ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"މީޓް މައި ވައިފް... މުސްކާން.." ހިނިތުންވުން ފުންވެލުމާއެކު ރުހައިމް ބުނެލީ ފަޚުރުވެރި ރާގަކަށެވެ. އިވުނު ޚަބަރާއެކު އިންތަނުން އޫޝާއަށް ތެދުވެވުނީ ސިހުނު ވަރުންނެވެ. ކުޑަކޮށްވެސް އުއްމީދު ނުކުރާފަދަ ބަސްތަކެއް ރުހައިމްގެ ދުލުން ބޭރުވުމުން ގަބޫލުކުރުން އޭނާ އަށްވީ ދަތިކަމަކަށެވެ. ބުނާނެ އެއްޗެއް ނޭނގި ދުލުގައި ތަޅެއްލެވުމާއެކު ފުރަތަމަ ފަހަރަށް ފުން ނަޒަރަކުން މުސްކާންއަށް އޫޝާ ބަލައިލިއެވެ. ހިތުގައި ހަސަދައިގެ އޮއެވަރެއް އުފެދުމާއެކު އޫޝާއަށް ހިންދިރުވައިލެވުނެވެ.

Ads by STELCO

"ކޮ.. ކޮންއިރަކު ހައިމް މެރީ ކުރީ.." އިވުނު ޚަބަރަކީ ތެދެއްކަމާމެދު ޔަގީންނުވެފައި އިންފަދަ ގޮތަކަށް އޫޝާ އެއްސެވެ. "އިއްޔަ.." ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން އިނދެ ރުހައިމް ޖަވާބުދިނެވެ. އެއާއެކު މުޅި އެތަނަށް ވެރިވީ އުނދަގޫކުރުވާފަދަ ހަމަހިމޭންކަމެކެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އޫޝާ ދުރަށް ނަޒަރު ހުއްޓައިލިއެވެ. ކަރުކެހިލުމާއެކު ހަމަހިމޭންކަން ނަގައިލަމުން ކާއިލް ވާހަކަ ދައްކަން ފެށިއެވެ. އޫޝާއަށް ގޮވައިލަމުން އެމީހުން ތިބިތަނެއް ހޯދަން އެނގުނީ ކިހިނެއްތޯ އޭނާ ސުވާލުކުރިއެވެ. މީހާ ހަމައަކަށް އަޅުވައިލަމުން ކާއިލްއާ ވީދިމާއަށް އޫޝާ އެނބުރުނެވެ.

