ރިޕޯޓް

ޕެންޑެމިކްގެ ފިއްތުން، ލެބްތަކުގައި މަސައްކަތް ކުރާ މީހުންނަށް

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ދުނިޔެއަށް ކޮވިޑް 19ގެ އަނދިރި ވިލާގަނޑުގެ ހިޔަނި އެޅިގެން އުޅޭތާ ދެއަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވީއިރު، އަނދިރިކަމުގެ ތެރޭގައި އެންމެ ބޮޑަށް ތެޅެން ޖެހިފައިވާ އެއްބަޔަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ކަމުގައި އެންމެން ވެސް ގަބޫލު ކުރާނެއެވެ. އިސްސަފުގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކޮށް އެ މީހުންނަށް ހާއްސަ އިނާޔަތްތައް ދިނުމަށް މީސްމީޑިއާގައި ގޮވައިލާ ތަން ވެސް ކޮންމެ ވެސް ވަރަކަށް ފެންނަމުންދެއެވެ. މިވާހަކަ ދެކެވޭ އިރުގައި އެންމެ ގިނައިން ފެންނަނީ ޑޮކްޓަރުންނާއި ނަރުހުންގެ ވާހަކަ ދައްކާތަނެވެ. ނަމަވެސް އެ ނޫނަސް ގައުމަށް ވަރަށް އަގުހުރި ޚިދުމަތެއް ކޮށްދޭ ބަޔަކު އެބަ ތިއްބެވެ. އެއީ ސިއްހީ ޚިދުމަތުގެ މައިނާރޭ ވެސް ބުނެވިދާނެއެވެ. އެއީ ލެބްތަކުގައި މަސައްކަތް ކުރާ ލެބް ޓެކްނީޝަނުންނެވެ.

Ads by STELCO

އެމީހުން ނެތް ނަމަ ޑޮކްޓަރުންނާއި ނަރުހުން ކުރާ މަސައްކަތް ފުރިހަމައަކަށް ނުކުރެވޭނެއެވެ. ލެބްގައި މަސައްކަތް ކުރާ މީހުންނަކީ އަހަރެމެން ބައްޔެއް ވެގެން ޑޮކްޓަރަށް ދެއްކީމާ ހަދަން ޖެހޭ ޓެސްޓްތައް ހަދައިދޭ މީހުންނެވެ. ކޮންމެ ދުވަހަކު އެތަކެއް މީހުންގެ ލޭގެ ސުންކުގެ އިތުރުން، ކުޑަކަމުދާ ތަކެތި، ބޮޑު ކަމުދާ ތަކެތި އަދި ރޯގާގެ ސުންކު ނަގައިގެން ވެސް އެ ސުންކު ޓެސްޓުކޮށް ނަތީޖާ ތައްޔާރުކޮށްދެއެވެ. އަދި އާލަމީ ވަބާ އައުމުން ކޮވިޑް 19ގެ ސުންކުތައް ނަގާ އެ ސުންކުތައް ޓެސްޓު ކޮށްދެނީ ވެސް ހަމަ އެ މީހުންނެވެ. މިއީ އިލްމު އުނގެނިގެން، ހާއްސަ އުކުޅުތަކަކާއި ތަޖުރިބާއާ އެކު، އަދި ވަރަށް ފަރުވާ ބަހައްޓައިގެން ކުރެވެން އޮންނަ މަސައްކަތެކެވެ. މީގެ އިތުރުން މިވަޒީފާގައި އެމީހުންގެ އިތުރު މަސައްކަތްތަކެއް ވެސް ހުރެއެވެ. މިސާލަކަށް ރިޕޯޓް ލިޔުން ފަދަ ކަންކަމެވެ. އެހެންވީމާ މިއީ އެއްގޮތަކަށް ވެސް ލުއިކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ.

އެމީހުންގެ ތަޖުރިބާއާއި އުނދަގޫތައް ހިއްސާ ކުރަން އަހަރެން ވާހަކަ ދައްކައިލީ ރާއްޖޭގައި ލެބެއްގައި މަސައްކަތް ކުރާ މީހަކާއެވެ. ނަން ހާމަ ކުރަން ބޭނުން ނުވާ އެ މީހާގެ ތަޖުރިބާ ހިއްސާ ކުރީ، މުޖުތަމައުއަށް އެމީހުންގެ ހާލަތު ކިޔައިދީ އެމީހުންގެ މަސައްކަތްތަކަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ކޮންމެ ވެސް ދުވަހަކުން ލިބޭނޭކަމުގެ އުއްމީދުގައެވެ.

