ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

ކޮޓަރީގެ މެދުގައި ދެފަރާތަށް ހިނގަމުންދިޔަ އޫޝާގެ މޫނުގައިވީ ނުރުހުމުގެ އަސަރެވެ. ރުހައިމްގެ ބަސްތައް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައީ ކެތްނުވާ ވަރަށެވެ. އޭނާގެ ކުރިމަތީގައި ރުހައިމް މުސްކާން ދިފާއުކުރިކުރުން އެއްގޮތަކަށްވެސް އޫޝާއަކަށް ކަމަކުނުދިޔައެވެ. ނިތްކުރީގައި ކަނައަތްތިލަ ހިންގައިލުމާއެކު ކަރުބުޑުން ނުރުހުމުގެ އަޑެއް ލައްވައިލަމުން އެނދުމައްޗަށް އޭނާ ވެއްޓިގަތެވެ. ހަދާނެ ގޮތަކާ މެދުގައި ފިކުރުހިންގުމުގައި ވަގުތުކޮޅެއް އޫޝާ އޮތެވެ. އިރުކޮޅެއްފަހުން އެސިކުނޑިއަށް ވެރިވި ޚިޔާލާއެކު ދެލޯވިދައިގަތެވެ. ކުރިން އެކަމާ މެދުގައި އޭނާއަށް ވިސްނައިނުލެވުނީ ކީއްވެތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ. ވިހަ ހިނިތުންވުމެއް ތުންފަތުގައި ކުޅެލުމާއެކު އޮތްތަނުން ތެދުވަމުން އެއްފަރާތުގައި އޮތް ފޯނަށް އޫޝާ ނަޒަރު ސީދާ ކޮށްލިއެވެ. ލަސްލަހުން ފޯނު ނެގުމާއެކު އޭގެން ނަމްބަރެއް ހޯދައިލަމުން ގުޅައިލިއެވެ. ކަންފަތުގައި ފޯނު ޖަހައިލިއިރު އެދެލޮލުން ފައުޅުވަމުންދިޔައީ ކެތްތެރިކަން ކުޑަކަމެވެ.

Ads by Sosun Fihaara

"ޖީން.. އައި ނީޑް ޔޯ ހެލްޕް.." އެކޮޅުން ހަލޯއޭ ބުނެލުމާއެކު ލަހެއްފަހެއްނެތި އޫޝާ ބުންޏެވެ.

އެތައް އިރަކު ފޯނުން ވާހަކަ ދައްކަން އިނުމަށްފަހު ކޯލު ކުރުކޮށްލަމުން ފޯނު ބޭއްވިއިރު، އޫޝާގެ މޫނުމަތީގައިވީ ކާމިޔާބީގެ ކުލަވަރެވެ. އޭނާ ބޭނުންވި ގޮތަށް ހުރިހައިކަމެއްވެސް ރޭވި ނިމިއްޖެއެވެ. އޭނާގެ ރޭވުމާ އެއްގޮތަށް ހުރިހައި ކަމެއް ހިނގައްޖެނަމަ އެހިތުގެ މުރާދު ހާސިލްވާނެކަން ޔަގީނެވެ. ރުހައިމްގެ ހިތް މުސްކާންގެ މައްޗަށް ކިލަނބުވުން އެއީ އޭނާ އެދޭ ގޮތެވެ. ނުލަފާ ގޮތަކަށް ހިނިތުންވެލަމުން އެނދުގައި ހަށިގަނޑު ދަމާލިއެވެ. ހިނދުކޮޅެއް ކުރިން ސިކުނޑިއަށް ލިބިފައިވި ނުތަނަވަސްކަން ވަނީ ފިލައި ގޮސްފައެވެ. ހިތަށް ކުރެވުނު އުނދަގޫ އިހުސާސުތަކުން މިންޖު ވެވުމުން އޫޝާއަށް ލިބިފައިވީ ހިތްހަމަޖެހުމުގައި ލޯމަރައިލެވުނެވެ. ރުހައިމްގެ ފިރިހެންވަންތަ ސޫރަ ސިފަވެލުމާއެކު އެތުންފަތުގައިވި ހިނިތުންވުން ފުޅާވެލިއެވެ. ކޮންމެވެސް ދުވަހަކުން އެ ހިތްގައިމުކަން މިލްކު ކުރާނީ އޭނާއެވެ. ރުހައިމްގެ އެންމެ ގާތުގައި އެ ޙަޔާތުގައި ހިއްސާވާން ހުންނާނީ އޭނާ އެވެ. ލަދުވެތިކަމުގެ ރަތްކުލަ ކޯތާފަތަށް ފާއްދައިލުމާއެކު އަޑު ވީއްލައި އޫޝާއަށް ހީނގަނެވުނެވެ. ދެކެމުންދިޔަ ކުލަ ރީތި ހުވަފެންތަކުގައި އަމިއްލަ ނަފުސު ޣަރަގުވެގެން ދިއުމަށް އޭނާ ދޫކޮށްލީ އެކަމުން ކުރުވަމުންދިޔަ ފޮނި އިހުސާސަކުންނެވެ. ރުހައިމްގެ ނަން ދުލުން ބޭރުވެލުމާއެކު އޭނާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ.

