ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"އަހަރެން އަބަދުވެސް އިންތިޒާރު ކުރާނަން.. ދުޢާ ކުރާނަން.. މިހިތުގެ ކޮންމެ ދުޢާއެއްވީ ހައިމްއާ ގުޅިފަ.." ތުންފަތް ތުރުތުރުއަޅައިލުމާއެކު މުސްކާން އިސްޖަހައިލިއެވެ. ފަނޑު ހިނިތުންވުމަކާއެކު މުސްކާންގެ އަތަށް ރުހައިމް ބާރުކޮށްލިއެވެ. އަދި ދެވުނުހައި އަވަހަކަށް ކާއިލްގެ އެހީއާއެކު ގުޅާނެކަމުގައި ބުނެލިއެވެ. ބޯޖަހައިލަމުން ދެލޮލުން ފައިބާން ތައްޔާރުވެފައިހުރި ކަރުނަތައް އަތުގެ ނުފުށުން މުސްކާން ފުހެލިއެވެ. އެއާއެކު އަރުންއަށް ގޮވައިލަމުން އޭނާ އެނބުރި އަންނަންދެން މުސްކާން ރަނގަޅަށް ބެލުމަށް ރުހައިމް އެދުނެވެ. ހިނިއައިސްފައި އެ ޔަގީކަން އަރުން ދިނެވެ. އަރުންއާ ސަލާމް ކޮށްލުމާއެކު މުސްކާންގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމައިލަމުން ކާއިލްއާ އެކުގައި އެތެރަށް ވަނުމަށް ރުހައިމް މިސްރާބުޖެހިއެވެ. ފެންކަޅިވެފައި އެމަންޒަރު ބަލަން ހުރި މުސްކާން ހިތާހިތުން ރުހައިމްގެ އޮޕެރޭޝަން ކާމިޔާބުކޮށްދެއްވުން އެދި ދުޢާ ކޮށްލިއެވެ. އޭރު އެދިގު އެސްފިޔަތައް ފޫއަޅުވައިލުމަށްފަހު ކަރުނައިގެ މުތީތައް ފައިބަމުންދިޔައީ އިތުރަށް ކެތްނުވުމުން ކަހަލައެވެ.

Ads by STELCO

* * * * *

ރުހައިމް އާއި ކާއިލްއަށް ދަތުރުގެ މަންޒިލަށް ފޯރުނުއިރު ހުރީ އިރުއޮއްސިފައެވެ. ވައުދުވީ ފަދައިން ހޮޓެލަށް އައިސް ހަމަޖެހިލެވުމާއެކު ކާއިލް ގާތު ބުނެ އޭނާ އެންމެ ފުރަތަމަވެސް ގުޅީ މުސްކާން އަށެވެ. އިރުކޮޅެއް މުސްކާންއާ ވާހަކަދެއްކުމުގައި ރުހައިމް ހޭދަކުރިއެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކުވެސް ވެފައިހުރި ވަރުބަލިކަން ފިލާދިޔަފަދަ އިހުސާސެއް އޭނާ އަށް ކުރެވުނެވެ. މުސްކާން މަތިން އިންތިހާއަށް ހަނދާންވިއެވެ. ގާތުގައި ވުމަށް އެދެވުނެވެ. ފޯނުބޭއްވުމާއެކު ދެދުވަސްފަހުން ހަމަޖެހިފައިވި ޑޮކްޓަރ އެޕޮއިންޓްމަންޓްއާ ދޭތެރޭ ވިސްނައިލެވުނެވެ. ހާސްކަން ނަފުސަށް ވެރިވީ އެކަން ދާނެ ގޮތެއް ލަފާކުރަން ދަތިވުމުންނެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު އެނދުގައި ރުހައިމް ހަމަޖެހިލިއެވެ. ހުރިހައިކަމެއްވެސް އެންމެ ރަނގަޅަށް ދިއުމަށް އެދި ދުޢާ ކޮށްލެވުނެވެ. ވީ އެންމެ އަވަހަކަށް މުސްކާން ގާތަށް އެނބުރިދާން އޭނާ ބޭނުންވެއެވެ. އެންމެ ހިނދުކޮޅެއްވެސް އެ އަންހެންކުއްޖާއާ ދުރުގައި ހުރުން އޭނާއަށް ދަތިވެފައިވީ ފަދައެވެ. އޭނާގެ ހިތް މުސްކާން ބަލައިގަނެފައިވީ އެހައި ބޮޑަށެވެ. ފަނޑުގޮތަކަށް ހިނިތުންވެލުމާއެކު ރުހައިމް އަށް މޭގައި ފިރުމައިލެވުނެވެ.

