މަކަރާއި ހީލަތުން ފައިސާތަކެއް ނެގިކަމުގެ ތުހުމަތުގައި ދެމީހަކު ހޯދަނީ!

މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާތަކެއް ހޯދިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ހޯދަމުންދާ ދެމީހެއްގެ ފޮޓޯ ފުލުހުން މިއަދު އާންމުކޮށްފިއެވެ،
މަކަރާއި ހީލަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހޯދަމުންދަނީ އަންހެނަކާއި ފިރިހެނެކެވެ. މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށް ބުނެ އޮޅުވައިލައިގެން ފައިސާ ނެގިކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދަނީ އދ.މާމިގިލީ އައިޝަތު މާޝާ ޝާހީން 26 އަދި ހއ ހޯރަފުށީ ނައުފަލް އަހުމަދު 33 އެވެ.
މި ދެމީހުންގެ ފޮޓޯ އާންމު ކޮށްފައި ވަނީ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ހަވާލުކުރެވިފައި ނުވާތީއާއި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރަމުން އަންނަ އިޖުރާއަތުގެ ގަވާއިދުގެ ދަށުންކަމުގައި ފުލުހުން ބުނެއެވެ.
މި ދެމީހުންނަށް ވަނީ މި މަހުގެ 13 ވަނަ ދުވަހު ޝަހީދު ހުސެއިން އާދަމް ބިލްޑިންއަށް ހާޒިރުވުމަށް އަންގައިފައެވެ.