"އޮސްޓްރޭލިއާއިން ކިޔަވައި ނިންމައިފައި އެނބުރި މެލޭޝިޔާއަށް އައި އިރު ހިއެއްނުކުރަން މިހާ ގިނަ ކަންތައް ބަދަލުވެދާނެ ކަމަކަށް.. އައި ފަހުން އެނގުނީވެސް ތިމީހުން ރާއްޖެ ބަދަލުވެއްޖެކަން.. އެންމެ ފުރަތަމަވެސް ދިޔައީ ތިގެއަށް.. ސާމިއްތަ އަހަރެން ގާތު ހުރިހައި ވާހަކައެއް ބުނީ.. މިގޭގެ އެޑްރެސް ވެސް ދިނީ ސާމިއްތަ.. އަހަރެން މިކޮޅަށް މިއައީ ދުވަސްކޮޅަކަށް.. މިތާ މަތީ ހުންނަ ފަންގިފިލައިން އެޕާރޓްމަންޓެއް ހަމަޖެއްސީ ތިމީހުނާ އެއްކޮށް ގިނަ ވަގުތު ހޭދަކުރަން ބޭނުންވާތީ.. ކިހައި ދުވަހެއް ފަހުން މި ބައްދަލުވީ.. 6 އަހަރު ފާއިތުވެދިޔަ ގޮތްވެސް ނޭނގެ ދޯ.. އެނީވޭސް.. އަހަރެން ހީކުރީ ދުރަށް ދިޔަސް އެކުވެރިކަމުގެ މިގުޅުން ދަމަހައްޓަން ތިދެމީހުން މަސައްކަތް ކުރާނެކަމަށް.. އެކަމަކު.. އަހަރެން ހީކުރިފަދަ ގޮތަކަށް އެއްވެސް ކަމެއް ނުވި.. އެންމެ ފަހުން ހައިމް ވެސް.. އަހަންނަށް އަންގައިވެސްނުލާ... ދިރިއުޅުމެއް ފެށީ.. އަހަރެންމީ އެހައި މުހިންމު މީހަކަށް ނުވި ދޯ.." ސިއްރު ސިއްރުން ރުހައިމްގެ މޫނަށް ބަލައިލަމުން އޫޝާ ތުން އޫކޮށްލިއެވެ. އެހިތުގައި ފުނިޖެހިފައި އެތައް ޝަކުވާއެއް ބަންޑުން ކޮށްލަން އޭނާ އިނީ ބޭނުންވެފައެވެ. ނަމަވެސް މުސްކާންގެ ކުރިމަތީގައި އުފްވެސް ބުނުމަށް އޭނާ ނުކުޅެދިފައި އިންފަދައެވެ. އިރުއިރުކޮޅުން މުސްކާންއަށް އޫޝާގެ ނަޒަރު ދަތުރުކޮށްލައެވެ. އެއަންހެންކުއްޖާގެ ކިބައިން ރުހައިމްއަށް ފެނުނީ ކޮންކަމެއް ބާވައޭ އޭނާގެ ހިތަށް އަރައެވެ. އެއްވެސް ޚާއްސަކަމެއް ލިބިފައިހުރި ކުއްޖެއްގެ ގޮތުގައި އޭނާ އަށް މުސްކާން ސިފައެއް ނުވެއެވެ. އޭނާ ދަންނަ ރުހައިމް އެފަދަ އަންހެންކުއްޖަކަށް ބަލައިވެސް ނުލީހޭ ހިތަށް އެރުމާއެކު އޫޝާއަށް ތުންފިއްތައިލެވުނެވެ. އާއިލީ އެކުވެރިކަމުގެ ސަބަބުން އެމީހުން ދެމެދު ކުޑައިރު އުފެދުނު އެކުވެރިކަން ލޯތްބަށް ބަދަލުވީ ކޮންއިރަކު ކަން ޚުދު އޫޝާއަށްވެސް ނޭނގެއެވެ. ފުރާވަރުގެ ދުވަސްތައް އޭނާ ގުނީ ރުހައިމްގެ ހިޔަނިފަދައިން ގާތުގައި ހުރެއެވެ. ކޮންމެވެސް ދުވަހަކުން އެހަޔާތުން ޖާގައެއް ލިބޭނެ ކަމުގައި ހީކުރެވުނެވެ. ރުހައިމްއަށް ކަމުދާނެހެން ހީވާފަދަ އެތައް ގޮތަކަށް އޭނާގެ ކޮންމެ ކަމެއް ބަދަލުކުރީވެސް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވޭތޯއެވެ. ނަމަވެސް ކުއްލިއަކަށް ލިބުނު ސްކޯލާޝިޕްގައި އޭނާ ފުރައިގެން ދާންޖެހުނީ ދެމެދުގައި އެފަދަ އެއްވެސް ގުޅުމެއް ނުފެށެނީހެވެ. ކުޑަމިނުން ހިތުހެ ހާލު އެދުލުން ބަޔާން ކޮށްލާނެ ފުރުސަތެއްވެސް އޭނާއަށް ނުލިބުނެވެ. ފުރަތަމަ ދުވަސްކޮޅު ގުޅައިގެން ނުވަތަ މެސެޖްކޮށް އޭނާއާއި ރުހައިމްއާ ދެމެދު ވާހަކަ ދެކެވުނެއްކަމަކު މަޑުމަޑުން އެކަންވެސް ހުއްޓުމަކަށް އައީ ވީ ކީއްކަން އޫޝާއަށް އެނގުމެއް ވެސް ނެތިއެވެ. ކިޔެވުމުގައި ބުރަ ދުވަސްކޮޅެއްކަމުން ސަބަބު ހޯދަން އޭނާއަށްވެސް ނޫޅެވުނީއެވެ. އެހެނަސް އޭނާ ހުރީ އެއްކޮށް ކިޔެވުން ނިންމުމަށްފަހު އެނބުރި އައިސް އެހިތުގެ ލޯތްބަށް އިއުތިރާފުވާން ނިންމައިގެނެވެ. ރުހައިމްއަށް ލޯބިހުށައަޅާނެ އެތައް ގޮތެއް އެސިކުނޑީގައި ރޭވިއެވެ. ހީކުރިފަދައިން ދެން އޭނާގެ ހުވަފެންތަކުގައި އެއްވެސް ކުލައެއް ނުޖެހޭނެކަން މި އެނގުނީ މާ ފަހުންނެވެ. އުނގުމަތީގައި އޮތް އަތްތިލަ މުށްކަވައިލެވުމާއެކު އަނެއްކާވެސް މުސްކާންއަށް އޫޝާ ބަލައިލިއެވެ.