* * * * *

ކުރިމަތީގައި ހުރި ގޮނޑީގައި އިން ރުހައިމްއަށް ފުން ނަޒަރަކުން ޑޮކްޓަރ ޗާލްސް ބަލައިލިއެވެ. ކުރުގޮތަކަށް ރުހައިމް އަށް އެހެން ދިމާވި ސަބަބު ކާއިލް އޮޅުންފިލުވައިދިނެވެ. އަތުގައިހުރި މެޑިކަލް ރިޕޯޓްސް ތައް ޑޮކްޓަރުގެ އަތަށް ދިއްކޮށްލުމާއެކު ފަރުވާތެރިވެ އޭނާގެ މޫނަށް ކާއިލް ބަލަން އިނީ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ކަހަލައެވެ. ހިތުގައިވި އުއްމީދެއްގެ ބޮޑުކަމުންނެވެ. މެޑިކަލް ރިޕޯޓްސް ތަކަށް ދެލޯ އަމާޒުކޮށްލުމާއެކު ވަކިވަކިން ކޮންމެ ލިޔުމެއް ޗާލްސް ކިޔެވެ. އަދި ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ކާއިލް އަށް ބަލައިލިއެވެ.

"މީގެ ކުރިންވެސް މިފަދަ ކޭސް އަކާ އަޅުގަނޑު ކުރިމަތިލިން.. އެހެންވީމަ ރުހައިމްގެ ދެލޮލަށް ދިމާވެފަ މިހުރި މައްސަލަވެސް ރަނގަޅު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް.. އެކަމަކު އޭގެ ކުރިން ކުޑަ ޗެކަޕްއެއް ކޮށްލަން އަޅުގަނޑު ބޭނުން.. ޔަގީންކޮށް އެއްޗެއް ބުނަން އެނގޭނީ އޭގެފަހުން.." އިންތަނުން ތެދުވަމުން ޗާލްސް ބުނެލިއެވެ. މަޑުމަޑުން ބޯޖަހައިލުމާއެކު ޑޮކްޓަރަށް ފުރުސަތު ދެމުން އިންތަނުން ތެދުވެ ކާއިލް ކުޑަކޮށް ދުރައްޖެހިލީއެވެ.

ފާއިތުވެދާންފެށި ދުވަސްތަކާއެކު ޗާލްސްގެ އިރުޝާތުގެ ދަށުން ރުހައިމްގެ އެކި ޓެސްޓް ތައް ހެދުނެވެ. އަދި އޭގެ ނަތީޖާތަކަށް ބެލުމަށްފަހު ލޮލަށް ލިބިފައިވި ގެއްލުމަކީ ހަގީގަތުގައި ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން ވެފައިހުރި ގޮތެއް ކަމުގައި ޑޮކްޓަރު ބުނެދިނެވެ. އަދި އެކަމަކީ އޮޕްރޭޝަނެއްކޮށްގެން ރަނގަޅުކުރެވޭނެ ކަމެއް ކަމުގައި ބުނެދިނެވެ. ޑޮކްޓަރ ޗާލްސްގެ ވާހަކަތަކުން ކާއިލް އާއި ރުހައިމްގެ އުއްމީދު އިތުރަށް އާވާގޮތް ވިއެވެ. ކޮންމެ ދުވަހަކުވެސް ބަރާބަރަށް މުސްކާން އަށް ގުޅުމަށްފަހު އެހުރިހައި ޚަބަރެއް ކާއިލް ދެއެވެ. އަދި ރުހައިމްގެ އޮޕެރޭޝަން ހަމަޖެހުނު ވާހަކައާއި އޭނާއަށްޓަކައި މެދުނުކެނޑި ހެޔޮ ދުޢާކުރުން މަތީގައި ދެމިހުރުމަށް ހަނދާން ކޮށްދިނެވެ.

