ޚަބަރު ސިޔާސީ

ރައީސް ޔާމީން ދެން ޖަލަކަށް ނުލެވޭނެ: އަދުރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރޭގެ ޖަލްސާގައި އަދުރޭ ވާހަކަފުޅު ދައްކަވަނީ

އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ޖަލަށްލުމަށް ސަރުކާރު ހިންގާ އެމްޑީޕީ ބޭފުޅުން ކިތަންމެ ބޭނުންފުޅު ވިޔަސް، ރައީސް ޔާމީން ގައިކޮޅުގައި ދެން އަތް ނުލެވޭނެ ކަމަށާއި ޖަލަށް ނުލެވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަދުރޭ މިހެން ވިދާޅުވީ، މިރޭ ށ. ކޮމަންޑޫގައި، އެ ޕާޓީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ޖަލަށް ނުލެވޭނެ ކަމަށް އަދުރޭ ވިދާޅުވެފައި ވަނީ، އިދިކޮޅުން ހިންގަމުން އަންނަ އިންޑިއާ އައުޓް ކެންޕެއިނަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށާއި ރައީސް ޔާމީން އަލުން އަނބުރާ ޖަލަށް ގެންދަން ޖެހޭ ކަމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ބުނަމުން ދަނިކޮށެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރު ކްރިމިނަލް ކޯޓުގައި މަނީ ލޯންޑަރިންގެ މައްސަލައެއް ހިނގަމުންދެއެވެ. މި މައްސަލައިގެ ހުކުމް މި އަންނަ ނޮވެންބަރު މަހު އިއްވުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ މިއަދު ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނެސް، ރައީސް ޔާމީން ވެރިކަމަށް ގެންނަން ކަމަށެވެ. އަދި އަދުގެ ސަރުކާރުން ކިތަންމެ ބޭނުން ވިޔަސް ރައީސް ޔާމީން ދެން ޖަލަށް ނުލެވޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީނާ ކުޅުއްވަން ނުހައްދަވާށޭ. ހަސަންލަތީފެއް ކަމަކު އެކަމެއް ދެނެއް ނުކުރެވޭނޭ. ލާހިކެއް ނޫން އިރާދަ ކުރެއްވިއްޔާ. ރައީސް ޔާމީންގެ ގައިގައި އަތެއް ނުލެވޭނެ. ރައީސް ޔާމީން ޖަލަކަށް ނުލެވޭނެ. އެކަމެއް ނުކުރެވޭނެ" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކޮމަންޑުއަށް ތަރައްޤީ ނުގެންނަ ކަމަށް ސަރުކާރުން ދައްކާ ވާހަކަތަކަށް ވެސް އަދުރޭ ރައްދު ދެއްވިއެވެ. މިގޮތުން ވިދާޅުވީ، ކޮމަންޑުއަށް ގެނެސްދީފައި އޮތް ނަމަ އޮތް ތަރައްޤީއެއް ގެނެސްދިނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ.

"ޕީޕީއެމްގެ ވެރިކަމުގައި މި ކޮމަންޑުއަށް ގެނައީ ކޮން ތަރައްޤީއެއްހޭ. އަޅުގަނޑު އެ ބޭފުޅަކަށް ދަންނަވާލަން ބޭނުން ހަމަހޭގައިތޯއޭ ތި ހުންނެވީ، ބުއްދި ސަލާމަތުން އެބަހުރިހޭ، ލޮލަށް ރަނގަޅަށް ފެނިވަޑައިގަންނަވާހޭ. ކަންފަތަަށް އެބަ އިވިވަޑައިގަންނަވާހޭ" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެރަށަށް ގެނައި ތަރައްޤީއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ބިމުގެ ދަތިކަން ކަމަށާއި އެކަން ރައީސް ޔާމީން ހައްލުކޮށްދެއްވިކަން އަދުރޭ ފާހަގަ ކުރެއްވިއެވެ.

މި އިންތިޚާބާ ދިމާކޮށް، ދައުލަތުގެ މުދަލާއި ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ކުރައްވާ ކަމަށް ތުހުމަތު ކުރައްވަމުން އަދުރޭ ވަނީ މި ސަރުކާރުން ބުނި ހެޔޮވެރިކަމަކީ މިއީތޯ ސުވާލު އުފައްދަވައިފައެވެ.

"ހެޔޮ ވިސްނުން ނެތް ބަޔަކަށް ހެޔޮ ވެރިކަމެއް ނުކުރެވޭނެ" އަދުރޭ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!