ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"ވައުދުވޭ އަހަރެން ކޮންމެ ވާހަކައެއް ދެއްކިއަސް މުސް އަޑުއަހާނަން ކަމަށް.." ސީރިއަސްކަން އަޑަށް ވެރިކޮށްލަމުން ސީދާ މުސްކާންގެ ދެލޮލަށް ބަލަން އިނދެ ރުހައިމް ބުނެލިއެވެ. ހިސާބެއްގެ ނުތަނަވަސްކަމެއް މުސްކާންގެ ނަފުސަށް ވެރިވާގޮތް ވިއެވެ. އެހެނަސް އެކަން ފައުޅުކުރުމެއްނެތި އަވަސް އަވަހަށް މުސްކާން ބޯޖަހައިލީ ރުހައިމްގެ އެދުމަށް އެއްބަސްވަމުންނެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ރުހައިމް ބުނެލި ބަސްތަކާއެކު މުސްކާންއަށް ލިބުނީ ސިހުމެވެ. ދެލޯ ބޮޑުވެފައި ރުހައިމްގެ މޫނަށް ބަލަން އޭނާ އަށް އިނދެވުނީ ހަރަކާތެއްވެސް ކޮށްލަން ހަނދާންނެތިފައި ކަހަލައެވެ.

Ads by MWSC

އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓުން އަރައިފައި މުސްކާން އިންނަން ފެށުމުން ރުހައިމް އޭނާއަށް ގޮވައިލިއެވެ. ދެންވެސް މުސްކާންގެ ފުށުން އެއްވެސް ހަރަކާތެއް ނުފެނުނެވެ. މަޑުމަޑުން އޭނާގެ ކޮނޑުގައި ހިފައި ރުހައިމް ކުޑަކޮށް ތަޅުވައިލިއެވެ. ސިހިފައި ދެލޯބޮޑުކޮށްލަމުން މުސްކާން އަވަސް އަވަހަށް ދުރަށް ނަޒަރު ހުއްޓައިލީ ރުހައިމް އަށް ބަލަން ކެތްނުވެގެން ކަހަލައެވެ.

"އަހަރެން ބުނި އެއްޗެއް އަޑު އިވުނުތަ؟ އަހަރެން ބުނީ އެންމެ ފުރަތަމަ އަހަންނަށް ލޯބި ވެވުނު ކުއްޖާއާ ބައްދަލުވެއްޖޭ.. އަހަރެން ހީކުރީ މިއިން ދުވަހަކުވެސް ދެން އެކުއްޖާ އަހަންނަށް ނުފެންނާނެކަމަށް... ހެހެ.. މުސް އަހަންނަށްޓަކާ އުފަލެއް ނުވޭތަ؟ އައި ފައުންޑް މައި ގާރލް.." ހިނިއައިސްފައި މުސްކާންގެ ދެއަތުގައި ހިފައި ތަޅުވައިގަންނަމުން ރުހައިމް ބުނެލިއެވެ. ހިންދިރުވައިލުމާއެކު ރުހައިމް އާ މުސްކާން ނަޒަރު ސީދާ ކޮށްލިއެވެ. ރުހައިމްގެ ދުލުން ނުކުތް ކޮންމެ ޖުމުލައަކުން ޒަޚަމްވެގެން ދިޔައީ އޭނާގެ ހިތްކަން ރުހައިމް އަށް ނުވިސްނެނީ ހެއްޔެވެ؟ މިހައި ދުވަސްވެގެން ދިޔައިރު މުސްކާންގެ ހިތުގައިވި އިހުސާސުތައް ރުހައިމް އަށް ފަހުމްނުވީ ހެއްޔެވެ؟ އެފަދަ ގޮތަކަށް އެހެން އަންހެންކުއްޖެއްގެ ވާހަކަ އޭނާ ގާތުގައި ދައްކާއިރު، އޭނާ އަކީ ރުހައިމްގެ ހަލާލު އަނބިމީހާކަން ނޭނގެނީ ހެއްޔެވެ؟ ނޫނީ ގަސްދުގައި އޭނާގެ ހިތަށް ތަދުކުރަން ރުހައިމް ބޭނުންވަނީ ބާއެވެ. އެކި ސުވާލުތަކުން ސިކުނޑި ފުނިޖެހެމުންދިޔައިރު މުސްކާންގެ ދެލޯ ފެންކަޅިވެގެން އައީ ބަސްބުނާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. އެއްޗެއް ބުނަން އަނގަހުޅުވައި ލައިފައިވެސް އޭނާ ތުންފަތުގައި ދަތްއަޅައިލީ ދެޚިޔާލެއްގައި އިންފަދަ ގޮތަކަށެވެ. ބުނާނެ އެއްވެސް އެއްޗެއް މުސްކާންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. މުސްކާންގެ ހަމަހިމޭންކަމުން ރުހައިމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވާން އުޅުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވަމުން އެހުރިހައި އިހުސާސުތަކެއް ރުހައިމް ފޮރުވައިލީއެވެ. އަދި ލަސްލަހުން މުސްކާންއަށް ގޮވައިލަމުން ކޮންމެވެސް އެއްޗެކޭ ބުނުމަށް އެދުނެވެ. ދެލޮލަށް ޖަމާވެފައިވި ކަރުނަތައް ގަދަކަމުން ދިރުވައިލުމަށްފަހު ހިނިތުންވެލަން މުސްކާންއަށް މަޖުބޫރުވީ ކަހަލައެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލި ނަމަވެސް އެތެރެ އެތެރެއިން މުސްކާންގެ ހިތް ދިޔައީ ގިސްލައި ރޮމުންނެވެ. ހިތުން ލޭކަރުނަ އޮހެމުންދިޔަސް އެކަން ސިއްރުކުރުން ނޫންހެން ގޮތެއް އޭނާއަކަށް ނެތެވެ.

"އައި.. އެމް... ހެޕީ ފޯ ޔޫ... ހައިމްގެ.. ލޯބި.. ހައިމް އަށް ލިބުން.. އަހަރެން އެދެނީ... ވަރަށް މަދު މީހަކަށް ނޫނީ... ތި ނަސީބެއް.. ނުލިބޭނެ.." ވާހަކަދެއްކުން މުސްކާންއަށް ވީ ދަތިކަމަކަށެވެ. އެހެނަސް ރުހައިމްގެ ކުރިމަތީގައި އޭނާ ހިތްވަރުކުރަމުންދިޔައެވެ. މުސްކާން އަށް ބަލަން އިން ރުހައިމްގެ މޫނުމަތިން ފައުޅުވެލީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. ބޯޖަހައިލަމުން މުސްކާންގެ ކޯތާފަތުގައި އޭނާ ފިރުމައިލިއެވެ.

"އައި އެމް ގޮއިން ޓް ޓެލް ހާރ ދެޓް އައި ލަވް ހާރ.." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ރުހައިމް ބުންޏެވެ. ހިތަށް އިހުސާސުކުރެވުނު ތޫނު ތަދާއެކު މުސްކާން ތުންފިއްތައިލިއެވެ. ރުހައިމް އަށް ބަލައިލަމުން މަޑުމަޑުން ބޯޖަހައިލުމަށްފަހު އިންތަނުން މުސްކާން ތެދުވީ އިތުރަށް އެތަނުގައި އިންނާނެ ހިތްވަރެއް ނެތުމުންނެވެ. ގުޑް ލަކް އޭ ބުނެލުމާއެކު ރުހައިމް އަށް ފަސްދެމުން މުސްކާން ހިނގައިގަތެވެ. އެއާއެކު އަވަސް އަވަހަށް ރުހައިމް އިންތަނުން ތެދުވެ މުސްކާން އަށް ގޮވައިލިއެވެ. ފިޔަވަޅުތައް މަޑުޖައްސައިލިއެއްކަމަކު މުސްކާން ފަސްއެނބުރި ރުހައިމް އަށް ބަލާކަށް ނޫޅުނެވެ.

