ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"ބޭބޭ.. މި ވީޑިއޯކޮޅު ބަލާ.. އޭރަށް ހުރިހައި ކަމެއްވެސް ސާފުވާނެ.." އިނގެރޭސި ބަހުން އެހެން ބުނެލުމަށްފަހު ފޯނުން ވީޑިއޯއެއް ޖައްސައިލަމުން ކާއިލް އަތަށް އަރުން ފޯނުދިއްކޮށްލިއެވެ. ވީޑިއޯ ޕްލޭވުމާއެކު އެންމެ ފުރަތަމަވެސް އިވުނު ވާހަކަތަކުން ސިހިފައި ދެލޯ ބޮޑުކޮށްލަމުން އޫޝާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ގަބޫލުކުރަން ދަތިވެފައި އޭނާ އަރުންއަށް ބަލައިލިއެވެ. "ޔުއަރ ގޭމް އިޒް އޯވާރ.." ނުލަފާ ގޮތަކަށް ހިނިތުންވެލަމުން އަރުން ބުނެލިއެވެ. އެއާއެކު ތުންފިއްތައިލަމުން އޫޝާއަށް ހިންދިރުވައިލެވުނީ ހާސްވީވަރުންނެވެ. މިވީ ކިހިނެއްބާއޭ އަމިއްލަ ނަފުސާ އޭނާއަށް ސުވާލުކޮށްލެވުނެވެ.

