އިންޑިއާ އައުޓް ކެމްޕޭނާއި ޑްރަގް ވިޔަފާރިއާ ގުޅުވާ ސިއްޕެގެ ބޮޑެތި ތުހުމަތުތަކެއް!

އިދިކޮޅު ޕީޕީއެމްއިން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭނާއި ޑްރަގް ވިޔަފާރިއާ ގުޅުވައި ސަރުކާރުން ވިދާޅުވާ ވާހަކަތައް އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ސިއްޕެ)ވެސް ތަކުރާރުކޮށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައިއިލެކްޝަންގައި ވާދަ ކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕެއިން އިފްތިތާޙް ކުރުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ.
"ހިފާނަން. 100 ކިލޯއިން ޓަނުން ގެނަޔަސް ގެނަޔަސް ހިފާނަން. މަސްތުވާތަކެތީގެ އެ ދޮރު އިރާދަ ކުރެއްވިއްޔާ ބަންދު ކުރާނަން. ޔާމީނަކަށް ދެން އެޖާގައެއް ނުދޭނަން. އޭގެން ވިޔަފާރިކޮށްގެން ލާރި ހޯދާކަށް ޖާގައެއް ނުދޭނަން." ޝިފާޒް ވިދާޅުވިއެވެ.
އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިނަކީ، ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމުގައި އިންޑިއާއިން އެހީތެރިވެދޭތީ، ކުރާ ކަމެއް ކަމަށް މީގެ ކުރިން ވެސް އެމްޑީޕީ މެންބަރުން ތުހުމަތު ކުރެއެވެ.
ސިއްޕެގެ އިތުރުން، މަސްތުވާތަކެތީގެ ވާހަކަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުގައި ވެސް ގެންނެވިއެވެ. މިގޮތުން ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށް އެމްޑީޕީއަށް ދެވޭ ވޯޓަކީ ޑްރަގްއާ ދެކޮޅަށް ދެވޭ ވޯޓެއް ކަމަށެވެ.
"ވޯޓު ދޭންވީ ޑްރަގާ ދެކޮޅަށް، ވަގުވިޔަފާރިއާ ވެސް ދެކޮޅަށް، ދައުލަތުގެ ހަޒާނާއިން މަނީލޯންޑާ ކުރުމާ ވެސް ދެކޮޅަށް، އަދި ބަޣާވާތާވެސް ދެކޮޅަށް" ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރުގައި މީގެ ކުރިން ދުވަހަކު ވެސް އަތުލައިގަނެވުނު ވަރަށް ވުރެ ގިނައިން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އަޅުވެރިކަމާ ދެކޮޅަށް އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިން މިހާރު ވަނީ ފުޅާކޮށްފައެވެ. މިއާ އެކު ސަރުކާރު ހިންގާ ކޯލިޝަނުން ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި އިންޑިއާގެ މިލިޓަރީ ރާއްޖޭގައި ތިބުމާ މެދު މައްސަލައެއް ނެތް ކަމަށް ހާމަކޮށްފައެވެ. ހަމަ އެހެންމެ ، މި ކެމްޕޭނާއި ޑްރަގާ ގުޅުވައި ވެސް ގިނަ ތުހުމަތުތަކެއް އެމްޑީޕީން ކުރެއެވެ. ނަމަވެސް ތުހުމަތު ފިޔަވައި އެކަމުގެ އެއްވެސް ތަފްސީލެއް އެ ޕާޓީއަކުން ނުދެއެވެ.






ކޮމެންޓް