އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
ކާއިލްއަށް ބަލައިލުމާއެކު ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލަމުން އަތުގައި އޮތް ފޯނު މުސްކާން ދިއްކޮށްލިއެވެ. އިންތަނުން ތެދުވެގެން އައިސް އެ ފޯނުގައި ހިފަމުން ސްކްރީނަށް ކާއިލް ނަޒަރު ސީދާ ކޮށްލިއެވެ. މުސްކާން ދެއްކި އެއްޗެއް ކިޔަމުންދިޔަ ވަރަކަށް މަޑުމަޑުން ކާއިލްގެ ނިތަށް ޖަމާވެފައިވި ރޫތައް ފިލަމުންދިޔައެވެ. ގަބޫލުނުކުރެވިފައި އޭނާއަށް މުސްކާންގެ މޫނަށް ބަލައިލެވުނެވެ. އޭރު ހިނިތުންވެލައިގެން މުސްކާން އިނީ ކާއިލްއަށް ބަލަހައްޓައިގެނެވެ. އެމޫނަށް ވެރިވި އަސަރުތައް ފެނި މުސްކާން ބޯޖަހައިލީ ޔަގީންކަން ދިނުމުގެ ގޮތުންނެވެ. ކާއިލްގެ ތުންފަތް ދެފަރާތަށް ދެމިލީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ހިތަށް ލިބުނު ފިނިކަމާއެކު ﷲ އަށް ޙަމްދުކޮށްލެވުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.
"އެކޮޅަށް ކޮންޓެކްޓް ކޮށްގެން ތި ޑޮކްޓަރަށް އެޕޮއިންޓްމަންޓެއް ހަމަޖެހޭތޯ ބަލަން ވީނު.. ހައިމްއަށް އެގޮތަށް ދިމާވީއްސުރެ އަހަރެން މިއަންނަނީ ރަނގަޅު ޑޮކްޓަރެއް ފެނޭތޯ ބަލަމުން.. އަހަރެންގެ މަސައްކަތުގަ މާތް ﷲ ބަރަކާތްލައްވައި އަހަންނަށް ކާމިޔާބީ މިންވަރުކޮށްދެއްވައިފި... އަހަރެން އެދެނީ ހައިމް ވީ އެންމެ އަވަހަކަށް ރަނގަޅުވުން... ދޮންބެއާ މި ވާހަކަތައް ހިއްސާކުރަން ބޭނުންވީ އެހެންވެ.." ހިނިއައިސްފައި އިނދެ މުސްކާން ބުންޏެވެ. އަވަސް އަވަހަށް ބޯ ޖަހައިލަމުން ކާއިލް މުސްކާންއަށް ޝުކުރުއަދާކުރިއެވެ. އަދި މުސްކާންގެ ފޯނު އަނބުރައި އޭނާ އަތަށް ދިއްކޮށްލިއެވެ. ލަސްނުކޮށް އެކަމާ އުޅޭނެކަމުގެ ޔަގީންކަން ކާއިލް ދިނެވެ. ހިތަށް ލިބުނު ހަމަޖެހުމުން މުސްކާންގެ ދެލޯ ވިދައިގަތީ އެހިތުގައިވި އުއްމީދު އިހުނަށްވުރެ ވަރުގަދަ ވުމުންނެވެ. އިންތަނުން ތެދުވަމުން އެކޮޓަރިން ނުކުންނަން އޭނާ މިސްރާބުޖެހީ ނުހަނު އުފަލުން ހުރެއެވެ. ރުހައިމް އަށް އަވަސް ޝިފާއެއް މިންވަރު ކޮށްދިނުން އެދި ދުޢާ ކުރަމުންނެވެ.