ރުހައިމްއަށް ސިއްރުން ކާއިލް އައީ އޭނާގެ ޚަބަރު މައިންބަފައިންނަށްވެސް އަންގައިދެމުންނެވެ. ދަރިފުޅުގެ އެހައި ބޮޑު އޮޕެރޭޝަންއެއް ކުރެވެން އުޅޭއިރު ދުރުގައި ހުރުމަށް ހިލާ ރައުލާގެ ހިތެއް އެއްބަހެއް ނުވިއެވެ. މާލިކް ގާތުގައި އޭނާ ރޮއިރޮއިފައި އާދޭސްކުރީ ރުހައިމް ގާތަށް ގެންގޮސް ދިނުމަށެވެ. ދުރުންވިއަސް އެދަރިފުޅު ދެކިލަން އޭނާގެ ހިތާއި ނަފުސު އެދެމުންދިޔައީ އިންތިހާއަށެވެ. ރައުލާގެ އާދޭސްތަކަށް އަބަދު ފުރަގަސްދޭނެހައި ހިތްވަރެއް މާލިކްއަކަށް ނުލިބުނެވެ. ލޯބިވާ އަނބިމީހާގެ ހިތްހަމަޖެހުމަށްޓަކައި އެ އެދުމާ މާލިކްވެސް ރުހި ގަބޫލުވީއެވެ. ޚުދު އަމިއްލަ ނަފުސު ވެސް އެދެމުންދިޔަ ގޮތަކީ އެއީ ކަމުގައި ވުމުންނެވެ. އެއީ އޭނާގެ ލޯބިވާ ހަގުދަރިފުޅު ވިއްޔާއެވެ. ރުހައިމްއާ ދުރުގައި ލައްކަ ދުވަހު އޭނާވެސް ކެތްކޮށްފިއެވެ. އެހެނަސް އެދުރުކަން ނައްތާލަންވީ ވަގުތު ޖެހިއްޖެކަމުގައި މާލިކްގެ ޟަމީރު ބުނެލިއެވެ.

މައިންބަފައިން އެދުމުން އެމީހުން ތިބި ތަނުގެ މައުލޫމާތު ނުދީ ހުންނާކަށް ކާއިލް އަކަށް ނުކެރުނެވެ. ޚާއްސަކޮށް އެކަމަށް މާލިކް އެދުމުންނެވެ. ކާއިލްގެ ފުށުން ބޭނުންވާ ހުރިހައި މައުލޫމާތެއް ލިބުމާއެކު ދަތުރުގެ ކަންކަން ވީ އެންމެ އަވަހަކަށް މާލިކް ހަމަޖެއްސިއެވެ. ރައުލާގެ އެދުމަށް ސާމިޔާވެސް ގޮވައިގެން ދިއުމަށް މާލިކް ނިންމިއެވެ. އެންމެ ތުއްތު ދުވަހުން ފެށިގެން އެކުދިން ބަލައި ބޮޑުކުރި މީހަކީ އެއީ އެވެ. ވީއިރު އެކުދިންގެ މައްޗަށް ސާމިޔާއަށްވެސް ހައްޤެއް ވާނެކަމުގައި ރައުލާ ދެކުނެވެ. ދެމަފިރިންގެ އެ ނިންމުމުން ސާމިޔާއަށް ލިބިގެން ދިޔައީ އިންތިހާ ދަރަޖައިގެ އުފައުވެރިކަމެވެ. އެއާއިލާއިން އޭނާ ބަލައިގަނެފައިވި މިންވަރު ވިސްނި ޝުކުރުވެރިވިއެވެ. ކުރިއަށް އޮތީ ﷲ ގެ އިރާދަފުޅާއެކު އުފައުވެރި ދުވަސްތަކެކެވެ. އެއާއިލާ ގުޅިގެން އުޅޭތަން ދުށުމަކީ އޭނާގެ ނުހަނު ބޮޑު އުއްމީދެކެވެ. މާތް ރަސްކަލާނގެ އެހިތުގެ ދުޢާ އިޖާބަކޮށްދެއްވާނެ ކަމާއި މެދުގައި އޭނާ ޝައްކެތް ނުކުރެއެވެ. އަބަދުވެސް އެންމެ ފުރިހަމައަށް ﷲ އަށް ވަކީލުކުރުމުގައި އޭނާ ދެމިހުރެއެވެ.

