ވާހަކަ

އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"އަނބި ޤަބޫލު ކޮށްފިން.." އިރުކޮޅެއްފަހުން ރުހައިމްގެ ފިރިހެންވަންތަ އަޑުން ބުނެލި ބަސްތަކާއެކު މުސްކާންގެ ހިތް އޭގެ މަޤާމު ދޫކޮށް އުދުހިގަތް ކަހަލައެވެ. ތުންފަތް ތުރުތުރު އަޅައިލުމާއެކު ފެންކަޅިވެފައިވި ދެލޯ އޭނާ ރުހައިމްގެ މޫނަށް ހުއްޓައިލިއެވެ. އެވަގުތު މޭޒުދަށުން އޭނާގެ ފައިގެ ފަލަމަސްގަނޑު މަތީގައި ރުހައިމް އަތްބާއްވައިލި ކަމުގެ އިހުސާސާއެކު މުސްކާންގެ ގަނޑުފެންކޮޅެއްފަދަ ފިނި އަތްތިލަ ހަރަކާތްކޮށްލިއެވެ. މަޑުމަޑުން ރުހައިމްގެ އަތްތިލައިގައި އޭނާއަށް ހިފައިލެވުނެވެ. އެއާއެކު އޭނާގެ އިނގިލިތަކުގެ ތެރަށް ރުހައިމްގެ އިނގިލިތައް މަހައިލިއެވެ. އެއަތުގައި ހިފައި ރުހައިމް ބާރުކޮށްލީ ނުހަނު ލޯބިވެތި ގޮތަކަށެވެ. ރުހައިމްގެ އެއަމަލުން ދުވަހަކުވެސް މުސްކާން ދޫކޮށްނުލާނަމޭ ބުނާފަދައެވެ. ދިމާވާ ކޮންމެ ކަމެއްގައިވެސް މުސްކާންއާ އެކުގައި ހުރެދޭނަންކަމަށް ވަޢުދުވި ކަހަލައެވެ. އެސްފިޔަތައް ތިރިކޮށްލުމާއެކު އުނގުމަތީގައި މަހައިލެވިފައިވި އޭނާގެ އަތާއި ރުހައިމްގެ އަތަށް މުސްކާންގެ ނަޒަރު ހުއްޓުނެވެ. އެހިނދު ލުއި ހިނިތުންވުމެއް މުސްކާންގެ ފިޔާތޮށި ތުންފަތަށް ވެރިވިއެވެ.

