ދެ ޤައުމުގެ ގުޅުން ބަދަހިކޮށް ވަރުގަދަކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބަނގްލަދޭޝްއިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ބޮޑުވަޒީރު ޝައިޚް ޙަސީނާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޝައިޚް ޙަސީނާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި އެކި ދާއިރާތަކުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްއާއި ބޮޑުވަޒީރު ހަސީނާ ވަނީ ދެ ޤައުމުގެ ހަރުދަނާ އެކުވެރިކަމުގެ ގުޅުންތަކުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅުދައްކަވައިފައެވެ.
އަދި ދެ ޤައުމުގެ މެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އެ މަނިކުފާނު މިދިޔަ ނޮވެމްބަރ މަހު ބަނގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރުން ބެހެއްޓެވި ޚާއްސަ މެހުމާނުދާރީއަށް ޓަކައި އެ ކަމަނާއަށް ޝުކުރު އަދާކުރައްވައިފައެވެ. ކޯވިޑް-19އާ ގުޅިގެން ޤައުމު ބިނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިވަޑައިގެންނެވިކަން ހާމަކުރައްވައި ނައިބު ރައީސް ވަނީ އެ ޙާލަތުގައި ބަނގްލަދޭޝްއިން ދިވެހިރާއްޖެއަށް ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޓަކައި ވެސް އެކަމަނާއަށް ޝުކުރު އަދާކުރައްވައިފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ކޮވިޑްގެ ޙާލަތުން އަރައިގަތުމަށް ޓަކައި ވެކްސިން ފޯރުކޮށްދިނުމުގައި ދިވެހި ސަރުކާރުން ގެންގުޅޭ ހަމަހަމަ ސިޔާސަތުގެ މަޢުލޫމާތު އެ ކަމަނާއާ ހިއްސާކުރައްވައިފައެވެ. ބޮޑުވަޒީރު ހަސީނާގެ ވާހަކަފުޅުގައި ވަނީ ދިވެހި ސަރުކާރުން ވެކްސިން ފޯރުކޮށްދިނުމަށް ހިންގި "ކޮވިޑް-19 ދިފާޢު" ކެމްޕޭނުގެ އިތުރުން ޖުމްލަގޮތެއްގައި ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ފިޔަވަޅުތަކަށް ތަޢުރީފުކުރައްވައިފައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައީސް ޞާލިޙްގެ ސަރުކާރުން މީހުން ބިނާކުރުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާކަމުގައި ވިދާޅުވިއެވެ. އަދި ދެޤައުމު ކަނޑުމަގުން ގުޅައިލައި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ފުރުޞަތުތައް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ސަރުކާރުން ފަށްޓަވައިފައިވާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ސަރުކާރުން އެންމެހައި ފަރާތްތަކުގެ ހައްޤުތަކަށް އިޙްތިރާމުކުރާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން ބަދަހިކޮށް ވަރުގަދަކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބަނގްލަދޭޝްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
އަދި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ބޭނުންވާ ސްކޮލަރޝިޕް ފުރުޞަތުތައް ބޭނުންވާ ރޮނގުތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.
މިބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ނައިބު ރައީސް ވަނީ ބަނގްލަދޭޝްގެ އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހޯއްދަވައިފައިވާ ކުރިއެރުން ފާހަގަކުރައްވައި އެ ކަމަނާގެ ޒަޢާމަތުގައި އެ ޤައުމަށް އިތުރު އެދެވޭ ތަރައްޤީ ގެންނަވާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ.