ކުރިން އޮތީ އިންޑިއާ ސިފައިން ބައިތިއްބާގޮތަށް، ސޮއިކުރީ އެބައި ބަދަލުކުރުމަށް ފަހު: ރޮޒައިނާ
އިންޑިއާ ސަރުކާރާ އެކު ގާއިމްކުރި ދިފާއީ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކުލަވައިލި ގޮތަށް ނޫން ކަމަށާއި އެއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް ސަރުކާރަށް ނިސްބަތްވާ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ރާއްޖޭގައި ހިންގާ "އިންޑިއާ އައުޓު" ކެމްޕެއިނާ ގުޅިގެން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުންނާއި ކެބިނެޓު ވަޒީރުން ގެންދަވަނީ މީޑިއާގައި އިންޑިއާ ދިފާއުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މެމްބަރު ރޮޒައިނާ ވިދާޅުވީ މި ސަރުކާރުން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ ކުރީގެ ރައީސް ، ރައީސް ޔާމީންގެ ސަރުކާރުގައި "އިނީޝިއޭޓް" ކުރި އެއްބަސްވުންތަކެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުންތައް މަޖިލީހުގެ 241 ކޮމިޓީގައި ހާމަކުރި ނަމަވެސް އެ ފަދަ އެއްބަސްވުންތަކަކީ މުޅި މަޖިލީހުގައި އާންމުކޮށް ކިޔައިދެވޭނެ ނުވަތަ މަގުމަތީގައި އެންމެންނަށް ފެންނާނެހެއް ދެއްކޭނެ ފަދަ އެއްބަސްވުމެއް ނޫންކަމަށެވެ. ރޮޒައިނާ ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެކުލަވައިލި ނެޝަނަލް ސެކިއުރިޓީ އެއްބަސްވުންތައް ހާމަނުކުރީ ކީއްވެތޯ ސުވާލު އުފައްދައިފައެވެ. އިންޑިއާއާ އެކު މިސަރުކާރުން ސޮއިކުރި އެއްބަސްވުންތަކަށް ބޮޑެތި ބަދަލުތަކެއް ގެނަސްފައިވާކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. އެގޮތުން ކުރިން ހެދިފައި އޮތް އެގްރިމެންޓުތަކަށްވުރެ "އަސަރު ކުޑަ" ކޮށްފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އޭރުގައި މިލިޓަރީ މީހުންނަށް ތިބެވޭނެއޭ ހުރި ތަންތަން ވެއްޖެއްޔާމުން ވެސް ޓެކްނިކަލް މީހުންނަށް އެކަނި އެ ތިބެވެނީ. އެ މިންވަރަށް ވެސް އެގްރިމެންޓުތައް ބަދަލުކޮށްގެން މިހާރު ސޮއިކުރި އެގްރިމެންޓެއްވިއްޔާ ސޮއި މިކުރެވުނީ." ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ މިމޭރުމުން ވާހަކަ ދެއްކެވިއިރު ކުރީ ސަރުކާރުން އިންޑިއާއާ އެކު އުތުރުތިލަފަޅާއި، ހައިޑްރޯގްރަފީ އެއްބަސްވުމުގައި ސޮއިކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ދިފާއީ ގޮތުން ގުޅުން ރަނގަޅު ކުރުމަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކަކާ ގުޅިގެން ކޯޕަރޭޝަން އެކްޝަން ޕްލޭނެއް އެކުލަވައިލިއެވެ. އިންޑިއާގެ ދިފާއުގައި ވާހަކަދައްކަވާ ސަރުކާރުގެ ބޭފުޅުން އެއްބަސްވުމެއްކަމަށް ބުނެ ރިއާޔަތްކު ރައްވަނީ އެ އެކްޝަން ޕްލޭނަށެވެ.
ކުރީ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް އެންމެ ފުރަތަމަ ހުންނެވި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ދެއްކެވި ވާހަކަތަކަކަށް ރޮޒައިނާ އިޝާރާތް ކުރެއްވިއެވެ. އެގޮތުން އިންޑިއާ މިލިޓަރީ ޕްރެސެންސްކަމަށް އިދިކޮޅުން ބުނާ ބުނުމަށް ނާޒިމް ވެސް އެއްބަސްވެވަޑައިނުގަންނަވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އިންޑިއާ މިލިޓަރީއަށް ނިސްބަތްވާ 75 ބޭފުޅުން ރާއްޖޭގައި ތިބިކަމަށް ޑިފެންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެއީ ހަނގުރާމަމަތީ ސިފައިން ނޫންކަމަށާއި އެއީ ޓެކްނިކަލް ބޭފުޅުންކަމަށް ސަރުކާރުން ބުނެއެވެ.
"ހަގީގަތުގައި ދިވެހި ރައްޔިތުންނަކީ އެއްއިރެއްގައި ވެސް ރާއްޖޭގެ ޑިފެންސްގެ އެގްރީމެންޓުތަކާ އެއްޗެހި އޮތްގޮތް ބަލާ އެމަސައްކަތް ކުރާގޮތް ބަލާ މިކަންކަން ބަލަމުންދާ ބައެއް ނޫން. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ކަންތައްތަކަކީ އެއީ ވަކި ލެވެލްއެއްގައި ހިފެހެއްޓިފަ ހުންނަ ކަންތައްތައް." އިންޑިއާ އެއްބަސްވުންތަކާ ގުޅިގެން ރޮޒައިނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ރޮޒައިނާ އިޝާރާތް ކުރެއްވިއިރު މިހާރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަންއަކީ މީގެ ކުރިން އިނގިރޭސިވިލާތުން ޔޫރޮޕިއަން ޔޫނިއަންއާ އެކު ހެދި ވިޔަފާރީގެ އެއްބަސްވުމަކާ ދެކޮޅަށް ނިކުންނަވައި "އީޔޫ އައުޓު"ގެ ނަމުގައި ބޮޑު ކެމްޕެއިނެއް ހިންގެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިޔަންމާގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން އެގައުމުގައި މިހާރު ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. އިރާގުގައި ތިބި އެމެރިކާ ސިފައިން ބޭރުކުރުމަށް އެގައުމުގައި ވެސް މުޒާހަރާތަކެއް ކުރެވުނެވެ.
ރޮޒައިނާ ވިދާޅުވި ގޮތުގައި އިންޑިއާގެ ދިފާއީ އެއްބަސްވުންތައް ހާމަނުކުރަނީ އެކަން ދިވެހި ރައްޔިތުންނަށް ފޮރުވުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އެހެން ނަމަވެސް އެފަދަ ތަކެއްޗަކީ މަގުމައްޗަށް ނެރެގެން ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބޭ ކޮންމެ ބަޔަކަށް ހާމަކުރެވޭނެ ތަކެތިކަމަށް ނުވާތީކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ، ރައީސް ޔާމީން މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ އިންޑިއާއިން ގެންނަ ފިޔަޔާއި އަލުވީގެ އިތުރުން ކާޑުގެ ބާވަތްތައް ވެސް ދިވެހިންނަށް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ރަނގަޅު ނޫނީ އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުންކަމަށެވެ. އެހެންކަމުން އިދިކޮޅުން ގޮވައިލަނީ އެސިފައިން ރާއްޖެއިން ބޭރުކުރުމަށްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޚޮންމެ ނުބައިކަމެއް ކުރަނީ ކުރީ ސަރުކާރުގެ ސަބަބުން ކަމުގައި ބުނުމަކީ ބޮޑު ޖޯކެއް.
އިންޑިއާ ސަރުކާރާ އެކު ގާއިމްކުރި ދިފާއީ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކުލަވައިލި ގޮތަށް ނޫން ކަމަށާއި އެއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވަނީ އިންޑިއާ ސަރުކާރުން އެދުނުގޮތައްކަން ދިވެހި ރައްޔިތުންނަށް ގަބޫލްކުރެވެނީ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމް ބަސްމަގު ހުރިގޮތުންނެވެ .