Ads by STELCO

"އަހަންނަށް ހަމަ ޔަގީން އެމީހުނަށް ޝައްކުވެސް ނުވާނެކަން.. މި އޯޑިއޯކޮޅު އަޑުއަހާފަ އެމީހުން ވަގުތުން އެކަން ގަބޫލުކުރާނެ.. ޖީން ތީ އެކި މީހުންގެ އަޑު ނަކަލުކޮށް ވާހަކަދައްކަން މޮޅު މީހެއްކަން މާކުރިންވެސް އަހަންނަށް އެނގޭ.. ދިވެހިބަސް ކުރީއްސުރެ ޖީން ދަސްކުރިކަން އެއީ އަހަރެންގެ ނަސީބު.. އެހެންނޫންނަމަ މިއަދު މި ކަންވެސް ނުވީސް.. އަސްލު އޭރު އެހައި ވަރަކުން މުސްކާން ގާތްކޮށްގެން އުޅުނީވެސް އެވަރަކުން މުސްކާންގެ އަޑު ރެކޯޑް ކުރަން.. ޖީންގެ މަސައްކަތަށް ވީ ވަރަކުން އަހަރެންވެސް އެހީވާން ވާނު.. ހުވާ މިބުނީ.. ހާދަ އުނދަގުލެއްވިއޭ އޭނައާ އެހައި ގާތްކަމަށް ހެދިގެން އުޅެން.. އެކަމު ހައިމް ހޯދަން އަހަރެން ނުކުރާނެކަމެއް ނޯންނާނެ.. ޖީން އަށް އެންމެ ރަނގަޅަށް އެނގޭނީ އަހަރެން ހައިމްދެކެ ލޯބިވާވަރު.. އެދެމީހުން އެއްކޮށް އުޅޭތަން ދެކޭކަށް ކެތެއް ނުވާނެ.. މިހާރުވެސް މާ ގިނަ ދުވަސްވެއްޖެ މިކުޅިވަރެއް ދެކެން ހުންނަތާ.. ޖީން ތިބުނީ ރަނގަޅަށް.. ތިބުނާ އެކަށޭނަ ވަގުތެއް ކިތަންމެ ދުވަހަކު މަޑުކުރިއަސް ނާންނާނެ.. އިތުރަށް މިހެން ދެއަތް އުރައިލައިގެން ހުރުން މީ ބޭކާރު ކަމެއް.. އާން.. މިރޭ އަހަރެން އެގެއަށް ދާނަން.. އެންމެންގެ ކުރިމަތީގައި މި އޯޑިއޯކޮޅު ޕްލޭ ކުރާނީ.. ޔަގީން.. މިރެއަށްފަހު އެމުސްކާންގަނޑާ ހައިމްއާ ދެމެދަށް ދުރުކަމެއް އަންނާނެ.. ހަހަހަ.. އަހަރެމެންގެ މި ރޭވުން ކާމިޔާބުވާނެ.. މިރޭ ގެއަށް އައިސް މި އުފާވެރި ޚަބަރު ދޭން ގުޅާނަން.. އަހަރެންގެ ކޯލަށް އިންތިޒާރު ކުރާތި.." އިނގިރޭސި ބަހުން އޫޝާ ދެއްކި ވާހަކަތައް އަރުން ހުރީ ނުހަނު ސާފުކޮށް އިވޭނޭހެން ރެކޯޑް ކޮށްފައެވެ. އޭނާއަށް ގޮސް ދޮރުމައްޗަށް މަޑުކޮށްލެވުނުއިރު އޫޝާ އެމީހަކާއި ދައްކަމުންދިޔައީ މުސްކާންދެކެ ރުޅި އައިސް ފޫހިވާ ވާހަކައެވެ. އަދި އެއެންމެންގެ ހިތް އަތުލަން މަސައްކަތް ކުރަމުންދަނީވެސް މުސްކާންއަށް ދެރަދޭންކަން އޫޝާ އެވަގުތު ވަނީ ބުނެފައެވެ. ނޭނގުމެއްގެ ތެރޭގައިހުރެ އޫޝާ އެވަގުތު ވާހަކަދައްކަމުން ދިޔައީ އިނގިރޭސި ބަހުން ކަމުން އެ ވާހަކަތައް އަރުންއަށް ނުހަނު ރަނގަޅަށް ފަހުމް ވިއެވެ. ފޯނު ނަގައި އަވަހަށް ރެކޯޑްކުރަން ފެށީ އެހެންވެއެވެ. ދޮރަށް ފުރަގަސްދީގެން ހުރި އޫޝާއަށް އަރުންގެ އެ ސިއްރުވެތި އެއްވެސް އަމަލެއް ނުފެނުނެވެ. ބޭނުންވާ ވާހަކަތައް ރެކޯޑްވުމުން އަރުން އައިސް ސިޓިންގްރޫމްގައި ހުރި ސޯފާތަކުން ސޯފާއެއްގައި އިނށީދެލީ އޫޝާއަށް އެއިން އެއްވެސް ކަމަކަށް ޝައްކުވާން ބޭނުންނުވީމައެވެ. ފޯނު ކޯލު ނިންމައިލުމަށްފަހު އެނބުރި އޫޝާ އައި އިރު ހަމަޖެހިލައިގެން އޭނާގެ އިންތިޒާރުގައި އިން އަރުން ފެނި މަސައްކަތް ނިމުނީތޯ ސުވާލުކުރިއެވެ. ވަގުތުން ބޯޖަހައިލަމުން ދެން ދަނީކަމުގައިބުނެ އަރުން އެޕާރޓްމަންޓް އިން ނުކުތީއެވެ. މުޅި މީހާގެ ތަބީއަތު ބަދަލުވީ އެހިސާބުންނެވެ. އޫޝާއާ މެދު ހިތުގައި ފޫހިކަން އުފެދުނެވެ. މިރޭ އޫޝާ އައިސް އެބުނާ ޕްލޭންއަކާ އެއްގޮތަށް މަސައްކަތްކުރަން އުޅޭނެކަން ވިސްނި އަރުން ހުރީ ނުހަނު ތައްޔާރުވެގެންނެވެ.

