ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

ތުންފަތުގައި މުސްކާންގެ އަތްތިލަ ޖައްސައިލައިގެން އޮތްއިރު އަމިއްލަ ނަފުސާ ރުހައިމް ވާހަކަދައްކަމުން ދިޔައެވެ. އައިޝްގެ ހަނދާންތައް މަޑުމަޑުން އެހިތުގެ ކަނެއްގައި ފޮރުވައިލެވުމާއެކު އޭނާގެ މުޅި ހިތަށް އަތްގަދަކުރުވީ މުސްކާންގެ ނަމެވެ. އެ ލޯތްބެވެ. ދުލުން އެލޯތްބަށް އިއުތިރާފުވުމަށް ރުހައިމް އެދެނީ މުސްކާން އުއްމީދުވެސް ނުކުރާނެހައި ފުރިހަމަ ގޮތަކަށެވެ. އެދުވަހަކަށް ކެތްތެރިކަމެއްނެތި އިންތިޒާރުގެ ވަގުތުތައް އޭނާއަށް ގުނަން ފެށުނެވެ. ހިނިތުންވެވުމާއެކު އަނެއްކާވެސް މުސްކާންގެ އަތުގައި ރުހައިމް ލޯތްބާއެކު ބޮސްދިނެވެ.

Ads by MWSC

* * * * *

ޖެހިގެން އައި ދުވަހުގެ ރެއެވެ. ހިތް އަވަސްވެފައި ހުރެ ލޫޔާ ތައްޔާރުވަމުން ދިޔައީ ކާއިލްއާ ބައްދަލުކުރަން ދިއުމަށެވެ. އެއްގޮތަކަށްވެސް ކާއިލްގެ މަގުސަދަކީ ކޮބައިކަން ނުވިސްނި ލޫޔާ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އޭނާ އުއްމީދު ކުރާ ފަދައިން ނުވެދާނެތީ ބުނެދޭން ދަތިވާފަދަ އިހުސާސުތަކެއް ކުރެވެމުން ދިޔައެވެ. މި ނޫނީ ހޮސްޕިޓަލުން ބޭރުގައި ބައްދަލުކުރަން ކާއިލް އެދިފައެއް ނެތެވެ. މުސްކާންއާ އެވާހަކަތައް ހިއްސާކުރީވެސް ހިތަށް ހަމަޖެހުމެއް ލިބޭނެކަމަށެވެ. އެހެނަސް ވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް ލޫޔާގެ ހާސްކަން އައީ އިތުރުވަމުންނެވެ.

ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފޯނު ރިންގްވި އަޑަށް ޚިޔާލުތަކުގެ ކަނޑުގައި ބެހެމުންދިޔަ ލޫޔާ ތެޅިގަތެވެ. ދިއްލެމުންދިޔަ ސްކްރީނަށް އަރައިފައިއޮތް ކާއިލްގެ ނަން ފެނުމުން އަވަސް ހަރަކާތަކާއެކު ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. އިރުކޮޅަކު ވާހަކަދެއްކުމަށްފަހު ފޯނު ބާއްވަމުން އެންމެ ފަހުފަހަރަށް ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލައިލިއެވެ. ހަށިފުރައި ނޭވާއެއް ދޫކޮށްލަމުން އަތްދަބަސް ކޮނޑުގައި އަޅުވައިލުމަށްފަހު ކޮޓަރިން ނުކުންނަން ލޫޔާ މިސްރާބު ޖެހީ ހިތް އަވަސްވެފައި ހުރެއެވެ.

ގޭގެ ދޮރާށިން ބޭރަށް ނުކުތުމާއެކު ކުރިމަތީގައި އޮތް ކާރު އޭނާގެ ލޮލުގައި އަޅައިގަތެވެ. ކާރުގެ ކުރީ ދޮރުފަތުގައި ލެގިލައިގެން ކާއިލް ހުރީ އޭނާގެ އިންތިޒާރުގައި ކަހަލައެވެ. ވިލުނޫކުލައިގެ ޓީޝާޓަކާއެކު ކަޅު ޖިންސެއްގައި ހުރިއިރު އެފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުވެފައިވާ ފަދައެވެ. އެސްފިޔަ ޖަހައިލަންވެސް ހަނދާން ނުވެފައި ލޫޔާއަށް ހުރެވުނީ ސީދާ ކާއިލްގެ މޫނަށް ބަލާށެވެ. ފަނޑު ހިނިތުންވުމަކާއެކު ލޫޔާގެ ނަމުން ގޮވައިލަމުން ކާއިލް އެދުނީ ކާރަށް އެރުމަށެވެ. އުނދަގޫ ގޮތަކަށް ބޯޖަހައިލަމުން ކުދި ފިޔަވަޅުތަކެއްގައި އޭނާ އައިސް ކާއިލް ކުރިމަތީގައި ހުއްޓުނެވެ. އެއާއެކު ދޮރުފަތް ހުޅުވައިލަމުން ކާއިލް ޖެހިލީ އެއްފަރާތަށެވެ. ލޫޔާ އިނށީދެ ހަމަޖެހިލުމުން ދޮރުލައްޕައިލުމަށްފަހު ކާއިލް ވެސް އައިސް ކާރަށް އަރައި އޭނާގެ މަންޒިލާ ދިމާއަށް މިސްރާބު ޖެހިއެވެ.

