ދީން

އިންސާނާގެ މުޅި ޙަޔާތުގެ ދުވަސްތަކާއި ދިރިއުޅުމުގެ މިސާލާއި ލިބޭ ބަދަލު ، އެންމެ އާޔަތަކުން!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސޫރަތުލް ޙަދީދްގެ 20 ވަނަ އާޔަތުގައި ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ.

Ads by MWSC

اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ ۖ

މާނައީ: ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާ މެދު، އެކަކު އަނެކަކަށް ވުރެ ގިނަކަމަށް ބުނެ މޮޅު ވާހަކަ ދެއްކުމެއް ކަމުގައެވެ.

މި އާޔަތަށް ވިސްނައި ފިކުރުކޮށްލައްވާށެވެ. ދުނިޔޭގެ ދިރިއުޅުމުގެ ވާހަކަ ބަޔާން ކުރެވިފައި އެ ވަނީ އިންސާނެއް ދުނިޔޭގެ އަލިކަމަށް ނޭވާލާ ހިސާބުން ފެށިގެން އެ މީހެއްގެ ނިމުމާ ހަމަޔަށް އެ މީހަކު ލޯބިކުރާ އެކި ކަންކަމުގެ މައްޗަށެވެ.

އިންސާނާގެ ތުއްތުއިރުގެ ނުވަތަ ކުޑައިރުގެ ދިރިއުޅުމަކީ ކުޅުމުން (لَعِبٌ)ވަށައިލެވިފައިވާ ދުވަސްތަކެކެވެ. އެ އުމުރުފުރައިގައި އެއަށް ވުރެ ބޮޑަކަށް ބޭނުންވާ އެހެން ކަމެއް ނޯވެއެވެ.

އެއަށް ފަހު އިންސާނާގެ ޒުވާންކަމަށް ފޯރާ އުމުރުފުރައެވެ. އެ އުމުރުގައި ކުދީން އެދެނީ ހިތް އުފާ ކުރުމާއި ހިތްހަމަޖެއްސުމަށެވެ(لَهْوٌ). އަދި ޒުވާންކަމަށް ފޯރައި ދެން ޒުވާނާ ލޯބިކުރަނީ ޒީނަތްތެރިކަމާއި (زِينَةٌ) ރިވެތިކަމަށެވެ. ދެން އޭގެ ފަހުން ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ނިކުމެ ، ޒަވާޖީ ޙަޔާތެއް ފަށައި އެކަކު އަނެކަކާ ވާދަކުރުމުގެ ރޭހަށް އިންސާނާ ނިކުމެއެވެ. އެކަކު އަނެކަކަށް ބޮޑާވެ ، އެކަކު އަނެކަކަށް ވުރެ މުދަލާއި ދަރީން ގިނަކަމަށް ބުނެ ފަޚުރުވެރިވެގަނެއެވެ. (وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ)

އިންސާނާގެ މުޅި ޙަޔާތުގެ ދުވަސްތައް ފާއިތުވެގެންދާ ގޮތް އާޔަތުގެ ފުރަތަމަ ބައިގައި އެ ވަނީ ބަޔާން ކުރެވިފައެވެ.

ދެން އެ އާޔަތުގައި ވަނީ ޙަޔާތުގެ ދުވަސްތަކުގެ މިސާލެވެ. ފިކުރުކުރާ ބަޔަކަށް ޢިބްރަތެކެވެ.

كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا ۖ

ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން عجائب ކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ.

އާޔަތުގެ ފަހުބައިގައި ވެއެވެ.

وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ ۚ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ

މާނައީ: އަދި آخرةގައި ވަނީ، ގަދަފަދަވެގެންވާ عذاب އެވެ. އަދި اللَّهގެ حضرةން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ.

މި ބަސްތަކުގައި އެ ވަނީ ޙަޔާތުގެ މިސާލެވެ. އަދި އެ ޙަޔާތުން އެ މީހަކު ހޯދައިގަތް އެއްޗެއްގެ މައްޗަށް ، ނިމުމެއް ނުވާ ގޮވަތީގައި އެ މީހަކަށް ލިބޭން އޮތް ބަދަލެވެ. ގަދަފަދަވެގެންވާ ޢަޒާބު ނޫނީ ﷲގެ ފުއްސެވުމާއި ރުއްސެވުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!