ދެފަރާތަށް ބޯހޫރައިލަމުން އޫޝާ ފަހަތަށް ފިޔަވަޅެއް އަޅައިލީ ބިރުގެންފައިހުރި މީހަކު ފަދައިންނެވެ. އިވުނު ވާހަކަތަކާއެކު ރުޅި އައިވަރުން ކާއިލްއަށް ދަތްކުނޑި ވިކައިލެވުނެވެ. މުސްކާންއާ ގަޔާނުވިއެއްކަމަކު އެވަރުގެ ބޮޑު، ދޮގު އިލްޒާމެއް އޭނާގެ ބޮލުގައި އަޅުވަން އޫޝާ އުޅެފާނެކަމަކަށް ކާއިލް ހިއެއް ނުކުރެއެވެ. އިވުނު ވާހަކަތަކާއެކު މުސްކާންވެސް ހުރީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުންއަރާފައެވެ. ބަރާބަރު ވަގުތައް އެތަނަށް އަރުންއަށް ދެވުނުކަން އެއީ އޭނާގެ ނަސީބެވެ. އެހެންނޫންނަމަ މިއަދު އޭނާގެ ކުށެއްނެތްކަން ސާބިތުވާނެ އެއްވެސް ގޮތެއް ނެތީހެވެ. ފެންކަޅިވެފައިހުރެ އަރުންއަށް މުސްކާން ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ.

"އައި.. އައި ކެން.. އެކްސްޕްލެ.."

"ޚަބަރުދާރު... ހުއްޓާލާ.. ކަލޭގެ ދުލުން އެންމެ ލަފުޒެއް ކިޔާ އަޑުވެސް އަހާކަށް އަހަރެން ބޭނުމެއްނޫން.. އޫޝާ ތީ ކާކުތަ؟ މުސްކާންއާ އަޅައިވެސް ނުކިޔޭނެ.. އަހަރެންގެ އަނބިމީހާ އަކީ އުޑުގައި ވިދާ ތަރިއެއްފަދަ.. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީ ނަމަވެސް އަހަރެން އެކަން ގަބޫލެއް ނުކުރީމުސް.. އަހަރެންގެ އަނބިމީހާ އަކީ ތިބުނާފަދަ ވިޔާނުދާ ކަމެއް ކުރާނެ އަންހެނެއްނޫންކަން އަހަރެންނަށް އެނގި ޔަގީންވޭ.. މިދެލޮލަށް ނުފެނުނަސް އަހަރެންގެ އަނބިމީހާއަށް އަހަރެން އިތުބާރުކޮށް ޔަގީންކުރަން.. އެއްވެސް މީހަކަށް މިހިތަކުން މުސްކާންއަށްޓަކައިވި މަގާމެއް ނުފުހެވޭނެ.. އެ މަގާމު އެހެން އަންހެނަކަށް ނުވެސް ދެވޭނެ... އިންނާނެ އަންހެނަކު ނުލިބުނަސް އަހަރެން އޫޝާއަކަށް އެނަޒަރަކުން ނުބަލާނަން.. އަޑުއިވިއްޖެތަ؟ ކުރިންވެސް އަހަރެން ހީކުރީ އަހަރެންގެ އަމަލުތަކުން އޫޝާއަށް އެކަން ވިސްނޭނެކަމަށް.. އެކަމަކު ކީއްކުރާނީ.. ބައެއްމީހުންގެ ލޯ އަހަރެންގެ މިދެލޮލަށްވުރެ ވެސް ކަނު.. ކުރިމަތިން ސާފުކޮށް ފެންނަންހުންނަ މަންޒަރުވެސް ގަބޫލު ނުކުރާނީ އެހެންވެތާ.." ދެއަތް މުށްކަވައިލުމާއެކު އޫޝާގެ އަޑުއައި ދިމާއަށް މޫނު އަނބުރައިލަމުން ރުހައިމް ހަޅޭއްލަވައި ގަތެވެ. އިވުނު ވާހަކަތަކުން އޭނާގެ މުޅި ތަބީއަތަށް ވަނީ އަސަރުކޮށްފައެވެ. އަންނަމުންދިޔަ ގަދަ ރުޅި ކޮންޓްރޯލްކުރަން ބޭނުންވިއަސް އެކަން ކުރުމަށް އޭނާ ނުކުޅެދުނު ކަހަލައެވެ. އެމޭރުމުން އޫޝާއާ މުޚާތަބު ކުރެވުނީވެސް އެހެންވެއެވެ. ރުހައިމްގެ ކުރިމަތީގައި އޫޝާގެ އަގު ވެއްޓުނީއެވެ. ކުރިން ދެކެމުންދިޔަ އެކުވެރިއެއްގެ ނަޒަރުންވެސް އިތުރަށް އޫޝާއާ މެދުގައި ދެކޭކަށް އޭނާ ބޭނުމެއްނުވިއެވެ. އެއްވެސް ގުޅުމެއް އެފަދަ މީހަކާ ބޭއްވުމުގެ ނިޔަތެއް ރުހައިމްގެ ނެތެވެ.