"ސޮރީ އޫޝް.. އޭރުގަ ކަންތައް ދިމާވިގޮތުން އެއްވެސް ކަމަކާ އުޅޭނެ ވަގުތެއް ނުވީ.. އެއްގޮތަކަށްވެސް އޫޝް މަތިން ހަނދާންނައްތައިލީކީ ނޫން.." ރުހައިމްއަށް ބަލައިލަމުން ކާއިލް ބުންޏެވެ. ކާއިލްގެ ވާހަކައަށް ތާއީދުކުރަމުން ރުހައިމް ވެސް ބޯޖަހައިލީއެވެ. އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވެފައި ރުހައިމް އިނެވެ. ކުރިންސުރެވެސް އޫޝާގެ ހިތް އޮތްގޮތް އޭނާ އަށް ސިއްރުވެފައެއް ނެތެވެ. ސީދާ ދުލުން ނުބުންޏެއް ކަމަކު އޫޝާގެ އަމަލުތަކުން އެހިތުގެ ހާލު ބަޔާންކުރަން އޭނާ މަސައްކަތްކުރިއެވެ. ވިސްނުނަސް ނޭނގޭކަމަށް ރުހައިމް ހެދުނީ ގަސްދުގައެވެ. އެފަދަ އެއްވެސް އިހުސާސެއް އޭނާގެ ހިތުގައި އޫޝާއާ މެދުގައި ނުވާތީއެވެ. އޮޅުވާލުމެއްގައި ބަހައްޓައި އޭނާގެ ފަރާތުން ނުބައި މެސެޖްތަކެއް އޫޝާއަށް ދޭކަށް ރުހައިމް ނޭދެއެވެ. އޫޝާ އައި ވާހަކަ ކާއިލް ބުނުމުން އޭނާ ނުތަނަވަސް ވީވެސް އެހެންވެއެވެ. މުސްކާންގެ ހިތުގައި އޭނާގެ ސަބަބުން އެއްވެސް ކޫރުމެއް އެޅޭކަށް ރުހައިމް ބޭނުމެއް ނުވެއެވެ. އެހެނަސް އޫޝާގެ އަމަލުތަކުގެ ސަބަބުން މުސްކާންއަށް ނުބައި ގޮތަކަށް ވިސްނިދާނެތީ ރުހައިމް ޖެހިލުންވެއެވެ. ކޮންމެވެސް ވަގުތަކުން މުސްކާންއަށް އެހުރިހައި ވާހަކައެއް ކިޔައި ދިނުމަށް ރުހައިމް ނިންމިއެވެ. ކުރެވޭ ކުޑަ ކުށްހީއެއްގެ ސަބަބުން އެދެމެދުގައި އެއްވެސް މައްސަލައެއް ޖެހޭކަށް ނުރުހެވޭނެއެވެ. ހުރިހައި ކަމަކަށް ވުރެ މުސްކާންގެ އުފައުވެރިކަން އޭނާއަށް މުހިންމެވެ.