ރެސްޓޯރެންޓުގެ މޭޒު ދޮށުގައި ދެމީހުން ތިބިއިރު ދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. ލަދުވެތި ގޮތަކަށް އިސްޖަހައިލައިގެން ލޫޔާ އިނީ ކާއިލްއަށް ބަލަން ނުކެރިފައެވެ. ފުންނަޒަރަކުން ކުރިމަތީގައި އިން އަންހެންކުއްޖާއަށް ކާއިލް ބަލައިލިއެވެ. މަޑު ކްރީމް ކުލައެއްގެ އަބާޔާއަކާއެކު ހަމަ އެކުލައިގެ މައުޖެހި ޝޯލްއެއް އަޅައިފައި ހުރިއިރު އެލޯބި މޫނުގެ މައުސޫމުކަން ފައުޅުވާން ހުއްޓެވެ. އިސްޖަހައިގެން ހުރުމުން އެރީތި ދެލޯވީ ދިގުދިގު އެސްފިޔަތަކުން ނިވައިވެފައެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލުތަކުން ކާއިލް އަށް ހިނިތިންވެލެވުނީ ބޭއިޚުތިޔާރުގައެވެ. އެވަގުތު އެތަނަށް އައިސް ވެރިޓަރެއް ހުއްޓުމާއެކު ކާން ބޭނުންވަނީ ކޮން އެއްޗެއްތޯ ލޫޔާ ކުރެ ކާއިލް އެއްސެވެ. މަޑުމަޑުން އޭނާ ބޭނުންވާ ތަކެތީގެ ނަން ލުޔާ ކިޔައިލިއެވެ. އުނގުމަތީގައި އޮތް ދެއަތް ދެއަތާ މޮޑެމުންދިޔައިރު އޭނާގެ ހިތުގެ ހިނގުން ވަނީ އިންތިހާއަށް އަވަސްވެފައެވެ. އޯޑަރ ނެގުމަށްފަހު ވެއިޓަރު ދިއުމުން ފުންނޭވާއެއް ދޫކޮށްލަމުން ލޫޔާއަށް ކާއިލް ބަލައިލިއެވެ. ހީވާގޮތުން ދައްކަން ގަސްދުކޮށްފައިވި ވާހަކަތަކަށް އަމިއްލަ ނަފުސު ތައްޔާރުކޮށްލީއެވެ. ލޫޔާގެ ނަމުން ކާއިލް ގޮވައިލީ ނުހަނު ލޯބިންނެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު ގައިން ހީބިހި ހިލިގެންދިޔަކަމުގެ އިހުސާސު ލޫޔާއަށް ކުރެވުނެވެ. ހިތްވަރުކޮށްފައި އިސްއިފުލައިލައި ކާއިލްއަށް އޭނާ ބަލައިލިއެވެ.

"ބައްދަލުކޮށްލަން އެދުނީ އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުންވާތީ.." ޖެހިލުންވުން ކާއިލްގެ އަޑުގައިވިއަސް އެމޫނުމަތިން އެކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ބޯޖަހައިލުން ފިޔަވައި އެއްވެސް އެއްޗެއް ބުނާކަށް ލޫޔާ ގަސްދެއް ނުކުރިއެވެ.

