ކަރަންޓު އިޤްތިޞާދު ކުރުމުން ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ސްޓެލްކޯއިން

ހޫނު މޫސުމުގެ މަސްތަކުގައި ކަރަންޓު އިޤްތިޞާދު ކުރާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމަށް ސްޓެލްކޯއިން އިޢުލާންކޮށްފިއެވެ.
މިއީ އެ ކުންފުނިން ހޫނު މޫސުމުގައި ގިނަ ގެތަކުން ކަރަންޓު ބިލު ބޮޑުވާތީ ކަރަންޓު ހަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކަށް އާންމުން ހޭލުންތެރި ކުރުމަށް 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ސްޓެލްކޯ އިން ކުރިއަށްގެންދާ ކެންޕެއިންގެ ތެރެއިން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް، ކަރަންޓު ލޯޑު ކުޑަކޮށް އިޤްތިޞާދު ކުރުމަށް އާއްމުން ހޭލުންތެރިކުރުމަށް ސްޓެލްކޯއިންވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ.
ސްޓެލްކޯގެ ސޭވް އެނަރޖީ ކެމްޕެއިންގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މިކެމްޕެއިނާއެކު ވޭތުވެ ދިޔަ 2އަހަރު ކަރަންޓާ ގުޅޭގޮތުން ހުށައަޅާ ޝަކުވާތައް މަދުވެފައިވާކަން ފާހަގަކުރެވުނުކަމަށެވެ.
ފަހަރުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ކަރަންޓު އިޤްތިޞާދުކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ކުރިއަށްގެންގޮސް، ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މުޣްނީ ވިދާޅުވިއެވެ.
"ބޭނުންނުކުރާ ވަގުތުގައި ކަރަންޓު ސާމާނު ޖައްސާފައި ބެހެއްޓުމުގެ ސަބަބުން ހަގީގަތުގައި މިދަނީ ބޭކާރު ފައިސާ ޚަރަދުވެގެން. އަޅުގަނޑުމެން ބިލް ކުރާކަށް ބޭނުމެއް ނުވޭ އެމީހަކު ބޭނުން ނުކުރާ ކަރަންޓަކަށް. ހަގީގަތުގައި ކަރަންޓު ބޭނުންކުރުމުގައި ސަމާލްކަންދޭނަމަ %15-%20އަށްވެސް ބިލް ކުޑަކުރެވިފަ އެބަހުރި." މުޣުނީ ވިދާޅުވިއެވެ.