އަލީ ވަހީދު ގެންނަން ބޭރުގެ އޭޖެންސީތަކަށް ބޭނުންވާ މައުލޫމާތު ދީފި
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަނބުރާ ރާއްޖެ ގެނައުމަށް ބޭރުގެ އޭޖެންސީތަކަށް ދޭން ޖެހޭ މައުލޫމާތު ދީފައިވާނެ ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން ވަނީ ހަތް ދައުވާއެއް އުފުލައިފައެވެ. އެ ދައުވާތައް އުފުލައިފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ކްރިމިނަލް ކޯޓުން އޭނާއަށް ފުރުސަތު ދިނުމުން އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އަނބުރާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ކޯޓުން އޭނާގެ ޕާސްޕޯޓު ހަތަރު މަހަށް ދޫކުރީ އޭނާގެ ބަދަލުގައި ޤައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުވުމުންނެވެ.
ބޭސް ފަރުވާއަށް ބޭރަށް ވަޑައިގެންނެވި އަލީ ވަހީދު އެނބުރި ރާއްޖެ އައުމަށް ހަތަރު މަހުގެ މުއްދަތެއް ދިނެވެ. އަދި އެ މުއްދަތުގައި އޭނާ އެނބުރި ވަޑައިނުގަތުމުން އޭނާ ރާއްޖެއަށް ގެންނަން ތިން ދުވަހުގެ މުއްދަތެއް އަސްހަދަށް ދިނެވެ. އަދި ކޯޓުން ވަނީ އޭނާ ހައްޔަރު ކޮށްގެން ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ވެސް ނެރެފައެވެ.
އެކަމާ ގުޅިގެން ފުލުހުން އެއިރު ވިދާޅުވީ، އިންޓަޕޯލް ރެޑް ނޯޓިސް ނެރެން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ކޯޓު އަމުރު އިނގިރޭސި ބަހުން ނުލިބިގެން އެ މަސައްކަތް ލަސްވީ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިއަދު ވިދާޅުވީ އަލީ ވަހީދު ހައްޔަރު ކުރުމުގެ އަމުރާ ގުޅިގެން ފުލުހުންނާ ގުޅުން ހުރި ބައިނަލްއަގުވާމީ އިދާރާތަކާ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން އެ އެޖެންސީތަކުން ކުރަމުންދާ ކަމަށެވެ.