* * * * *

އިރުއޮއްސެން ގާތްވުމުން އިންތަނުން ތެދުވެ ގެއަށް ދާންވީ ވަގުތު ޖެހުނީކަމުގައި މުސްކާން ބުނެލިއެވެ. އޫޝާ ދިއަފަހުން ރުހައިމްއާ އެކުގައި ހިތްހަމަޖެހޭފަދަ ލޯބި ވަގުތުކޮޅެއް ހޭދަކޮށްލެވުމުން ހިތަށް ލިބިފައިވި ހަމަނުޖެހުން މަޑުމަޑުން ނެތިގެންގޮސްފިއެވެ. ހިތްހަމަޖެހުން އެކުޑަ މޫނުކޮޅުން ފައުޅުވާން ހުއްޓެވެ. ރުހައިމް އިން ގޮނޑި އޭނާ އަނބުރައިލީ ޕާރކުން ނުކުތުމުގެ ގޮތުންނެވެ. އެވަގުތު ތަންކޮޅެއް ދުރުގައި އެދެމީހުނަށް ބަލަހައްޓައިގެން ހުރި ލުހާމް ފެނި މުސްކާން ސިހޭގޮތްވިއެވެ. މުސްކާންއަށް އައި އެކުޑަކުޑަ ބަދަލުވެސް ރުހައިމް ދެނެގަތެވެ. ކިހިނެއްވީތޯ އޭނާ އެއްސެވެ. ޖެހިލުންވެފައި ހުރެ އެތަނުގައި ލުހާމް ހުރި ވާހަކަ މުސްކާން ބުންޏެވެ. އަދި އަވަސްއަރުވައިލައިފައި އެތަނުން ދިއުމަށް އުޅެގަތެވެ.

