަނޑުގައި ވަނީ މަޑު ތުރުތުރެއް އުފެދިފައެވެ. އުނގުމަތީގައި އޮތް ދެއަތް ދެއަތާއި މޮޑެމުން އޭނާ ދިޔައީ ލިބިފައިވި ހާސްކަން ކުޑަވޭތޯއެވެ.

"އަނބި ޤަބޫލު ކޮށްފިން.." އިރުކޮޅެއްފަހުން ރުހައިމްގެ ފިރިހެންވަންތަ އަޑުން ބުނެލި ބަސްތަކާއެކު މުސްކާންގެ ހިތް އޭގެ މަޤާމު ދޫކޮށް އުދުހިގަތް ކަހަލައެވެ. ތުންފަތް ތުރުތުރު އަޅައިލުމާއެކު ފެންކަޅިވެފައިވި ދެލޯ އޭނާ ރުހައިމްގެ މޫނަށް ހުއްޓައިލިއެވެ. އެވަގުތު މޭޒުދަށުން އޭނާގެ ފައިގެ ފަލަމަސްގަނޑު މަތީގައި ރުހައިމް އަތްބާއްވައިލި ކަމުގެ އިހުސާސާއެކު މުސްކާންގެ ގަނޑުފެންކޮޅެއްފަދަ ފިނި އަތްތިލަ ހަރަކާތްކޮށްލިއެވެ. މަޑުމަޑުން ރުހައިމްގެ އަތްތިލައިގައި އޭނާއަށް ހިފައިލެވުނެވެ. އެއާއެކު އޭނާގެ އިނގިލިތަކުގެ ތެރަށް ރުހައިމްގެ އިނގިލިތައް މަހައިލިއެވެ. އެއަތުގައި ހިފައި ރުހައިމް ބާރުކޮށްލީ ނުހަނު ލޯބިވެތި ގޮތަކަށެވެ. ރުހައިމްގެ އެއަމަލުން ދުވަހަކުވެސް މުސްކާން ދޫކޮށްނުލާނަމޭ ބުނާފަދައެވެ. ދިމާވާ ކޮންމެ ކަމެއްގައިވެސް މުސްކާންއާ އެކުގައި ހުރެދޭނަންކަމަށް ވަޢުދުވި ކަހަލައެވެ. އެސްފިޔަތައް ތިރިކޮށްލުމާއެކު އުނގުމަތީގައި މަހައިލެވިފައިވި އޭނާގެ އަތާއި ރުހައިމްގެ އަތަށް މުސްކާންގެ ނަޒަރު ހުއްޓުނެވެ. އެހިނދު ލުއި ހިނިތުންވުމެއް މުސްކާންގެ ފިޔާތޮށި ތުންފަތަށް ވެރިވިއެވެ.

(ނުނިމޭ)

Ads by HDC
  1. ޭސަންމަ

    ހާދަ ލަހޭ މިހާރު ސްޓޯރީ ތައް އަޕް ވާލެއް… ވ ރީތި މި ޕާޓް ވެސް… ނެކްސްޓް ބައި ކޮން ދުވަހަކުން… ވަރަށް ކިޔާ ހިތްވޭ މި ސްޓޯރީ…

  2. ސާޔާ

    ޥެވުނީ ލޮއިތްބޭ މިހާރު އަޕްލޯޑް ނުކުރަނީ ކީއްވެ

  3. shaashaa

    ވަރައް ރީތި ކޮންމެ ދުވަހަކު އަޕްލޯޑު ކޮްއްދީބާ ޕްލީޒް