އެފްއެސްއެމް އިން ޕެޓްރޯލް ވިއްކުން ކޮންޓްރޯލްކޮށްފި
ރާއްޖެއަށް ތެޔޮ އެތެރެކޮށް ވިއްކާ އަމިއްލަ ބައެއް ކުންފުނިތަކުން ޕެޓްރޯލް ހުސްވުމާ ގުޅިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން ޕެޓްރޯލް ވިއްކުން ކޮންޓްރޯލް ކޮށްފިއެވެ.
”ދެން”އަށް މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ ޕެޓްރޯލް ވިއްކުން އެ ކުންފުނިން ކޮންޓްރޯލް ކުރި ނަމަވެސް ޑީސެލްގެ އެއްވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށެވެ.
ގަސަމް ވިދާޅުވީ ރާއްޖެއަށް ޕެޓްރޯލްއާއި ޑީސެލް އެތެރެ ކުރަނީ އެސްޓީއޯއާއި އަދި އިތުރު ދެ ތަނަކުން ކަމަށެވެ. އަދި އެސްޓީއޯ ފިޔަވާ ދެން ހުރި ކުންފުނި ތަކުން ޕެޓްރޯލްއާއި ޑީސަލް ރާއްޖެއަށް އެތެރެ ކުރުމުގައި ތެލުގެ ޝޯޓޭޖެއް އުޅޭ ކަމަށް ވިދާޅުވިއެވެ.
“ޑީސަލްގެ އެއްވެސް މައްސަލައެއް ނޫޅޭ. އަކަމަކު ޕެޓްރޯލް މިހާރު ވިއްކަނީ ލިމިޓްކޮށްގެން. ރާއްޖެއަށް ޕެޓްރޯލްއާއި ޑީސެލް އެތެރެ ކުރަނީ އެސްޓީއޯއާއި ދެން އަދި އިތުރު ދެ ތަނަކުން. މިހާރު ވެގެން މިއުޅޭ އެއްޗަކީ އެސްޓީއޯ ފިޔަވައި ދެން ތިބި ކުންފުނި ތަކުން ޕެޓްރޯލްއާއި ޑީސަލް ރާއްޖެއަށް އެތެރެ ކުރުމުގައި ތެލުގެ ޝޯޓޭޖެއް ކުރިމަތިވީ. އެހެންވީމާ ޕެޓްރޯލް ލިމިޓްކޮށްގެން އަޅުގަނޑުމެން މި ވިއްކަނީ” ގަސަމް ވިދާޅުވިއެވެ.
ގަސަމް ވިދާޅުވީ ގާތްގަޑަކަށް ހަތަރު ވަރަކަށް ދުވަސް ތެރޭގައި ތެލުގެ ޝޯޓޭޖުގެ މައްސަލަ ހައްލުވެ ތެޔޮ ވިއްކާ ހުރިހައި ތަނަކުން ވެސް ކޮންޓްރޯލެއް ނެތި ތެޔޮ ވިއްކަން ފަށާނެ ކަމަށެވެ.