މުސްކާންގެ އަމަލުތައް ހުރިގޮތުން އޭނާ ޖެހިލުންވެއްޖެކަން ލުހާމް ދެނެގަތެވެ. ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު ތުނިތުނިކޮށް ފަޅައިފައިހުރި ތުނބުޅީގައި އޭނާ އަތްކާއްތައިލިއެވެ. ދުއްވާގޮނޑީގައި އިން ފިރިހެންމީހާއާ މެދު ހިތުގައި ސުވާލުއުފެދޭގޮތް ވިއެވެ. އެއީ މުސްކާންގެ ފިރިމީހާއަށް ވެދާނެތޯ ޟަމީރާ ސުވާލުކޮށްލިއެވެ. މަލާމާތުގެ ފާޑަކަށް އޭނާއަށް ހީނގަނެވުނީ ހިތަށް ވެރިވި ޚިޔާލުތަކުންނެވެ. ނުކުޅެދޭ މީހެއް ނޫނީ މުސްކާންއަށް ކައިވެނިކުރަން ނުލިބުނީތޯ ހިތަށް އެރިއެވެ. އޭނާގެ އެދުމުގައި ކޮޅުފައިން ޖަހައިފައިގޮސް ވަކި މުސްކާންއަށްވެސް އުފައުވެރި ދިރިއުޅުމެއް ނުލިބުނުތާއެވެ. އެފަދަ މީހަކާއެކު ހަޔާތް ވޭތުކުރަން ނިންމާނީ ބޮޑު މޮޔައެކެވެ. އެއަށްވުރެ ރަނގަޅު ދިރިއުޅުމެއް ލިބެން އޮއްވައި އެފަދަ ދިރިއުޅުމެއް މުސްކާން ޚިޔާރުކުރުމުން ލުހާމްއަށް ގަބޫލުކުރަން ދަތިވިއެވެ. ދެފަރާތަށް ބޯހޫރައިލަމުން މުސްކާން ގޮސް އެތަނުން ނުކުންނަންދެން ބަލަހައްޓައިގެން ލުހާމް ހުއްޓެވެ. އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ނަޒަރު މުސްކާންއިން ކަސިޔާރުވެ ނުދެއެވެ. އިތުރަށް މުސްކާންގެ ދިރިއުޅުމުގެ ކަންކަން އޮޅުންފިލުވާހިތް ވިއެވެ. ޚިޔާލުތަކަށް ގެއްލިފައި ހުއްޓައި އޭނާ ގާތަށް އައިސް ހުއްޓިލި އަންހެންކުއްޖާ ގޮވައިލުމުން ލުހާމްއަށް ލިބުނީ ސިހުމެކެވެ. މޫނުމަތީގެ އަސަރުތައް ވަގުތުން އޭނާ ބަދަލުކޮށްލިއެވެ. ގާތުގައިހުރި އަންހެންކުއްޖާ އަށް ބަލައިލަމުން ނުހަނު ފިރިހެންވަންތަ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެކުއްޖާގެ އުނުގައި އަތްއަޅުވައިލުމާއެކު އޭނާ މިސްރާބުޖެހީ އެތަނާއި ދާދި ކައިރީގައިހުރި ގެސްޓްހައުސްއަކާ ދިމާއަށެވެ. އޭރުވެސް އޭނާގެ ހިތާއި ސިކުނޑީގައި ރަސްކަން ކުރަމުންދިޔައީ މުސްކާންގެ ހިތްކަތިލާފަދަ އަންހެންވަންތަ ތަސްވީރެވެ. ހިތުގައި އުތުރި އަރައިގަތް އިހުސާސުތަކާއެކު ގާތުގައި ހުރި އަންހެންކުއްޖާ އިތުރަށް އެހަށިގަނޑާލައި އޭނާއަށް ފިއްތައިލެވުނެވެ. މުސްކާން ފެނުމުން އޭނާއަށް އެވާގޮތެއް ބަޔާންކޮށްދެން ޚުދު ލުހާމް އަކަށްވެސް ނޭނގެއެވެ. ބުނެދޭން ނޭނގޭފަދަ ކަރުހިއްކުމަކުން ނަފުސު ތެޅިފޮޅިގަނެއެވެ. މުސްކާންއަށް އިންތިހާއަށް އެދެވެއެވެ. ހިންދިރުވައިލަމުން ލަސްލަހުން މޭގައި ލުހާމް ފިރުމައިލިއެވެ. ހިތަށް ކުރުވަމުންދިޔަ އުނދަގޫ އިހުސާސުތަކުން ހިނދުކޮޅަކަށް ނަމަވެސް ދުރުވެލަން ބޭނުންވެފައި ހުރިކަހަލައެވެ.

"ކޮބާ އޭނަ؟" މުސްކާން ކުރެ ރުހައިމް އަހައިލިއެވެ.

"ނޭނގެ.. ފެންނާކަށް ނެތް.." ފަހަތަށް އަވަސް ނަޒަރެއް ދެމުން މުސްކާން ބުނެލިއެވެ. ލުހާމްގެ އުނދަގުލެއް ނުފޯރާ ސަލާމަތްވުމުން ހިތާހިތުން ހެއްދެވި ފަރާތަށް އޭނާ ޙަމްދުކުރިއެވެ. ހަށިފުރައި ނޭވާއެއް މުސްކާންއަށް ދޫކޮށްލެވުނެވެ. އަވަސްވެފައިވި ހިތުގެ ހިނގުން ހަމައަކަށް އަޅުވައިލަމުން އޭނާ ކޮންމެވެސް ވާހަކައެއް ދައްކަން ފެށީ ރުހައިމް ކަންބޮޑުވެދާނެތީއެވެ.

