މަހްމޫދުގެ މަރު: މިއަދަށް ތާވަލުކުރި ޝަރީއަތް ކެންސަލް

އދ.ދަނގެތީގައި ރަޙުމްކުޑަގޮތަކަށް މަރައިލައިފައި އޮއްވައި ފެނުނު މަޙްމޫދު އަބޫބަކުރު މަރައިލިކަމަށް، ޢިއުތިރާފްވެފައިވާ ބަނގްލަދޭޝްގެ، ޝާ އަލޮމް މިއާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީޢަތް މިއަދު ކުރިޔަށްގެންދިޔުމަށް ތާވަލުކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި ޝަރީއަތް ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނު 10:30ގައެވެ. ކްރިމިނަލް ކޯޓުން ވަނީ މި ޝަރީއަތް ކެންސަލްވިކަން އިއުލާންކޮށްފައެވެ.
މަޙްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ، މަޙްމޫދު މަރައިލީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ސާލިމް، ތަހުގީގުގައާއި ކޯޓުގައި ވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި މިކަމުގައި އެހެން މީހަކު ބައިވެރިވެފައި ނުވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މަޙްމޫދުގެ މަރާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ، މަޙްމޫދުގެ ހަށިގަނޑުގައި 30އަށް ވުރެ ގިނަ ޒަހަމްތަށް ހުރި ކަމަށާއި ތަހުގީގަށް މަޙްމޫދުގެ ބައެއް (ޕާސަނަލް) މުދާތައް ވެސް ސާލިމްގެ އަތުން ތަހުގީގަށް ފެނިފައިވާ ކަމަށެވެ.
އަދި މަޙްމޫދާއި ސާލިމް އެ ރޭ ބައްދަލު ކުރުމަށް ފަހު، ބަހުގެ ހަމަލާތައް ދީ ތޫނު އެއްޗަކުން ހަމަލާ ދިންކަން ވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ. އަދި މަޙްމޫދު އެ ރޭ ސާލިމްއާ ބައްދަލުކުރިތާ ފަސް ގަޑިއިރު ފަހުން، ސާލިމް މަޙްމޫދުގެ ހަށިގަނޑު ކޮނޑަށް ލައިގެން ދަނިކޮށް ސީސީޓީވީ ފުޓޭޖަށް ފެނިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.