"ހައިމް ޕްލީޒް.." ރުހައިމްގެ ވާހަކަތަކުން އޫޝާގެ ހިތަށް އަސަރުކުރީ އިންތިހާއަށެވެ. ކުށްވެރިއަކު ފަދައިން އިސްޖަހައިލެވުނުއިރު ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ އިތުރަށް ކެތްނުވުމުންނެވެ. އުއްމީދުވެސް ނުކުރާފަދަ ގޮތަކަށް ހާލަތު ބަދަލުވެގެން ދިއުމުން އިތުރަށް ކިޔާނެ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

"ގެޓް ލޮސްޓް.. އަހަރެން ފެންނަ ހިސާބަށްވެސް އޫޝާ އަންނާކަށް އަހަންނަކަށް ނުރުހެވޭނެ.." ހަރުކަށިކަމާއެކު ރުހައިމް ބުންޏެވެ. ހިންދިރުވައިލުމާއެކު އޫޝާ ބަލައިލީ ކާއިލްގެ މޫނަށެވެ. ދެބުމަ ގޮށްޖަހައިލުމާއެކު ކާއިލްވެސް މޫނު އަނބުރައިލީ އަނެއްފަރާތަށެވެ. ކާއިލްގެ އެ އަމަލުން އޭނާވެސް އޫޝާއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާކަން ވިސްނި އޫޝާގެ ހިތަށް ތަދުވެލިއެވެ. ތުންފަތުގައި ދަތް އަޅައިލުމާއެކު އެންމެނަށް ފުރަގަސް ދިނުމާއެކު އެޕާރޓްމަންޓްގެ ދޮރާ ދިމާއަށް އޫޝާ ދުއްވައިގަތެވެ. އޭރު އޭނާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ގިސްގެ އަޑު ތުންފަތް ފޫއަޅުވައިލުމަށްފަހު ނުކުތީ ބޭއިޚުތިޔާރުގައެވެ. އަނގަމަތީގައި އަތްއެޅުމާއެކު ބާރުކޮށްލީ އެއަޑު އެއްވެސް މީހަކަށް އިވެން ބޭނުންނުވެފައި ހުރެއެވެ.