"ހާސްނުވޭ.. އިރާދަކުރެއްވިއްޔާ އަހަރެން ހުއްޓަ މުސްކާންއަށް އެއްވެސް ގެއްލުމެއް ދޭކަށް ނުކެރޭނެ.." އަމިއްލަ ހާލަތު ކޮންމެ ގޮތަކަށް ހުރި ނަމަވެސް ރުހައިމް މަސައްކަތްކުރީ މުސްކާން ހިތްހަމަޖައްސައި ދޭށެވެ. މަޑުމަޑުން ރުހައިމްގެ ކޮނޑުގައި މުސްކާން ފިރުމައިލީ އޭނާ އެކަން ގަބޫލުކުރާ ކަމުގައި ބުނަމުންނެވެ. މުސްކާންގެ ޖަވާބު އިވިފައި ރުހައިމްގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ.

* * * * *

ދުވަސްތައް ފާއިތުވެ ދާންފެށީ ހީވެސް ނުކުރާހައި އަވަހަށެވެ. ސިކުނޑީގައި ބިންވަޅުނެގިފައިވި ރޭވުމުގައި، ހަގީގީކުލަ ޖެއްސުމުގެ ނިޔަތުގައި ގިނަ ވަގުތު އޫޝާ ހޭދަކުރަނީ ރުހައިމް މެންގެ އެޕާރޓްމަންޓްގައެވެ. ބަހަނާއަކަށް ދައްކަނީ އެކަނި ހުންނަން ވުމުން ފޫހިވާކަމެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި މުސްކާންއާ ދެމެދު ވީ ގުޅުންވެސް ރަނގަޅު ކުރުމަށް އޭނާ އައީ މަސައްކަތް ކުރަމުންނެވެ. ކުރީގައި މުސްކާން އެއީ މުހިންމު މީހެއްކަމަށް ނުހެދިއަސް މަޑުމަޑުން އެކަންވެސް އޭނާ އައީ ބަދަލުކުރަމުންނެވެ. ރުހައިމްއާ ދުރުދުރުން އުޅެމުންދިޔައީ ހަމައެކަނި އެކުވެރިކަން އެދެމެދުގައި ބާއްވަން ބޭނުންވާކަމަށް ބުނަމުންނެވެ. ކުރިން ކަންތައް ކުރެވުނު ގޮތަށް އެންމެންގެ ހާޟިރުގައި މުސްކާންގެ ކިބައިން އޭނާ މަޢާފަށް އެދުނެވެ. އަދި އަލުންބަލުން ހުރިހައިކަމެއް ފަށަން ބޭނުންވާކަން ހާމަކުރިއެވެ. މުސްކާންއާ ރުހައިމްގެ އިތުބާރު ހޯދަން އޭނާ ހުރީ ބޭނުންވެފައެވެ. ރުހައިމްގެ އިތުބާރު އޭނާއަށް ލިބޭނީ މުސްކާންއާ މެދުގައި ހެޔޮކޮށްހިތި ވަރަކަށްކަން އޫޝާ ހަނދާނުގައި ބަހައްޓައެވެ. ގާތް މީހަކު ފަދައިން މުސްކާންއާ މެދުގައި އަމަލުތައް ބަހައްޓަންފެށީ އެހެންވެއެވެ.