Ads by STELCO

ކައިވެނީގެ ވަލީމާއެއްގެ ގޮތުން ގޭގައި ކުޑަ ސައެއް ބޭއްވި ނަމަވެސް އެކަމުގައި ބައިވެރިވީ ކައިވެނިކޮށްދިނުމަށް ކޯޓުން އައި މީހުންގެ އިތުރުން ކާއިލްއާއި މުހުސިނެވެ. ރުހައިމްގެ މާ ގާތް އެކުވެރިންތަކެއް ނުތިބެއެވެ. ދައުވަތު ދީގެން އެއްވެސް ބައަކު ނުގެނައީ އެހެންވެއެވެ. ދުރުގައި ތިބި އާއިލާ މީހުނަށް އެކަން އެންގުން އޭނާއަށް އެއްވެސް މުހިންމު ކަމަށް ނުވީއެވެ. ނަމަވެސް ދޭތެރަކުން މުސްކާންގެ ވާހަކަތަކާމެދު އޭނާއަށް ޚިޔާލު ކުރެވެއެވެ. މައިންބަފައިންނާ މެދު ވިސްނެއެވެ. ކާއިލް ގުޅައިގެން ވާހަކަ ދައްކާ ވަގުތުތަކު އެމީހުނާ ވާހަކަ ދައްކައިލުމަށް ހިތް އެދެއެވެ. އެހެނަސް އެއިން ކަމެއް އޭނާ އެއްވެސް މީހެއްގެ ކުރިމަތީ ފައުޅެއް ނުކުރެއެވެ. ސިކުނޑީގައިވި ޚިޔާލާ އެއްގޮތަށް އަމަލުކުރުމަށް އަދި އޭނާއަށް ވަގުތު ބޭނުންވަނީ ކަމުގައިވެސް ވެދާނެއެވެ. ނޫނީ އަދި އެ ހިތްވަރުކުރަން ޖެހިލުންވަނީއެވެ. މުސްކާން އޭނާގެ ހަޔާތަށް އައުމާއެކު އެތައް ކަމެއް ބަދަލުވެއްޖެއެވެ. ކަތި ފިޔަވަޅެއް އޭނާ އެޅިޔަކަ މުސްކާން ނުދޭނެކަން އެއީ އޭނާއަށް އެނގި ޔަގީންވާ ކަމެކެވެ. މުސްކާންގެ ނަން ހިތަށް އެރުމާއެކު ރުހައިމްގެ ތުންފަތް ދެފަތާރަށް ދެމިލިއެވެ. ހުވަފެނުގައިވެސް އޭނާގެ ކައިވެނި ދުވަހަކު ލޮލުން ނުދެކޭ ކުއްޖަކާއި ކުރަން ޖެހިދާނެކަމަކަށް ރުހައިމް ހިއެއް ނުކުރެއެވެ. ވަގުތާއެކު ހާލަތު ބަދަލުވެ ދިޔައީ ނުހަނު އަވަހަށެވެ. މިއަދު އޭނާ އެހުރީ މީހެއްގެ ފިރިއެއްގެ މަޤާމުގައެވެ. ހިތުގައި އަލަށް ޖެހި ލޯބީގެ ވިންދަށް ފުރަގަސްދޭން އޭނާއަށް މަޖުބޫރުވެފައިވިއެވެ. އެއަންހެންކުއްޖާއާ މެދު ޚިޔާލުކުރުން އެއީ ފާފައެއްކަން ވިސްނި އެކަމާ ދުރަށް ދިއުމަށް ރުހައިމްގެ ޟަމީރު ގޮވައިލިއެވެ. ނަމަވެސް އެއަޑަށް އިޖާބަދިނުން ރުހައިމްއަށް ވަނީ ދަތިވެފައެވެ. ބޭނުން ނުވިއަސް މުސްކާންގެ މަޤާމުގައި އައިޝް ހުރިނަމަ ކޮންފަދަހޭ އޭނާގެ ހިތަށް އަރަނީއެވެ.

ދެފަރާތަށް ބޯހޫރައިލަމުން ރުހައިމް އިސްޖަހައިލިއެވެ. ކުރެވެމުންދިޔަ ޚިޔާލުތައް އެދެލޮލުން ބޭޒާރުވާކަށް އޭނާ ނޭދެއެވެ. މުސްކާންއަށް އޭނާ ވީ ވަޢުދުގައި ދެމިހުރުމަށް ރުހައިމް ބޭނުންވެއެވެ. އޭނާއާ އެކުގައި މުސްކާން ވާން ބޭނުންވާހައި ދުވަހެއްގައި އޭނާ ވާނީ ހަމައެކަނި މުސްކާންގެ ހައްޤަކަށެވެ. އެޙަޔާތުން މުސްކާން ނެރެ ބޭރުކޮށްލުމަކީ ފަހަރެއްގައިވެސް ރުހައިމް ކުރާނެ ކަމެއް ނޫނެވެ. މުސްކާން އެރޭ އެތަނަށް ނައި ނަމަ، އަދި އެވަގުތު އޭނާއަށް އެހީ ނުވިނަމަ މިއަދު އޭނާ ވީހީ ފަސްދަށުގައިކަން ގައިމެވެ. މަދަދުވެރިއެއްގެ ގޮތުގައި އެއަންހެންކުއްޖާ އޭނާގެ ކުރިމައްޗަށް މާތް ރަސްކަލާނގެ ގެނައުމަށް މިންވަރުކުރެއްވީ އޭގެ ފަހަތުގައި ކޮންމެވެސް ސަބަބެއް އޮތީމައިކަން ޔަގީނެވެ. ކޮންމެވެސް ދުވަހަކުން އެސަބަބުވެސް އޭނާއަށް އެނގޭނެއެވެ. ފުންނޭވައެއް ދޫކޮށްލަމުން ރުހައިމް އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލީ އެތަނަށް އައިސް ހުއްޓެމުން ކާއިލް ގޮވައިލި އަޑަށެވެ. ސައިބޯން އައުމަށް ކާއިލް އެދުނެވެ. ބޯޖަހައިލުމުން އޭނާގެ އަތު ހިފައިގެން އައިސް މުސްކާންއާ ޖެހިގެން ހުރި ގޮނޑީގައި ރުހައިމް ބޭނދިއެވެ. އެއާއެކު ކުރިމަތީގައި ހުރި ތަށިން ހެދިކާއެއް ނަގަމުން ރުހައިމްގެ އަނގައާ މުސްކާން ކައިރިކޮށްލިއެވެ. ލަދުގެންފައި ހުރިވަރު އެކުޑަ މޫނުކޮޅުން އެއްވެސް ފޮރުވުމެއްނެތި ފައުޅުވާން ހުއްޓެވެ. ލާނެއްގޮތަކަށް ހިނިއައިސްފައި ހުރެ ކާއިލް އެމަންޒަރުތައް އޭނާ ގެންގުޅުނު ކެމެރާގައި ރައްކައު ކުރަމުން ދިޔައެވެ.

