ޚަބަރު ސިޔާސީ

ކެނޑިޑޭޓުންގެ ބަހުސަށް ބަލައިލުމުން ރައްޔިތުންގެ ކެނޑިޑޭޓަކީ ކާކުކަން ވަރަށް ސާފު: އާދަމް ޝަރީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިރޭގެ ޖަލްސާގައި އާދަމް ޝަރީފް އުމަރު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ/ޕީޕީއެމް

ދައުލަތުގެ މީޑިއާއިން މިމަހު 25ވަނަ ދުވަހުގެ ރޭ ބޭއްވި، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ބަހުސަށް ނަޒަރު ހިންގައިލުމުން ރައްޔިތުންނާ އެކު މަސައްކަތް ކުރާނެ ރައްޔިތުންގެ ކެނޑިޑޭޓަކީ ކާކުކަން ސާފުވެގެން ދިޔަ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިދިކޮޅު ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ ށ. ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެ ބަހުސްގައި ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވައިދޭނެ ކަމަށް ވިދާޅުވަން ކެރުނު ހަމައެކަނި ކެނޑިޑޭޓަކީ ފަތުހީ ކަމަށެވެ. އެމްޑީޕީގެ ކެނޑިޑޭޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީ ކެނޑިޑޭޓްގެ މުޅި ވާހަކަ ވަށާ ޖެހުނީ، އޭނާގެ ފަހަތުގައި ސަރުކާރު އޮތް ކަމަށް ބުނެ ކަމަށެވެ. އަދި ސަރުކާރަށް ވުރެ ރައްޔިތުން ބާރުގަދަވާނެ ކަމަށާއި މަޖިލީހުގައި އިއްވަން ޖެހޭނީ ރައްޔިތުންގެ އަޑު ކަމަށް އާދަމް ޝަރީފް ވިދާޅުއެވިއެވެ.

"ތިން ކެނޑިޑޭޓުން ވާދަކުރި ބަހުސްގައި، މުޅި ރާއްޖެ މިއަދު ހެކިވާނެ ރައްޔިތުންގެ މަޖިލިސްއަށް ކުފޫ ހަމަވާ، ޒިންމާދާރު ކަމާއެކުގައި ފުރިހަމައަށް ސަރުކާރު ޖަވާބު ދާރީ ކުރެވޭނެ ރައްޔިތުންގެ އަޑު އިއްވޭނެ ކެނޑިޑޭޓަކީ އުސްތާދު މޫސާ ފަތުޙީ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުގެ ގިނަ ކަންކަން ބޮއްސުން ލައިގެން ގޮސްފައިވާ ކަމަށް ވިދާޅުވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިއަދު ޤައުމަށް ބޭނުންވެފައި ވަނީ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ މީހެއް ކަމަށެވެ. މިގޮތުން ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި އެކަންތައް ބެލޭނީ އިދިކޮޅު ކެނޑިޑޭޓަކު އިންތިޚާބުކޮށްގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ ވާހަކަފުޅުގައި، މި ގޮނޑި އެމްޑީޕީއަށް ދޭން ޖެހޭ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ދައްކަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވިއެވެ.

"މި އިންތިޚާބަށް އިއުލާން ކުރުމާ އެކީގައި ސަރުކާރުން އެންގީ މިއޮތް ތަހުޒީބު ޒަމާނުގައި، މަލްޓި ޕާޓީ ޑިމޮކްރަސީ ޒަމާނުގައި ކުރިޔަށްދާން މަސައްކަތް ކުރާ ކަމަށް ބުނާ ސަރުކާރުން ފުރަތަމަ ވެސް އެންގީ އޮޕޮޒިޝަންއާއި އެހެން ޕާޓީތަކުން ފަހަތަށް ޖެހިލާށޭ. މިއީ ލަދުވެތިވާން ޖެހޭ ވާހަކައެއް. މަލްޓި ޕާޓީ ޑިމޮކްރަސީތަކުގައި ބައި-އިލެކްޝަންތަކުގައި މަސައްކަތް ކުރަން އެންމެ ލާޒިމް ޕާޓީއަކީ އިދިކޮޅު." އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!