* * * * *

އެނދުގައި އޮތް ރުހައިމް އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ނިތުގައި އެއް އަތް ބާއްވައިލައިގެން އޮތްއިރު އޭނާގެ ގާތުގައި މުސްކާން އޮތްކަންވެސް ރުހައިމް އަށް އިހުސާސުނުވާ ފަދައެވެ. މުޅި ރޭގެ ހަމަޖެހުން ގެއްލިފައިވީ ކަހަލައެވެ. ހިމޭންކަމުގައި މުސްކާންވެސް އޮތީ ރުހައިމްގެ އެ ތަފާތު ހިމޭންކަމުގެ ސަބަބުން އުނދަގޫވެފައެވެ. އިރުކޮޅަކު އެހެން އޮވެފައި މަޑުމަޑުން ރުހައިމްގެ ނަމުން މުސްކާން ގޮވައިލިއެވެ. ކުރެވެމުންދިޔަ ފިކުރުތައް ވިއްސިވިހާލިވެގެން ދިއުމާއެކު ހޫން ލައްވައިލަމުން މުސްކާންއާ ވީ ދިމާއަށް ރުހައިމް އެނބުރުނެވެ. އަދި ލަސްލަހުން ހިނިތުންވެލަމުން މުސްކާންގެ މޫނުގައި އަތްޖައްސައިލިއެވެ. މުސްކާން އައިސް ގާތުގައި އޮށޯތްއިރުވެސް ނޭނގުނީތީ އެކަމަށް މަޢާފަށް އެދުނެވެ. ރުހައިމްގެ އަތުގައި އަތްޖައްސައިލުމާއެކު އެއީ އެވަރުގެ ކަމެއް ނޫން ކަމުގައި މުސްކާން ބުނެލިއެވެ.

"ކޮން ޚިޔާލެއްގަ؟" ހަމަޖެހިލަމުން މުސްކާން އަހައިލިއެވެ. ދެމީހުންކުރެ އެކަކުވެސް އެރޭގައި ހިނގައިދިޔަ ކަންތަކުގެ ވާހަކަ އިތުރަށް ދައްކާކަށް ބޭނުމެއް ނުވިއެވެ.

"މިއަދު ދޮންބެ ދެއްކި ވާހަކަތަކާމެދު ވިސްނައިލީ.. އަންނަ ހަފުތާއަށް އެޕޮއިންޓްމަންޓް ހަމަޖެހުނު ވާހަކަ ބުނީމަ.. މުސް.. ބަހައްޓާފަ ދާން ޖެހޭތީ އެކަމާ ފިކުރުކުރެވެނީ.. އަހަރެން ބޭނުމީ.. މުސް ވެސް ގޮވައިގެން ދާން.." ލަސްލަހުން މުސްކާންގެ ކޯތާފަތުގައި ބޮޑުވައި އިނގިލިން ފިރުމައިލަމުން ރުހައިމް ބުނެލިއެވެ.

