ޚަބަރު ސަރުކާރު

ރާއްޖޭގައި ސެޓެލައިޓް ސްކޫލް ރަސްމީކޮށް އިފްތިތާހުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގައި ރަސްމީގޮތުން ސެޓެލައިޓް ސްކޫލް އިފްތިތާޙް ކޮށްފިއެވެ.

Ads by STELCO

މިކަން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. ހޯމަ ދުވަހު ހެނދުނު ހުރަވީ ސްކޫލްގައި މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ސެޓެލައިޓް ސްކޫލް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ މިކަމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމުގައިވާ ޖަޒީރާ ތަރައްޤީއަށް އައު ފެށުމެއް ކަމަށެވެ. ފައިސަލްގެ ވާހަކަފުޅުގައި ސަރުކާރުން ސެޓެލައިޓް ސްކޫލްގެ މަފްހޫމަށް ކިޔަވައިދިނުން ފުރަތަމަ އިފްތިތާހު ކުރި 3 ރަށުގެ ދަރިވަރުންނަށް އެކުދިންގެ އަމިއްލަ ރަށުގައި ތިބެ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު ލިބިގެން އެދިޔައީ ގާތްގަޑަކަށް 12 ވަރަކަށް އަހަރުވަންދެން އެފުރުޞަތު ނުލިބި އޮތުމަށް ފަހުގައިކަން ފާހަގަކުރެއްވިއެވެ.

އަދި މި ލިބުނު ފުރުޞަތާ އެކު މި ރަށްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ ތަޢުލީމީ ދާއިރާ ކުރިއަރުވާ ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވައިލައްވައިފައެވެ.

ސެޓެލައިޓް ސްކޫލް މަފްހޫމަށް ކިޔަވައިދޭން ފެށި ސްކޫލްތަކަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިވަގުތު ނިޒާމީ ތަޢުލީމު ފޯރުކޮށް ދިނުމަށް ސަރުކާރުގެ ސްކޫލެއް ޤާއިމް ވެފައި ނުވާ ރަށްތަކެއް ކަމުގައިވާ ބ. ފެހެންދޫ ވ. ތިނަދޫ އަދި ވ.ރަކީދޫގެ ސްކޫލެވެ. ދިރާސީ އަހަރު 2021-2022ގައި މި ސްކޫލްތަކުގައި ކިޔަވާދިނުމަށް ހަމަޖެހިފައިވަނީ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 8ގެ ނިޔަލަށެވެ. ސެޓެލައިޓް ސްކޫލްތައް ފެށިގެން ދާއިރު މިއިން ކޮންމެ ސްކޫލެއްގައި 2 ޓީޗަރުންނާއި 1 އެޑްމިން އޮފިސަރަކާ، މަސައްކަތު މީހަކު، މަސައްކަތް ކުރާނެއެވެ.

ސެޓެލައިޓް ސްކޫލްތަކުގައި ހައި ސްޕީޑް އިންޓަނެޓް މެދުވެރިކޮށް އޮންލައިންކޮށް ކިޔަވާދިނުން ކުރިޔަށްގެންދާއިރު މި ނިޒާމުގައި ދަރިވަރުން ކިޔެވުމަށް ހާޒިރުވާނީ އެކުދިން އަމިއްލަ ރަށުގެ ސުކޫލަށެވެ. ސެޓެލައިޓް ސުކޫލުތަކަށް ކިޔަވައިދިނުމަށް ޚާއްސަ ކުރެވިފައިވާ ޓީޗަރުން ތިއްބަވާނީ މާލޭގެ ހުރަވީ ސުކޫލުގައި ޤާއިމުކޮށްފައިވާ ސެޓެލައިޓް ހަބް ސެންޓަރުގައެވެ. ކިޔަވައި ދެއްވާ ޓީޗަރުން އެހެން ރަށެއްގައި ތިއްބެވި ނަމަވެސް ފެސިލިޓޭޓަރ ޓީޗަރުން އަބަދުވެސް ދަރިވަރުންނާ އެކު ކްލާސްތަކުގައި މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން މި ދަރިވަރުންނަށް އިތުރު ހަރަކާތްތައް ހިންގުމުގައި ބެލެނިވެރި ސްކޫލްތައް ގޮތުގައި ބ.ގޮއިދޫ ސްކޫލާއި، ވ.ކެޔޮދޫ ސްކޫލް އަދި ވ.އަތޮޅު ތަޢުލީމީ މަރުކަޒު ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ. އަދި މި ބެލެނިވެރި ސުކޫލުން ރާވާ ހިންގާ އިތުރު ހަރަކާތްތަކުގައި ސެޓެލައިޓް ސުކޫލު ދަރިވަރުން، ބެލެނިވެރި ސުކޫލަށް ހާޒިރުވެގެން ބައިވެރިވާނޭ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފައެވެ.

ބެލެނިވެރި ސްކޫލްގެ ޒިންމާތަކުގެ ތެރޭގައި ސެޓެލައިޓް ސްކޫލްގެ މާލީ ކަންކަން ބަލަހައްޓައިދިނުމާއި ސެޓެލައިޓް ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ކުޅިވަރު ހަރާކާތްތަކާއި އެހެނިހެން ހަރާކާތްތައް ރާވައި ހިންގުން ވެސް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!