ރާއްޖޭގައި މުޅިން އަލަށް ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށްވާ މޯލްޑިވްސް ފްލޯޓިން ސިޓީން ކުލި ނެގޭނެ ގޮތް ކަނޑައަޅައިފިއެވެ.
ފްލޯޓިން އައިލެންޑުން ކުލި ނެގޭނެ އުސޫލުގައިވާ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކުގައި އިމާރާތް ކުރުމުގެ ބޭނުމަށް މޫދުގެ ލޮނުގަނޑުގެ މަތީގައި އުފުލޭގޮތަށް ތައްޔާރުކުރާ ރަށްރަށުގެ ޕްލެޓްފޯމްތަކުގެ ސަރަހައްދު ހިމެނޭނީ، ފަޅުގެ ލޭންޑް އޭރިއާގެ ގޮތުގައެވެ. އެ އޭރިއާ ހިސާބުކުރާނީ، އެ ފަދަ ރަށްތަކާއި ޕްލެޓްފޯމްތައް ކަނޑުގެ ލޮނުގަނޑުގައި ބީހޭ ހިސާބުގެ މައްޗަށް ބިނާކޮށް ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.
ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ތަރައްޤީކުރާ ފްލޯޓިންގ ސިޓީ، މާލެ އަތޮޅު އައު ރަށް ކައިރީ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑު ކުންފުނިންނެވެ.
1.6 ބިލިއަން ޑޮލަރުގެ ބިޔަ މިމަޝްރޫޢުގެ ދަށުން ފްލޯޓިންގ ސިޓީގައި ލަގްޒަރީ ފެންވަރުގެ 5000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. 3 އަހަރުގެ ތެރޭގައި މިމަސައްކަތް އެއްކޮށް ނިންމައިލެވޭނެކަމަށް މިމަޝްރޫޢުގެ ރާއްޖޭގެ ކޮންސަލްޓަންޓް ވިދާޅުވެފައިވެއެވެ.
މިމަޝްރޫޢު ނިމިގެންދާއިރު އެ ސަރަޙައްދަށް ރިސޯޓުތަކާއި ސިޓީ ހޮޓާތަކާއި ބޮޑެތި ފިހާރަތަކުގެ އިތުރުން ސިއްޙީ ޚިދުމަތާއި ސްކޫލްތައް އައުމާ އެކު މިއީ އިތުރަށް އުފެދޭ ވަޒީފާތައްކަމަށް މަސައްކަތުގެ ލޯކަލް ކޮންސަލްޓަންޓް ވަނީ ފާހަގަކުރައްވައިފައެވެ.