އޫޝާގެ ބަދަލުވެފައިވާ މިޒާޖުފެނި މުސްކާންގެ ހިތުގައި ކުރިންވީ ގިލަންވެރިކަން ފުހެވިއްޖެއެވެ. އޫޝާގެ ވާހަކަތައް އޭނާ އަޑުއެހިއެވެ. އަލުން އައު ގުޅުމަކަށް ފުރުސަތުދިނީ ހަގީގަތުގައިވެސް ކުރިން ކުރެވުނު ކަންތަކާމެދު އޫޝާ ދެރަވާކަން ވިސްނުމުންނެވެ. ކޮންމެ މީހަކީވެސް ކުށެއް ކުރެވިދާނެ މީހެކެވެ. ދެވަނަ ފުރުސަތެއް އޫޝާ އަށް ދިނުމަށް މުސްކާން ބޭނުންވީ އެހެންވެއެވެ. މުސްކާންގެ ނިންމުމަށް ދެކޮޅު ނުހެދިއެއްކަމަކު އެހައި ގިނައިން އޫޝާއާ ވާހަކަދައްކައި އެދެމެދުގައިވި ގުޅުން ބަދަހިކުރާކަށް ރުހައިމް ނޫޅެއެވެ. އޭނާގެ ސަމާލުކަން އެހެން އަންހެނަކަށް ދޭން ބޭނުން ނުވާ ފަދައެވެ. ގިނަ ފަހަރު ވާހަކައެއް ދެއްކިއަސް އިސްވެ ދައްކާނީ އޫޝާއެވެ. ކުރުކުރު ޖަވާބުތަކުން ރުހައިމް ފުއްދައިލަނީއެވެ. އެކަމާ ހިތްހަމަނުޖެހުނަސް އެއްޗެއް ބުނާކަށް އޫޝާ ގަސްދެއް ނުކުރިއެވެ. ކެތްތެރިވުން އޭނާއަށް އެހެން ހުރިހައިކަމަކަށްވުރެ މުހިންމެވެ. ފުރުސަތެއްގެ އިންތިޒާރުގައި އޭނާ ހުރިފަދައެވެ.

އެއްމަސްދުވަސް ހޭދަވެގެން ދިޔައީ ނުހަނު އަވަހަށެވެ. ކައިވެންޏާއެކު ނެގި ޗުއްޓީ ނިމުމަކަށް އައުމުން އަލުން އަނބުރައި ޑިއުޓީއަށް ނުކުތުން މުސްކާން އަށްވީ ފޫހި ކަމަކަށެވެ. ރުހައިމްއާ އިރުކޮޅަކަށްވެސް ދުރައްދާން ޖެހުމުން ނޭނގޭ ހުސްކަމެއް ހިތަށް ވެރިވެފައިވިއެވެ. އެވާހަކަތައް ރުހައިމްއާ ހިއްސާކުރުމުން އޭނާ ހަދިޔާކޮށްލީ ހިތް މޮޔަކޮށްލާފަދަ ހިނިތުންވުމެކެވެ. މުސްކާންގެ އިންތިޒާރުގައި އޭނާ އަބަދުވެސް ގޭގައި ހުންނާނަން ކަމުގައި ބުނެލީ ނުހަނު ލޯބިންނެވެ. ރުހައިމްގެ ޖަވާބުން މުސްކާން ރަކިވާގޮތްވިއެވެ. އަމިއްލަ ހިތުގެ މޮޔަކަން ވިސްނި ހިނިއަންނަގޮތްވިއެވެ.

* * * * *

މުސްކާން ޑިއުޓީއަށް ނުކުތްތާ ހަފުތާއެއް ފަހުން ބައްޕަގެ ބޭސްފަރުވާގެ ކަންތައް ނިންމުމަށްފަހު ލޫޔާ ވެސް އެނބުރިއައެވެ. ހީކުރިވަރަށްވުރެ ބޮޑަށް ބައްޕަގެ ހާލު ރަނގަޅުވެފައި ވުމުން ލޫޔާއަށް ލިބިފައިވީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. ލޫޔާ އެނބުރި އައުމާއެކު ޑިއުޓީގައި ހޭދަކުރަމުންދިޔަ ފޫހި ވަގުތުތައް މުސްކާންއަށް ނިމުމަކަށް އައި ކަހަލައެވެ. ދެއެކުވެރިން އެއްތަން ވުމާއެކު އެތައް ވާހަކައެއް ބަދަލުކުރެވިގެން ދިޔައެވެ. އެހެނަސް ޑިއުޓީ ގަޑިއަށްވުމުން ބޭނުން ހުރިހައި ވާހަކައެއް ދެއްކޭ ގޮތެއް ނުވިއެވެ. ޑިއުޓީ ނިންމުމަށްފަހު ކޮންމެސް އެއްވަގުތަކުން ދިމާވުމަށް ދެމީހުން ގަސްދުކުރީ އެހެންވެއެވެ. ހަމަޖެހިގެންތިބެ ވާހަކަ ދެއްކޭފަދަ މާހައުލަކަށް މަސައްކަތުގެ މާހައުލު ނުވެއެވެ.