"އަހަރެން މުސްކާން ދޫކޮށެއްނުލާނަން.. އަހަރެންވީ ވައުދު މަތީގައި ދެމިހުންނާނަން... މުސްކާން ބޭނުންނަމަ... އަބަދުވެސް އަހަރެންގެ ދޮށީ އަނބިމީހާގެ މަގާމުގަ ހުރެވޭނެ..." ރުހައިމްގެ ބަސްތަކުން މުސްކާންގެ ހިތް އިތުރަށް ފޮތިފޮތިވުން ނޫންހެން ކަމެއް ނުވިއެވެ. ހިފެހެއްޓުމެއްނެތި އެދެލޯ ފުރިބަންޑުންވެގެން އައީ ބޭއިޚުތިޔާރުގައެވެ. ހީވެސްނުކޮށްހުއްޓައި މިދިމާވި ހާލަތާ ކުރިމަތިލާނެ ގޮތެއް މުސްކާން އަކަށް ނޭނގުނެވެ. ރުހައިމް އާއި އޭނާގެ ލޯތްބާ ދެމެދުވާ ހުރަހަކަށް ވާކަށް މުސްކާން ނޭދެއެވެ. ނަމަވެސް ރުހައިމް ދޫކޮށް އެ ޙަޔާތާ ދުރަށް ދާކަށްވެސް މުސްކާންގެ ހިތް އެއްބަހެއް ނުވިއެވެ. ހަދާނެ ގޮތެއް ނުވިސްނި މަޑު ރިހުމެއް ބޮލުގައި އުފެދިގެން އައެވެ. ނުވިސްނައި ހުއްޓައި ގިސްގެ އަޑު އަނގައިން ބޭރުވެދާނެތި ކަންބޮޑުވެފައި އަނގަމަތީގައި މުސްކާން އަތް އަޅައިލިއެވެ. އަބަދުވެސް އޭނާއަށް މިފަދަ ދެރަގޮތްގޮތް މެދުވެރިވަނީ ކީއްވެހެއްޔެވެ؟ އަމިއްލަ ހިތާ އެތައް ހާސް ޝަކުވާއެއް ކުރެވެމުންދިޔަސް ހިތްވަރުކުރަން މުސްކާން މަސައްކަތް ކުރިއެވެ. ރުހައިމްގެ ވާހަކަތަކަށް އެވަގުތު އެއްވެސް ޖަވާބެއް ދިނުން މުހިންމު ކަމަކަށް އޭނާ ނުދެކުނެވެ. އެންމެ ހިނދުކޮޅަކުވެސް ދެން އެތަނުގައި ކެތްނުވާނެކަން ވިސްނި ހަލުވި ފިޔަވަޅުތަކެއްގައި މުސްކާން ގޮސް ކޮޓަރީތެރަށް ވަނެވެ. އެމަންޒަރު ބަލަން އިން ރުހައިމްގެ ތުންފަތުގައި ކުޅެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. މުސްކާންގެ ކޮންމެ އަމަލަކުން އެހިތުގައި އޭނާއަށްޓަކައިވި މަގާމު އެނގި ފަހުމްވެއްޖެއެވެ. އިސްތަށިގަނޑުގައި އަތްހިންގައިލަމުން ސޯފާގައި އިނށީދެ ހަމަޖެހިލިއެވެ.

"ޝީ ލަވްސް މީ.. ޖަސްޓް ވެއިޓް ބޭބީ.. އަހަރެން ހުރިހައި ހަގީގަތެއްވެސް ހާމަކޮށްދޭނަން.. އޭރުން މުސްއަށް އެނގޭނެ އަހަރެންގެ ހިތުގަ އަބަދުވެސް ރަނިކަންކުރި ހަމައެކަނި އަންހެންކުއްޖަކީ ތީ ކަން... އަހަރެން މިވާ ލޯތްބަށް އިއުތިރާފު ވާނަން... ހުރިހައި ގޮތަކުންވެސް ތީ ހަމައެކަނި އަހަރެންގެ މިލްކަކަށް ހަދާނަން..." އުޑުމެދުގައި ރަނިކަން ކުރަމުންދިޔަ ހަނދަށް ނަޒަރު ހުއްޓައިލައިގެން އޮތް ރުހައިމްގެ މޫނުމަތީގައިވީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. މުސްކާންގެ ފުށުން ފެނުނު ކޮންމެ އަމަލަކުން ރުހައިމް އަށް ކުރުވީ ފޮނި މީރު އިހުސާސެކެވެ. އެއީ އޭނާގެ ލޯބި ކާމިޔާބު ވާނެކަމުގެ ފެހި ސިގުނަލެކެވެ. ހިނިއައިސްފައި އޮވެ އަމިއްލަ އަށް ކަންކަން ކުރިއަށް ގެންދާނެގޮތް ވަގުތުން ސިކުނޑީގައި ރާވައިލިއެވެ. އަދި ޖިންސްގެ ޖީބުގައި އޮތް ފޯނު ނެގުމަށްފަހު ކާއިލް އަށް ގުޅައިލަމުން އޭނާ ބޭނުންވާ ގޮތް ހިއްސާކުރިއެވެ. ކާއިލް އާއި ލޫޔާގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމުގައި ރުހައިމް ބުންޏެވެ. އެއާއެކު އެ ޔަގީންކަން ކާއިލް ދިނީ ރުހައިމް އާ ދިމާކޮށްލަމުންނެވެ. ފޯނު ކޯލު ކުރުކޮށްލިއިރު ރުހައިމްގެ ހިތުގެ ހިނގުން އާދަޔާ ޚިލާފަށް އަވަސްވެފައި ވިއެވެ. އިންތަނުން ތެދުވަމުން އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލުމަށްފަހު އޭނާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ.

ފަނޑުއަލިކަމެއް ކޮޓަރިތެރަށް ވެރިވެފައި ވިއެވެ. އެނދުގެ އެއްފަރާތުގައި އޭނާއަށް ފުރަގަސްވާނެހެން އޮށޯވެލައިގެން މުސްކާން އޮތެވެ. އިރުކޮޅަކު މުސްކާން އަށް ބަލަން ހުރުމަށްފަހު ބަހެއްވެސް ނުބުނެ ނިދަންލާ ދޫ ސްވެޓްޕޭންޓް ލުމަށްފަހު ރުހައިމް ވެސް އައިސް އެނދުގައި އޮށޯތީއެވެ. އެހުރިހައި އިރު ދެ ލޯ މަރައި ފިއްތައިލައިގެން މުސްކާން އޮތީ ރުހައިމް އާ ކުރިމަތިލާން ބޭނުންނުވެފައެވެ. އެ ހިތްވަރުވެސް އޭނާގެ ނެތީއެވެ. ރޮއެރޮއެ ވަރުބަލިވެފައި ވުމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުސްކާން އަށް ނިދޭގޮތްވިއެވެ. މުސްކާން އަށް ބަލަން އޮތް ރުހައިމްގެ ހިތުގައިވީ ތަފާތު ޝުއޫރުތަކެކެވެ. މަޑުމަޑުން މުސްކާންއާ ގާތްވެލުމާއެކު އޭނާ ދެލޯ މަރައިލިއެވެ.

* * * * *

ކާއިލްގެ ފުށުން އެނގުނު ހަގީގަތުން ލޫޔާއަށް ގެނުވީ ހައިރާން ކަމެވެ. މުސްކާންއާ މަގުމަތިން ދިމާކުރި މީހެއްގެ މަތިން އޭނާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެހެނަސް ފަހަރެއްގައިވެސް އެއީ ރުހައިމް އަށް ވެދާނެ ކަމަކަށް ލޫޔާ ހިއެއްނުކުރެއެވެ. ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައި އޭނާ އަށް ހުރެވުނީ އެހެންވެއެވެ. ނަމަވެސް ރުހައިމްގެ ރޭވުން ކާމިޔާބުވާން ޚުދު ލޫޔާވެސް އެދެއެވެ. ވަކިން ޚާއްސަކޮށް މުސްކާންގެ ހިތުގައި ރުހައިމް އަށްޓަކައިވި އިހުސާސުތައް އޭނާ އަށް އެނގޭތީއެވެ. އެ އެކުވެރިޔާގެ ލޯބި ކާމިޔާބުވާން އޭނާ ވެސް ބޭނުންވެއެވެ. ކާއިލް އެދުނު ކޮންމެ ކަމަކަށް އޭނާ ރުހުނީ އެހެންވެއެވެ.