ރާޔާ (އަސްލު ނަމެއް ނޫން) ލެބް ޓެކްނީޝަންއެއްގެ ގޮތުގައި މަސައްކަތް ކުރާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. ރާޔާގެ ފުރަތަމަ ޝަކުވާއަކީ އާލަމީ ވަބާގެ ކުރީގައި ވެސް ލެބްގައި މަސައްކަތްކުރާ ހުރިހައި އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ ބުރަކަމެވެ. މިހެން ވާން ދިމާވާ މައިގަނޑު ސަބަބަކީ ކުރަން ޖެހޭ މަސައްކަތާ އެކަށީގެންވާ ވަރަށް މަސައްކަތްކުރާ މީހުން ނުހޯދުމެވެ. އެހެންވީމާ މުވައްޒަފުން ޖެހޭނީ އަބަދު ވެސް ނުވާވަރުން ވެސް 'މެނޭޖް' ކޮށްލަކޮށްލާ ތިބޭށެވެ. އަދި މި މެނޭޖްކުރުމުގެ ތެރެއިން އެތައް ބައިވަރު ގުރުބާނީއެއް އެމީހުން ވާންޖެހެއެވެ.

އާލަމީ ވަބާގެ ކުރީގައި މިކަހަލަ ހާލަތެއްގައި މަސައްކަތް ކުރަމުން ދަނިކޮށް ކޮވިޑް ބޯމަތިވުމުން، ކުރީގެ ބުރަކަން އެތައް ގުނައަކަށް ބޮޑުވެގެން ދިޔައެވެ. ރާޔާ ބުނި ގޮތުގައި ބައެއް ރަށްތަކުގައި ލެބްގައި މަސައްކަތްކުރާ މީހުންނަށް އޮފް ވެސް ނުލިބެއެވެ. ބައެއް ހާލަތްތަކުގައި 24 ގަޑިއިރުގެ ޚިދުމަތް ދޭއިރު ޚިދުމަތް އެ ދެވެނީ އެތާގައި މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމަށް އެއްވެސް ވަގުތެއް ނުދެވޭ ހާލަތެއްގައެވެ. މިސާލަކަށް 12 ގަޑިއިރު މަސައްކަތް ކޮށްފައި ދެން އޮންނަ 4 ގަޑިއިރު އޮންކޯލްގައި ތިބެން ޖެހިދާނެއެވެ. ނުވަތަ ސްޓާފުން މަދުވުމުން އޮފް ދުވަހު ވެސް ޖެހެނީ އޮންކޯލްގައި އިންނާށެވެ.

އޮންކޯލްގައި ތިބޭ އިރު އޮފީހުން ގުޅާލާ އިރަށް ވީ އެންމެ އަވަހަކަށް އޮފީހަށް ހާޒިރުވާން ޖެހެއެވެ. އެހެންވީމާ އެ ވަގުތުތަކުގައި ގޭތެރޭގެ މަސައްކަތެއް ނުވަތަ އިތުރު އެއްވެސް ކަމެއް ކުރެވޭކަށް ނޯވެއެވެ. އޮންކޯލްގައި އިންނަ ވަގުތުތަކަށް އިތުރުގަޑީގެ ފައިސާއެއް ނުލިބެއެވެ. ފައިސާ ލިބެނީ އޮފީހުން ގުޅައިގެން މަސައްކަތަށް ނުކުންނަން ޖެހިއްޖެ ނަމަ ހަމައެކަނި އެ ވަގުތުތަކަށެވެ. ނަމަވެސް އޮންކޯލްގައި އިންނަ ވަގުތުތަކަކީ ހަގީގަތުގައި އޮފީހަށް ހާއްސަ ކޮށްގެން ހުންނަ ވަގުތުތަކެއް ކަމަށް ވާއިރު، އެ ވަގުތުތަކަށް ވެސް އިތުރު ގަޑީގެ ފައިސާ ލިބެން ޖެހޭނެކަމަށް ރާޔާ ގަބޫލު ކުރެއެވެ.

އެހާ ބުރަކޮށް މަސައްކަތްކުރަން ޖެހުމަކީ ކުރާ މަސައްކަތަށް ވެސް އޭގެ އަސަރު ކުރާ ކަމެކެވެ. މިސާލަކަށް ޓެސްޓު ހަދާއިރު ސަމާލުކަން ދޭން އުނދަގޫވުން، ކުދިކުދި ކުށް ކުރެވުން، ކުދި ތަފްސީލްތައް ފާހަގަ ނުވެ ދޫވުން އަދި ރިޕޯޓް ފަދަ އެއްޗެހި ލިޔެ ހަދާއިރު ކުށް ކުރެވުން ހިމެނެއެވެ.