* * * * *

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ލައިގެންހުރި ހެދުން ބަދަލުކޮށް ތާޒާވެލުމަށްފަހު އައިސް އެނދުގައި މުސްކާން އިނށީދެލިއެވެ. ހިތް އަވަސްވެފައި އިންފަދަ ގޮތަކަށް އަނެއްފަރާތުގައި އޮށޯވެގެން އޮތް ރުހައިމްއަށް އޭނާ ބަލައިލިއެވެ. ތުންފަތުގައި ދަތްއަޅައިލުމާއެކު ދެލޯމަރައިލީ އަވަސްވަމުންއައި ހިތުގެ ހިނގުން ހަމައަކަށް އެޅުވޭތޯއެވެ.

ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވާތީ ކާއިލްއާ އަރުންވެސް ނިދަން ކޮޓަރިއަށް ވަނީކަން މުސްކާންއަށް ޔަގީންވިއެވެ. މަޑުމަޑުން ދެލޯ ހުޅުވައިލުމަށްފަހު އެނދުގައި އޭނާގެ ހަށިގަނޑު ދަމައިލިއެވެ. ވަރުބަލިވެފައި ވީ މިންވަރު އޭނާއަށް އިހުސާސު ކުރެވުނީ ދެނެވެ. ހަވީރު ގެއިން ދަމުން މުހުސިން ދެއްކި ވާހަކަތައް ސިކުނޑި ވަށައިލިއެވެ. ކައިވެންޏާ ގުޅުވާ އެކި ނަސޭހަތް މުހުސިން ވަނީ އޭނާއަށް ދީފައެވެ. މިއަދު މުސްކާނަށްޓަކައި އެކަން ކޮށްދެން ހުރި ހަމައެކަނި މީހަކީ އެއީކަން ފަހަރެއްގައިވެސް ބޮޑުބޭބެ ހަނދާން ނުނެތޭކަން އެކަމުން އެކަނިވެސް މުސްކާނަށް ވިސްނުނެވެ.