ޑިއުޓީ ނިމުމާއެކު ގެއަށް ދިއުމަށް ލޫޔާ މިސްރާބުޖެހި ވަގުތު ފަހަތުން ކާއިލް ގޮވައިލި އަޑުއިވިފައި އޭނާގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. ކޮނޑުގައި އަޅުވައިފައިއޮތް އަތްދަބަހުގައި ހިފައި ބާރުކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. އެނބުރިއައި ފަހުން އަދި އޭނާއާ ކާއިލް ބައްދަލެއް ނުވެއެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު މީހާ ފިނިވާގޮތްވީ އެހެންވެއެވެ. ލަސްލަހުން ފަސްއެނބުރި ލޫޔާ ބަލައިލިއެވެ. އޭރު ލައިގެންހުރި ފަޓުލޫނުގެ އެއްޖީބަށް އަތް ޖަހައިލައިގެން ކާއިލް ހުއްޓެވެ. އޭނާގެ ދެލޯވީ ލޫޔާއަށް އަމާޒުވެފައެވެ. އެ ތޫނު ބެލުމުން ލޫޔާ ލަދުގަންނަގޮތް ވިއެވެ. ތުންފަތުގައި މަޑުމަޑުން ދަތްއަޅައިލަމުން އޭނާ އިސްޖަހައިލީއެވެ.

ފިރިހެންވަންތަ ހިނގުމެއްގައި އައިސް ކާއިލް މަޑުކޮށްލީ ލޫޔާ ކުރިމައްޗަށެވެ. ވަށައިގެން އޭނާ ދެލޯ ހިންގައިލީ މުސްކާން ކޮބައިތޯ ބަލައިލުމުގެ ގޮތުންނެވެ. ކާއިލްގެ އެއަމަލު ވިސްނުނު މީހަކު ފަދައިން މުސްކާންވީ ފާޚާނާގައިކަން ލޫޔާ ހާމަކޮށްލިއެވެ. ބޯޖަހައިލުމާއެކު ހިތް އަވަސްވެފައިހުރެ ލޫޔާއަށް ކާއިލް ބަލައިލިއެވެ. އެހައި ދުވަސްފަހުން އެ ރީތި ސޫރަ ފެނުމުން އެހިތް ތެޅިގަތީ ކެތްނުވާ ވަރަށެވެ. ހިންދިރުވައިލަމުން އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލަމުން ކާއިލް ދުރަށް ނަޒަރު ސީދާކޮށްލިއެވެ. ލޫޔާއަށް ބަލަންވެއްޖެނަމަ އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލިދާނެތީ އޭނާ ޖެހިލުންވީއެވެ. ނޭނގި ނަމަވެސް އެފަދަ އަމަލެއް އޭނާގެ ފުށުން ފައުޅުވާކަށް ކާއިލް ނޭދެއެވެ.

"ބައްޕަގެ ހާލު ކިހިނެއް؟" ކަރުކެހިލަމުން ކާއިލް އަހައިލީ ދެމެދަށް ވެރިވެފައިވި ހަމަހިމޭންކަމުން އުނދަގޫވެފައިހުރެއެވެ.