ރާޔާ ފާހަގަ ކުރާ ގޮތުގައި ދަރިއަކު ލިބުމަށް ފަހު މި ގޮތަށް އުޅުމަކީ ހާއްސަކޮށް އަންހެނަކަށް ވަރަށް އުނދަގޫ ވާނޭ ކަމެކެވެ. އެއީ ދަރިފުޅަށް ވަގުތު ދޭން ޖެހޭ ވަރަށް ނުދެވޭނެތީއެވެ.

ދެން އޮތީ ވަޒީފާގެ ވައްތަރު ސަރުކާރުން ނިންމައިފައި އޮތް ގޮތެވެ. ލެބް ޓެކްނީޝަނުން މަސައްކަތް އެ ކުރަނީ އެޑްމިނިސްޓްރޭޝަންގައި މަސައްކަތް ކުރާ މީހުންނާ އެއް ފަންތިއެއްގައެވެ. އަސާސީ މުސާރަ އެޑްމިން ވަޒީފާތަކުގެ މުސާރައާ އެއްވަރެވެ. ލެބްގައި މަސައްކަތްކުރާ މީހުންނަކަށް ތައުލީމީ ފެންވަރާއި ތަޖުރިބާއާއި ބަލައިފައި ޕްރޮމޯޝަނެއް ވެސް ނުލިބެއެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން މި ދާއިރާއަށް އިތުރު ދިވެހިން ޝައުގުވެރިކުރުވައި ވެއްދުމަށް ވެސް އުނދަގޫވެދެއެވެ.

ރާޔާ ބުނި ގޮތުގައި މަސައްކަތް ކުރަން ޖެހެނީ ވަރަށް ވަރުބަލި ކަމާ އެކުގައެވެ. ކޮންމެ ދުވަހެއް ވެސް ކަޑައްތު ކުރަނީ ވަރަށް މަސައްކަތުން ކަމުގައެވެ. އާއިލާއާއި ރައްޓެހިންނަށް ވަގުތު ދިނުމަކީ ވެސް ވަރުބަލި ކަމާ ހުރެ މިހާރު ނުވާ ކަމެކެވެ. އަމިއްލަ މީހާއަށް ވަގުތު ދިނުން އަދި ކޮބައި ހެއްޔެވެ؟ ގެއަށް ދާއިރު ވެފައި ހުންނަ ވަރުބަލީގެ ސަބަބުން އެ ކަހަލަ ކަމަކާ ދޭތެރޭ ނުވިސްނެއެވެ. ކޮންމެ ވެސް ގޮތަކުން ދުވަސް ކަޑައްތުކޮށް ނިންމައިލައިފައި އަނެއްކާ އަނެއް ދުވަހު ހޭލައިފައި ވެސް ޖެހެނީ ހަމަ ކުރީ ދުވަހެކޭ އެއްގޮތަށް މަސައްކަތް ކުރާށެވެ. ދުގު މުއްދަތަކަށް ބަލާއިރު، މިސްޓްރެސްއަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ވެސް ވަރަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

ރާޔާގެ ހުވަފެނަކީ މިދާއިރާއަށް ލޯބިކުރާ މީހުންނަށް ހިތްހަމަޖެހިލައިގެން މަސައްކަތް ކުރެވޭނޭ ފެންވަރަށް ގާނޫނު ހެދި، ކުރާ މަސައްކަތާ އެކަށީގެންވާ ވަރަށް މުސާރަ ބޮޑުވެ، ކުރަން ޖެހޭ މަސައްކަތާ އެކަށީގެންވާ ވަރަށް އޮފީސްތަކުގައި މުވައްޒަފުން އުޅުމެވެ. ރާޔާ އެދެނީ ދިވެހި ހުރިހައި ރައްޔިތުން ވެސް މިއުނދަގުލާއި ދަތިކަމުގައި އުޅެމުންދާ އެތައް ލެބް ޓެކްނީޝަނުންނަށް ޓަކައި އަޑު އުފުލާ އެމީހުންގެ ހާލަތު ރަނގަޅު ކޮށްދިނުމަށް ސަރުކާރަށް ގޮވައިލުމެވެ.

Ads by Allied Insurance
  1. އަހުމަދު

    އެޓުކުނީސަންގެ އެވާހަކަތަކަށް،، ސަރުކާރުން ވަގުތުން ވަގުތަށް ވިސްނަންޖެހޭ،،، އެއީވެސް،،އަރާމުކުރަންޖެހޭނެބައެއް، އެމީހުން އެކުރަނީ،، އާދައިގެ މަސަތްކަތެއް،، އެކަންގޯސްވެއްޖެ ނަމަ ބަލިމީހަ އިތުރަށް ބަލިވެދާނެ، ނުރައްކާތެރި ހާދިސާއެއްހިނގާފާނެ،،