ލޫޔާއަށް ކާއިލް މެސެޖްކޮށްލީ ނިދަން ތައްޔާރުވެ އެނދުގައި އޮށޯތުމަށްފަހުއެވެ. ބައްދަލުކުރަން ބޭނުންވާ ދުވަހާއި ގަޑި ލިޔެލުމަށްފަހު ލޫޔާ ބަލައިދާނެ ކަމުގައި އޭނާ ބުނެލިއެވެ. މެސެޖް ފޮނުވައިލަމުން ހިތް އަވަސްވެފައި ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ކާއިލް އޮތެވެ. ލޫޔާގެ ޖަވާބަކަށް ކެތްތެރިކަން ކުޑަވެފައިވީ މިންވަރު އެމޫނުމަތިން ހާމަވާން ހުއްޓެވެ. ހިތުގެ އެދުން ފުރިހަމަކުރަން އޭނާ ވެސް ނުހަނު ބޭނުންވެއެވެ. ދިރިއުޅުމެއް ފަށަން ޚުދު އަމިއްލަ ނަފުސުވެސް އެދެއެވެ. މިހާރުވެސް މާ ލަސްކުރެވިއްޖެ ކަމުގައި ޟަމީރު ބުނަމުންދިޔައެވެ. ފޯނު ލޮކް ކޮށްލުމާއެކު މޭމަތީގައި ބާއްވައިލަމުން ކާއިލް ދެލޯ މަރައިލީ ލޫޔާގެ ޖަވާބެއް ލިބޭނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ.
ފޯނަށް މެސެޖެއް އައި އަޑު އިވުމާއެކު އެނދުގައި އޮތް ލޫޔާ ފޯނު ނަގައި ބަލައިލިއެވެ. ލިބިފައިވީ ކާއިލްގެ މެސެޖެއްކަން އެނގުމާއެކު ކުއްލިއަކަށް ހިތުގެ ތެޅުން އަވަސްވެލިއެވެ. އަވަސް އަވަހަށް މެސެޖް ހުޅުވައި ބަލައިލިއެވެ. އެއާއެކު ލަދުރަކި ހިނިތުންވުމެއް އެތުންފަތަށް ވެރިވިއެވެ. ތުންފަތުގައި ދަތްއަޅައިލުމާއެކު ކާއިލްގެ މެސެޖަށް ޖަވާބެއް ލިޔެލައިފައި ފޮނުވައިލިއެވެ. ކައިރީގައި އޮތް ބާލީހުގައި ބައްދައިލުމާއެކު ތުންފަތުގައިވި ހިނިތުންވުން ފުޅާވެލިއެވެ. ކާއިލްއާ ބައްދަލުވާނެ ވަގުތަކަށް އެހިތް ބޭޤަރާރުކަމާއެކު ވަގުތު ގުނަން ފެށިއެވެ. މަޑުމަޑުން ހިތާ ދިމާލުން މޭގައި ފިރުމައިލުމާއެކު އޭނާއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ.
* * * * *
ބެލްކަނީގައި ހުއްޓިހުރި ލުހާމް އުޑާ ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. ހަނދުވަރުދޭ ރީތި ރެކެއެވެ. ކުދިކުދި ވިލާކޮޅުތައް އެކިދިމަދިމާއަށް ދަތުރުކުރަމުން ދިޔައީ ރޭގަނޑުގެ ރާނީއަށް ކުރުނީސްކުރަމުންނެވެ. ހެޔޮވަރު ވަރަކަށް ވައިރޯޅި ޖެހެމުންދިޔައިރު، ގަސްތަކުގެ ހަރަކާތްތައްވެސް ޖެހިލާ ރޯޅިތަކާއެކު އަވަސްވެލައެވެ. މާޙައުލަށް ވެރިވެފައިވީ ހިތަށް ހަމަޖެހުން ގެނުވާފަދަ ހިތްގައިމު ކަމެކެވެ. އެހެނަސް އެކަމުން ނުތަނަވަސްވެފައިވި ލުހާމްގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. ހިތާއި ސިކުނޑީގައި އުފެދިފައިވި ހައިޖާނުގަނޑު އެއިން އެއްވެސް ކަމަކާމެދުގައި ވިސްނުމަށް ހުރަސް އަޅަމުން ދިޔަ ކަހަލައެވެ. މާޔޫސްކަން އޭނާގެ މޫނުމަތިން ފައުޅުވާން ހުއްޓެވެ. މުސްކާންގެ ޚިޔާލުތައް އޭނާ އަށް އުނދަގޫކުރަމުން ދިޔައީ އިންތިހާއަށެވެ. ހަނދާނެގޮތް ހުސްވެފައި ހުރި މީހެކޭ އޭނާއެކޭ އެއްވެސް ތަފާތެއް ނެތެވެ. އުދާސްކަން މުޅި ޟަމީރު ވަށައިލައިފައި ވިއެވެ.