ޑިއުޓީ ގަޑީގައި ލިބުނު ކުޑަ ބްރޭކްގައި އޭނާ އާއި ރުހައިމް އާ ދެމެދު ދެކެވުނު ވާހަކަތައް މުސްކާން ލޫޔާއާ ހިއްސާކުރިއެވެ. ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބޭތޯއެވެ. ހިނިއަންނަގޮތް ވި ނަމަވެސް އަމިއްލަ ނަފުސު ނިކަން އަވަހަށް ލޫޔާ ކޮންޓްރޯލް ކޮށްލިއެވެ. އޭނާގެ ސަބަބުން ރުހައިމްގެ ރޭވުން ނާކާމިޔާބު ވާކަށް ލޫޔާ ނޭދެއެވެ. މޫނުމައްޗަށް ދެރަވާކަމުގެ އަސަރުތައް ވެރިކޮށްލީ އެހެންވެއެވެ. ހިތްހަމަނުޖެހިފައި މުސްކާންގެ ކުރިމަތީގައި ރުހައިމް އަށް ނިސްބަތްކޮށް އޭނާ އެތައް ވާހަކައެއް ދެއްކިއެވެ. ކެތްތެރިވުމަށް މުސްކާން އަށް ނަސޭހަތްތެރިވިއެވެ. ކާއިލް އެދުނު ފުރަތަމަ ކަންތައް ފުރިހަމަ ކުރުމަށް މިއީ ރަނގަޅު ދަނޑިވަޅެއްކަމުގައި ލޫޔާ އަށް ވިސްނުނެވެ. ވަގުތުން ހިތްހަމަޖައްސައިލުމަށް ރޭގަނޑުގެ ވަގުތެއްގައި އޭނާ އާ އެކުގައި ބޭރަށް ގޮސްލަން ލޫޔާ އެދުނެވެ. މާޔޫސްކަން ވެރިވެފައި އިން މުސްކާން ހަމައެކަނި ބޯޖަހައިލީއެވެ. ރޭގަނޑު 8 ޖަހާއިރު އޭނާ ބަލައި ދާނަން ކަމަށް ބުނަމުން ލޫޔާ ހިނިތުންވެލިއެވެ.

* * * * *

ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން މުސްކާން އަށް ގޮވައިލި ލޫޔާގެ އަޑު އިވިފައި އެތެރަށް ވަނުމަށް އޭނާ އެދުނެވެ. އެއާއެކު ދޮރު ހުޅުވައިލަމުން ލޫޔާ އެތެރަށް ވަނެވެ. ޑްރެސިންގް ޓޭބަލް ދޮށުގައި ޝޯލް އަޅަން އިން މުސްކާން އަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ވަށައިގެން ލޫޔާ ދެލޯ ހިންގައިލިއެވެ.

"ހައިމް ކޮބާ؟" ނިތަށް ރޫއަރުވައިލަމުން ލޫޔާ އަހައިލިއެވެ. ނޭނގެއޭ ބުނާފަދަ ގޮތަކަށް މުސްކާން ދެކޮނޑު އަރުވައިލީއެވެ. އެދެލޮލުގައިވީ އިންތިހާ ޝަކުވާއެވެ. "މިއަދު.. އެއްފަހަރުވެސް ނުދެކެން.. ވީ ތަނެއްވެސް ނޭނގެ... ގުޅާކަށް ނުކެރުނު..." އިސްޖަހައިލަމުން ދެލޮލަށް ޖަމާވެފައިވި ކަރުނަތައް އަތުގެ ނުފުށުން މުސްކާން ފުހެލިއެވެ. ދެފަރާތަށް ބޯހޫރައިލަމުން ލޫޔާ އައިސް މުސްކާން ގާތުގައި ހުއްޓުނެވެ. އަދި ބޭކާރު ޚިޔާލުތައް ނުކޮށް އަވަހަށް ދާން ހިނގާށޭ ބުނެލިއެވެ. އިންތަނުން މުސްކާން ތެދުވުމާއެކު އޭނާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ލޫޔާ ނަޒަރު ހިންގައިލިއެވެ. ތުންފަތަށް ވައްތަރެއް ޖައްސައިލަމުން މުސްކާންގެ އަތުގައި ހިފައި އަލުން ގޮނޑީގައި އޭނާ ބޭނދިއެވެ. ސުވާލުގެ ނަޒަރަކުން ލޫޔާ އަށް މުސްކާން ބަލައިލިއެވެ.

"ބޭރަށް ދާން އުޅޭއިރުވެސް ތި ހުންނަނީ ދެރަވެފަ... ބަލާބަލަ މޫނުވެސް.. އެއްވެސް ދިރުމެއް ނެތް.. މި ރީތި ދެލޯވެސް ފަޅުކަން ދެކިބަލަ.. ތިގޮތަށްހުރެ ބޭރަށް ދިޔާމަ މީހުން ހީކުރާނީ ކީކޭ... ލެޓް މީ ހެލްޕް ޔޫ ގެޓް ރެޑީ.." މުސްކާން އަށް ބަލަން ހުރެ ލޫޔާ ބުނެލިއެވެ. އަދި މުސްކާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އޭނާގެ ރީތިވާ ސާމާނުތައް ކައިރިކޮށްލިއެވެ. ކުޑަ ފުށްކޮޅެއް މޫނުގައި ޖަހައިލުމާއެކު ދެލޮލުގައި އައި ލައިނަރ އަޅުވައިލިއެވެ. އަދި މަސްކަރަރ ގެ އެހީގައި އެދިގު އެސްފިޔަތަކަށް އިތުރު ފުރިހަމަކަމެއް ގެނުވިއެވެ. މަޑު ނޫޑްކުލައެއްގެ ލިޕްސްޓިކެއް މުސްކާންގެ ތުންފަތުގައި ޖައްސައިލަމުން ފަރުވާތެރިކަމާއެކު އެމޫނަށް ލޫޔާ ބަލައިލީ ހުރިހައިކަމެއް ފުރިހަމަތޯ ޗެކް ކޮށްލުމުގެ ގޮތުންނެވެ. ހިތްހަމަޖެހޭވަރު ވުމުން އޭނާ މުސްކާން އާ ދުރުވެލަމުން ލޯގަނޑުން ފެންނަންހުރި އެ ސޫރައަށް ބަލައިލިއެވެ. "ޕާރފެކްޓް.." މުސްކާންގެ ދެކޮނޑުގައި ހިފައި ކުޑަކޮށް ފިތައިލަމުން ލޫޔާ ތައުރީފު ކޮށްލިއެވެ. އަދި އަތުގައި އޮތް ފޯނުން ގަޑި ބަލައިލަމުން އަވަހަށް ދާން ހިނގާށޭ ބުނެލިއެވެ. މުސްކާން އަހައި އަހައިވެސް ދާން އުޅޭ ތަނެއް ލޫޔާ ހާމައެއް ނުކުރިއެވެ. ދިއުމުން އެނގޭނެ ކަމުގައި ބުނަމުން މުސްކާންގެ އަތުގައި ހިފައި ލޫޔާ ދަމައިލީއެވެ.