ކާއިލްގެ ވާހަކައާ ވިއްދައި އެއްޗެއް ބުނުމެއްނެތި އޫޝާ ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލީއެވެ. ފުޅާ ހިނިތުންވުމަކާއެކު އިންތަނުން ތެދުވަމުން ސައިބޯން އައުމަށް މުސްކާން ބުނެލިއެވެ. ފޫހިކަން ނަފުސަށް ވެރިވިއަސް އެކަން ދައްކާކަށް އޫޝާއަކަށް ނުކެރުނެވެ. އެންމެން ކުރިމަތީގައި ހިތުގެ ގިލަންވެރިކަން އޭނާ ފަރުދާކޮށްލީ ހިނިތުންވުމެއްގެ ފުރަގަހުއެވެ. އިންތަނުން ތެދުވުމަށް ރުހައިމްއަށް މުސްކާން އެހީވިތަންފެނި އޫޝާގެ ދެބުމަ ގޮށްޖެހުނެވެ.

"ހައިމް އެއީ ކުޑަ ކުއްޖެއްނޫން.. އަތު ނުހިފިޔަސް އެކަނި ހިނގާލާފަ ކާކޮޓަރިއަށް ދެވޭނެ.." ކިތަންމެ ހިތްވަރުކުރި ނަމަވެސް އޫޝާއަކަށް ކެތެއް ނުވިއެވެ. ދުލުން ނުކުތް ބަސްތަކާމެދު އޭނާއަށް ވިސްނައިލެވުނީ މާ ފަހުންނެވެ. އޭރު ހައިރާންވެފައި މުސްކާން އޭނާއަށް ބަލަހައްޓައިގެން ހުރީ ލަދުގަނެފައި ހުރިފަދަ ގޮތަކަށެވެ. ދެމީހުނަށް ބަލައިލަމުން ކާއިލް އޫޝާ އާއި މުސްކާން ގާތުގައި ސޯފާގައި އިނށީނުމަށް އެދުނެވެ. ބޯޖަހައިލަމުން މުސްކާން އިނށީނުމާއެކު އޫޝާވެސް އޭނާ ކުރިން އިންތަނުގައި އިނށީނެވެ. ބަހެއްވެސް ނުބުނެ ރުހައިމް އިނީ އޫޝާގެ ރާގު ހުރިގޮތުން ހިތްހަމަނުޖެހިފައެވެ.

ފުންނޭވާއެއް ދޫކޮށްލުމާއެކު ކުޑަ ގޮތަކަށް ރުހައިމްގެ ހާލު އޫޝާއަށް ކާއިލް އޮޅުންފިލުވައިދިނެވެ. އިވުނު ވާހަކަތަކުން ދެލޯބޮޑުވެފައި ދެފަރާތަށް އޫޝާ ބޯހޫރައިލީ ގަބޫލުކުރަން ބޭނުންނުވެފައި އިން ފަދައަކުންނެވެ. ދެލޯ ފެންކަޅިވުމާއެކު ރުހައިމްގެ ފިރިހެންވަންތަ ހިތްގައިމު މޫނަށް އޭނާ ބަލައިލިއެވެ. އަދި އެފަދައިން ކަންތައް ދިމާވީ ކިހިނެއްތޯ ސުވާލުކޮށްލިއެވެ. އެހާދިސާ ހިނގިގޮތް އޫޝާއަށް ކިޔައިދިނީ ކާއިލް އެވެ. ބަހެއްވެސް ނުބުނެ ރުހައިން އިނުމުންނެވެ. އެންމެ ފުރަތަމަ ރުހައިމް އޮތް ހާލުފެނި އޭނާ ހޮސްޕިޓަލަށް ގެނައީ މުސްކާންއޭ ކާއިލް ބުނެލި ވަގުތު އޫޝާގެ ދެލޯ މުސްކާންއަށް އަމާޒުވެލިއެވެ. ހިތުގައި ރުޅިވެރިކަން އުތުރި އަރައިގަތީ ކެތްނުވާ ވަރަށެވެ. ތުންފަތުގައި ދަތްއަޅައިލަމުން އަވަސް އަވަހަށް ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އޭނާ ފުހެލިއެވެ. އަދި މަޑުމަޑުން ރުހައިމްގެ ކިބައިން މަޢާފަށް އެދުނެވެ. ދެންވެސް ބަހެއް ބުނުމެއްނެތި ރުހައިމް ބޯޖަހައިލީއެވެ. އެގޮތް ކަމުނުދިޔަ މީހަކު ފަދައިން އޫޝާ މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

"ބައަކު ރާވައިގެން ކުރި ކަމެއްހެން ހާދަ ހީވެއޭ.." ސީދާ މުސްކާންގެ މޫނަށް ބަލަން އިނދެ އޫޝާ ބުނެލިގޮތުން މުސްކާން އިސްޖަހައިލިއެވެ. އެފަދައިން އެބުނީ އޭނާއަށް އަމާޒުކޮށްފައިހެން މުސްކާންއަށް ހީވީއެވެ. އެދެލޮލުގައިވި ނުރައްކާތެރި ބެލުން އޭނާއަށް ފާހަގަނުވެ ނުދިޔައެވެ.

"އަހަރެން ހީކުރީ އޫޝްއަށް އެނގޭ ކަމަށް.. ސާމިއްތަ ނުބުނޭތަ؟" އޫޝާ ބުނި ޖުމުލަ އަޑު ނީވޭކަމަށް ހަދަމުން ކާއިލް އެއްސެވެ. ކާއިލްގެ ސުވާލަށް އޫޝާ ބޯޖަހައިލިއެވެ. އެއާއެކު އިންތަނުން ތެދުވަމުން ސައިބޯން ހިނގާށޭ ކާއިލް ބުނެލީ އެތަނަށް ވެރިވެފައިވި ނުތަނަވަސްކަން ކަނޑުވައިލުމުގެ ގޮތުންނެވެ. މިފަހަރު އެއްވެސް ސުވާލެއް ކުރުމެއްނެތި ކާއިލްގެ ފަހަތުން އޫޝާ ހިނގައިގަތެވެ. ފިޔަވަޅުގެ އަޑުއަހަން އިނދެފައި ރުހައިމް މުސްކާންގެ ކިބައިން މަޢާފަށް އެދުނެވެ. އޫޝާގެ ހުންނާނީ އަބަދުވެސް ވަރަށް ތަފާތު ވިސްނުމެއް ކަމުގައި އޭނާ ބުންޏެވެ. އޫޝާ ބުނެލާ އެފަދަ ވާހަކަތަކަށް އަޅައިނުލުމަށް ރުހައިމް އެދުނެވެ. އެއްވެސް ކަމެއް ނޫނޭ ބުނެ މުސްކާން ހިނިތުންވުމަކުން ފުއްދައިލިއެވެ. ބުނެދޭން ނޭނގޭފަދަ ނުތަނަވަސް ކަމެއް ހިތުގައި އުފެދިފައި ވިއަސް އެކަން ފައުޅުކުރާކަށް މުސްކާން ބޭނުމެއް ނުވިއެވެ. ކޮންމެވެސް ބޮޑުކަމެއް ވާން އުޅެނީއޭ އޭނާއަށް ހީވަނީ އިންތިހާއަށެވެ. އޫޝާގެ ދެލޮލުގައިވީ ނުރައްކާތެރި އިންޒާރު އޭނާ ދުށްޓެވެ. ފުރަތަމަ ފެނިލުމުންވެސް އޭނާއާ މެދު އޫޝާ ގަޔާނުވާކަން އޭނާއަށް ޔަގީންވެއްޖެއެވެ. ހަށިފުރާ ނޭވާއެއް ލުމާއެކު ފިކުރުތައް އެއްފަރާތް ކޮށްލަމުން ރުހައިމްގެ އަތުގައި ހިފައިގެން މުސްކާން ހިނގައިގަތެވެ.