މުސްކާންއާ މެދުގައި ކަންތައް ކުރެވުނު ގޮތުން ހިތަށް އެހައި އުނދަގޫ ވާންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އޭރު އޭނާ ކަންތައްކުރީ އޭނާ އަށް ފެނުނު އެންމެ ރަނގަޅު ގޮތަށެވެ. ހިތުގެ އެދުން ހާސިލްކުރުމުގައި އޭރު އިހުސާސުނުވި ގޯހެއް މިހާރު އިހުސާސުވާންވީ ކީއްވެ ހެއްޔެވެ؟ ހީކުރެވިފައިވީ ކުށް ހީއެއްކަން ވިސްނުމުން ހެއްޔެވެ؟ ނޫނީ އަރައިފައިވި އޮޅުންގަނޑެއް އެނގި ސާފުވުމުން ހެއްޔެވެ؟ ނަމަވެސް އޭގެ ކުރިންވެސް އޭނާގެ ހިތުގައިވީ އެފަދަ ޖަޒުބާތުތަކެއްކަން ގައިމެވެ. ވީއިރު ކެތްނުވާވަރަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވެނީ ކީއްވެ ހެއްޔެވެ؟ މުސްކާންގެ ކަރުނުން ބަރާވެފައިވި ދެލޯ ސިފަވުމުން ހިތަށް މިހައި އުނދަގޫވެ ތަދުވަނީ ކީއްވެބާއެވެ. މުސްކާންއާ މެދު ކަންތައް ކުރެވުނު ގޮތުން ދެރަވެ ލަދުވެތިވާންވީ ކޮން ސަބަބަކާހުރެ ހެއްޔެވެ؟ އަނެއްކާ އެހިތުގައި މުސްކާންއާ މެދު އެހެން އިހުސާސުތަކެއް ވަނީ ބާއެވެ. ނޫނެކެވެ. ކުރިންވެސް އަދި މިހާރުވެސް މުސްކާންއަކީ އޭނާއަށް އެއްވެސް މުހިންމު މީހެއް ނޫނެވެ. އެހެނަސް ރުހައިމްއާ އެކުގައި ހިނިތުންވެފައި މުސްކާން ހުރިތަން ފެނުމުން ހިތަށް އެހައި ތަދުވީ ކީއްވެބާއެވެ. އެހެން ފިރިހެނެއްގެ އަތުގައި ހިފައިގެން މުސްކާން ހުރިތަން ދެކުން އޭއީ އޭނާއަށް ކެތްކުރެވުނު ކަމަށް ނުވެއެވެ. ހިތަށް އުނދަގޫވީވަރާއި އަސަރު ކުރިވަރު އެނގޭނީ ޚުދު އޭނާ އަށެވެ. މުސްކާން އަކީ މިހާރު އެހެން މީހެއްގެ ހައްގެއްކަން ވިސްނުމުން ނޭނގޭ ރިހުމެއް މޭގައި އުފެދިގެން އައެވެ. މަޑު އާޙެއް ތުންފަތް ފޫއަޅުވައިލުމަށްފަހު ބޭރުވީ ލުހާމްގެ އެއްވެސް ހުއްދައެއް ނެތިއެވެ. ހިތުގައިވި ޖަޒުބާތުތައް ހާމަކޮށްދިނުމަށްއެދި އެހިތް ތެޅިގަތް ފަދައެވެ. ވަޔާއެކު ވިހުރެމުންދިޔަ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ދެފަރާތަށް ލުހާމް ބޯހޫރައިލީ އެ ފިކުރުތަކުން ހިނދުކޮޅަކަށް ނަމަވެސް ދުރުވާން ބޭނުންވެފައި ހުރެއެވެ. މެރިގެންދިޔަ އެސްފިޔަތަކުގެ ތެރެއިން މުސްކާންގެ ސޫރަ ސިފަވެލުމާއެކު ހިތި ގޮތަކަށް އޭނާއަށް ހިނިތުންވެވުނެވެ. އަދި އެއް ފަހަރު ނަމަވެސް އެ ސޫރަ ދެކިލުމަށް ހިތް އެދުނެވެ.
