ނިޤާބުގެ މައްސަލައިގައި ސިއްޕެ އަދާލަތަށް: ހަމަޖެހުން ބިނާ ވާނީ ކާކު އެއީ ކާކުކަން އެނގިގެން
ސްކޫލުތަކުގައި މަސައްކަތް ކުރާ މޫނު ނިޤާބް އަޅައިފައި ތިބޭ ޓީޗަރުންނަށް ހުރަސް ނާޅަން އަދާލަތު ޕާޓީން ގޮވައިލުމުން، އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ސިއްޕެ) ރައްދު ދެއްވައިފިއެވެ.
ނިޤާބު އެޅި ޓީޗަރުންނަށް ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ އަދާލަތު ޕާޓީގެ ރައީސްކަން ކުރައްވަމުން ގެންދަވާ، މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެޑިއުކޭޝަނަށް އިއްޔެ ސިޓީއެއް ފޮނުއްވައިފައެވެ. ކަންބޮޑުވުން ފާޅު ކުރައްވަމުން އަދާލަތުން ވިދާޅުވީ، ތުއްތު ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ މޫޏު ފެނުމަކީ މުހިންމު ކަމެއް ކަމަށްވާ ނަމަ، އެކަމަށް އެކަށީގެން މާހައުލެއް ޓީޗަރުންނަށް ޤާއިމްކޮށްދެން ޖެހޭ ކަމަށެވެ. އަދި އެފަދަ މާހައުލެއް ޤާއިމް ނުކޮށް، ނިޤާބް އަޅާ ޓީޗަރުންނަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރުމުގެ ޙައްޤުން އުނި ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ހުރަސް ނާޅަން އަދާލަތުން އެދެފި" މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ލިޔެފައިވާ ލިޔުމެއް ހިއްސާ ކުރައްވަމުން، ސިއްޕެ ވިދާޅުވީ، މި ކުޑަކުޑަ މުޖުތަމައުގެ ހަމަޖެހުން ބިނާވަނީ އެންމެ ބޭފުޅުން ވެސް ކާކަކީ ކާކުކަން އެނގިގެން ކަމަށެވެ.
"އެންމެ ބޭފުޅުންނަށް ވެސް އިޙްތިރާމް ކުރަން ޖެހޭ. ކިޔަވައިދޭ ޓީޗަރަރު އެއީ ކާކުކަން ދަރިވަރުންނަށް ވެސް އެނގެން ޖެހޭ." ސިއްޕެގެ ޓްވީޓްގައި ވިދާޅުވިއެވެ.
މޫނު ބުރުގާ ނުވަތަ ނިޤާބް އަޅައިފައި ތިބޭ ޓީޗަރުން، ދަރިވަރުންނަށް ކިޔަވައިދޭ އިރު، ކާކުކަން އެނގޭނޭ ފަދައިން މޫނު ބުރުގާ ނަގައިގެން ކިޔަވައި ދޭން، އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް އަންގައިފައިވާ ކަމަށް ބުނެ މީސް މީޑިއާގައި މިފަހަކުން ވާހަކަތަކެއް ދައުރުވިއެވެ. މިކަމާ ގުޅިގެން "ދެން"އިން ސުވާލު ކުރުމުން އެޑިއުކޭޝަނުން ވިދާޅުވީ، އެކަމުގައި އަމަލު ކުރަމުންދަނީ މީގެ ދެ އަހަރު ކުރީގެ ސާކިއުލާއަކަށް ކަމަށެވެ.
ތުނބުޅި ބެހެއްޓުމާއި މޫނު ބުރުގާ އެޅުން ފަދަ ކަންކަމާ ގުޅޭގޮތުން ކުރާ ތަފާތު ކުރުންތައް ނައްތައިލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.