ލައިފްސްޓައިލް ޓެކްނޮލޮޖީ

އެންމެ މަޤްބޫލު ވެބްސައިޓުގެ ލިސްޓުން ގޫގުލް ފަހަތަށްޖައްސައި ޓިކްޓޮކު ކުރީގައި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ޓިކްޓޮކަކީ އެންމެ މަގުބޫލް ވެބްސައިޓް

ވެބް ސެކިއުރިޓީ އަދި ޕާފޯމެންސް ކޮމްޕެނީއެއް ކަމަށްވާ ކްލައުޑްފެއާގެ އެންމެ މަޤްބޫލު ވެބްސައިޓުގެ ލިސްޓުން ގޫގުލް ފަހަތަށް ޖައްސައި ޓިކްޓޮކު, ލިސްޓުގެ އެއްވަނަ ހޯދައިފިއެވެ.

Ads by STELCO

ޓިކްޓޮކަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އެމީހުންގެ ހުނަރުތައް ދެއްކުމަށް ބޭނުންކުރަމުން އަންނަ ޕްލެޓްފޯމެކެވެ. އަދި ހަމަ އެހެންމެ ކުދި ވިޔަފާރި ހިންގާ މީހުން އެމީހުންގެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންކުރާ ޕްލެޓުފޯމަކަށް ވެސް ޓިކްޓޮކް ވަނީ ވެފައެވެ. ފާއިތުވެ ދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޓިކްޓޮކް އޮތީ ލިސްޓުގެ 7-8 ވަނައިގައެވެ.

ކްލައުޑްފެއާގެ މި އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2021ގައި މީހުންގެ މެދުގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ ވެބްސައިޓަކީ ވެސް ޓިކްޓޮކެވެ.

ކްލައުޑްފެއާގެ އަހަރީ ރިވިއު ޕޭޖްގައި ހާމަކޮށްފައިވާ ގޮތުން ފުރަތަމަ ފަހަރަށް މި ލިސްޓުގެ އެއްވަނައަށް ޓިކްޓޮކް އަރައިފައި ވަނީ 17 ފެބްރުއަރީ 2021 ގައެވެ. މީގެ އިތުރުން މާރިޗް އަދި މޭގެ އެކި ދުވަސްމަތިން ޓިކްޓޮކު ވަނީ ތާވަލުގެ އެންމެ ކުރި ހޯދައިފައެވެ. މި ލިސްޓުގެ ކުރިޔަށް ގޫގަލް ގިނަ ދުވަސްތަކުގައި އަޔަސް، އޯގަސްޓް މަހުން ފެށިގެން، އެއްވަނައިގައި އޮތީ ޓިކްޓޮކެވެ.

މި އަހަރުގެ ލިސްޓުގައި ގޫގުލްއަށް ފަހު ދެން ތާވަލުގެ މަތީ ޖާގަތައް ހޯދައިފައި ވަނީ ފޭސްބުކް، މައިކްރޯސޮފްޓު، އެޕަލް، އެމެޒަން، ނެޓްފްލިކްސް، ޔޫޓިއުބު، ޓުވިޓާ އަދި ވަޓްސްއެޕް، މި ތަރުތީބުންނެވެ. ކްލައުޑުފެއާގެ އެންމެ މަތީގެ ވެބްސައިޓުގެ މަގާމުގެ އިތުރުން ފޭސްބުކް ފަހަތަށް ޖައްސައި އެންމެ މަގުބޫލު ސޯޝަލްމީޑިއާ ވެބްސައިޓުގެ މަޤާމު ވެސް ހޯދައިފައި ވަނީ ޓިކްޓޮކެވެ.

ޓިކްޓޮކަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަޤްބޫލު ޕްލެޓުފޯމެކެވެ. ޓިކުޓޮކުގެ ޒަރިއްޔާއިން ރާއްޖޭގައިވާ އެކިކަހަލަ ހުނަރުވެރިން ދެނެގަނެވެއެވެ. މިގޮތުން ޓިކްޓޮކުން މަޝްހޫރުވި ބައެއް ފަންނާނުން މިހާރު ފިލްމީ ދާއިރާގައި ވެސް މަސަތްކަތްކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!