ޓެކްސީގެ ދުވެލި މަޑުޖެހުމާއެކު މުސްކާން ބޭރަށް ނަޒަރު ހުއްޓައިލިއެވެ. އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ޑްރައިވަރާ ފައިސާ ހަވާލުކުރުމަށްފަހު މުސްކާން ގާތުގައި ފައިބާން ލޫޔާ އެދުނެވެ. ޓެކްސީއިން ފައިބަމުން ކުރިމަތީގައި ހުރި ހޮޓެލްއަށް މުސްކާން ބަލައިލިއެވެ. މީހުންގެ މެދުގައި މަޤުބޫލު ތަނެއްކަން އެންމެ ފުރަތަމަ ނަޒަރުންވެސް އޭނާ ދެނެގަތެވެ. އެފަދަ އަގުބޮޑު ތަނަކަށް ލޫޔާ އޭނާ ގޮވައިގެން އައުމުން މުސްކާން ސުވާލުއުފެދޭ ގޮތް ވިއެވެ. އެހެނަސް އިތުރު އެއްޗެއް ބުނުމެއްނެތި ލޫޔާގެ ފަހަތުން ގޮސް ހޮޓެލްގެ ރެސްޓޯރެންޓް ތެރަށް މުސްކާން ވަނެވެ. ރިސެޕްޝަނުގައި އިން ކުއްޖާއާ ދިމާއަށް ހިނގައިގަންނަމުން މުސްކާން ގާތުގައި ޓެރެސްއަށް އެރުމަށް ލޫޔާ ބުނެލިއެވެ. އެކަނި ދިއުމަށް ވަގުތުން މުސްކާން ދެކޮޅު ހެދިއެވެ. "ޕްލީޒް މުސް.. ވަރަށް އަވަހަށް އެތަން ފުލްވޭ ކަންނޭނގެ.. މިހާރުވެސް އަންނަހާ މީހުން ބަލާބަ.. ޕްލީޒް އެތަނުން މޭޒެއްގަ އިންނަން އަހަރެން ބޭނުމީ.. ދޭބަލަ.. އަހަރެން ވަރަށް އަވަހަށް އެބަ ދަން.. އެތާނގަ އޭނީ އަހަރެންގެ ފްރެންޑެކޭ.. އޭނައާ ކުޑަކޮށް މީޓް ކޮށްލާފަ މިދަނީ.. ޕްރޮމިސް ލަހެއް ނުވާނެ.." މުސްކާންއާ ދިމާއަށް އާދޭހުގެ ގޮތަކަށް ބަލަން ހުރެ ލޫޔާ ބުންޏެވެ. ދެކޮޅުހަދަން ބޭނުންވިއަސް މުސްކާން އަށް އެންމެ ފަހުން މަޖުބޫރުވީ ލޫޔާ އެދުނު ފަދައިން ކަންތައް ކުރުމަށެވެ. ބޯޖަހައިލުމާއެކު ލިފްޓާއި ދިމާއަށް އޭނާ މިސްރާބުޖެހިއެވެ.

ޓެރެސްއަށް އެރުމާއެކު މުސްކާންގެ ދެލޯ ބޮޑުވީ އެތަން ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަން ފެނިފައެވެ. ކޮންމެވެސް މުހިންމު ކަމަކަށްޓަކައި އެމުޅިތަން ޒީނަތްތެރި ކޮށްފައިވާ ކަހަލައެވެ. ފަހަރަކު ދިމާއަކަށް މުސްކާން ބަލަމުންދިޔައީ އާޝޯޚުވެފައި ހުރެއެވެ. އޭނާއަށްޓަކައިވެސް މީހަކު އެފަދަ ލޯބިވެތި ކަމެއް ކުރާނެ ނަމައޭ މުސްކާންގެ ހިތަށް އެރިއެވެ. ކުދި ލެންޓާންސް ތަކުން މުޅި ޓެރަސްގެ އެކި ހިސާބުތައް ދިއްލައިލައިފައިވީ ގޮތުން އެމުޅިތަނަށް ވެރިވެފައިވީ ހުވަފެނީ ކުލަވަރެވެ. ރަތް ފިނިފެންމަލުގެ ފިޔައިން ކުރިއަށް ދިއުމަށްޓަކައި ހަނި މަގެއް ހަދަފައި އޮތެވެ. އަދި އެއާ ތަންކޮޅެއް ދުރުގައި ހުދާއި ރަތުގެ ފިނިފެންމާ ފިޔައިން ހިތެއްގެ ބައްޓަން ހަދައިފައި ހުއްޓެވެ. އޭގެ ވަށައިގެން ކުދި ލެންޓާންސްތައް ބަހައްޓައިފައި ހުރުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ހިތުގެ ބައްޓަމުގެ މެދުގައި ދެމީހުނަށް ކެއުމަށް އިންސާފުކުރަން ތިބެވޭނެހެން މޭޒެއް ތައްޔާރުކޮށްފައި ހުއްޓެވެ. ގަދަ ރަތްކުލައިގެ ފޮތިގަނޑަކުން މޭޒު ނިވައިކޮށްލައިފައި ހުރިއިރު މެދުގައި ދިގު އުއްބައްތިއެއް ބަހައްޓައިފައި ހުއްޓެވެ. މުޅި މާޙައުލަށް ވެރިވެފައިވީ އަޖައިބެއްފަދަ ހިތްގައިމު ވަހެކެވެ. އިޝްޤީ އަސަރުތަކެކެވެ. ހުވަފެނީ ގޮތަކަށް އެކި ދިމަދިމާއަށް ބަލަންހުރި މުސްކާން ސިހުނީ އޭނާގެ ނަމުން މީހަކު ގޮވައިލުމުންނެވެ. ދެލޯބޮޑުކޮށްލަމުން ވަށައިގެން އޭނާ ނަޒަރު ހިންގައިލިއެވެ. އެވަގުތު އޭނާ ގާތުގައި ކުރިއަށް އައުމަށް އެމީހަކު އެދުނެވެ. ރުހައިމްގެ ނަން މުސްކާންގެ ދުލުން ބޭރުވީ ބޭއިޚުތިޔާރުގައެވެ. ކުދި ފިޔަވަޅުތަކެއްގައި ކުރިމަތީގައި އޮތް ހިމަ މަގުން ލައިފައި އޭނާ ކުރިއަށް އައެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުރި އަނދިރިގަނޑަކުން ނުކުތް ރުހައިމް ފެނި މުސްކާން ގަނޑުވާގޮތް ވިއެވެ.

ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ރުހައިމް ހުރިއިރު އޭނާގެ ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުކަމަށް ދައްކައެވެ. އޭނާގެ ވަރުގަދަ ފަން އިސްތަށިގަނޑު ހުރީ، ތުނިކޮށް ރީތި ސްޓައިލަކަށް ހުންނާނެހެން ކޮށައިލައިފައެވެ. ތުނބުޅި މަތިމަސް ހެޔޮވަރު ވަރަކަށް ތުނިކޮށްފައި ހުރިއިރު އެ ރީތި މޫނުގެ ކިއްސަރު ހާމަވާން ހުއްޓެވެ. ރުހައިމްގެ އެ ފުރިހަމަކަން ފެނި މުސްކާން އަށް ހިންދިރުވައިލެވުނެވެ. ވާނުވާ ނުވިސްނިފައި ހުރިއިރު އެހިތުގެ ހިނގުން ހިނދެއް ހިނދަކަށް އައީ އިތުރުވަމުންނެވެ. އެސްފިޔަ ޖަހައިލަންވެސް ހަނދާން ނުވެފައި މުސްކާންއަށް ހުރެވުނީއެވެ. މުސްކާންއާ ދިމާއަށް ހިނގައިގަތް ރުހައިމްގެ ތުންފަތުގައި ކުޅެލީ ހިތްމޮޔަކޮށްލާފަދަ ހިނިތުންވުމެކެވެ. މުސްކާންއާ ދިމާއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު ރުހައިމްގެ ދުލުން ބޭރުވަމުން އައީ ލަވައެއްގެ ބައިތުތަކެކެވެ. ރުހައިމްގެ އަޑު ކަންފަތުގައި ޖެހުމާއެކު މުސްކާންގެ ގައިން ހީބިހި ހިލިގެން އައެވެ.

"މާ ވިސްނައިގެން ލޯ މަރާތީއޭ...

ނޭނގޭހޭ ސިއްރުން ހިނިތުންވާތީއޭ...

ކޮންއިރަކުން ބާއޭ ބައްދަލުވެވޭނީ...

މަ އެދޭ ސުވާލުގެ ޖަވާބެއް ލިބޭނީ...

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ...

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ...

ލޯބީގެ... ނަޒަރުން... ކަލާއޭ ދެކޭނީ..."