* * * * *
ފޯނުގައިވި އޯޑިއޯ ޕްލޭކޮށްލުމާއެކު އޫޝާގެ މޫނުގައިވި އަސަރުތައް ބަދަލުވެލިއެވެ. ވިހަ ހިނިތުންވުމެއް ތުންފަތުގައިވީއިރު، އެދެލޮލުގައިވީ ނުރައްކާތެރި އަސަރެކެވެ. އިރުއިރުކޮޅުން އެއޯޑިއޯކޮޅު ޕްލޭ ކުރަމުންދިޔައީ އެކަމުން ހިތަށް ލިއްބައިދެމުންދިޔަ ހަމަޖެހުމަކުންނެވެ. މުސްކާންއާ ދެކޮޅަށް އޭނާ ބޭނުންކުރާނެ ހަތިޔާރު އެވަނީ ތައްޔާރުވެފައެވެ. އިތުރަށް ލަސްކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ނުބައި ވަސްވާސްތަކާއި ރޭވުންތަކުން އެހިތާއި ސިކުނޑި ފުރިފައިވީއިރު އެހެން ކަމަކާ މެދުގައި ވިސްނުން ހިންގައިލާނެ ވަގުތެއް އޭނާގެ ނެތްކަހަލައެވެ. ނުވަތަ އިތުރުކަމަކާމެދު ވިސްނަން އޭނާ ބޭނުންނުވަނީއެވެ. ހިތް ފަސާދަވެފައިވީ ނުހަނު ބޮޑަށެވެ. ވީއިރު އެހިތަށް ހެޔޮ ވިސްނުމެއް އަތުވެދާނެ ހެއްޔެވެ؟ އަމިއްލަ ރޭވުންތަކުން އުފާހޯދަމުން ދިޔައިރު، އޫޝާއަށް އިހުސާސުނުވީ އޭނާއަށްވުރެ މޮޅަށް ކަންތައްތައް ރާއްވަވައި ހިންމަވާ ފަރާތެއް ވާކަމެވެ. އަދި އެފަރާތުގެ ރޭއްވެވުމާ އެއްވެސް މަޚުލޫގަކަށް ދެކޮޅު ނުވެވޭނެކަމެވެ. އަދި ނުބައި މީހުންގެ ރޭވުންތައް އެކަލާނގެ ބާތިލްކުރައްވައި ނެތިކުރައްވާނެ ކަމެވެ. އަމިއްލަ ނަފުސާމެދު ފަޚުރުވެރިވެފައި އޭނާ އޮތްއިރު، އެހިތުގައި ބުރުޖަމުންދިޔަ ނުބައި ޚިޔާލުތައް އެހެން ފަރާތެއް ދެނެވޮޑިގެންވީކަން އޭނާ ހަނދާނުގެ ކަންފުޅުގައިވެސް ނެތެވެ.