* * * * *

އޮޕެރޭޝަން ތިއޭޓަރ އަށް ރުހައިމް ވެއްދުމުގެ ކުރިން އެތައް ވާހަކައެއް ކާއިލް ދެއްކިއެވެ. ކޮއްކޮއަށް ހިތްވަރުކުރުމަށް އެތައް ފަހަރަކު ހަނދާންކޮށްދިނެވެ. ޚުދު އަމިއްލަ ނަފުސު ހާސްކަމެއްގައި ބަނދެވިފައިވިއަސް ކޮއްކޮއަށްޓަކައި އެއިހުސާސުތައް އޭނާ ފޮރުވައިލީއެވެ. އޭނާގެ ސަބަބުން ރުހައިމް ކަންބޮޑުވާކަށް ކާއިލް ނޭދެއެވެ.

ރުހައިމް އޮޕެރޭޝަން ތިއޭޓަރ އަށް ވެއްދުމާއެކު ހާސްވެފައި ކާއިލް ދެކޮޅަށް ހިނގަންފެށީ ކަންބޮޑުވެފައި ހުރެއެވެ. އިރުއިރުކޮޅުން އޭނާއަށް މެސެޖްކޮށް ރުހައިމްގެ ހާލު މުސްކާން އޮޅުންފިލުވަމުން ދިޔައެވެ. މުސްކާންގެ ވާހަކަތަކުން ހިނދުކޮޅަކަށް ކާއިލްގެ ހިތަށް ހަމަޖެހުން ގެނުވައެވެ. ނަމަވެސް ދެވަނަ ސިކުންތު އަނެއްކާވެސް ކޫސަނި ޚިޔާލުތަކުން ސިކުނޑި ފުރިގެން އަންނަނީ ރުހައިމްއާ މެދު ކަންބޮޑުކުރުވަމުންނެވެ. މޫނުމަތީގައި އަތް އުނގުޅައިލަމުން އެއްފަރާތުގައި ހުރި ގޮނޑިބަރީގައި ކާއިލް އިނށީނެވެ. ނުތަނަވަސްކަން އެމޫނުމަތިން ފައުޅުވާން ހުއްޓެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލުމާއެކު ގޮނޑީގައި ކާއިލް ހަމަޖެހިލިއެވެ. އެވަގުތު އަތުތެރޭގައި އޮތް ފޯނު ރިންގްވުމާއެކު ދިއްލެމުންދިޔަ ސްކްރީނަށް ކާއިލް ބަލައިލިއެވެ. ބައްޕަގެ ނަން އަރައިފައިވުމުން އަވަސް އަވަހަށް ކޯލަށް ޖަވާބުދިނެވެ. އިރުކޮޅަކު ފޯނުން ވާހަކަދެއްކުމަށްފަހު ކާއިލް ފޯނު ބޭއްވިއެވެ. އޭގެ ކުޑަ ހިނދުކޮޅެއްފަހުން ހާސްވެފައިތިބެ އެދިމާއަށް އައި މާލިކްއާއި ރައުލާގެ އިތުރުން ސާމިޔާ ކާއިލް އަށް ގޮވައިލިއެވެ. އެމީހުންގެ އަޑުންވެސް އެ އެދެމުންދިޔައީ ރުހައިމްގެ ހާލު އޮޅުންފިލުވައި ދިނުމަށްކަން ކާއިލް ދެނެގަތެވެ. އޮޕެރޭޝަން ތިއޭޓަރއާ ދިމާއަށް ކާއިލް އިޝާރާތްކޮށްލީ ވާހަކަދައްކަން ދަތިވެފައި ވުމުންނެވެ. މޭގައި އަތްޖައްސައިލި ރައުލާގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ. ހިންދިރުވައިލުމާއެކު ކާއިލްއާ ޖެހިގެން ހުރި ގޮނޑީގައި އޭނާ އިނށީނެވެ. އަދި ލޯތްބާއެކު ދަރިފުޅަށް ގޮވައިލަމުން ކާއިލްގެ ގައިގައި ބާރަށް ބައްދައިލިއެވެ. އޭނާއަށް ކާއިލް ވެސް އެފެނުނީ ހާދަހައި ދުވަހެއް ފަހުންނެވެ. ކާއިލްގެ ނިތުގައި ބޮސްދިނުމާއެކު ރައުލާއަށް ރޮއެގަނެވުނީ އިތުރަށް ކެތްކުރަން ދަތިވުމުންނެވެ.