"އަލްޙަމްދުލިﷲ.. ކުރިއަށްވުރެ ވަރަށް ބޮޑުތަން މިހާރު ރަނގަޅު.." އިސްޖަހައިލައިގެން ހުރެ ލޫޔާ ބުންޏެވެ. އޭރު އޭނާގެ އަޑުގައި މަޑުމަޑު ތުރުތުރެއް އުފެދިފައިވިއެވެ. އެހެންޏާ ކާއިލްގެ ފުށުން ނުފެންނަ ގާތްކަމެއް އިހުސާސުކުރެވެން ފެށުމުން ލޫޔާގެ ހިތް އަވަސްވާގޮތް ވިއެވެ. އިސްވެ އެވަރަށްވެސް މީގެ ކުރިން ކާއިލް އޭނާއާ ވާހަކަދައްކާފައެއް ނެތެވެ. ވަށައިގެން ލޫޔާއަށް ދެލޯ ހިންގައިލެވުނީ އެވަގުތު އެހިސާބުގައިވެސް މީހަކު ފެންނަން ނެތުމުންނެވެ. ނަރުހުންގެ ސްޓޭޝަންވެސް ހުރީ ތަންކޮޅެއް ދުރުގައެވެ. އެތަނުގައި ޑިއުޓީއަށް ތިބި ކުދިންވެސް އެވަގުތު ފެންނާކަށް ނެތެވެ. ދެމީހުން އެކަނިވުމުން ލޫޔާއަށް ކުރެވެމުންދިޔަ އިހުސާސުތައް ތަފާތުވެފައި ވިއެވެ.

"ލޫޔާ.. ރަނގަޅުތަ؟" ލޫޔާއަށް މައުނަވީ ގޮތަކަށް ބަލައިލަމުން ކާއިލް އަހައިލީ ކުޑަކޮށް ބޯ އަރިކޮށްލާފައެވެ. އިސްޖަހައިގެން ހުރުމުން އެރީތި މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުތައްވީ ފޮރުވިފައެވެ. ވާހަކަދައްކަން ދަތިވެފައިވުމުން ލޫޔާ ހަމައެކަނި ބޯޖަހައިލީއެވެ. ލޫޔާގެ ލަދުވެތި އަދާތަކުން ކާއިލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ދެފަރާތަށް ބޯހޫރައިލުމާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ކަމަކަށް އަމިއްލަ ނަފުސު ތައްޔާރުކޮށްލި ފަދައެވެ. އިރުކޮޅަކު ހަމަހިމޭންކަމުގައި ހުރުމަށްފަހު ކާއިލް ވާހަކަދައްކަން ފެށީ ނުހަނު ވިސްނައިގެން ހުރެއެވެ.

"އަހަރެން ބޭނުން ލޫޔާއާ ވަކިން ބައްދަލުކޮށްލަން.. މިބުނީ.. މަސައްކަތުގެ މާހައުލުން ދުރުގައި.. ލޫޔާއާ ދައްކާލަން ބޭނުންވާ ވާހަކަތަކެއް އެބަހުރި.. އުނދަގޫކަމަކަށް ނުވާނަމަ، އަހަންނާ ބައްދަލުކޮށްލެވޭނެތަ؟" ސީދާ މައުޟޫއަށް ދިއުން ކާއިލްއަށްވީ ދަތިކަމަކަށެވެ. ކާއިލްގެ ދުލުން ބޭރުވި ބަސްތަކާއެކު ސިހިފައި ލޫޔާއަށް އިސްއުފުލައި ބަލައިލެވުނެވެ. ހަތަރުކަޅި ބައްދަލުވުމާއެކު ކާއިލްގެ ފުން ދެލޮލުގައިވި ޖަޒުބާތުތައްފެނި، ރޯމަހެއް ފަދައިން ލޫޔާގެ ހިތް ތެޅިގަތީ ކުއްލިއަކަށެވެ. ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކަށް އޭނާ ބަސްހުއްޓޭ ގޮތް ވިއެވެ. އެ ފުން ދެލޮލުގެ ޖާދޫގައި ޖެހި ނަފުސު ބެހިގެންދިޔަ ކަހަލައެވެ.

(ނުނިމޭ)

Ads by HDC
  1. ޢާނަ

    ޝުކުރިއްޔަ

  2. ަްއައިސް..

    ސުކުރިއްޔާ… ވާހަކަ އަޕްކޮއްދިނީތީ

  3. ޢަހަ

    ރުހައިމް އާ މުސްކާން ދުރު ނުކުރައްޗޭ. އޭރުން ވަރަށް ދެރަ ވާނެ