ލައިފްސްޓައިލް ލުއި ޚަބަރު

އެންމެ ރީތި ޖަމަލު ހޮވުމުގެ މުބާރާތުގައި ބައެއް ޖަމަލު ރީތިކުރަން އިންޖެކްޝަން ޖަހައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެންމެ ރީތި ޖަމަލު ހޮވުމުގެ މުބާރާތުގެ ތެރެއިން

ސައުދީ އަރަބިއްޔާގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ރީތި ޖަމަލު ހޮވުމުގެ މުބާރާތުގައި، ބައެއް ޖަމަލުތައް ރީތިކުރަން އިންޖެކްޝަން ޖެހުމުގެ ކުށުގައި އެތަކެތި މުބާރާތުން ބޭރުކޮށްފިއެވެ.

Ads by MWSC

މުބާރާތުގައި ބައިވެރިކުރި ބައެއް ޖަމަލުތައް ކޮސްމެޓިކް ސާޖަރީ ހަދައިފައިވާކަން ޖަޖުންނަށް ފާހަގަކުރެވުނުއިރު ބައެއް މަސްތައް ބޮޑުކުރުމަށާއި، ބޮލަށާއި ތުންފަތަށް އިންޖެކްޝަން ޖަހައިފައިވާކަމަށް ޖަޖުން ވަނީ ބުނެފައެވެ. ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ)އިން ބުނީ މުބާރާތުގައި ބައިވެރިކުރި 40އަށް ވުރެ ގިނަ ޖަމަލު ބޭރުކޮށްފައިވާ ކަމަށެވެ.

މިމުބާރާތުގައި އެއްވަނަ ހޮވުމުގައި ޖަޖުން ބަލަނީ ޖަމަލުގެ ބައްޓަމަށާއި ބޮލުގެ އިތުރުން ކަރާއި ބަނޑު އަދި ހުންނަ ގޮތުގެ ފުރިހަމަ ކަމަށެވެ. އެއްވަނައަށްދާ ޖަމަލުގެ ވެރިފަރާތަށް 66 މިލިއަން ޔޫއެސް ޑޮލަރުގެ ބޮޑު އިނާމެއް ކޮންމެ އަހަރަކު ވެސް ދެއެވެ.

އެންމެ ރީތި ޖަމަލު ހޮވުމުގެ މުބާރާތުގައި ބައިވެރިކުރި ބައެއް ޖަަމަލުތައް

މިއީ ކޮންމެ އަހަރަކު ވެސް ސައުދީގެ ވެރިރަށް ރިޔާދުގެ އިރު އުތުރުގައި ބާއްވާ މުބާރާތެކެވެ. މިމުބާރާތް އެއް މަސްދުވަހުގެ މުއްދަތަކަށް ދިގު ދެމިގެންދެއެވެ. އެހެން ނަމަވެސް މުބާރާތުގައި ބައިވެރިކުރާ ޖަމަލުތަކަކީ ގުދުރަތީ ގޮތުން ރީތި އެއްޗެއްސަށް ވާން ޖެހެއެވެ. އިންސާނީ ވަސީލަތުން ޖަމަލުތައް ރީތިކުރުން މުބާރާތުގައި ވަނީ މަނާކޮށްފައެވެ.

މިއަހަރު 40އަށް ވުރެ ގިނަ ޖަމަލު މުބާރާތުން ބޭރުކުރިއިރު 2018ވަނަ އަހަރު ވެސް އިންޖެކްޓު ކުރުން ފަދަ ކަންކަމުގެ ސަބަބުން ޖުމްލަ 12 ޖަމަލު ވަނީ މުބާރާތުން ބޭރުކޮށްފައެވެ.

މިމުބާރާތަކީ ސައުދީގެ ޒަމާންވީ ސަގާފަތްތައް ދިރުވައި އާލާކުރުމަށާއި ޖަމަލު ގެންގުޅޭ މީހުންނަށް ހިތްވަރުދޭން ބާއްވާ މުބާރާތެކެވެ. ސައުދީގައި ޖަމަލު ގެންގުޅުން ނުވަތަ ކެމަލް ބްރީޑިންއަކީ މަލްޓި މިލިއަން ޑޮލަރުގެ ސިނާއަތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!