މިއަހަރު ތެރޭ މާލެ ވައިފައިކޮށް ރޯދައިގެ ކުރިން ހުރިހާ މިސްކިތްތަކުގައި ކެމެރާ ހަރުކުރަނީ!

މި ފެށުނު 2022 ވަނަ އަހަރުތެރޭގައި މުޅި މާލޭގައި ހިލޭ ވައިފައި ޤާއިމްކުރުމުގެ މަސައްކަތް ނިންމައިލެވޭނެކަމަށް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވެފައި ވަނީ މީލާދީ އައު އަހަރާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައެވެ.
މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތަކާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް ވައިފައިލުމުގެ މަސައްކަތް ދިރާގު އަދި އުރީދޫއާ އެކު މިހާރު ވެސް ކުރެވެމުންދާ ކަމަށެވެ.
މިމެސެޖުގަައި މުޢިއްޒު ވަނީ ޒަމާނީ ޑިޖިޓަލް ސިޓީއަކަށް މާލެ ހެދުމަށް ޓަކައި ކުރަމުންދާ މަސައްކަތް މި އަހަރުތެރޭ ނިންމައިލެވޭނެކަމަށް ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވެފައި ވަނީ އުންމީދަކީ މުޅިމާލޭގެ މަގުތަކާއި އާންމު މައިޒާންތަކާއި އާންމުތަންތަން ވައިފައި ކުރުން ކަމުގައެވެ.
މީގެ އިތުރުން މޭޔަރު ވިދާޅުވީ ސީސީޓީވީ ނިޒާމަކުން މުޅި މާލެ ގުޅައިލާން ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އަހަރުގެ ރޯދަމަސް އައުމުގެ ކުރިން މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރެވި މިސްކިތްތައް ރަނގަޅަށް މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިގެންދާނޭ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި މެސެޖުގައި މުޢިއްޒު ވަނީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ.