ވޭދަނަތައް އިތުރުވަމުންދާތީ ކޫއްޑޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަނީ
ކޮވިޑުގެ ފައްސި ވޭދަނަތައް އިތުރުވަމުންދާތީ މިބަލިން ރައްކާތެރިވުމުގެ ގޮތުން ކޫއްޑޫގައި ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.
މިފްކޯގެ ދަށުން ހިންގަމުން ގެންދާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ވަނީ ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު މެސެޖުގެ ޒަރިއްޔާއިން މަސްވެރިންނާ ހިއްސާކޮށްފައެވެ. އަދި މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް އެއްބާރުލުން ދިނުމަށް ވެސް އެ މެސެޖުގައި އެދިފައިވެއެވެ.
ކޫއްޑޫގައި އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަސް ކިރުމަށް ކޫއްޑޫ ޖެޓީއަށް ފޭބުމަށް ނުވަތަ ބޯޓަށް އަރަންޖެހޭ ހާލަތުގައި މަސްވެރިން މާސްކު އަޅައިގެން ތިބުމަށް އެދިފައިވެއެވެ. އަދި މަސް ކިރުމަށް ކޫއްޑޫއަށް ފައިބައި ބޯޓަށް އެރޭނީ ކޮންމެ މަސް ދޯންޏަކުން ދެ މީހަކަށް ކަމުގައި ވެސް ބުނެފައިވެއެވެ.
ހަމައެހެންމެ ކޫއްޑޫގައި ހުންނަ ފިހާރައިން ވިޔަފާރި ކުރުމަށް ފިހާރައަށް ވަދެވޭނީ ވެސް އަދި އެރަށުގައި ހުންނަ ވޯކްޝޮޕްގެ ހިދުމަތް ހޯދުމަށް އެތަނަށް ދެވޭނީ ވެސް ކޮންމެ ދޯންޏަކުން އެންމެ މީހަކަށް ކަމުގައި ބުނެފައިވެއެވެ. މީގެ އިތުރުން ކޫއްޑޫގައި ހިންގާ ފިހާރައިން އެއްފަހަރާ އެންމެ ގިނަ ވެގެން ހިދުމަތް ދޭނީ ފަސް މީހުންނަށް ކަމުގައި ވެސް މަސްވެރިންނަށް އަންގައިފައިވެއެވެ.
ކޮވިޑް-19ގެ ހާލަތު މިދިޔަ އަހަރު އެންމެ ގޯސްވި ދުވަސްވަރު ކޫއްޑޫގައި މަސައްކަތް ކުރާ އެތައް ބަޔަކު ކޮވިޑް-19އަށް ފައްސިވުމުގެ ސަބަބުން ވަރަށް ގިނަ ދުވަހު އެރަށް މޮނިޓަރިންގައި ވެސް ބާއްވައިފައިވެއެވެ.