* * * * *

އެއްފަރާތަށް ކެހެންހުރި ބިއްލޫރި ދޮރު ކަހައިލުމާއެކު ފުޅާ ބެލްކަންޏަށް އޫޝާ ނުކުތެވެ. ވަރުބަލިވެ ނިދާލަން ބޭނުންވެފައި ވިއަސް އޭނާގެ ދެލޮލާއި ނިދިވަނީ ވަކިވެ މާ ދުރަށް ގޮއްސައެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ވަށައިގެން އޭނާ ލޯ ހިންގައިލިއެވެ. ބެލްކަނީގައިހުރި މަޑު އޮރެންޖް އަލި ފިޔަވައި އިތުރު އެއްވެސް އަލިކަމެއް އެހިސާބުގައި ނެތެވެ. އިމާރާތުގެ ވަށައިގެންވި ގޯތިތެރޭގައި އިންދައިފައިހުރި އެކި ވައްތަރުގެ ގަސްތައް ފެންނަމުންދިޔައީ ހިޔަންޏެއް ފަދައިންނެވެ.

ބާރު ގުގުރިއަކާއެކު ވާރޭގެ ތިކިތައް އޮއްސައިގަތީ ކުއްލިއަކަށެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލިއެއް ކަމަކު ނުހަނު އަވަހަށް އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލަމުން ރެއިލިންގްގައި ދެއަތް އަޅުވައިލިއެވެ. ވެހެމުންދިޔަ ވާރޭގެ ތިކިތައް ވަޔާއެކު އެދޮން އޮމާން މޫނުގައި ބޮސްދިނުމަށް ފުރުސަތު ދީގެން އޫޝާ ހުއްޓެވެ. ސިކުނޑީގައިވި ހަލަބޮލިކަން އެކަމުންވެސް ކުޑަވާ ގޮތެއް ނުވިއެވެ. ރުހައިމްއާ މެދުގައި އޭނާއަށް ވިސްނުން ހިންގެމުންދިޔައެވެ. ރޭގަނޑުގެ މިވަގުތު ރުހައިމް ކުރާނީ ކީއްބާވައޭ ހިތަށް އެރުމާއެކު ދެލޯ ކުރިމަތިން މުސްކާންގެ ސޫރަ ސިފަވެލިއެވެ. ދެފަރާތަށް ބޯހޫރައިލަމުން ކަރުބުޑުން ނުރުހުމުގެ އަޑެއް އޫޝާ ލައްވައިލިއެވެ.

"ސާމިއްތަ ވާހަކަ ދައްކައި ނިމެންދެން އަހަންނަށް މަޑުކޮށްލެވުނު ނަމަ.. އެވަގުތު ސާމިއްތަ ބުނަން އުޅުނު ވާހަކަތަކަކީ އެއީ ކަންނޭނގެ.. އެކަމަކު އަވަސް އަރާފަ ހުރިވަރުން އަހަންނަށް އެފުރުސަތު ސާމިއްތައަށް ނުދެވުނީ.. އެހެންނޫންނަމަ އައުމުގެ ކުރިން މިހުރިހައި ކަމެއް އެނގުނީސް.. މިހައި ބޮޑު ޝޮކެއް ނުލިބުނީސް.. އެކަމަކު... ހަގީގަތުގަވެސް ހައިމް އޭނާއާ ކައިވެނިކުރީތަ؟ ދެލޮލަށް އެސޫރަ ނުފެންނަނީސްތަ؟ އެއީ ކާކުކަން ނުވެސް އެނގޭއިރުވެސްތަ؟ އަހަރެން އައީމަ ހައިމް އެހާ އުފާވިހެނެއް ހިއެއްނުވޭ.. މީ ހުސް އެއަންހެނާގެ ޖާދޫކަންނޭނގެ.. އަހަންނަށް ޔަގީން ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޭނާ އެ މަސައްކަތް ކުރަނީ ހައިމްގެ މަޖުބޫރީ ހާލަތުގެ ފައިދާ ނަގަން... އެހެންނޫންނަމަ ލޮލަށް ނުފެންނަ މީހަކާ އިންނަން ހަމައިގަ ހުރެ ނުރުހުނީސް.. ފެންނަހާ މީހަކަށް އިތުބާރުކުރަން ވެދާނެތަ.. އަހަރެން އޭނާގެ މަގުސަދު ހާސިލް ވިޔަކަ ނުދޭނަން.. އާން.. ހައިމްއާ އޭނާއާ ދެމެދު މާ ވަރުގަދަ ގުޅުމެއް ނުއުފެދެނީސް ކޮންމެވެސް ގޮތަކުން އެދެމީހުން ދުރުކުރަން އެބަޖެހޭ.. ހައިމް އޭނާއަށް ވަރަށް އިތުބާރު ކުރާހެން ހީވަނީ.. އަހަރެން ޖެހޭނީ އެ އިތުބާރު ފުނޑުފުނޑުވާ ވަރުގެ ކަމެއް ކުރަން.. ކޮންމެ ގޮތެއްވިއަސް ހެޔޮ.. އަހަރެން ހުއްޓާނީ މިކަން ކާމިޔާބު ކޮށްފަ.. މުސްކާން.. ހައް.. ކަލެއަށް ޖެހޭނީ ހައިމްގެ ދިރިއުޅުމުން ދާން.. އެވެސް.. ނުހަނު ހިތި ގޮތަކަށް.." ސިކުނޑިއަށް ވެރިވަމުންދިޔަ ޚިޔާލުތަކާއެކު ވިހަ ހިނިތުންވުމެއް އޫޝާގެ ތުންފަތުގައި ދުވެލިއެވެ. ވާރޭގެ ކުދިކުދި ތިކިތަކަށް ބަލަން ހުރިއިރު މަޑުމަޑުން އެހިތަށް ހަމަޖެހުން ވެރިވެގެން އައެވެ.

