ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2 ޕްރީ ސްކޫލް އަޅަން ހަވާލުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 2 ޕްރީ ސްކޫލް ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފިއެވެ.
އެޗްޑީސީން ވިދާޅުވީ އެސްޖޭ ކޮންސްޓްރަކްޝަންއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 6 މަސް ދުވަހުގެ ތެރޭ ނިންމާގޮތަށް ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ 4 ސްކޫލް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން 3 ސްކޫލަކީ ކޮންޓްރެކްޓަރ ފައިނޭންސް، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަދާ ސްކޫލްތަކެވެ. އަނެއް ސްކޫލަކީ ބޭރު ފަރާތަކުން ތަރައްޤީކުރާ އިންޓަރނޭޝަނަލް ސްކޫލެކެވެ.
ހިޔާ ފްލެޓްތަކުގައި ޢާއްމުން މިހާރު ދިރިއުޅެން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ.