ޚަބަރު ސިޔާސީ

ކޮމަންޑޫ ދާއިރާގެ އިންތިޚާބަށް ފަނޑިޔާރު ގެއިން ވެސް ނުފޫޒު ފޯރުވި: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް--

ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަނޑިޔާރުގެއިން ވެސް ނުފޫޒު ފޯރުވި ކަމަށާއި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ހުންނެވީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ކެމްޕެއިން ކުރެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ)ގެ ހިޔާނާތާ ގުޅިގެން، މިނިސްޓަރު މަހުލޫފުގެ މައްޗަށް ދައުވާ އުފުލައިފައިވާއިރު، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންގެ ތެރޭގައި ކޮވިޑް-19ގެ ހާލަތު އޮތުމުން ކަމަށް ބުނެ، މަހުލޫފުގެ ޝަރީއަތް ވަނީ ފަސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ މަހުލޫފުގެ ޝަރީއަތުގެ ތާވަލަށް ބަދަލު ގެެނެސް، އޭނާ ހުންނެވީ ކެމްޕެއިނަށް ދޫކޮށްފައިކަން އެނގޭ ކަމަށެވެ.

"ފަނޑިޔާރުގެއިން ވަކި ގޮތަކަށް ނިންމައިފައި އޮއްވާ، ވަކިވަކި ފަނޑިޔާރުން، ވަކި އުސޫލުތަކަށް ކަންކަން ނިންމާ ތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ. ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ތާވަލު ކުރެވިފައި، އެހެން ނަމަވެސް ކޮވިޑޭ ކިޔައިފައި، ޔޫތު މިނިސްޓަރުގެ މައްސަލަ ތާވަލު ނުކުރެވި ދިޔަ ދިޔުމަކީ ނިމިދިޔަ އިންތިހާބަށް ފަނޑިޔާރު ގެއިން ނުފޫޒު ފޯރުވިކަން ސާފުކޮށް ފެންނަން އޮތް ކަމެއް، އިއްޒަތްތެރި ރައީސް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިކަމުގައި އޭނާ ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ކުށްވެރި ކުރައްވާ ކަމަށާއި، މި މައްސަލަ ބެލުމަށް އެކޮމިޝަން ނުކުޅެދިފައިވާ ކަމަށެވެ.

ދައުލަތުގެ ފަރާތުން މިނިސްޓަރ މަހްލޫފްގެ މައްޗަށް ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ ޝަރީއަތް، ނިމިދިޔަ ބައި-އިލެކްޝަންގެ ކެމްޕެއިން ތެރޭގައި ކެންސަލް ކުރިއިރު، އޭނާ އުޅުއްވީ ކެމްޕެއިނުގައި ވަރަށް ބުރަކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!