"އަހަންނަށް ދެއްކެން މިއުޅެނީ ލޫޔާ ހިތްހަމަނުޖެހޭފަދަ ވާހަކައަކަށް ވާނަމަ، މަޢާފަށް އެދެން.. އެހެނަސް ދެން މިވާހަކަތައް ހިތުގަ އިތުރަށް ފޮރުވައިގެން ހުރުމުގެ ވިސްނުމެއް ނެތް.. އެހެންމީހުންހައި ރޮމޭންޓިކްވާން އަހަންނަށް ފަހަރެއްގަ ނޭނގިދާނެ.. އެކަމަކު.. މިހިތުގެ ހާލު މިރޭ ލޫޔާގެ ކުރިމަތީ ހާމަކޮށްލަން ބޭނުން.. އަހަންނަށް.. ލޫޔާ ވަރަށް ކަމުދޭ.. އެންމެ ފުރަތަމަ ލޫޔާ ފެނުނު ދުވަހުން ފެށިގެންވެސް މިހިތުގަ ތި ސޫރަ ބިންވަޅުނެގިއްޖެ.. މި ވާހަކަ ބުނަން ބޭނުން ވެގެން އުޅޭތާ ވަރަށް ދުވަސްވެއްޖެ.. ލޫޔާގެ ދެލޮލުންވެސް އެފަދަ ޖަޒުބާތުތަކެއް އަހަރެން ދުށިން.. ހިތްވަރު ލިބުނީ އެހެންވެ.. ލޫ.. އަހަރެންގެ ނިޔަތަކީ ލޯބިވާތީއޭ ކިޔައިފަ ހަޔާތުން އިތުރު ދުވަސްތަކެއް ދެމީހުން ގުޅުމެއްގަ ބޭކާރުކޮށްލުމެއްނޫން.. އަހަރެން އެދެނީ އެންމެ ރިވެތި ގުޅުމުން ލޫ އާ ގުޅުމަށް.. ލޫ ގަބޫލުނަމަ.. އަހަރެން އެދެނީ ލޫ އާ ކައިވެނިކުރަން.. އެ މުޤައްދަސް ގުޅުމަށް ދާހައި އަހަރެންގެ ހިތުގަ ލޫއަށްޓަކައިވި ޖަޒުބާތުތަކާ އިހުސާސުތައް ފުން.." ފެންކަޅިވަމުންދިޔަ ލޫޔާގެ ތޫނު ދެލޮލަށް ބަލަން އިނދެ ކާއިލް ބުނެލިއެވެ. ކާއިލްގެ ވާހަތަކުން ލޫޔާގެ ހިތަށް އަސަރު ކުރީ ކެތްނުވާވަރަށެވެ. އެތައް ދުވަހަކު ހިތުގައި އަޅައިގެން އުޅުނު ލޯބި މިއަދު ކާމިޔާބުވެއްޖެ ކަމުގެ ފޮނި ފޮނި އިހުސާސުން އެދެލޯ ތެންމައިލީއެވެ. ތުންފަތުގައި ދަތްއަޅައިލުމާއެކު ލޫޔާއަށް އަވަސް އަވަހަށް ބޯޖަހައިލެވުނީ ކަރުނައިގެ ތެރެއިން ހިނިތުންވެލަމުންނެވެ.

"އިޝާރާތަކުންނޫން.. އަހަރެން ބޭނުމީ ލޫ ގެ ޖަވާބު ތި ދުލުން ބުނެލާ އަޑުއަހައިލަން.." ހިތަށް ކުރުވި ފޮނި އިހުސާސާއެކު ކާއިލްގެ ނަފުސަށް ހަމަޖެހުން ގެނުވިއެވެ.

"އަހަރެން.. އަހަރެންވެސް ބޭނުމީ ކާއިލް އެދޭފަދައިން.. ކައިވެނި ކުރަން.. އަހަރެންނަށްވެސް.. ކާއިލް ވަރަށް ކަމުދޭ.." ލަދުންގޮސް ލޫޔާގެ ދޮންމޫނުކޮޅު ރަތްވެގެން އައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ފުރަތަމަ ފަހަރަށް ކާއިލްގެ ކުރިމަތީގައި އެ އިހުސާސުތަކަށް އިއުތިރާފުވާން ޖެހުމުން ލޫޔާ ރަކިވާގޮތްވިއެވެ. ލޫޔާގެ ޖަވާބުން ކާއިލްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެލިއެވެ. ހިތާހިތުން ހެއްދެވި ފަރާތަށް ޙަމްދުކޮށްލެވުނެވެ.

"އައި ލަވް ޔޫ.." ޖީބުންނެގި ކުޑަ މަހުމާފޮށި ހުޅުވައިލުމާއެކު ކާއިލް ބުނެލީ ސިއްރެއް ފަދައިންނެވެ. އެފޮށީގައިވި ރަން އަނގޮއްޓިއަށް ބަލަހައްޓައިގެން ލޫޔާ އިނީ ހަރަކާތެއްވެސް ކޮށްލަން ހަނދާންނެތިފައެވެ. އެހައި ފުރިހަމަގޮތަކަށް ކާއިލް އޭނާގެ ކިބައިން ކައިވެންޏަށް އެދިފާނެކަމަށް ލޫޔާ ހުވަފެނުގައިވެސް ހިއެއްނުކުރެއެވެ.