ކޮޓަރީގެ އެކި ދިމާއަށް މުސްކާންގެ ލޯ ދަތުރުކޮށްލިއެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ބަހައްޓައިފައި ހުރި ފަރުނީޗަރުން އެކަނިވެސް އެތަނުގައި ދިރިއުޅޭ މީހުންގެ ތަނަވަސްކަން ހާމަވާން ހުއްޓެވެ. އެއްފަރާތުގައިހުރި ބިއްލޫރި ދޮރަށް މުސްކާން ބަލައިލިއެވެ. އެތަނުގައި ފުޅާ ބެލްކަންޏެއް ހުންނާނެކަމަށް ރުހައިމް ވަނީ އޭނާ ގާތުގައި ބުނެފައެވެ. މުސްކާންގެ އެއްޗެހި ބަހައްޓާނެ ތަންތަން ރުހައިމް ވަނީ ކުރީބައިގައި އޭނާއަށް އޮޅުންފިލުވައި ދީފައެވެ. ރުހައިމްގެ ކޮންމެ ބަހަކާއި އަމަލެއްގައިވެސްވީ އޯގާތެރިކަމެވެ. އެނާގެ މައްޗަށް ހެޔޮލަފާ ފިރިއަކަށް ރުހައިމް ވާނެކަމާމެދު މުސްކާން ޝައްކެތް ނުކުރެއެވެ. އެޚިޔާލުތައް ސިކުނޑިއަށް ވެރިވުމާއެކު އެއްފަރާތުގައި ދެލޯމަރައިލައިގެން އޮތް އޭނާގެ ލޯބިވާ ފިރިމީހާއަށް މުސްކާން ބަލައިލިއެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު މުސްކާންގެ މޫނު ރަތްވެގެން އައެވެ. ރުހައިމްއަށް އޭނާ ނުފެންނާނެކަން ވިސްނޭއިރުވެސް އެހައި ގާތުގައިވުމުން މުސްކާންއަށް ކުރެވެމުންދިޔައީ މުޅިން ތަފާތު އިހުސާސެކެވެ. އެސްފިޔަޖަހައިލަންވެސް ހަނދާން ނެތިފައި މުސްކާން އޮއްވައި ރުހައިމް އޭނާއަށް ގޮވައިލިއެވެ. ސިހިފައި އަވަސް އަވަހަށް އެހެން ދިމާއަކަށް މުސްކާން މޫނު އަނބުރައިލިއެވެ.

"ނިދީތަ..؟" މުސްކާންއަށް ގޮވައިލަމުން ރުހައިމް އަހައިލިއެވެ. ނޫނެކޭ ބުނަމުން މުސްކާން ދެއަތް ދެއަތާއި މޮޑެންފެށިއެވެ.

"ޚަބަރެއް ނުވީމަ އަހަރެން ހީކުރީ ނިދީކަމަށް.."

"އަހަރެންވެސް ހީކުރީ ރުހައިމް ނިދާފަ ކަމަށް.." ރުހައިމްގެ ވާހަކައާ ވިއްދައި މުސްކާން ބުންޏެވެ. ލުއި ހުނުމެއް ރުހައިމްގެ އަނގައިން ބޭރުވިއެވެ.

"މުސްކާންއަށް އަހަރެންފަދަ މީހަކާއެކު އުފަލުން އުޅެވޭނެތަ؟" ސިކުނޑި ހާސްކުރުވަމުންދިޔަ ސުވާލުތަކު ތެރެއިން ސުވާލެއް ރުހައިމް ކޮށްލިއެވެ. ބަސްހުއްޓިފައި މުސްކާންއަށް އޮވެވުނީ ކުއްލިއަކަށް އެފަދަ ސުވާލެއް ރުހައިމް އެހުމުން ހައިރާންވެފައެވެ.

"އުފަލުން އުޅެވޭނެކަމާމެދު އަހަންނަށް ޝައްކުވާނަމަ އަހަރެން މިކައިވެންޏެއް ނުކުރީހެއްނު.. އަހަރެންނަށް ޔަގީން ހައިމް އަހަރެން ގެންގުޅޭނީ ނުހަނު އުފަލުންކަން.. އަބަދުވެސް އަހަރެންގެ މައްޗަށް އޯގާތެރިވެ ރައްކާތެރިވާނެކަން.. އަހަރެން ހައިމްއަށް އިތުބާރުކުރަން.." ރުހައިމްއާ ވީ ދިމާއަށް އެނބުރިލަމުން މުސްކާން ބުނެލިއެވެ. މުސްކާންގެ އެހަރަކާތް އިހުސާސުވެ ރުހައިމްވެސް އޭނާގެ ހަށިގަނޑު މުސްކާންގެ އަޑުއައި ދިމާއަށް އަނބުރައިލިއެވެ.