* * * * *
ރުހައިމް ނިދަން ތައްޔާރުކޮށްލުމަށްފަހު އަރުން ކޮޓަރިން ނުކުތުމާއެކު ކޮޓަރި ތަޅުލަމުން މުސްކާން ވެސް ނިދުމަށްޓަކައި ތައްޔާރުވެލިއެވެ. އެނދުގައި އޮތް ރުހައިމްއަށް މުސްކާން ބަލައިލީ ލޯބިވެތި ގޮތަކަށެވެ. ފިރިމީހާއަށްވިއަސް އަދިވެސް އެދެމެދުގައިވީ ލަދުވެތިކަމުގެ ފަރުދާ ދަމައިލެވިފައެވެ. އެފަރުދާ ކަޝްފުކުރުމަށް ދެމީހުންކުރެ އެކަކަށްވެސް އިސްވެ އެދޭން ނުކެރޭކަހަލައެވެ. ރުހައިމްއަށްޓަކައި ހިތުގައި ފުން ޖަޒުބާތުތަކެއް އުފެދިފައިވިއަސް، އެކަމަށް ދުލުން އިއުތިރާފުވާނެހައި ހިތްވަރެއް މުސްކާންގެ ނެތެވެ. ޚާއްސަކޮށް ރުހައިމް އޭނާއާ މެދުގައި ދެކޭގޮތް ނޭނގޭތީ އެއިހުސާސުތަކުގެ ވާހަކަ ފައުޅުގައި ހާމަކުރަން އޭނާ ޖެހިލުންވަނީއެވެ. ރުހައިމްގެ ފުށުން އޭނާއަށް އަޅާލުމާއި އޯގާތެރިކަން އިންތިހާއަށް ލިބުނަސް، އެހިތުގައި އޭނާ އާއި މެދު އެފަދަ އިހުސާސުތަކެއް ނުވެދާނެތީ މުސްކާން ބިރުގަންނަނީއެވެ. ލޯބިވިއަސް އެކަން ހާމަކުރަން ނުކެރިފައި އޭނާވީ އެހެންވެއެވެ.
ކުދި ފިޔަވަޅުތަކެއްގައި އައިސް އެނދުގައި މުސްކާން ވެސް އޮށޯވެލިއެވެ. ދެމެދަށް ވެރިވެފައިވި ހިމޭންކަން ނައްތައިލަމުން ރުހައިމް ވާހަކަ ދައްކަންފެށީ މުސްކާން ގާތުގައި އޮތްކަން އެނގުމުންނެވެ. ކޮންމެވެސް މަޖާ ވާހަކަތަކެއް އޭނާ ދައްކަމުންދިޔައިރު، އެސްފިޔަ ޖަހައިލަންވެސް ހަނދާންނުވެފައި އެ ފިރިހެންވަންތަ މޫނަށް ބަލަހައްޓައިގެން މުސްކާން އޮތެވެ. ފަނޑު ހިނިތުންވުމެއް ތުންފަތުގައިވީ ރުހައިމްގެ ވާހަކަތަކުގެ ސަބަބުންނެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އޭނާ ވާހަކައެއް ބުނަން ބޭނުންކަން މުސްކާން ހާމަކޮށްލިއެވެ. ކާއިލް ގާތުގައި ދެއްކި ވާހަކަތައް ރުހައިމްއާ ހިއްސާކޮށްލަން ބޭނުންވީއެވެ.
ރުހައިމް ހިމޭންވެލުމާއެކު މުސްކާން ވާހަކަދައްކަން ފެށިއެވެ. އޭނާއަށް ބޭރުގެ ޤައުމަކުން ވަރަށް ރަނގަޅު ޑޮކްޓަރެއް ފެނިއްޖެ ކަމުގައި މުސްކާން ބުންޏެވެ. ރުހައިމްގެ އޮޕަރޭޝަން އެ ޑޮކްޓަރު ލައްވައިކޮށްފިނަމަ، ރުހައިމް ރަނގަޅުވެދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމުގައި މުސްކާން ބުނެލީ ހިތްއަވަސްވެފައި އޮވެއެވެ. މުސްކާންގެ ވާހަކަތައް ކަނުލައި އަޑުއަހަން ރުހައިމް އޮތެވެ. އެވާހަކަތަކުން ހިތަށް ހަމަޖެހުންލިބި އުއްމީދު އާވެގެން ދިޔައެވެ. ހިނިތުންވެލެވުނީ ބޭއިޚުތިޔާރުގައެވެ.