(ނުނިމޭ)

  1. މުސްކާން

    ީހާދަ އަޕް ނުވެޔޭ ދޯ

  2. ގާލް

    ހާދަ ގޯހޭ

  3. ޙަސަނު

    ފަނި އެޅީ ދޯ ވާހަކައިގަ

  4. ދެން ނޫން ކޮން އުޝާއެއްތަ. ވަރަށް ފޫހި

  5. ކިޔުންތެރިޔާ5

    އަދިި ކުރިން ދުވަހެއްގަ މި ވާހަަކައިގެ ފުރަަަތަމަ ބައިން ފެށިގެން މި ކިޔާލީ ސައުވީސް ވަނަ ބަޔާ ހަމައަށް.
    ހާދ ލަހުން މިއެޕިސޯޑް އަޕްވީ. ވާހަކަ އަޕް ކުރަނީ ކޮން ދުވަސްތަކެއްގަތަ؟

  6. ާމަރީ

    ދެން މުސްކާން ގެ ދިރިއުޅުން ހަލާކު ކޮއްލާ ލަސްވެއްޖެ..އަބަދުވެސް މުސްކާނަށް އޮތީ ހިތާމަ ކުރުން އެހެންވެ ކަޑައީ…

  7. Mishya✨

    މި ️️️ ޕާޱްް ވެސް ވަރަށ ރިީތިި ✨
    ނައު ބިޒީ ކަމުން ވާހަކަ ނުލިޔެވެނީީ ކަންނޭންގެެ ✨️️️️️️
    ނެކްްސްޱްް ޕާޱް ތަންކޮޅެއް އަވަސް ކޮށްލަދީބަ ✨
    އައި އެމްް ވެއިޱިން ފޯ ނެކްސްޱް ޕާޱް ✨
    ✨✨✨✨✨✨✨✨✨✨✨✨✨✨✨

  8. ޥަރަށް ރީތި…އެކަމު ވާހަކަ މާ ލަސް ގެނެސް ދޭލެއް..ވަރަށް އަވަހަށް އަނެއްބައި ގެނެސްދޭނެކަމަށް އުންމީދު ކުރަން�

  9. އިށޫ

    މާލަހީ އަޕްވާލެއް.. ތަންކޮޅެއް އަވަހަށް އަނެއްޕާރޓް ގެނެސްދީފިއްޔާ ވ.ރަނގަޅު…،