"ކެން އައި ޓަޗް ޔޫ.." ހިންދިރުވައިލަމުން ރުހައިމް އަހައިލިއެވެ. މަޑުމަޑު ހޫމްއެއް ލައްވައިލަމުން މުސްކާން ތުންފަތުގައި ދަތްއަޅައިލިއެވެ. އެއްއަތް ކުރިއަށް ރުހައިމް ދަމައިލީ މުސްކާންގެ ހަށިގަނޑުގައި އަތްޖެހޭތޯއެވެ. އެއާއެކު ރުހައިމްގެ އަތުގައި ހިފަމުން އެއަތްތިލަ ގެނެސް އޭނާގެ މޫނުގައި މުސްކާން ޖައްސައިލިއެވެ. ލަސްހަރަކާތަކާއެކު މުސްކާންގެ މޫނުގެ އެކި ދިމަދިމާލުގައި ރުހައިމް އަތް ހިންގައިލިއެވެ. އެމޫނުގެ ކިއްސަރު ދަސްކުރަން ބޭނުންވެފައި އޮތް މީހަކު ފަދައިންނެވެ. ހިތަށް އެސޫރަ ސިފަކުރަން މަސައްކަތް ކުރަމުންނެވެ. ކާމިޔާބު ނުވިނަމަވެހެވެ. މުސްކާންގެ މަޑު ކޯތާފަތުގައި ބޮނޑުވައި އިނގިލީގެ ނުފުށުން ރުހައިމް ފިރުމައިލިއެވެ. ދެލޯމަރައިލަމުން މުސްކާން އިހުނަށްވުރެ ގާތްވެލީ ރުހައިމްގެ ބީހުންތަކަށް މަރުޙަބާ ކިޔަމުންނެވެ.

"އަހަރެން ހިތަށް އަރާ އަހަންނަށް މުސްކާން ފެންނާނެ ނަމައޭ..." އެގޮތުގައި އޮވެ ރުހައިމް ބުނެލިއެވެ. ބަހެއް ނުބުނިއެއްކަމަކު މުސްކާން ހިނިތުންވެލިއެވެ.