އަށް ގަޑިއިރުގެ ދިގު އޮޕެރޭޝަން އަކަށްފަހު ރުހައިމް އޮޕެރޭޝަން ތިއޭޓަރ އިން ނެރެ ޕްރައިވެޓް ރޫމް އަކަށް ބަދަލުކުރިއެވެ. ލޯމަތިން ފެށިގެން ބޮލުގެ ބައަކާއެކު ބެންޑޭޖްގަނޑެއް އޮޅައިފައި ހުރިއިރު އޭނާއަށްވަނީ ޖެހި އިންޖެކްޝަން ތަކުގެ ސަބަބުން ނިދިފައެވެ. އޮޕެރޭޝަން ކާމިޔާބުވި ކަމުގެ އުފައުވެރި ޚަބަރު ޑޮކްޓަރ ޗާލްސް ދިނުމާއެކު އެންމެނަށް އިންތިޒާރުކުރެވެން ފެށީ ރުހައިމްގެ ލޮލުގައި ބަނދެފައިވި ބެންޑޭޖްގަނޑު ނަގާނެ ވަގުތަކަށެވެ. ބެންޑޭޖް ނަގާނީ ދެތިން ދުވަސް ފަހުން ކަމުގައި ޑޮކްޓަރ ވަނީ ބުނެފައެވެ. އަދި އެ ނަގާ ވަގުތު ލޮލުގެ ފެނުން ފުސްވެދާނެކަމުގައި އޭނާ އާއިލާއަށް އޮޅުންފިލުވައިދިނެވެ. އެކަން އެއްކޮށް ރަނގަޅުވުމަށް ހަފުތާ އާއި ބާރަ ހަފުތާއާ ދެމެދުގެ ދުވަސްކޮޅެއް ނަގާނެކަމުގައި ޑޮކްޓަރ އޮޅުންފިލުވައިދިނެވެ. އެހެންވީމައި އެކަމުގައި ކަންބޮޑުވާންވީ އެއްވެސް ސަބަބެއް ނެތްކަމުގައި އޭނާ ބުންޏެވެ. އަދި އެހައި ދުވަސްފަހުން އިތުރު ޗެކްއަޕްއެށް ހެދުމަށްފަހު ރުހައިމްގެ ހާލަތު ރަނގަޅުނަމަ އެނބުރި ޤައުމަށް ދިއުމުގެ ހުއްދަ ދޭނެކަމުގައި ޗާލްސް ބުނެލީ ހިނިތުންވެލަމުންނެވެ. ލިބުނު މި އުފައުވެރި ޚަބަރާއެކު އެންމެ ފުރަތަމަވެސް ކާއިލް ގުޅީ މުސްކާން އަށެވެ.

* * * * *

ބެލްކަނީގައި ހުއްޓިލައިގެން މުސްކާން ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ކާއިލްގެ ކޯލު ކުރުކޮށްލުމާއެކު އޭނާ ފޯނު ބޭއްވުމުން މުސްކާންގެ ތުންފަތްމަތިން ފައުޅުވެލީ ފުޅާ ހިނިތުންވުމެކެވެ. އުޑުމައްޗާ ދިމާއަށް އިސްއުފުލައިލުމާއެކު ފިޔަޖަހަމުންދިޔަ ކުދި ކުދި ތަރިތަކަށް އޭނާ ނަޒަރު ހުއްޓައިލިއެވެ. ހިތާހިތުން މާތް ﷲ އަށް އޭނާ އަށް ޙަމްދުކޮށްލެވުނެވެ. އަދި ހެޔޮ ހާލުގައި އޭނާގެ ލޯބިވާ ފިރިމީހާ އެނބުރި އޭނާގެ ގާތަށް ގެނެސް ދިނުމަށް އެދެވުނެވެ. ރުހައިމް ދިޔައީއްސުރެ މުސްކާންގެ މުޅި ދުވަސްވީ ފޫހިކަމުން ފުރިފައެވެ. ޑިއުޓީއިން އެނބުރި އައިސް ކުރާނެ މާ ބައިވަރެއް ކަމެއް ނެތުމުން ރުހައިމް ނެތްކަމުގެ ފަޅުކަން އޭނާއަށް މާ ބޮޑަށް އިހުސާސުކުރެވެނީއެވެ. ރުހައިމްގެ ސޫރަ ދެކިލުމަށް އެދި އޭނާގެ ހިތްވަނީ ބޭޤަރާރު ވެފައެވެ. ހިނދުކޮޅަކު އެހެން ހުރުމަށްފަހު މަޑުމަޑުން މުސްކާން ދެލޯ މަރައިލިއެވެ. ރުހައިމްގެ ސޫރަ ސިފަވެލުމާއެކު އެތުންފަތް ތުރުތުރުއަޅައިލީ އެ ސޫރަ ހަމަލޮލަށް ދެކިލުމަށްއެދެވިފައިވި މިންވަރުންނެވެ.