"އައި ޑިޑް ސަމް ރިސާރޗަސް ޓޫ.. ހައިމްގެ ކޭސްއާ ވަރަށް އެއްގޮތް ކޭސްއެއްގަ ވެސް އެ ޑޮކްޓަރު މަސައްކަތްކުރި ކަމަށް ވަނީ.. އަދި ކާމިޔާބުކަމާއެކު އޮޕްރޭޝަން ނިންމައިލި ވާހަކަވެސް އިން.. އެ ޒުވާނާގެ ހާލުވެސް ރަނގަޅުވެ ކުރިއެކޭ އެއްފަދައިން މިހާރު ދިރިއުޅެމުން އަންނަ ވާހަކަ.. އަހަރެންގެ ހިތުގަ މިހައި ބޮޑަށް އުއްމީދު އާލާވީ އެވާހަކަތައް ކިޔާލީމަ.. ދޮންބެ ގާތުވެސް މިވާހަކަތައް ހިއްސާކުރިން.. އިރާދަކުރެއްވިއްޔާ ވީހައިވެސް އަވަހަކަށް އެ ޑޮކްޓަރަށް އެޕޮއިންޓްމަންޓެއް ހަމަޖައްސަން ދޮންބެ މަސައްކަތް ކުރާނެ.. ހަމަޖެހުނުހާ އަވަހަށް ފުރަންވީ.. މާތް ﷲ ގެ އިރާދަފުޅާއެކު ހައިމްގެ އޮޕެރޭޝަންވެސް ކާމިޔާބުވާނެ.. ތިދެލޮލުގެ ފެނުން އެނބުރި އަންނާނެ.. އަހަރެންގެ ވެރި ރަސްކަލާނގެއާ މެދުވެސް، އަދި އަހަރެންގެ ދުޢާތަކާމެދު ވެސް އަހަރެން ޔަގީންކުރަން.." ރުހައިމް އޮތްދިމާއަށް އެނބުރިލަމުން އެއަތުގައި ހިފައިލުމަށްފަހު މުސްކާން ބުންޏެވެ. މުސްކާންގެ އަތަށް ބާރުކޮށްލަމުން ރުހައިމް މަޑުމަޑުން ބޯޖަހައިލިއެވެ.
"އޭރަށް އިރާދަކުރެއްވިއްޔާ އަހަންނަށް އަހަރެންގެ މުސްކާން ފެންނާނެ ދޯ.." މުސްކާންގެ މަޑު އަތްތިލައިގައި ރުހައިމް ފިރުމައިލިއެވެ. އިރާދަކުރެއްވިއްޔާއޭ ބުނެލަމުން މުސްކާން ހިނިތުންވެލީ ލަދުރަކި ގޮތަކަށެވެ.
"ކާންޓް ވެއިޓް ޓް ސީ ޔޫ.." މުސްކާންގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސައިލުމާއެކު ރުހައިމް ލުއިލުއިކޮށް ބޮސްދިނެވެ. މުސްކާންގެ ސޫރަ ދެކިލުމަށް އެހިތް އެދެމުންދިޔައީ އިންތިހާއަށެވެ. އެދުވަހަކަށްޓަކައި އޭނާ އެދި އިންތިޒާރު ކުރާވަރު ހެއްދެވިފަރާތް ދެނެވޮޑިގެންވެއެވެ.