"އަހަރެންވެސް... ކާއިލްދެކެ ވަރަށް ލޯބިވޭ.." ތުންފަތް ތުރުތުރު އަޅައިލުމާއެކު ލޫޔާ ބުނެލިއެވެ. އެއާއެކު ފޮށީގައިވި އަނގޮއްޓިނަގަމުން ލޫޔާގެ ވައަތުގެ ކަށި އިނގިލީގައި ކާއިލް އަޅުވައިދިނީ ނުހަނު ލޯބިންނެވެ.

"ހަފުތާއެއްގެ ތެރޭގަ ހައިމް ގޮވައިގެން އަހަންނަށް ފުރަން ޖެހިދާނެ.. ހައިމްގެ އޮޕެރޭޝަން ކަންތައް ނިންމުމަށްފަހު އެނބުރި އައިސް އެންމެ ފުރަތަމަވެސް އަހަރެން ބޭނުންވަނީ ލޫ އާ ކައިވެނިކުރަން.. އޭރަށްވާއިރަށް ހުރިހައިކަމެއް ތައްޔާރުކުރަން އަހަރެން މަސައްކަތް ކުރާނަން.. އަހަންނަށް އިންތިޒާރު ކުރައްޗޭ.." ލޫޔާގެ އަތުގައި މަޑުމަޑުން ފިރުމައިލަމުން ކާއިލް ބުންޏެވެ. ލޯބިން ފުރިގެންވީފަދަ ގޮތަކަށް ކާއިލް އަށް ބަލަން އިން ލޫޔާ ބޯޖަހައިލަމުން އެކަމަށް އެއްބަސްވިއެވެ. މުޅި އުމުރު ކާއިލް އަށް އިންތިޒާރުކުރަން ޖެހުނަސް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. މި ދުނިޔެމަތިން އެހިތް އެދޭ ހަމައެކަނި މީހަކީ އެއީ އެވެ.

* * * * *

މެންދުރުގެ ކެއުން ނިންމައިލުމަށްފަހު ކާއިލް ކޮޓަރިއަށް ވަނީ އެނބުރި ޑިއުޓީއަށް ދާންވާއިރަށް ކުޑަކޮށް ތާޒާވެލުމަށެވެ. ތަށިތައް ނެގުމަށްފަހު ސިޓިންގްރޫމަށް އައި ވަގުތު ގޭގެ ބެލް އަޅާއަޑުއިވި މުސްކާން ހިނގައިގަތީ އެދިމާއަށެވެ. ދޮރުހުޅުވައިލުމާއެކު ހާސްވެފައި ހުރި އޫޝާ އެތެރަށް ދެމިގަތެވެ. ސިޓިންގްރޫމްގައި ތިބި ރުހައިމްއާއި އަރުން އަށް އޭނާގެ ނަޒަރު ހުއްޓުނެވެ.

"ޕްލީޒް ހެލްޕް މީ.. ބަދިގޭ ސިންކްގަ ހުރި އިސްކުރުން ފެން ލީކް ވާތީ މިއުޅެނީ.. އުޅެއުޅެވެސް އަހަންނަށް އެކަން ރަނގަޅެއް ނުކުރެވުނު.." މުސްކާންއަށް ބަލައިލަމުން އޫޝާ ބުނެލީ ކަންބޮޑުވެފައި ހުރެއެވެ. އަރުންއަށް ގޮވައިލަމުން އޫޝާއާ އެކުގައި އޭނާގެ އެޕާރޓްމަންޓަށް ގޮސް އެކަން ރަނގަޅުކޮށްލައި ދިނުމަށް މުސްކާން އެދުނެވެ. ބޯޖަހައިލުމާއެކު އިންތަނުން އޭނާ ތެދުވިއެވެ. މާޔޫސީ ގޮތަކަށް ރުހައިމްއަށް ބަލައިލަމުން އެދިމާއަށް އައި އަރުންއަށް އޫޝާ ނަޒަރު ހުއްޓައިލިއެވެ. އަވަހަށް ހިނގާށޭ ބުނެލަމުން އެގެއިން ނުކުތުމަށް އޭނާ މިސްރާބު ޖެހިއެވެ. އޫޝާގެ ފަހަތުން ތެޅެމުން ފޮޅެމުންކަހަލަ ގޮތަކަށް އަރުންވެސް ނުކުތީ އޭނާ ހާސްވެފައި ހުރިވަރު ފެނުމުންނެވެ.

