ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް 10 ދުވަހަށްވެފައި ވަނިކޮށް އެ ދާއިރާގައި ހިމެނޭ ކޮމަންޑުއަށް ސަރުކާރުން އެމްބިއުލާންސެއް ފޮނުވައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ކޮމަންޑޫއަށް އެމްބިއުލާންސް ފޮނުވީ އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ އެމްބިއުލެންސްތަކުގެ ތެރެއިން ކަމަށެވެ. އެސްޓީއޯ މެދުވެރިކޮށް ގެނައި އެމްބިއުލާންސްތަކުގެ ތެރެއިން މިހައިތަނަށް 40 ރަށަކަށް އެމްބިއުލާންސް ފޮނުވައިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
އެމްބިއުލާންސް ގެނައުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން އެސްޓީއޯއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދިހަވަނަ ދުވަހުއެވެ.
ކޮމަންޑޫއަށް އެމްބިއުލާންސެއް ފޮނުވިއިރު އެދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ދާއިރާގައި ހިމެނޭ އަނެއް ދެ ރަށަށް ވެސް ސަރުކާރުން ދަނީ ގިނަ ކަންކަން ކޮށްދެމުންނެވެ. އެގޮތުން މަރޮށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ދާދި ފަހުން ފަށައިފައެވެ.
މީގެ އިތުރުން މަތިކޮމަންޑޫއިން ބައެއް ހިއްކައި އެ ރަށާއި ކޮމަންޑޫ ގުޅައިލުމުގެ އަމަލީ މަސައްކަތް ވެސް ވަނީ މިހާރު ފަށައިފައެވެ. މިއީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެއް ނޫންކަމުން އެކަމަށް ފައިސާ ހޯދަނީ ކިހިނެއްކަމެއް ނޭނގެއެވެ.
ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން ވަނީ ކޮމަންޑޫ ކައިރީގައި އޮތް ތިން ފަޅުރަށެއްގައި ރިޒޯޓު ތަރައްގީކުރުމަށް ހުޅުވައިލައި ބިޑަށް ވެސް ލައިފައެވެ.