ޚަބަރު ސިޔާސީ

އިންޑިއާގެ ލަވަތައް ރީތިވެފައި، ބިރިޔާނީ މީރުވުމަކީ އިންޑިއާގެ ފައިދަށަށް ދާން ޖެހޭ ސަބަބެއް ނޫން: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
"އިންޑިއާ އައުުޓް" ޓީޝާޓުގައި ރައީސް ޔާމީން

ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް އިންޑިއާގެ ބިރިޔާނީ މީރު ކަމަށާއި ބޮލީވުޑްގެ ފިލްމްތަކާއި ލަވަތައް ބަލާ ހިތްވާ ކަމަށާއި އެހެން ނަމަވެސް އޭގެ މާނަކީ ދިވެހިން އިންޑިއާގެ ފައިދަށަށް ދާން ޖެހުމެއް ނޫން ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އޮންލައިން ނޫސް، "ދިޔަރެސް"އިން ގެނެސްދިން އިންޓަރވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ ޑޮކްޓަރުން ދޭ ފަރުވާ ރަނގަޅު ކަމަށާއި ނަރުހުންގެ އެހީތެރިކަން ރަނގަޅު ކަމަށާއި އަދި ޓީޗަރުންގެ ޚިދުމަތައް ވެސް ރަނގަޅު ކަމަށެވެ. އަދި އެކަމަށް ފާޑު ނުކިޔާ ކަމަށާއި އެކަންތައްތައް ގޯސްވެގެން އުޅޭ މީހަކު ނޫޅޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި "އިންޑިއާ އައުޓް" ބޭނުން ކުރަމުންދާ މަޤްސަދު ވިދާޅުވެ ދެއްވިއެވެ.

"އިންޑިއާއިން ދޭ ޚިދުމަތްތަކަށް އަޅުގަނޑުމެން ޝުކުރުވެރިވަން. އިންޑިއާ ރައްޔިތުންނާއި އަޅުގަނޑުމެންނާ ދޭތެރޭގައި މައްސަލައެއް އޮތީއެއް ނޫނޭ. އިންޑިއާ އައުޓްގެ މަފްހޫމަކީ އިންޑިއާ އައުޓްއޭ މި ބުނަނީ، މިތަނުގައި އިންޑިއާގެ މިލިޓަރީން ތިބެގެން ނުވާނޭ، މިތާންގައި އިންޑިއާގެ މައްސަލަ، މައްސަލައަކަށް ވެގެން ދިޔައީ، އިންޑިއާގެ މިލިޓަރީ ރާއްޖޭގެ އެކި ހިސާބުގައި ތިބޭތީ، އަދި އެކަމާ ގުޅިގެން ސަރުކާރުން ދޮގު މައުލޫމާތު ރައްޔިތުންނަށް ދެމުން ދިޔައީމަ" ރައީސް ޔާމީން ވިދާޅުވީ ޓީޝާޓުގައި މަޒުމޫނެއް ނުލިޔޭނެ ކަމަށާއި، އިންޑިއާ އައުޓްއޭ ބުނުމުން އެއީ ކޮން މާނައެއްގައި ބުނާ އެއްޗެއްކަން ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވާ، "އިންޑިއާ އައުޓް" ކެންޕެއިން ވަރުގަދަ ކުރެއްވުމުން ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ފާޑުކިޔުން ރައީސް ޔާމީނަށް ވަނީ އަމާޒުވެފައެވެ. މިގޮތުން ސަރުކާރަށް ތާއީދު ކުރައްވާ މީސްމީޑިއާ އެކްޓިވިސްޓުން ގެންދަވަނީ، އިންޑިއާގެ ގާތް ގުޅުމާ ބެހޭ ގޮތުން ރައީސް ޔާމީން މީގެ ކުރިން ދައްކަވައިފައިވާ ވާހަކަތަކުގެ ރިކޯޑިންގް ޝެއަރ ކުރައްވަމުންނެވެ.

ޖަލުން މިނިވަންވެ ވަޑައިގަތުމަށް ފަހު، ދެއްވި ފުރަތަމަ އިންޓަރވިއުގައި ރައީސް ޔާމީން ވަނީ މި ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.

"އިންޑިއާ ރަނގަޅުއިރު، އިންޑިއާ ހަމަ ރަނގަޅޭ ބުނާނީ ދެއްތޯ، އަޅުގަނޑުމެންގެ ޙައްޤުތަކަށް އަރައިގަތީމަ ބުނާނަން ދެއްތޯ 'އިނަސް އިސް އިންފް'އޭ. ދެނެއް ތިކަމެއް ނުވާނޭ. އެއްއިރެއްގައި އެ ވާހަކަ ދައްކައިފައި އޮވެދާނެ. އެއީ އޭރު އެ މައްސަލަ ދިމާވެފައި ނުވާތީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އަވައްޓެރި ޤައުމަކަށް ވާތީ، އިންޑިއާ ކައިރިން ބައެއް ޚިދުމަތްތައް ލިބިގަންނަ ކަމަށެވެ. އެހެން ނަމަވެސް، ވަކިވަކި ފަރުދުންނަށް ލިބޭ ފައިދާތަކަށް ޓަކައި، އެއީ ކިތަންމެ ގިނަ ބަޔަކު ކަމުގައިވީ ނަމަވެސް މުޅި ޤައުމުގެ ޙައްޤު ނިގުޅައި ނުގަނެވޭނެ ކަމަށާއި މިނިވަންކަމާއި އިސްތިޤްލާލު ވިއްކާލުމުގެ ބާރު ރައީސަށް ވެސް ނޯނާންނެ ކަމަށެވެ.

"އަޅުގަނޑުމެން އެމީހުން ކައިރިއަށް ކަންތަކުދާތީ، ނުވަތަ އަޅުގަނޑުމެންނަށް އެ މީހުންގެ ބިރިޔާނީ މީރުވާތީ، ނޫނީ އަޅުގަނޑުމެން އިންޑިއާއިން ގެންނަ ޓީޗަރުންނަށް މުސާރަ ދީގެން، ދަރިވަރުންނަށް އުނގަންނައިދެން ތިބޭތީ، އެއީކީއެއް ސަބަބެއް ނޫން މުޅި ރާއްޖޭގެ ސިޔާސަތު އެމީހުންގެ ފައި ދަށަށް ދާކަށް" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމާ ދެކޮޅުތޯ ބެލުމަށް ވޯޓެއް ނެގުމަށް ގޮވައިލައްވާ ގޮވައިލެއްވުން ތަކުރާރު ކުރައްވައިފައެވެ، މިގޮތުން ވިދާޅުވީ، އިންޑިއާ ސިފައިން މިތާންގައި ތިބެން ރައްޔިތުން ބޭނުން ކަމަށް ވަންޏާ ރައީސް ޔާމީން ގެޔަށް ވަދެވަޑައިގަންނަވާނެ ކަމަށެވެ. އަދި ޑިމޮކްރަސީއަށް ލޯބި ކުރާ ފަރާތްތަކެއް ކަމަށް ސަރުކާރުން ދައުވާ ކުރާއިރު، ރައްޔިތުން މިކަމުގައި ނިންމާ ގޮތަކީ ކޮބައިކަން ބަލަން ކެރެން ޖެހޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ވެސް ސާވޭ ޕޯލެއް ހެދިޔަސް، ކޮންމެ ދިހަ މީހަކުން ނުވަ މީހަކު ބުނާނެ، ތިމަންނަމެން ނޭދެމޭ މިތާންގައި އިންޑިއާގެ އަސްކަރިއްޔާއިން ތިބޭކަށް." ރައީސް ޔާމީން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!