"އެނގޭތަ؟ މިއަދު މުސްކާން އައި ވަގުތު އަރުން ބުނި މުސްކާން ވަރަށް ރީއްޗޭ.. އަހަންނާ ވަރަށް ގުޅެއޭ.. ދެމީހުންގެ ޖޯޑު ނުހަނު ހިތްގައިމޭ.. ދުވަހަކުވެސް ތިފަދަ ފުރިހަމަކަމަކާ މައުސޫމުކަމެއް އޭނާ ނުދެކެމޭ.. އެވަގުތު އަހަރެން ހިތަށްއެރި އެންމެ ފަހަރަކު ނަމަވެސް އަހަންނަށް ތި ސޫރަ ފެންނާނެނަމައޭ.. ތިފުރިހަމަކަން ދެކިލުމުގެ ނަސީބު ލިބޭނެ ނަމައޭ.. އެހެންމީހުނާމެދު އަހަރެން ހަސަދަވެރިވަނީއޭ ހީކުރިއަސް އެއްވެސް ޝަކުވާއެއް ނެތް.. އަހަރެންގެ އަލަތު އަނބިމީހާ ދެކިލުމަށް އެދެވުމަކީ އަމިއްލަ އެދުން ބޮޑުވުންކަމުގައި ދެކުނަސް ހެޔޮ... އަހަރެންގެ މިދެލޮލަށް ތިސޫރަ ނުފެނި އެހެންމީހުނަށް ފެންނާތީ އަހަރެންގެ ހިތަށް އަސަރުކުރޭ... މިހިތް ތިސޫރަ ދެކިލުމަށް ބޭޤަރާރުވެފައިވީ އިންތިހާއަށް.. މުސްކާން.. ތިނަން ފިޔަވައި އަހަންނަށް އިތުރު އެއްވެސް އެއްޗެއް ނޭނގެ.. ތިސޫރަ ސިފަވާނެ އެއްވެސް ގޮތެއް ނެތް... މުސްކާން ހުންނަގޮތް އަހަންނަށް ކިޔައިދީބަލަ.. މި އަނދިރިކަމު ތެރެއިންވެސް ތި ސޫރަ ސިފަކޮށްލުމަށް އަހަރެންގެ މި ބަސްނާހާ ހިތް އެދޭ.." ކުޑަ ހުނުމަކާއެކު ރުހައިމް ފައުޅުކޮށްލީ އެހިތުގައި ބުރުޖަހަމުންދިޔަ ޚިޔާލުތަކެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި މުސްކާން އޮތެވެ. ރުހައިމްގެ ވާހަކަތަކުން ހިތަށް އިހުސާސުކުރެވުނު ލަދުވެތިކަން އެމޫނަށް ފާއްދައިލި ރަތްކުލައިން ސާފުކޮށް ފެންނަން ހުއްޓެވެ. އިސްޖަހައިލުމާއެކު އޭނާ ވާހަކަދައްކަން ފެށީ ރުހައިމްއަށް ކިރިޔާ އަޑުއިވޭނެ ވަރަށެވެ. ރުހައިމް އެދުނުފަދައިން އޭނާ ހުންނަގޮތް ކުޑަކޮށް ކިޔައިދިނެވެ. ވާހަކަ ދައްކަމުން ދިޔައިރު ލަދުރަކި ހިނިތުންވުމެއް އޭނާގެ ތުންފަތުގައިވިއެވެ. މުސްކާންގެ ވާހަކަތައް އަޑުއަހަން ރުހައިމް އޮތީ ޝައުޤުވެރިކަމާއެކުއެވެ. މުސްކާން އޭނާ ހުންނަގޮތް ކިޔައިދެމުން ދިޔަވަރަކަށް ރުހައިމްގެ ދެލޯތެރެއިން ސިފަވެގެން އައީ އައިޝްގެ ސޫރައެވެ. ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހެނަސް އެހިތުން ފުރަތަމަ ޖާގަ ހޯދި އެ ނިޔަނެތި އަންހެންކުއްޖާވެސް ހުންނަނީ ދާދި އެއްގޮތަކަށްކަން ގައިމެވެ. އަމިއްލަ މޮޔަކަމާމެދު މަލާމާތްކޮށްލަމުން ރުހައިމް ދެފަރާތަށް ކުޑަކޮށް ބޯހޫރުވައިލިއެވެ. އެއްގޮތަކަށް ކިތައް މީހުން ތިބޭހެއްޔެވެ؟ އައިޝްގެ ސޫރަ އެހިތުގައި ބިންވަޅުނެގިފައިވީލެއް ބޮޑުކަމުން އޭނާއަށް އެހެން ސިފަވީކަން ޔަގީނެވެ. ހިތަށް ވެރިވި މޮޔަޚިޔާލުތަކުން ދުރުވެލަން ރުހައިމް މަސައްކަތްކުރިއެވެ. ނަމަވެސް އެކަން އޭނާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މުސްކާންއާ އައިޝް އަޅައިކިޔުން އޭނާއަށް ހުއްޓައެއް ނުލެވުނެވެ. އުޅެއުޅެ އެ ނޫން ސޫރައެއް ސިފަވާގޮތެއް ނުވިއެވެ. އެންމެފަހުން ހަތިޔާރު ބެހެއްޓުމަށްފަހު ރުހައިމް ދެލޯފިއްތައި ބާރުކޮށްލިއެވެ. މުސްކާންގެ އަތުގައި ހިފައިލަމުން ނިދަން ހިނގާށޭ އޭނާ ބުނެލީ ވަރުބަލި ގޮތަކަށެވެ. އެތައް އިރަކު ވާހަކަދައްކަން ތިބުމަށްފަހު ރުހައިމްގެ އެދުމަށް އެންމެ ފަހުން މުސްކާންވެސް އެއްބަސްވިއެވެ. ރުހައިމްގެ އަތްތިލައަށް ބާރުކޮށްލުމާއެކު ރޭގަނޑުގެ ސަލާމް ކުރަމުން އޭނާވެސް ދެލޯ މަރައިލީ ވަރުބަލިކަން އިހުސާސުކުރެވެމުންދިޔަ ހަށިގަނޑަށް ކުޑަ ނަމަވެސް އަރާމެއް ލިބޭތޯއެވެ.