ލަވައިގެ އެންމެ ފަހު ބައިތު ރުހައިމް ކިޔައިލީ ފެންކަޅިވެފައި އޭނާ އަށް ބަލަން ހުރި މުސްކާންގެ ދެލޮލާ ނަޒަރު ސީދާކޮށްލަމުންނެވެ. ލަސްލަހުން މުސްކާންގެ ކަންފަތާއި ކައިވެލުމާއެކު ސިއްރެއް ފަދައިން އެންމެ ފަހު ބައިތު ރުހައިމް ތަކުރާރު ކޮށްލިއެވެ. މުސްކާންއަށް ދެލޯ މަރައިލެވުނީ ބޭއިޚުތިޔާރުގައެވެ. ތުންފަތް ތުރުތުރުއަޅައިލުމާއެކު އެދެލޯ ފުރިގެން އައެވެ.

"އައިޝް..." ކިރިޔާ މުސްކާންއަށް އަޑުއިވޭވަރަށް ރުހައިމް ބުނެލިއެވެ. ލިބުނު ސިހުމާއެކު ތެޅިގަންނަމުން މުސްކާންއަށް ދެލޯ ހުޅުވައިލެވުނެވެ. ރުހައިމް އަށް އެ ނަން އެނގުނު ގޮތަކާމެދު އޭނާ ސުވާލުއުފެދޭ ގޮތްވީއެވެ. އެ ނަމަކީ އެންމެ މީހެއް ގާތުގައި އޭނާ ބުނި ނަމެކެވެ. އެމީހަކު ނޫނީ އޭނާއާ އެ ނަމުން މުޚާތަބެއް ނުކުރެއެވެ. އެއީ އެއްވެސް މީހަކު އޭނާއަށް ނިސްބަތްކޮށް ކިޔާ ނަމެއްވެސް ނޫނެވެ. ސިހުން އެކުލެވިފައިވި ބެލުމަކުން ހިނިއައިސްފައި އޭނާއަށް ބަލަން ހުރި ރުހައިމް އަށް މުސްކާން ބަލައިލިއެވެ.

"ކި.. ކިހިނެއް.. ހައިމް އަށް.. މި... މީ ކޮން.. ކަމެއް..." މުސްކާން އަށް ވާހަކަދައްކަންވެސް ދަތިވެފައިވިއެވެ. ހިންދިރުވައިލުމާއެކު އޭނާއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ. އެއާއެކު ރުހައިމް އަށް އަޑުވީއްލައި ހީނގަނެވުނެވެ.

"އަދިވެސް އަހަރެން މީ ކާކުކަމެއް ނޭނގުނުތަ.. އައިޝް.." ލާނެތް ގޮތަކަށް މުސްކާންގެ ދަތްދޮޅީގައި ހިފައިލަމުން ރުހައިމް އަހައިލިއެވެ.

"ތީ.. ތީ.. އޭރު.." ޖުމުލަ ފުރިހަމަކުރަން މުސްކާން ނުކުޅެދުނެވެ. އެހެން ވާނީ ކިހިނަކުން ހެއްޔެވެ. އެއްއިރަކު މަގުމަތިން އޭނާއާ ދިމާކުރި ޒުވާނާގެ މަތިން މުސްކާން ހަނދާންވާގޮތް ވިއެވެ. އެމީހެއްގެ ސިފަ ރަނގަޅަށް ވަކިނުވިއަސް އެ ނަމަކީ ހަމައެކަނި އެމީހަކަށް އެނގޭނެ ނަމެކެވެ. ސުވާލުތަކުން ސިކުނޑި ފުނިޖެހެމުންދިޔައިރު އެއިން އެއްވެސް އެއްޗެއް ދުލާ ހަމައަށް ގެންނާނެ ގޮތެއް މުސްކާން އަކަށް ނުވިސްނުނެވެ.

"ޔެސް.. އައި އެމް ދެޓް ވެރީ ސޭމް ޕާރސަން.."

"ނު..ނުވާނެ އެހެންނެއް... ކި.. ކިހިނެއް" ދެފަރާތަށް ބޯހޫރައިލަމުން މުސްކާން ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ހަގީގަތް ގަބޫލުކުރަން ދަތިވެފައިވީ ހާލުއެވެ. މުސްކާން އަށް ބަލަން ހުރުމަށްފަހު ފަޓުލޫގެ ޖީބުން ރުހައިމް ފޯނު ނެގިއެވެ. އަދި އޭގެން އެއްޗެއް ހޯދައިލުމަށްފަހު ފޯނުގެ ސްކްރީން މުސްކާންއަށް ފެންނޭހެން އަނބުރައިލިއެވެ. ދެން އޭނާގެ މޫނާއި ފޯނު ކައިރިކޮށްލިއެވެ. ފޯނުގެ ސްކްރީނުން ފެންނަން ހުރި ފޮޓޯއަށް މުސްކާން ފުންނަޒަރަކުން ބަލައިލިއެވެ. އޭގައިވީ އޭނާއާ މަގުމަތިން އޭރު ފޮށުނު ޒުވާނާ ކަމާމެދު އޭނާ ޝައްކެތް ނުކުރެއެވެ. އެއްފަހަރު ފޯނުން ފެންނަންހުރި ފޮޓޮއަށް އަދި އަނެއްފަހަރު ރުހައިމްގެ މޫނަށް މުސްކާންއަށް ބެލެމުންދިޔައެވެ. އެއާއެކު އެދެމެދުގައިވި އެތްގޮތްކަން އޭނާއަށް ފާހަގަވާން ފެށިއެވެ. ފަނޑު ހިނިތުންވުމެއް މުސްކާންގެ ތުންފަތުގައި ކުޅެލީ ނުވެސް އެނގި ހުއްޓައި ހާލަތު ބަދަލުވެދިޔަ ގޮތާމެދުގައި ވިސްނައިލެވުމުންނެވެ. ކުރީގެ އެކި ހަނދާންތައް ސިކުނޑީގައި ބުރުޖަހަން ފެށިއެވެ. އޭރު ރުހައިމްދެކެ ބިރުން ޖެހިލުންވެގެން އޭނާ އުޅުނު ގޮތެވެ. ރުހައިމް ފެނުމުން އިސްއޮބައިލާ ގޮތެވެ. ހިތަށް ވެރިވާ ފޫހިކަމެވެ. އެއްއިރަކު އެ އިންސާނެއްދެކެ ވީ ފޫއްސާއި ގަތް ބިރުން ދުވެފިލަން މަސައްކަތްކުރި މީހަކީ މިއަދު އޭނާގެ ފިރިމީހާކަން ވިސްނުމުން މުސްކާން ގާތަށް ހިނި އަންނަގޮތް ވިއެވެ. ތަޤުދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ. އިސްޖަހައިލި މުސްކާން އާ ގާތްވެލަމުން އެކުޑަ ދަތްދޮޅީގެ ދަށަށް ރުހައިމް އަތްލައްވައިލިއެވެ.

"އަދިވެސް ގަބޫލު ނުކުރާނަންތަ؟" ލޯބިން ފުރިގެންވި އަޑަކުން ރުހައިމް އަހައިލިއެވެ. ދެފަރާތަށް ބޯހޫރައިލި މުސްކާންގެ ކިބައިން ފައުޅުވެލީ ލަދުވެތިކަމެވެ.

"ނޭނގި ނަމަވެސް އެރޭ ހައިމް އަށް ވެވުނު ވައުދު އަހަންނަށް ފުއްދިއްޖެ.." ރުހައިމްގެ އަތުގައި އަތް ޖައްސައިލަމުން މުސްކާން ބުނެލިއެވެ.

"ވީ ވައުދު މާ ފުރިހަމައަށްވެސް ފުއްދިއްޖެ... މިއަދު ތީ ހަމައެކަނި އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެއް ނޫން... އަހަރެންގެ ލޯބިވާ އަނބިމީހާ ވެސްމެ.." މުސްކާންގެ އަތުގައި ހިފައި ގާތްކޮށްލަމުން ރުހައިމް ބުނެލިއެވެ.

"ރޭގަ... ހަ.. ހައިމް މާނަ ކުރި ކުއްޖަކީ.."