"އަހަރެންވެސް ދާން ބޭނުން.. އެކަމަކު.. މުޅި ފްލައިޓުންވެސް ލިބެން އިނީ ދެ ޖާގައެއްނު.. އަހަންނަކީ މުޅި ޙަޔާތުގަވެސް ބޭރު ގައުމަކަށް ދިޔަ މީހެއްނޫން.. އެހެންމަ އަހަރެން ދެކޭ ގޮތުގަ ހައިމް ގޮވައިގެން ގޮސް އުޅެން ފަސޭހަވާނީވެސް ދޮންބެއަށް.. އެހެންނޫނަސް ދޮންބެ އެއީ ހައިމްގެ ކޭސް އެންމެ ގާތުން ބެލި ޑޮކްޓަރުންގެ ތެރެއިން އެކަކު.. އެހެންމަ މެޑިކަލް ކަންކަން ނިންމަންވެސް އެންމެ ފަސޭހަވާނީ ދޮންބެއަށް.. އިތުރަށް މަޑުކުރަން ވެއްޖެނަމަ މި ފުރުސަތުވެސް ގެއްލިދާނެ.. އެ ފްލައިޓުން ދަތުރު ހަމަޖައްސަން ދޮންބެ ގާތު އެދުނީ އެހެންވެ.. ހައިމް ކަންބޮޑުނުވޭ.. އިރާދަކުރެއްވިއްޔާ އަހަރެން އެކަންޏެއް ނުވާނެ.. އަބަދުވެސް އަހަންނާއެކު މި ގޭގަ އަރުންވެސް ހުންނާނު.. އަރުން ހުއްޓަ އަހަންނަށް ދެރަގޮތެއްވިޔަ ނުދޭނެކަން މިރޭ ޔަގީންވެއްޖެ.. އެހެންވީމަ ތި ބޭކާރު ފިކުރުތަކުން ދުރުވެލާ ހަމަޖެހިލާ.. ކޮންމެ ކަމެއްވެސް ވާނީ އިރާދަފުޅާއެކު އެންމެ ރަނގަޅަށް... އަހަރެން ދުޢާ ކުރާނަން.. އިރާދަފުޅާއެކު ހައިމްގެ ތި އޮޕެރޭޝަން ކާމިޔާބު ވާނެ.." ރުހައިމްގެ އަތަށް މުސްކާން ފިތައިލީ ލޯތްބާއެކުއެވެ. އޭނާގެ އަޑުގައިވީ ޔަގީންކަމެވެ. އުއްމީދެވެ. އެކަން އިހުސާސުވުމާއެކު ރުހައިމްގެ ހިނިތުންވުން ފުންވެލިއެވެ. މުސްކާން ދެއްކީ މުޅިންވެސް ރަނގަޅު ވާހަކަކަން ޚުދު އޭނާ ވެސް ގަބޫލުކުރެއެވެ. އެހެނަސް މުސްކާންއާ މެދުގައި ކަންބޮޑުވާވަރުން އެފަދަ ފިކުރުތައް ކުރެވެނީއެވެ. ދުނިޔޭގެ ފެންވަރުގައި މޮޅެތި ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. މުސްކާންއާ ވަކިން ދާން ހިތްނޭދުނަސް އެ ދަތުރު ކެންސަލް ކުރެވެން ނެތީ އެހެންވެއެވެ. މަޑުމަޑުން މުސްކާންގެ ނިތުގައި ބޮސްދިނުމާއެކު އަރާމުކޮށްލުމަށް ރުހައިމް އެދުނެވެ. ބޯޖަހައިލުމާއެކު މުސްކާން ދެލޯ މަރައިލީ ވަރުބަލި ގޮތަކަށެވެ.

* * * * *

ދަތުރަށް ތައްޔާރު ވުމުގައި ކޮންމެ މީހަކުވެސް އުޅުނީ އަވަދިނެތިއެވެ. މިވަގުތު ޑޮކްޓަރ ޗާލްސް މަސައްކަތްކުރަމުން ދިޔައީ ރަޝިޔާގައި ކަމަށްވުމުން ރުހައިމްގެ އެޕޮއިންޓްމަންޓްވެސް ހަމަޖެހުނީ އެތަނުންނެވެ. ދުވަސްތައް ފާއިތުވެ ދިޔަގޮތްވެސް ނޭނގެއެވެ. ރާއްޖެއިން ފުރަން ހަމަޖެހިފައިވީ ދުވަސް އައިސް ޖެހުނުއިރު ކޮންމެ މީހެއްގެ ހިތްވެސް ވީ އަވަސްވެފައެވެ. ވާނެ ގޮތެއް ނޭނގި ހާސްވެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މުސްކާން މަޑުކޮށްލައިގެން ހުރީ ރުހައިމްއާއި ކާއިލް ފުރުވަން އައިހެވެ. އޭނާގެ ގާތުގައި އަރުންގެ އިތުރުން ލޫޔާ ވެސް ހުއްޓެވެ. އެދެމީހުންގެ ކައިވެނީގެ ޚަބަރު މާކުރިން ލޫޔާގެ ފަރާތުން މުސްކާންއަށް ވަނީ ލިބިފައެވެ. އެކުވެރިޔާއަށްޓަކައި މުސްކާން ނުހަނު އުފައުކުރިއެވެ. އެއީ ލޫޔާ ކިހައި ބޭނުންވެގެން އުޅުނުކަމެއްކަން އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށް ވިއްޔާއެވެ.