އިސްކުރަށް ވެފައިހުރި ގޮތެއް ބެލުމަށް އަރުން މަސައްކަތް ކުރަމުންދިޔަ ތަން ބަލަން ތަންކޮޅެއް ފަހަތުގައި އޫޝާ ހުއްޓެވެ. އެވަގުތު އޭނާގެ ފޯނަށް މީހަކު ގުޅަން ފެށުމުން ތެޅިގަނެފައި ސްކްރީނަށް އޫޝާ ބަލައިލިއެވެ. އަދި ކޯލު ބިޒީކޮށްލުމާއެކު އަނެއްކާވެސް އަރުންގެ މަސައްކަތަށް ސަމާލުކަން ހުއްޓައިލިއެވެ. ދެވަނަ ފަހަރަށްވެސް އެނަމްބަރުން ގުޅަން ފެށުމުން ހިނިއައިސްފައި ދެފަރާތަށް އޫޝާ ބޯހޫރައިލިއެވެ. އޭނާ ފޯނު ނުނަގާހައި ހިނދެއްގައި ހުއްޓުމެއްނެތި ގުޅާނެކަން ވިސްނި އެންމެފަހުން އަރުންއަށް ބަލައިލަމުން މުހިންމު ކޯލަކަށް ޖަވާބު ދޭން ޖެހިއްޖެ ކަމުގައި އޫޝާ ބުނެލިއެވެ. ކޮޓަރީގައި އޭނާ އެބަހުރިން ކަމުގައި ބުނެ އޫޝާ ހިނގައިގަތީ ބަދިގެއިން ނުކުތުމަށެވެ. އޫޝާގެ ވާހަކަތަކަށް ބޯޖަހައިލަމުން އަރުން އަވަސްވެގަތީ ފެން ލީކް ވަމުންދިޔަ ތަން ކޮންމެވެސް ގޮތަކުން ރަނގަޅުކުރެވޭތޯއެވެ. ހީކުރި ވަރަށްވުރެ އަވަހަށް އޭނާގެ މަސައްކަތް ކާމިޔާބުވުމުން ހިންދެމިލުމަށްފަހު ބަދިގެއިން ނުކުތެވެ. އެތަނުން ދިއުމުގެ ކުރިން އޫޝާ ގާތުގައި މަސައްކަތް ނިމުނު ވާހަކަ ބުނުމަށް ގަސްދުކޮށް އޭނާ ހިނގައިގަތީ އޫޝާ ވަތްހެން ހީވާ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ދޮރު ކޮންމެވެސް ވަރަކަށް ހުޅުވިފައި ހުރިއިރު އެތެރެއިން އޭނާ ވާހަކަދައްކާ އަޑު އިވެމުންދިޔައެވެ.

އޫޝާގެ އެޕާރޓްމަންޓްއިން އެނބުރި އައި އަރުންގެ މޫނުމަތިން ފައުޅުވާން ހުރީ ފޫހިކަމެވެ. ރުހައިމް ގާތުގައި ހިނިއައިސްފައި އިން މުސްކާން ފެނުމާއެކު އޭނާއަށް ބަލައިލެވުނީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އިސްޖަހައިލުމާއެކު އޭނާއަށް ދެބުމަ ގޮށްޖަހައިލެވުނީ ބޭއިޚުތިޔާރުގައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެއިހުސާސުތައް ފޮރުވައިލަމުން ލަސްހިނގުމެއްގައި އޭނާ އައިސް އެތަނުން ސޯފާއެއްގައި އިނށީދެލިއެވެ. އަދި ފުން ނަޒަރަކުން ރުހައިމްއާ މުސްކާނަށް ބަލައިލިއެވެ. އޫޝާ އެދުމުން އެގެއަށް ދެވުނުކަން ނަސީބޭ އޭނާ ހިތަށް އެރިއެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ކުޅެލުމާއެކު މުސްކާން މެންގެ ވާހަކައިގައި އޭނާވެސް ބައިވެރިވިއެވެ.