"މުސްކާން.." މުސްކާންގެ ޖުމުލަ ފުރިހަމަ ކުރީ ރުހައިމް އެވެ. އަދި އެއީ މުސްކާންއާ އޭނާ ކޮށްލި ސަމާސާއެއްކަމުގައި ބުނެލީ ނުހަނު ލޯބިންނެވެ. މުސްކާންގެ ދެލޯ ފުރި ބަންޑުންވީ ލިބުނު އަފަލެއްގެ ބޮޑުކަމުންނެވެ. އެއާއެކު އޯގާތެރިކަމާއެކު އެކަރުނަތައް ރުހައިމް ފުހެލައިދިނެވެ. އަދި ނުރޮއުމަށް މުސްކާންގެ ގާތުގައި ބުނެލިއެވެ. ދުވަހަކުވެސް އެދެލޮލުން ކަރުނަ އޮހޭތަން ދެކޭކަށް އޭނާ ނޭދެއެވެ. މަޑުމަޑުން ދެއަތުގެ ތެރޭގައި އެހަށިގަނޑު ހައްޔަރުކޮށްލަމުން ރުހައިމް ދެލޯ މަރައިލިއެވެ.

"އައި ލަވް ޔޫ މައި އެންޖެލް.. އައި ލަވް ޔޫ ސޯ ސޯ މަޗް.." މުސްކާންގެ ބޮލުގައި ބޯ ޖައްސައިލަމުން ރުހައިމް އެހިތުގެ ސިއްރު ފައުޅުކޮށްލިއެވެ. "އައި ލަވް ޔޫ ޓޫ ހައިމް.. އައި ވިލް އޯލްވޭސް ލަވް ޔޫ.." ރުހައިމްގެ މެދުހަށީގައި ވަށައިލެވިފައިވި ދެއަތަށް ބާރުކޮށްލަމުން މުސްކާން ވެސް އޭނާގެ ހިތުގައިވި ލޯތްބަށް އިއުތިރާފު ވިއެވެ. އަދި އިތުރަށް އެ ބާރުގަދަ ދެއަތުގެ ތެރޭގައި ބޮނޑިވެލިއެވެ.

"މޭ އައި..؟" އިރުކޮޅަކު އެހެން ހުރުމަށްފަހު މުސްކާންއާ ދުރުވެލަމުން ރުހައިމް ކަނައަތް ދިއްކޮށްލިއެވެ. ހިނިއައިސްފައި އަވަސް އަވަހަށް ބޯޖަހައިލަމުން އެއަތުގެ ތެރަށް މުސްކާންގެ އަތްތިލަ ހެޔޮވަރުކޮށްލިއެވެ. މުސްކާންގެ އަތްތިލައަށް ބާރުކޮށްލަމުން ރުހައިމް ހިނގައިގަތީ މޭޒާ ދިމާއަށެވެ. އަދި އިނށީދެ ހަމަޖެހިލުމަށްފަހު ކެއުމަށް އިންސާފު ކުރުމަށް އެދުނެވެ. މާޒީގެ އެކި ހަނދާންތަކުގެ ވާހަކަ ދެމީހުންގެ މެދުގައި ދެކެވުނެވެ. އަދި އެހުރިހައި ކަމެއްގައި އޭނާ ކާއިލް އާއި ލޫޔާގެ އެހީ ހޯދިކަން ރުހައިމް ހާމަކޮށްލިއެވެ. އެއާ ވިއްދައި އެއްޗެއް ނުބުންޏެއްކަމަކު މުސްކާންގެ ހިނިތުންވުން ފުޅާވެލިއެވެ. އެ ހިނިތުންވުމުން ރުހައިމްގެ ހިތަށް ލިބުނީ އިންތިހާ ދަރަޖައިގެ ހަމަޖެހުމެވެ.

* * * * *

ރުހައިމް ދިން ރަތްކުލައިގެ ކުރު ނިދާހެދުން ގަޔަށް ހެޔޮވަރުކޮށްލަމުން ފާޚާނާގެ ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް މުސްކާން ބަލައިލިއެވެ. ލަދުންގޮސް މުޅި މޫނުކޮޅު ރަތްވެގެން އައީ ބަސްބުނާހައި ހިނދުކޮޅެއްގެ ތެރޭއެވެ. ތުންފަތުގައި ދަތްއަޅައިލެވުމާއެކު އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން މަސައްކަތްކުރާ ހާލު ލަސްލަހުން ފާޚާނައިގެ ދޮރު ހުޅުވައިލަމުން މުސްކާން ކޮޓަރީތެރަށް ނުކުތެވެ.

އެނދުގެ އެއްފަރާތުގައި އިނށީދެއިން ރުހައިމް އަށް ކޮޅަށް ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. އެހައި ހާމަކަންބޮޑު ގޮތެއްގައި މުސްކާން ފެނުނު ފުރަތަމަ ފަހަރުކަމުން ރުހައިމް އަށް ކުރެވެމުންދިޔައީ މުޅީން ތަފާތު އިހުސާސެކެވެ. ނޭވާ އަވަސްވެލުމާއެކު ހިތް ތެޅިގަތީ ކުއްލިއަކަށެވެ. ބޭއިޚުތިޔާރުގައި ހަލުވި ފިޔަވަޅުތަކެއްގައި އައިސް އޭނާއަށް މުސްކާންގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ. އެމޫނުގައި ދެއަތުން ހިފަހައްޓައިލަމުން މޫނުގެ އެކި ތަންތަނުގައި ރުހައިމް ބޮސްދޭން ފެށިއެވެ. ހިތުގެ އެދުން ފުރިހަމަ ކުރުމަށް ކެތްތެރިކަން ކުޑަވެފައި އޭނާ ވިއެވެ. ރަކިގޮތަކަށް ހިނިތުންވެލައިގެން ހުރި މުސްކާން، އަތްދަނޑިމައްޗަށް ރުހައިމް އުފުލައިލީ ދާދި ފަސޭހައިންނެވެ.

ކުދިފިޔަވަޅުތަކެއްގައި އައިސް މުސްކާންގެ ހަށިގަނޑު އެނދުގެ މަޑު ތަންމަތީގައި އޭނާ ބާއްވައިލިއެވެ. ހަތަރުކަޅި ހަމަވުމާއެކު ރުހައިމްގެ ކެތްތެރިކަން ކޮޅުންލާގޮތް ވިއެވެ. އެތޫނު ދެލޮލުގެ ޖާދޫގައިޖެހި އޭނާގެ މުޅި ނަފުސު ބެހިގެންދިޔައެވެ. މުސްކާންއާ ގާތްވެލުމާއެކު ނަފުސުގެ ކަރުހިއްކުން ފިލުވައިލުމަށް ރުހައިމް އަވަސްވެގަތެވެ. ދެމަފިރިންގެ ކައިވެނީގައި އައު ކުލައެއް ޖައްސަމުންނެވެ. ދެހިތް ވަކިނުވާނޭފަދައިން އަބަދަށް ގުޅުވައިލަމުންނެވެ. އެތައް ހާސް އުފައުވެރިކަމެއް ގެނުވައި ދެމުންނެވެ.

ރުހައިމްގެ މޭގައި ބޯއަޅައިލައިގެން އޮތް މުސްކާންގެ އިސްތަށިގަނޑުގައި އޭނާ ފިރުމައިލިއެވެ. އެއާއެކު ވަރުބަލި ގޮތަކަށް މުސްކާން ބޯ އުފުލައިލައި ރުހައިމް އަށް ބަލައިލިއެވެ. ދެމެދުގައި ބަދަލުކުރެވިގެން ދިޔަ ހިނިތުންވުމުން ދެހިތަށްވެސް ލިބިފައިވި ހަމަޖެހުން ހާމަކޮށްދެއެވެ.

"ސޯ ވަޓް ޝުޑް އައި ކޯލް ޔޫ.. އައިޝް އޯ މުސްކާން.." ލާނެތް ރާގަކަށް މުސްކާންގެ ކޮލުގައި ހިފައިލަމުން ރުހައިމް އަހައިލިއެވެ. އެއާއެކު ދެފަރާތަށް ބޯހޫރައިލަމުން ރުހައިމްގެ މޭގައި މުސްކާން މަޑުމަޑުން ޖަހައިލިއެވެ.

"ހައިމް ބޭނުން ނަމެއް.." ދޭނެ ވަކި ޖަވާބެއް ނުވިސްނުމުން މުސްކާން ބުނެލިއެވެ.