"އަހަންނަށް މުސްކާންދެކެ ލޯބި ވެވިއްޖެ.. އެކަން އެނގޭތަ.. އަހަރެންގެ އަމަލުތަކުން ކުޑަކޮށްވެސް މުސްކާންއަށް އިހުސާސުވޭތަ.. މިހިތުގަ ތިނަން ފެވިއްޖެ.. ދުވަހަކު ފަނޑުވުމެއް ނުވާނެ ފަދައިން.. ތި އޯގާތެރިކަމާއި ހިތްހެޔޮކަން އަހަރެންގެ ހިތުގެ އެންމެ ފުންމިނަށް ވާސިލްވެއްޖެ.. ސޫރަ ނުފެނުނެއްކަމަކު ތިނަން ދެކެ އިންތިހާއަށް ލޯބިވެވިއްޖެ.. ހިތަށް ހަމަޖެހުން ގެނުވާ އަޑަކަށް ތިއަޑު ވެއްޖެ.. ލޯބިވާކަން ހާމަކުރަން އެދެވެނީ ކެތްނުވާވަރަށް.. މުސްކާން އަހަންނަށް އިންތިޒާރު ކުރައްޗޭ.. ހިތުގަވި އުއްމީދު ވަރުގަދަވެއްޖެ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރެންގެ ދެލޮލުގެ ފެނުން އެނބުރި އަންނާނެ.. އެދުވަހަކުން އަހަރެން މުސްކާންގެ ކުރިމަތީ ހިތުގެ ހުރިހައި އިހުސާސެއް ބަނޑުންކޮށްލާނަން.. މިހިތް ތި ލޯތްބަށް އެދޭވަރު ހާމަކޮށްދޭނަން.. އެންމެ ހިނދުކޮޅެއްވެސް ތި ލޯތްބާނުލާ ކެތްނުވާނެކަން ބުނެދޭނަން.. މިޙަޔާތަށް މާތް ރަސްކަލާނގެ ހޮއްވެވި ބައިވެރިއަކީ ތީ.. ފުރިހަމަ އަނތްބެއްގެ ދަރަޖަ އަހަރެން މުސްކާންއަށް ދޭނަން.. މިދެމެދުގައިވި ހުރިހައި ފާރެއް އެދުވަހަކުން ފުނޑުފުނޑުވާނެކަން ޔަގީން.. އައި ރިއަލީ ލަވް ޔޫ.. އެންޑް އައި ކުޑުންޓް ހެލްޕް މައި ސެލްފް ފްރޮމް ފޯލިންގް ފޯ ޔޫ.." ތުންފަތުގައި މުސްކާންގެ އަތްތިލަ ޖައްސައިލައިގެން އޮތްއިރު އަމިއްލަ ނަފުސާ ރުހައިމް ވާހަކަދައްކަމުން ދިޔައެވެ. އައިޝްގެ ހަނދާންތައް މަޑުމަޑުން އެހިތުގެ ކަނެއްގައި ފޮރުވައިލެވުމާއެކު އޭނާގެ މުޅި ހިތަށް އަތްގަދަކުރުވީ މުސްކާންގެ ނަމެވެ. އެ ލޯތްބެވެ. ދުލުން އެލޯތްބަށް އިއުތިރާފުވުމަށް ރުހައިމް އެދެނީ މުސްކާން އުއްމީދުވެސް ނުކުރާނެހައި ފުރިހަމަ ގޮތަކަށެވެ. އެދުވަހަކަށް ކެތްތެރިކަމެއްނެތި އިންތިޒާރުގެ ވަގުތުތައް އޭނާއަށް ގުނަން ފެށުނެވެ. ހިނިތުންވެވުމާއެކު އަނެއްކާވެސް މުސްކާންގެ އަތުގައި ރުހައިމް ލޯތްބާއެކު ބޮސްދިނެވެ.
* * * * *
މާ ވިސްނައިގެން... ލޯ މަރާތީއޭ...
ނޭނގޭހެން ސިއްރުން... ހިނިތުންވާތީއޭ...
ކޮންއިރަކުންބާއޭ ބައްދަލުވެވޭނީ...
މަ އެދޭ ސުވާލުގެ ޖަވާބެއް ލިބޭނީ...
އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ...
ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ...
* * * * *
(ނުނިމޭ)
ވަރަށް ރީތި … އަބަދުވެސް މި ވާހަކަޔައް އިންތިޒާރު ކުރެވެނީ…