* * * * *

އިޝާ ނަމާދަށް ބަންގި ގޮވި އަޑު އިވުމާއެކު ކަންނެތްގޮތަކަށް އެނދުގައި އޮވެފައި އޫޝާ ތެދުވިއެވެ. ރޭގަނޑު 8 ގެ ފަހުން ރުހައިމްގެ އާއިލާ ސިޓިންގްރޫމްގައި އަނގަތަޅާލަން ތިބޭނެކަން އޭނާއަށް ޔަގީންވެއެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދައެވެ. އިތުރަށް ދެން އެންމެ ދުވަހެއްވެސް ލަސްކުރާކަށް އޫޝާ ނޭދެއެވެ. މިހާރުވެސް އޭނާއަށް ކެތްވަނީކީ ނޫނެވެ. އަތުގައިއޮތް "ބޮން" އެދެމަފިރިން ދެމެދަށް ވައްޓާލަންވީ ވަގުތު ޖެހިއްޖެކަން ޚުދު އަމިއްލަ ނަފުސުވެސް ބުނަމުން ދިއައެވެ. ލަސްކުރަންވެއްޖެނަމަ އޭނާގެ މަގުސަދު ހާސިލް ނުވެ ގިނަ ދުވަސްވެދާނެއެވެ. އެއީ އެއްގޮތަކަށްވެސް އޫޝާއަށް ރުހެވޭނެކަމެއް ނޫނެވެ. ރުހައިމް އާއި މުސްކާން އެކުގައި ވާތަން ދުށުމަކީ އޭނާއަށް ދެކެން އެންމެ އުނދަގޫ މަންޒަރެވެ. ތުންފަތުގައި ދަތްއަޅައިލުމާއެކު ހަރުގައި އަޅުވައިފައި ހުރި ތުވާލިހިފައިގެން އޭނާ ހިނގައިގަތީ ފާޚާނާއަށް ވަދެ ތާޒާވެލުމަށެވެ.

* * * * *

މުސްކާންގެ ފަހަތުން ކަހަލަ ގޮތަކަށް ވަދެގެން އައި އޫޝާއަށް ކާއިލް ގޮވައިލީ ހިނިތުންވެލަމުންނެވެ. ކާއިލްގެ އެއްފަރާތުގައި އިން އަރުންއަށް އޫޝާ ފެނުމާއެކު ކުއްލިއަކަށް ހަށިގަނޑު ސީދާ ކޮށްލަމުން މޫނަށް ސީރިއަސްކަން ވެރިކޮށްލިއެވެ. އޭނާގެ މުޅި ތަބީޢަތު ބަދަލުވީ ހިނދުކޮޅެއްގެ ތެރޭގައެވެ. ފޫހިކަން މުޅި ނަފުސު ވަށައިލުމާއެކު ހުޅުވައިފައިހުރި ޓީވީއަށް އަރުން ނަޒަރު ހުއްޓައިލިއެވެ.

ސޯފާގައި ނީނށީދެ އޫޝާ ހުންނަން ފެށުމުން މުސްކާން ގޮވައިލިއެވެ. އަދި ކިހިނެއްވެފަތޯ ސުވާލުކޮށްލީ އޫޝާ ހުރިގޮތްފެނި ހައިރާންވެފައި ހުރެއެވެ.

"އަހަރެން މިރޭ މިތަނަށް މިއައީ އިނށީދެ ހީ ސަމާސަކޮށް މަޖާކުރާކަށް ނޫން.. މިތިބަ އެންމެން ގާތު އަހަރެން ދައްކަން ޖެހޭ މުހިންމު ވާހަކައެއް އޮތީމަ.." ހިތްހަމަނުޖެހިފައި މުސްކާންއަށް ބަލައިލަމުން އޫޝާ ހަށަން ބަނދެލިއެވެ.

"އޫޝް.. ކިހިނެއްވީ އަނެއްކާ.." އޫޝާގެ ރާގު ހުރިގޮތުން ކާއިލްއަށް ވެސް ލިބުނީ ހައިރާންކަމެވެ. ކޮންމެވެސް ވަރަކަށް ދިވެހި އެނގޭތީ އޫޝާ ދައްކަމުންދިޔަ ވާހަކަތައް އަރުން އަށް ވެސް ނަގައިގަނެވޭ ގޮތް ވިއެވެ. މޫނަށް ވައްތަރެއް ޖައްސައިލުމާއެކު އޭނާ ދެފަރާތަށް ބޯހޫރައިލިއެވެ.

"ތި ސުވާލު މިހުރި އަންހެނާ ގާތުގައި ކޮށްބަލަ.. ތަނަކުން ފެންނަހައި މީހަކު ގެނަސް އާއިލާއަށް ވައްދަންޏާ މުޅި އާއިލާގެ އިއްޒަތްވެސް ނެތިދާނީ.. އޭގެ ހެއްކެތް މިއަދު އަހަރެންގެ އަތުގަ މިއޮތީ.. އެވަގުތު އަހަންނަށް މިގެއަށް ނާދެވުނުނަމަ... އަދިވެސް މި އަންހެނާގެ ހަގީގަތް އޮންނާނީ ސިއްރުވެފަ.. " ދަތްކުނޑި ވިކައިލަމުން މުސްކާންއަށް ބަލައިލުމަށްފަހު އޫޝާ ހަޅޭއްލަވައިގަތެވެ. އެވަގުތު އޫޝާގެ ނަމުން ހަރުއަޑުން ގޮވައިލަމުން އިންތަނުން ރުހައިމް ތެދުވީ ކުއްލިއަކަށެވެ.