"އޫމް.. އަހަރެން ކިޔާނީ މުސްކާން... އެއީ އަހަރެންގެ ހަޔާތަށް އައިޝްގެ ސޫރައިގައި އައި ލޯބި ލޯބި އެންޖެލް އެއް... އަހަރެންގެ މުޅި ހަޔާތް ހީވެސްނުކޮށްހުއްޓައި ބަދަލުކޮށްލި ފަރާތް.. ހެވާއި ނުބައި އަހަންނަށް ވަކިކޮށްދީ ވިސްނައިދިން ފަރާތް.. މީހަކަށް އެންމެ ބޭނުންވި ދުވަހު ދެގޮތެއްނުވެ އަހަރެންގެ ގާތުގައި އަބަދުވެސް ހުރެދިން... ކުރިއަށް ދާންވީ މަގު ކޮށައި ދައްކައިދިން... އެ ސޫރަ މިދެލޮލަށް ނުފެނުނަސް އަހަންނަށް އެނަމެއްދެކެ އިންތިހާއަށް ލޯބިވެވުނު ނަމަކީ އެއީ... އަހަރެން އެދެނީ އަހަރެންގެ މުޅި އުމުރުވެސް އެ ނަމުގައި ފިދާވާން... އިރާދަކުރެއްވިއްޔާ ލޯބީގެ ނަޒަރުން އުމުރު ދުވަހުވެސް ދެކޭނެ ހަމައެކަނި ފަރާތަކީ ތީ... މިއީ އަހަރެންވާ ވައުދެއް.. އަހަރެންގެ ލޯބި ލޯބި މުސްކާން.." ރުހައިމްގެ ދުލުން ބޭރުވި ކޮންމެ ލަފުޒަކުން މުސްކާންގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވިއެވެ. އެހިތުގައި އޭނާއަށްޓަކައިވި ފުން ލޯބި ވިސްނުނެވެ. ތުންފަތް ތުރުތުރުއަޅައިލުމާއެކު ރުހައިމްގެ ގައިގައި އޭނާ ބައްދައިލިއެވެ. ލުއި ހިނިތުންވުމެއް ދެމަފިރިންގެ ތުންފަތުގައި ވީއިރު، މަޑުމަޑުން އެސްފިޔަތަކަށް ބަރުވެ މެރެމުންދިޔައީ ނިދީގެ ފޮނި އާލަމަށް ދެމަފިރިން އެކުގައި ޣަރަގު ކުރުވަމުންނެވެ.

* * * * *

ހަތަރު އަހަރު ފަސް

* * * * *

ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓަށް މެލޭޝިއަން އެއަރލައިންސް ޖެއްސުމާއެކު ފަސިންޖަރުންތައް އަވަސްވެގަތީ އޭގެން ފޭބުމަށެވެ. ރުހައިމްގެ އަތުގައި ހިފައިލައިގެން ތިން އަހަރުގެ ކުޑަ ކުޑަ ރުވާ ހުރިއިރު އެމީހުންގެ ފަހަތުން އައި މުސްކާން ވެސް ކެބިން ކްރޫއަށް ހިނިތުންވެލަމުން ފްލައިޓުން ފޭބިއެވެ.

ރުހައިމްގެ އޮޕެރޭޝަނަށްފަހު މާލެ އައިތާ އެއްމަސް ދުވަސްތެރޭ ކާއިލް އާއި ލޫޔާގެ ކައިވެނި ވަނީ ކުރެވިފައެވެ. އެދެމީހުންގެ ކައިވެންޏަށްފަހު ހުރިހައި އެންމެން އެކީގައި ދިރިއުޅުން މެލޭޝިއާއަށް ބަދަލުކުރީއެވެ. ލޫޔާގެ އާއިލާވެސް އޭނާއާ އެކުގައި މެލޭޝިއާއަށް ބަދަލުވިއެވެ. އަރުން އަށްވެސް ކޮންޕެނީއިން ވަޒީފާ ހަމަޖައްސައި ދިނުމަށްފަހު އެމީހުނާއި އެކުގައި މެލޭޝިއާއަށް އައުމަށް ރުހައިމް ދައުވަތު ދިނެވެ. އެ ފުރުސަތު އޭނާ ގަބޫލުކުރީ ނުހަނު އުފަލުން ހުރެއެވެ. އެއާއިލާގެ ހެޔޮކަމާމެދު ޝުކުރުވެރި ވަމުންނެވެ. ދިރިއުޅުން އެހެން ތަނަކަށް ބަދަލުވިއެއް ކަމަކު މުހުސިންއާ އޮންނަ ގުޅުން ދެމެހެއްޓުމަށް މުސްކާން އިސްކަމެއް ދެއެވެ. އޭނާގެ އާއިލާގައި ހުރި ހަމައެކަނި މީހަކީ އެއީ ކަމުގައި ވާތީއެވެ.

ވެލޭ ހޮސްޕިޓަލުގެ އަހަރީ ޖަލްސާ ފާހަގަކުރުމަށް ރުހައިމް އައީ މުސްކާން އާއި އެދެމީހުންގެ ދަރިފުޅުވެސް ގޮވައިގެނެވެ. ޖަލްސާ ނިންމައިލުމަށްފަހު ޗުއްޓީއެއް ހޭދަކޮށްލަން ރިސޯޓަކަށް ދިއުމުގެ ޕްލޭން ހިތުގައި އޮތުމުންނެވެ. އެނބުރި މެލޭޝިއާއަށް ދިއުމަށްފަހު ވިޔަފާރީގެ ކަންކަމާއި ރުހައިމް އާއި ކާއިލް ހަވާލުވީއެވެ. ކާއިލްގެ ދެމަފިރިންނަށް އެ ދަތުރުގައި ބައިވެރިނުވެވުނީ އެމީހުންގެ އަލަތު ދަރިފުޅަށް ލޫޔާ ބަލިވެ އިނުމުން އޭނާގެ ހާލަތު ތަންނުދިނުމުގެ ސަބަބުންނެވެ.

ހަވީރު ފެށުނު ޖަލްސާ ނިމުނުއިރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ. ޓެކްސީގައި އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން އެމީހުން ތިބެން ހަމަޖެހިފައި ހުރި ހޮޓެލް އަށް ދިއުމުގެ މަގުމަތީގައި ރުހައިމްގެ އެދުމަށް މަގެއްގެ އެއްފަރާތުގައި ޑްރައިވަރ ކާރު މަޑުކޮށްލިއެވެ. މުސްކާންގެ އަތުގައި ހިފަމުން ޓެކްސީއިން ފޭބުމަށް ރުހައިމް އެދުނެވެ. ސުވާލުއުފެދިފައި ރުހައިމް އެދުނު ފަދައިން އޭނާ ކަންތައް ކުރިއެވެ. ކުރިމަތީގައި ހުރި ފިހާރައަށް ރުހައިމް އިޝާރާތް ކޮށްލުމާއެކު އެދިމާއަށް މުސްކާން ބަލައިލިއެވެ. ވަގުތުން އެއީ ކޮން މަގެއްކަން އޭނާ އަށް ވިސްނުނެވެ. އެ ފިހާރައާ ދާދި ކައިރީގައި ހުރި ހިމަ ގޯޅިގަނޑަށް މުސްކާންގެ ނަޒަރު ހުއްޓުނެވެ.

"މިއީ އަހަންނަށް މުސް އެންމެ ފުރަތަމަ ފެނުނުތަން.. އެ ބައްދަލުވުން... ހަނދާން ވޭތަ؟ އަހަރުމެން ދެމީހުންގެ ލޯބި ފެށުނު ހިސާބަކީ މިއީ..." މުސްކާންގެ އުނަގަނޑުގައި އަތް އަޅުވައިލަމުން ރުހައިމް ބުނެލީ ފުޅާހިނިތުންވުމަކާއެކުއެވެ. ބޯޖަހައިލުމާއެކު އުރުގައި އިން ރުވާގެ ގައިގައި މުސްކާން ބައްދައިލިއެވެ. އަދު ދިރިއުޅުމުގައި އާދެވިފައިވީ އުއްމީދުވެސް ނުކުރާފަދަ ހިސާބަކަށެވެ. އެ ލޯބީގައިވީ އެތައް ކުލައެއްޖެހިފައެވެ. ދިރިއުޅުމުގެ ފޮނި މީރުކަން އަރުގައި ލައިފިކަމުގެ އިހުސާސު އޭނާއަށް ކުރެވުނެވެ.

