ޓެކްނޮލޮޖީ

ފައިވްޖީ އާއެކު ފްލައިޓްތަކަށް ބިރެއް!

  • ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)އިން ވެސް ވަނީ 5ޖީ ގެ ސަބަބުން ބައެއް ފްލައިޓަށް އަސަރު ކުރާނެ ކަމުގެ އިންޒާރު ދީފަ
ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން 5ޖީ ޓެކްނޮލޮޖީ ތައާރަފްކުރުމުން، ބައިނަލްއަގުވާމީ ބޮޑެތި އެއާލައިންތަކުން އެމެރިކާއަށް ކުރާ ބައެއް ދަތުރުތައް ކެންސަލް ކޮށްފިއެވެ.

Ads by STELCO

ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)އިން ވެސް ވަނީ 5ޖީ ގެ ސަބަބުން ބައެއް ފްލައިޓަށް އަސަރު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އެމެރިކާގައި މުއާސަލާތީ ޚިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ޓީއެންޓީއިންނާއި ވޮރައިޒޮންއިން ބުނެފައި ވަނީ އެއަރޕޯޓްތަކުގައި 5ޖީ ދޫކުރުން މަޑު ޖައްސައިލައިފައިވާ ކަމަށެވެ. ނަމަވެސް ބޮޑެތި އެއަރލައިންތަކުން ވަނީ ބައެއް ފްލައިޓްތައް އޮޕަރޭޓް ކުރުމުގައި 5ޖީގެ ސަބަބުން ބުރޫއަރާ ކަމަށް ބުނެ ބައެއް ފްލައިޓްތައް ކެންސަލްކޮށްފައެވެ.

މައްސަލަ ޖެހޭ ހިސާބަކީ ކޮބާ؟

އެފްއޭއޭއިން ބުނެފައި ވަނީ 5ޖީ ޓެކްނޮލޮޖީގެ ސަބަބުން އަލްޓިމީޓަރު ފަދަ އާލާތްތައް މަސައްކަތް ކުރުމުގައި އުދަނގޫތަކާ ކުރިމަތިވާ ކަމަށެވެ. އަލްޓިމީޓަރަކީ މަތިންދާބޯޓެއް ދަތުރުކުރާ ކުރާއިރު، ބިމުން މަތީގައި އޮތީ ކިހައި އުސް މިނެއްގައިކަން އަންގައިދޭ އާލާތެކެވެ. އެފްއޭއޭ ބުނެފައި ވަނީ އަލްޓިމީޓަރުން ބޭނުން ކުރަނީ 4.2-4.4 GHzގެ ރޭޑިއޯ ވޭވްއެއް ކަމަށާއި އެމެރިކާގައި 5ޖީ ޓެކްނޮލޮޖީއިން ވެސް ބޭނުން ކުރަނީ މިވަރުގެ ރޭންޖެއް ކަމަށެވެ.

ޔުނައިޓެޑް އެއަރލައިންސްގެ ސީއީއޯ ސްކޮޓް ކާރބީ މިދިޔަ މަހު ވިދާޅުވެފައި ވަނީ 5ޖީ ޓެކްނޮލޮޖީގެ ސަބަބުން ސަބަބުން އެމެރިކާގެ އެންމެ ބޮޑެތި އެއަރޕޯޓްތަކުގެ ތެރެއިން ގާތްގަނޑަކަށް 40 އެއަރޕޯޓެއްގައި ރޭޑިއޯ އަލްޓިމީޓަރު ބޭނުން ކުރުން ހުއްޓައިލާން ޖެހޭނެ ކަމަށެވެ.

އަލްޓިމީޓަރަކީ، މޫސުން ގޯސްވެ، ވިލާއާއި ފޮގްގެ ސަބަބުން ދުރު ނުފެންނަ ހާލަތުގައި، ފްލައިޓް ލޭންޑް ކުރުމަށް ކޮންމެހެން ބޭނުންތެރި އާލާތެކެވެ.

އަސަރު ކުރަނީ ކޮން މަތިންދާ ބޯޓްތަކަކަށް؟

އެމެރިކާގެ އެއަރލައިން ތަކުން ބުނެފައި ވަނީ 5ޖީ ދޫކުރުމާއެކު ބޮއިންގ 777 އަދި ބޮއިންގ 747-8 މަރުކާގެ މަތިންދާބޯޓުތަކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.  އެމިރޭޓްސް، އޯލް ނިޕޯން އެއަރވޭސް (އޭއެންއޭ)، ޖަޕާން އެއަރލައިންސް އަދި ލުފްތަންސާއިން ވަނީ ފްލައިޓްތައް ކެންސަލްކޮށްފައެވެ.

އެމެރިކާގެ ފްލައިޓްތަކަށް 5ޖީ އިން އަސަރު ކުރަނީ އަލްޓިމީޓަރު ބޭނުން ކުރާ ފްރިކިއުންސީގައި ބޭނުން ކުރާތީއެވެ. ގިނަ ޤައުމުތަކުގައި 5ޖީ ދޫކުރުމުގެ ހުއްދަ ދީފައި ވަނީ އަލްޓިމީޓަރު ބޭނުން ކުރާ ރޭންޖަށް ވުރެ ދަށް ރޭންޖެއްގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!