އެކިވާހަކައިގައި ތިއްބައި ބޯރޑިންގްއަށް ގޮވި އަޑު އިވުމާއެކު މުސްކާންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެލިއެވެ. ނުތަނަވަސްކަން އެމޫނުމަތިން ފައުޅުވެލީ ކުއްލިއަކަށެވެ. ރުހައިމްގެ އަތުގައި ހިފައި އޭނާއަށް ބާރުކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. މުސްކާންގެ އެކުޑަ ކުޑަ އަމަލުވެސް ނުހަނު ފަސޭހައިން ރުހައިމް ދެނެގަތެވެ. ކަންބޮޑުނުވުމަށް އޭނާ ބުނެލީ ހިނިތުވެލަމުންނެވެ. ކޮނޑުގައި އަޅުވައިލައިފައި އޮތް ދަބަސް ރަނގަޅުކޮށްލުމާއެކު ގުދުވެލަމުން މުސްކާންގެ ނިތުގައި ލުއިކޮށް ބޮސްދިނެވެ. އޭނާ އެނބުރި އަންނަންދެން އިންތިޒާރުކުރުމަށް ރުހައިމް އެދުނެވެ. އަދި އޭނާއަށް ހެޔޮ ދުޢާ ކޮށްދިނުމަށް ބުނެލިއެވެ. އިރާދަކުރެއްވިއްޔާ ކާމިޔާބު އޮޕެރޭޝަނަކާއެކު އެނބުރި އަންނާނެ ވާހަކަ ބުނެލިއެވެ.

"އަހަރެން އަބަދުވެސް އިންތިޒާރު ކުރާނަން.. ދުޢާ ކުރާނަން.. މިހިތުގެ ކޮންމެ ދުޢާއެއްވީ ހައިމްއާ ގުޅިފަ.." ތުންފަތް ތުރުތުރުއަޅައިލުމާއެކު މުސްކާން އިސްޖަހައިލިއެވެ. ފަނޑު ހިނިތުންވުމަކާއެކު މުސްކާންގެ އަތަށް ރުހައިމް ބާރުކޮށްލިއެވެ. އަދި ދެވުނުހައި އަވަހަކަށް ކާއިލްގެ އެހީއާއެކު ގުޅާނެކަމުގައި ބުނެލިއެވެ. ބޯޖަހައިލަމުން ދެލޮލުން ފައިބާން ތައްޔާރުވެފައިހުރި ކަރުނަތައް އަތުގެ ނުފުށުން މުސްކާން ފުހެލިއެވެ. އެއާއެކު އަރުންއަށް ގޮވައިލަމުން އޭނާ އެނބުރި އަންނަންދެން މުސްކާން ރަނގަޅަށް ބެލުމަށް ރުހައިމް އެދުނެވެ. ހިނިއައިސްފައި އެ ޔަގީކަން އަރުން ދިނެވެ. އަރުންއާ ސަލާމް ކޮށްލުމާއެކު މުސްކާންގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމައިލަމުން ކާއިލްއާ އެކުގައި އެތެރަށް ވަނުމަށް ރުހައިމް މިސްރާބުޖެހިއެވެ. ފެންކަޅިވެފައި އެމަންޒަރު ބަލަން ހުރި މުސްކާން ހިތާހިތުން ރުހައިމްގެ އޮޕެރޭޝަން ކާމިޔާބުކޮށްދެއްވުން އެދި ދުޢާ ކޮށްލިއެވެ. އޭރު އެދިގު އެސްފިޔަތައް ފޫއަޅުވައިލުމަށްފަހު ކަރުނައިގެ މުތީތައް ފައިބަމުންދިޔައީ އިތުރަށް ކެތްނުވުމުން ކަހަލައެވެ.

(ނުނިމޭ)

  1. ގާލް

    ޥަރަށް ރީތި މި ޕާޓް … ވެއިޓިނަ ފޯ ނެކްސްޓް ޕާޓް