* * * * *

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ދުރުދުރަށް ފެތުރިފައިވި ރިސޯޓުގެ ހިމުން ދޮންވެލިގަނޑު މަތީގައި ދުވެދުވެފައި ރުވާ އުޅުނީ އަމިއްލަ ދުނިޔެއެއްގައެވެ. އެމަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ރުހައިމް އާއި މުސްކާން އިނށީދެލައިގެން ތިއްބެވެ. ރުހައިމްގެ އުނގުތެރޭގައި މުސްކާން އިންއިރު އޭނާގެ ދެއަތްވީ މުސްކާން ވަށައިލައިފައެވެ. ދުވަހަކު ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. ދުވެދުވެ ވަރުބަލިވުމުން ރުވާ އައިސް ވަނީ މުސްކާންގެ އުނގަށެވެ. އެއާއެކު ދަރިފުޅުގެ މޫނުގައި އޭނާ ނުހަނު ލޯބިން ފިރުމައިލިއެވެ.

އިރުއޮއްސެން ކައިރިވުމުން ދަރިފުޅު ގޮވައިގެން ދެމަފިރިން އިންތަނުން ތެދުވިއެވެ. އޭރު މުޅި އުދަރެސް އޮތީ ހިތްގައިމު އެތައް ކުލައަކުން ޖަރީވެފައެވެ. ދުވަހުގެ ނިމުން ހާމަކުރަމުން ފެނުގެ ސަތަހައާއި ގޯނާ ކޮށްލުމަށްފަހު އިރު އޮއްސެމުންދިޔައިރު، ދޫނިތައްވެސް އެސޮރުމެންގެ ހާލިތަކާ ދިމާއަށް ދަތުރުކުރަމުން ދިޔައީ އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނުވަމުންނެވެ. ދުރުރުގައި މޫދުގެ ލޮނުގަނޑަށް ނަޒަރު ހުއްޓައިލައިގެން އެކި ޖޯޑުތައް ތިބީ އެމަންޒަރުން އުފައުވެރިކަން ހާސިލްކުރަން ކަހަލައެވެ. އެމަންޒަރު ބަލަން ހުރުމަށްފަހު މުސްކާންގެ އަތުގައި ހިފައި ގަޔާ ކައިރިކޮށްލަމުން މަޑުމަޑުން އެ އުނަގަނޑުގައި ރުހައިމް އަތްއަޅުވައިލިއެވެ. އަދި ލޯބިވެތި ގޮތަކަށް މުސްކާން އަށް ބަލައިލިއެވެ. އެދެލޮލުގައިވި ޝުއޫރުތައްފެނި މުސްކާން ރަކިވާގޮތްވިއެވެ.

"އެވްރި އެންޑިން އިޒް އަ ނިއު ބިގިނިން.. ނޫންތަ... މާޒީގެ އެދުވަސްތައް... އޭރު އަހަންނަށް ހީވީ އަހަރެންގެ މުޅި ހަޔާތްވެސް ނިމުމަކަށް އައީ ހެން.. ބަޓް ދެން އަގެއިން.. އައި މެޓް ޔޫ... އަހަރެންގެ އަތުން އެންމެ ފުރަތަމަ ތި ލޯބި ބީވެގެން ދިޔައީ އެއަށްވުރެ މާ ފުރިހަމަ ގޮތެއްގައި ތި ލޯބި ލިބެން ތަޤުދީރުގައި ލިޔުއްވިފައި ވީމަ.. އައު ފެށުމަކުން އަހަރެންގެ ހަޔާތް ފެށުމުގެ ފުރުސަތު ތަނަވަސްވީ އެ ވީރާނާވެފައިވި ދިރިއުޅުމަށް ނިމުން އައުމުން.. އެހުރިހައި ފަހަރެއްގަވެސް މެދުވެރިއަކަށްވި ފަރާތަކީ ތީ... މިއަދު އަހަރެންގެ މުޅި ހަޔާތް ފުރިހަމަވެއްޖެ.. ދެކުނު ހުރިހައި ހުވަފެނެއް ހަގީގަތަކަށް ވެއްޖެ.. އަލްޙަމްދުލިﷲ... އަހަރެން މުސްދެކެ އިންތިހާއަށް ލޯބިވަން... ދުލުން ބުނެލާ ކުޑަކުޑަ ބަހަކުން މިހިތުގައިވި ލޯބި އިހުސާސުވެސް ނުކުރެވޭނެ... އެއަށްވުރެ އެ ޖަޒުބާތު މާ ފުން.. ދެގޮތެއްނުވެ އަބަދުވެސް އަހަރެން ލޯބިވާނެ ފަރާތަކީ ތީ.. ތި ސޫރަ.. ތި ނަން... އަހަރެންގެ ހިތުގެ ދުޢާއަކީ ދެދުނިޔޭގައިވެސް އަހަރެމެން އެކުގައިވުން... އަހަރެން ނެތް ދުވަހަކުންވެސް، އެ ވަކިވުމަކީ މި ލޯބީގެ ނިމުން ކަމުގަ މުސް ހީނުކުރައްޗޭ... އިރާދަކުރެއްވިއްޔާ އެއީ އަހަރެމެންގެ އައު ޙަޔާތުގެ ފެށުން.." މުސްކާންގެ ނިތުގައި ލޯތްބާއެކު ބޮސްދެމުން ރުހައިމް ބުނެލިއެވެ. ފެންކަޅިވެފައިވީ ހާލު މުސްކާން ބޯޖަހައިލިއެވެ. އެވަގުތު މުސްކާންގެ އުރުގައިއިން ރުވާ ހީނލިގޮތުން އެކުއްޖާއަށްވެސް އެދެމެދުގައިވި ވަރުގަދަ ލޯބި އިހުސާސުވީ ކަހަލައެވެ. މަޑުމަޑުން ރުހައިމްގެ ކޮލުގައި އެކުއްޖާ ފިރުމައިލިއެވެ. ރުވާގެ އެކުޑަ އަމަލުން ދެމަފިރިންގެ ހިތަށްވެސް ގެނުވީ ފިނިކަމެވެ. މަޑުމަޑުން ރުހައިމްގެ މޭގައި ލައްވެލަމުން އޭނާދެކެ މުސްކާންވެސް އިންތިހާއަށް ލޯބިވާކަމުގައި ބުނެލިއެވެ. ދަރިފުޅާއެކު އަނބިމީހާގެ ގައިގައި ރުހައިމް ދެއަތް ވަށައިލިއެވެ. އެއީ އޭނާގެ މުޅި ދުނިޔެއެވެ. ދެހިތުގައިވެސް ޖަހަމުންދިޔަ ލޯބީގެ ވިންދުގައިވީ އެއް ރާގެކެވެ. އެއް ވަޢުދަކާއި އަހުދެކެވެ. އުމުރަށްވެސް އެކަކު އަނެކަކަށްޓަކައި ފިދާވާނަން ކަމެވެ. ލޯބި ވާނަން ކަމެވެ. ދެގޮތެއްނުވެ އަބަދުމެ ދެދުނިޔޭގައިވެސް ﷲ ގެ މާތް ރަޙުމަތްފުޅާއެކު އެކުގައި ވާނަން ކަމެވެ.

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ...

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ...

ލޯބީގެ... ނަޒަރުން... ކަލާއޭ ދެކޭނީ...

(ނިމުނީ)

Ads by HDC
  1. ޗިކް ޗިކް

    ވާވް ��️

  2. ވަރަށް ރީތި

  3. ނާނަ

    އާޗާ ހާދަ ރީތި ވާހަކަ އެކޭ ހަމަ ރޮވިއްޖެ

  4. ނަޝީ

    ވވވ ރީތ ނައުގ އ ވާހަކައެއްގެެ އިންތިޒުގ

  5. ސިމާ

    ވ ވ ރީތި.ވަރަށް ފުރިހަމަ