"ޚަބަރުދާރު.. އަހަރެންގެ އަންހެނުންނަށް ނިސްބަތްކޮށް ހިތަށް އެރިހައި އެއްޗެއް ކިއުމުގެ ހައްގެއް އަހަރެން އެއްވެސް މީހަކަށް ނުދެން.. އެއީ އޫޝާއަށް ވިއަސް އަހަންނަށް ވަރިހަމަ.. އެހެންވީމަ ތި އަނގަގަނޑު މައިތިރިކޮށްފަ މިވަގުތު މިތަނުން ދިއުން ކަންނޭނގެ އެންމެ ރަނގަޅުވާނީ.." ހަރުކަށި ރާގަކަށް ރުހައިމް ބުނެލިއެވެ. އޫޝާގެ ވާހަކަތަކުގެ މިސްރާބު ނުވިސްނިފައި މުސްކާން ހުއްޓެވެ. އެއްގޮތަކަށްވެސް އޫޝާ އެފަދަ އެއްޗެއް ބުނަން ޖެހުނު ސަބަބެއް މުސްކާންގެ ސިކުނޑިއަކަށް ނައެވެ. ހިންދިރުވައިލުމާއެކު އޭނާ ރުހައިމްއަށް ބަލައިލީ އެމޫނުމަތިން މިއިން ދުވަހަކުވެސް ނުފެންނަފަދަ ގަދަ ރުޅިވެރިކަމެއްގެ އަސަރު ފައުޅުވާން ހުރީތީއެވެ. އިނށީދެގެން އިންނަން އުނދަގޫވެ ކާއިލްވެސް އިންތަނުން ތެދުވިއެވެ.

"ނުދާނަން.. އަހަރެން ދައްކަން ބޭނުން ހުރިހައި ވާހަކަތަކެއް ދައްކާފަ ނޫނީ މިތަނަކުން އަހަރެން ނުދާނަން.. ހައިމްތީ އަހަރެންގެ ވަރަށް ގާތް އެކުވެރިއަކަށްވީމަ، ތި ދިރިއުޅުން އަހަރެންގެ ކުރިމަތީގައި ހަލާކުވެދާތަން ދެކެން ވަކި އަހަންނަށް ކެތްވާނެތަ؟ މިހުރި ހައިމްގެ ލޯބިވާ އަނބިކަނބަލުން ހައިމްގެ ފަސްފަހަތުން ހިލޭ ފިރިހެނުންނާ މައްލަވަކޮށް ގުޅުން ބާއްވާކަން ހައިމްއަށް ކުޑަކޮށްވެސް އެނގޭތަ؟" ރުހައިމްގެ ބާރު އަޑުން ޖެހިލުންވިއަސް އެންމެ ތަންފުކެއްވެސް ދޫދޭކަށް އޫޝާ ގަސްދެއް ނުކުރިއެވެ.

"އޫޝާ.. ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ އަހަންނަށްވެސް ހީވަނީ މިރޭ އޫޝާ މިތަނުން ދިއުންހެން ދެން އެންމެ ރަނގަޅުވާނީ.." ސިހިފައިހުރި މުސްކާންއަށް ބަލައިލަމުން ކާއިލް ވެސް ބުނެލީ ނުރުހުމުގެ ރާގަކަށެވެ. މުސްކާންގެ ބޮލުގައި އޫޝާ އެފަދަ އިލްޒާމެއް އެޅުވުމުން ބަލައިގަންނަން ކާއިލް އަށް ދަތިވީއެވެ. މުސްކާންގެ ގޮތް އޭނާ އަށް ނުހަނު ރަނގަޅަށް އެނގޭއިރު އެފަދަ ވާހަކައެއް ގަބޫލުކުރާނީ ކިހިނަކުން ހެއްޔެވެ.

