މެޖިސްޓްރޭޓް އާމިރުގެ މައްސަލަ ދިގުރަށު ކައުންސިލުން ޖޭއެސްސީއަށް ހުށަހަޅައިފި
އދ. ދިގުރަށު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުޙައްމަދު އާމިރުގެ މައްސަލަ، އެ ރަށު ކައުންސިލުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފިއެވެ.
އެނގިފައިވާ ގޮތުގައި މެޖިސްޓްރޭޓް އާމިރުގެ މައްސަލަ ހުށަހަޅައިފައި މި ވަނީ، ދިގުރަށު ކައުންސިލާ ދެކޮޅަށް އެ ރަށުގެ ރައްޔިތަކު ހުށަހެޅި މައްސަލައެއްގެ ޝަރީއަތުގައި، އާމިރު އަމަލު ކުރި ގޮތަކާ ގުޅިގެންނެވެ.
ދިގުރަށުން ގޯތި ދޫކުރުމުގެ އާންމު އުސޫލުގައި، "ގޯއްޗަށް އެދިފައިވާ މީހާ ނުވަތަ އެދިފައިވާ މީހާގެ އަނބިމީހާ / ފިރިމީހާގެ ގޯއްޗެއް ވިއްކައިލައި ނުވަތަ ދިންތާ 10 އަހަރު ނުވާ ނަމަ" 20 ޕޮއިންޓް އުނިކުރަން ހިމެނެއެވެ. އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި އެދިފައި ވަނީ އެއީ ޤާނޫނު އަސާސީއާ ޚިލާފު އުސޭލެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އެ އަމުރު މުރާޖައާ ކުރުމަށް ކައުންސިލުގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވެއެވެ.
މެޖިސްޓްރޭޓް އާމިރުގެ މައްސަލަ ހުށަހެޅުމަށް އެދި ހުށަހަޅައިފައިވާ ފޯމުގައިވާ ގޮތުން ނަމަ، ޝަރީއަތުގެ އަޑުއެހުމަކަށް ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ހާޒިރުކޮށް ޝަރީއަތަށް ހުށަހެޅިފައި ނުވާ ލިޔެކިއުންތަކަކާ ގުޅޭ ގޮތުން މެޖިސްޓްރޭޓް އާމިރު ވަނީ ސުވާލުތަކެއް ކުރައްވައިފައެވެ.
އެ ކައުންސިލުގެ ގާނޫނީ ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި ޝަރީއަތަށް ހުށަހެޅިފައި ނުވާ ލިޔެކިއުންތަކާ ގުޅޭ ގޮތުން މައްސަލައިގެ ފަރާތަކަށް ގާޒީ އެ ގޮތަށް ސުވާލުތައް ކުރެއްވުމަކީ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކުރައްވައިފައިވާ ކަމެކެވެ.