* * * * *

ބަދިގޭގައި ސައި ހަދަން އުޅުނު މުސްކާންގެ މޫނުމަތީގައިވީ އުޖާލާކަމެވެ. ހިނިތުންވުން އެމަޑު ފިޔާތޮށި ތުންފަތުން ނުފިލައެވެ. އޭނާއަށް ހޭލެވުނީ ފޯނުގެ އެލާރމް އަޑަށެވެ. ތެދުވެ ތާޒާވެލަމުން އޭނާ ރުހައިމްއަށް ގޮވީ ދެމީހުން އެކުގައި ނަމާދުކުރަން ބޭނުންވެފައި ވުމުންނެވެ. މުސްކާންގެ އެހީއާއެކު ވުޟޫކޮށް ހެދުމަށްފަހު ދެމީހުން އެކުގައި ދަމުނަމާދާއި ފަތިސް ނަމާދު ކުރިއެވެ. ނިދިބަރުވެފައި ވުމުން ރުހައިމް ބޭނުންވީ އަލުން ނިދާލާށެވެ. އެހެނަސް އޮށޯވެ އޮތުން މުސްކާންއަށްވީ ދަތިކަމަކަށެވެ. އެގޮތަށް އާދަވެފައި ނެތީމައެވެ. ބުރުގާ އަޅަމުން އޭނާ ބަދިގެއަށް އައީ އެހެންވެއެވެ. ކައިވެންޏަށްފަހު އެގޭގައި އޭނާ ހޭދަކުރާ ފުރަތަމަ ދުވަސްކަމުން ސަޔަށް ތަފާތު އެކި ބާވަތްތައް ތައްޔާރުކުރަން މުސްކާން ހުރީ ހިތުއަޅައިގެނެވެ.

އަނގައިން މަޑު ރާގެއް ކުޅެލަމުން ބަދިގެ ތެރޭގައި އޭނާ ހަރަކާތްތެރިވަމުން ދިޔައެވެ. އެކި ކަބަޑުތައް ހުޅުވަމުން އޭނާ ބޭނުންވާނެ ސާމާނުތައް އެއްކުރަމުން ދިޔައެވެ. އެވަގުތު ގޭގެ ބެލް އަޅައިލިއަޑު އިވި މުސްކާން ކުޑަކޮށް ބޯއަރިކޮށް ބަދިގެ ދޮރުން ބޭރުބަލައިލިއެވެ. ހީވިގޮތެއްކަމަށް ނިންމައި އަލުން މަސައްކަތައް އެނބުރިލި ވަގުތު އަނެއްކާވެސް ބެލް އެޅި އަޑު އިވުނެވެ. މިހައި ހެދުނާ ކާކު ބާއޭ ހިތަށް އެރުމާއެކު ނިތަށް ރޫތައް ޖަމާވެލިއެވެ. ހަޑިވެފައިވި ދެއަތްތިލަ ދޮވެލަމުން މުސްކާން ބަދިގެއިން ނުކުތެވެ. އަދި ދެޚިޔާލެއްގައި ހުރެ އައިސް މަޑުމަޑުން ދޮރުހުޅުވައިލިއެވެ. ދޮރުމަތީގައި ފުޅާ ހިނިތުންވުމަކާއެކު ހުރި ހިމަތޮޅި، ދޮން އަންހެންކުއްޖާ ފެނުމުން އޭނާ ސުވާލުއުފެދޭ ގޮތްވިއެވެ. މުސްކާން ފެނުމުން އެއަންހެންކުއްޖާގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވެލިއެވެ. ކުޑަކޮށް ކޮރައިލަމުން މުސްކާންގެ ފަހަތުން ގޭތެރަށް ނަޒަރު ހިންގައިލިއެވެ. އަދި ފޯނުގައި އޮތް އެޑްރެސްއާއި އެޕާރޓްމަންޓް ނަމްބަރަށް ބަލައިލިއެވެ. އެއާއެކު ސުވާލުގެ ނަޒަރަކުން އަނެއްކާވެސް މުސްކާންގެ މޫނަށް އެކުއްޖާއަށް ބަލައިލެވުނެވެ.

(ނުނިމޭ)

  1. ޭސަންމަ

    ވަރަށް ރީތި މި ޕާޓްވެސް…

  2. ވަރަށް ވަރަށް ރީތި

  3. ރަމް

    ވަރަށް ލޯބި ވާހަކައެއް.. ވަރަށް ކިޔާހިއްވޭ