"ތީ ހުސް ދޮގު.. ހައިމް.. އަހަރެން.. އެފަދަ އެއްވެސް ކަމެއް ނުކުރަން.. އަހަރެންގެ ވެރި ރަސްކަލާނގެ ގަންދީ ހުވާކޮށްފަ ބުނަން.." ރުހައިމްއާ ގާތަށް ޖެހިލަމުން މުސްކާން ބުނެލީ އަމިއްލަ ނަފުސުގެ ދިފާއުގައެވެ. އެވަރުގެ ދޮގު އިލްޒާމެއް އޭނާގެ ބޮލުގައި އޫޝާ އަޅުވައިފާނެ ކަމަކަށް ފަހަރެއްގައިވެސް މުސްކާން ހިއެއް ނުކުރެއެވެ. ނުރުހިފައި އޭނާ އޫޝާއަށް ބަލައިލީ، އޫޝާގެ ނުބައި ނިޔަތް ވިސްނުނު މީހަކުފަދައިންނެވެ.

"ދޮގެކޭ.. ބަލަ އަހަރެންގެ އަތުގަ ހެކި އެބަ އޮތޭ.. ގަބޫލުނުކުރެވޭނަމަ މި އޯޑިއޯކޮޅު އަޑުއަހާބަލަ.." އަތުގައި އޮތް ފޯނުގެ ލޮކް ހުޅުވައިލަމުން އޫޝާ ބުނެލީ ވިހަ ހިނިތުންވުމަކާއެކުއެވެ.

"ތި އޯޑިއޯ އަޑުއެހުމުގެ ކުރިން އެހަށް މި ވީޑިއޯ ކޮޅު ބަލައިލުން މުހިންމު ކަންނޭނގެ.. އޭރަށް ތިބުނާ ހެއްކެތްގެ ހަގީގަތްވެސް އެނގިދާނެ.." އިންތަނުން ތެދުވުމާއެކު ޖީބުގައި އޮތް ފޯނު ނަގަމުން އަރުން ބުންޏެވެ. އެއަޑުގައިވީ މަލާމާތެވެ. އެވަގުތަކަށް ނުހަނު ތައްޔާރުވެގެން އޭނާ ހުރި ފަދައެވެ. ސާބިތުކަން އޭނާގެ މޫނުގައިވިއެވެ.

"ކިހިނެއްތަ ވެގެން މިއުޅެނީ.. ކުއްލިއަކަށް އޫޝާއަށް ތިހައި ބޮޑު ބަދަލެއް އަންނަންވީ ސަބަބެއް ނުވިސްނުނު.." އެއްފަހަރު އޫޝާގެ މޫނަށް އަދި އަނެއްފަހަރު އަރުންގެ މޫނަށް ބަލައިލަމުން ކާއިލް އަހައިލިއެވެ. މުސްކާންއާ އެހައި ގާތްކޮށްއުޅެފައި ކުއްލިއަކަށް އެފަދައިން އޫޝާ ބަދަލުވާންވީ ކީއްވެކަމެއް އެއްގޮތަކަށްވެސް ކާއިލް އަކަށް ނޭނގުނެވެ.

"ބޭބޭ.. މި ވީޑިއޯކޮޅު ބަލާ.. އޭރަށް ހުރިހައި ކަމެއްވެސް ސާފުވާނެ.." އިނގެރޭސި ބަހުން އެހެން ބުނެލުމަށްފަހު ފޯނުން ވީޑިއޯއެއް ޖައްސައިލަމުން ކާއިލް އަތަށް އަރުން ފޯނުދިއްކޮށްލިއެވެ. ވީޑިއޯ ޕްލޭވުމާއެކު އެންމެ ފުރަތަމަވެސް އިވުނު ވާހަކަތަކުން ސިހިފައި ދެލޯ ބޮޑުކޮށްލަމުން އޫޝާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ގަބޫލުކުރަން ދަތިވެފައި އޭނާ އަރުންއަށް ބަލައިލިއެވެ. "ޔުއަރ ގޭމް އިޒް އޯވާރ.." ނުލަފާ ގޮތަކަށް ހިނިތުންވެލަމުން އަރުން ބުނެލިއެވެ. އެއާއެކު ތުންފިއްތައިލަމުން އޫޝާއަށް ހިންދިރުވައިލެވުނީ ހާސްވީވަރުންނެވެ. މިވީ ކިހިނެއްބާއޭ އަމިއްލަ ނަފުސާ އޭނާއަށް ސުވާލުކޮށްލެވުނެވެ.

(ނުނިމޭ)

Ads by HDC
  1. ޥަރަށް ރީތި

  2. ޥާއުު ވަރައްް ސަޅި

  3. ނައު ގެ ބޯއީފްރެންޑް .ހައިމް.

    ސާބަހޭ އަރުން ��

  4. ޙުދް

    ވަރަށް ރީތި. ރުހައިމް އާ މުސްކާން ދުރު ނުކުރައްޗޭ ޕްލީޒް!!!

  5. ވ ރީތި