* * * * *

ފަރުވާތެރިކަމާއެކު ޑޮކްޓަރ ޗާލްސް ނައްޓައިލި ބެންޑޭޖްގަނޑާ އެކު ރުހައިމްއަށް ހިންދިރުވައިލެވުނެވެ. ލަސްލަހުން ދެލޯ ހުޅުވައި ބަލައިލުމަށް ޑޮކްޓަރ ބުނެލީ ހިނިއައިސްފައި ހުރެއެވެ. ހިތްއަވަސްވެފައި ހުރެ ޗާލްސް އެދުނުފަދައިން ރުހައިމް ދެލޯ ހުޅުވައިލިއެވެ. ފުސްކަމުގެ ތެރެއިން ކުރިމަތީގައި ހުއްޓިތިބި ޑޮކްޓަރާއި ކާއިލްއަށް އޭނާ ބަލައިލީ ވަކިވަކިންނެވެ. ވަށައިގެން ރުހައިމް ދެލޯ ހިންގައިލީ ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. ހަގީގަތުގައިވެސް އެދެލޮލުގެ ފެނުން އެނބުރި އައީތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ. ސީދާ ކާއިލްގެ މޫނަށް ނަޒަރު ހުއްޓައިލި ރުހައިމް ފެނި ކާއިލްއަށް ޙަމްދުކޮށްލެވުނެވެ. ފިރިހެނެއްކަމަކު އެވަގުތު އުފައުވެރިކަމުގެ ކަރުނުން އެދެލޯ ތެންމައިލީ އޭނާގެ އިޚުތިޔާރުން ބޭރުއެވެ. ކޮއްކޯއޭ ކިޔައި ގޮވައިލުމާއެކު އަވަސް ހަރަކާތަކާއެކު ކުރިއަށް ޖެހިލައި ރުހައިމްގެ ގައިގައި އޭނާ އޮޅުލައިގަތެވެ. އެދެމީހުނަށް ވަގުތުކޮޅެއް ދިނުމަށްފަހު އިތުރަށް ރުހައިމް ޓެސްޓްކޮށްލަން ބޭނުންކަމުގައި ޑޮކްޓަރ ބުނެލިއެވެ. ބޯޖަހައިލުމާއެކު ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން ކާއިލް ދުރަށް ޖެހިލިއެވެ. އެއާއެކު އޭނާ ބޭނުންވާ ފަދައިން ރުހައިމްގެ ދެލޮލުގެ ފެނުން ރަނގަޅުތޯ ބެލުމަށްޓަކައި ޗާލްސް ދެތިން ޓެސްޓެއް ހަދައިލިއެވެ. ހިތްހަމަޖެހޭވަރު ވުމުން އެދެމީހުނަށް ވަގުތުދީފައި އެތަނުން އޭނާ ނުކުތެވެ.

ބޭރުގައި މަޑުކޮށްލައިގެންތިބި ރުހައިމްގެ އާއިލާއަށް އެޚަބަރު ދިނުމަށްފަހު ޗާލްސް މިސްރާބުޖެހީ އޭނާގެ ކެބިންއާ ދިމާއަށެވެ. ލިބުނު ޚަބަރާއެކު ރޮއެގަންނަމުން ރައުލާއަށް މާލިކްގެ މޭގައި ލައްވެވުނީ ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ. އިތުރަށް އެންމެ ސިކުންތެއްވެސް ކެތްކުރުން އޭނާއަށްވީ ދަތިކަމަކަށެވެ. މާލިކްއާ ދުރުވެލުމާއެކު އަވަސް ފިޔަވަޅުތަކެއްގައި އައިސް ރުހައިމް އޮތް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.

(ނުނިމޭ)

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!