ހިޔާ ފްލެޓުތައް ދުވަހު ކުއްޔަށް ދޫކުރާކަމުގެ މައްސަލައެއް ފެންމަތިވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ފިނިޝިންގ ނިންމައި، ބައެއް ފަރާތްތަކުން ދުވަހު ކުއްޔަށް އެ ތަންތަން ދޫކުރަމުން ގެންދާކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ހިޔާ ފްލެޓުތަކުގެ އެޕާޓްމަންޓުތައް މީގެ ކުރިން ވަނީ ބޮޑު އަގުގައި މަހު ކުއްޔަށް ވެސް ދޫކޮށްފައެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެތައް ބަޔަކު ފާޑުކިޔުމުން ވެސް ބައެއް ފަރާތްތަކުން އެމީހުންގެ އެޕާޓްމަންޓުތައް އަދިވެސް ކުއްޔަށް ދޫކުރާކަން ހާމަވެފައިވެއެވެ.
ހިޔާ ފްލެޓު ލިބިފައިވާ ބައެއް މީހުން މިހާރު ދުވަހު ކުއްޔަށް ވެސް އެ ފްލެޓުތައް ދޫކުރަމުން އަންނަކަން ވަނީ ސަމާލުކަމަށް އައިސްފައެވެ. އެގޮތުން ފިނިޝިންގގެ މަސައްކަތް ނިންމައިފައިވާ ބައެއް ފްލެޓުތައް ދުވަހު ކުއްޔަށް ދޫކުރާ ކަމަށް "އައިބޭ"ގައި ވެސް ވަނީ ޖަހައިފައެވެ. ޕޯސްޓުގައި ބުނެފައި ވަނީ އެއީ "ފުލީ ފާނިޝްޑް" ކޮޓަރިއެއް ކަމަށެވެ. މީގެ އިތުރުން އެތަނުގެ އޭސީ ކޮތަރިއެއް ދޫކުރަނީ ދުވާލަކު 650 ރުފިޔާއަށް ކަމަށާއި އޭސީ ނުކޮށް ހުރި ކޮޓަރިއެއް ދޫކުރަނީ ދުވާލަކު 450 ރުފިޔާއަށް ކަމަށް ވެސް ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި، ހިޔާ ފްލެޓުތައް ދޫކޮށްފައިވާ ފަރާތްތަކުން އެ އެޕާޓްމަންޓަކަށް (ސަރުކާރަށް) ދައްކަންޖެހޭ ފައިސާ ދައްކައި ހަމަވުމުގެ ކުރިން، އިތުރު އެހެން އެއްވެސް ބަޔަކަށް ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. ފްލެޓުތައް ލިބުނު ފަރާތްތަކާއި ސަރުކާރާ ދެމެދު ވެފައިވާ އެެއްބަސްވުމުގައި ވެސް މިފަދައިން ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން މިފަދަައިން ހިޔާ ފްލެޓުން ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަނީ، ހައުސިންގ މިނިސްޓްރީގެ ހުއްދައެއް ނަގައިގެންތޯއާއި ހުއްދައެއް ނުނަގާ ނަމަ އެފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް އަޅައިތޯ "ދެން"އިން ސުވާލު ކުރުމުން ހައުސިންގ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން އެއީ ސައްޙަ މައުލޫމާތުތަކެއްތޯ ބަލަމުންދާ ކަމަށެވެ. އަދި މިނިސްޓްރީން އެކަން ބަލަމުންދާ ކަމަށާއި، ބެލުމަށް ފަހު އިތުރު ކޮމެންޓެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ގާނޫނުން މަނާކަންކަން ބައިވަރު އެކަން ތަންފީޒުނުވަނީ. 3ލައްކަ ހަރަދުކޮށްގެން ހަދާފަ ކުއްޔަށް ނުދެވޭންވީ އެއްވެސް ސަބަބެއްނެތް