ބިންތަކާ ގުޅޭ މައްސަލަތައް އަނބުރާ ކައުންސިލުތަކަށް ފޮނުވައިލާން އޭޖީ އޮފީހުން ނިންމައިފި
ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) ހާޒިރުވާން ޖެހޭ ގޮތަށް ހުށަހަޅައިފައިވާ މައްސަލަތައް އަނބުރާ ކައުންސިލުތަކަށް ފޮނުވާލަން ނިންމައިފިއެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިމުގެ މައްސަލަތަކުގައި، ލޯކަލް ކައުންސިލްތަކަށް އަމިއްލައަށް ތަމްސީލު ނުކުރެވޭނެ ކަމަށާއި، އެފަދަ މައްސަލަތަކުގައި ކައުންސިލްތައް ކޯޓުގައި ތަމްސީލުކުރަންޖެހޭނީ ބަންޑާރަ ނައިބު ކަމަށް ރާއްޖޭގެ ހައި ކޯޓުން ކުރެއްވި ޙުކުމުގެ އެ ބައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިއްޔެ ބާޠިލު ކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ އޭޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ކަމަށާއި އިސްތިއުނާފު ކުރި މައިގަނޑު ސަބަބަކީ ހައި ކޯޓުގެ އެ ނިންމުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާއި އެ ޤާނޫނުގެ މަޤުޞަދާ ޚިލާފު ނިންމުމެއް ކަމަށް ދެކޭތީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ވަނީ ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމުގައި ކައުންސިލެއްގެ މައްޗަށް އުފުލޭ ދަޢުވާތަކާއި ކުރާ ދަޢުވާތަކާއި ހިންގާ މައްސަލަތަކުގައި އެ ކައުންސިލްތައް ތަމްސީލުކުރާނީ އެ ކައުންސިލެއް އަމިއްލައަށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަދި ބަންޑާރަނައިބަކީ ސަރުކާރުގެ އިސް ޤާނޫނީ ވަކީލުކަމުގައި ވާތީ، ބަންޑާރަނައިބުގެ ފަރާތުން ކޯޓުތަކުގައި ކައުންސިލްތައް ތަމްސީލުކުރުމަކީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ މިނިވަންކަމާއި ފުށުއަރާ އަދި، ބައެއްފަހަރު އެ ފަރާތުގެ މަސްލަހަތު ވެސް ފުށުއަރާފާނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރެއްވި ޙުކުމްގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އޭޖީ އޮފީހުން ވިދާޅުވީ ސުޕްރީމް ކޯޓު އެ ނިންމެވުމާ ގުޅިގެން ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާ ގުޅޭ ގޮތުން ކައުންސިލްތަކުގެ މައްޗަށް ދައުވާ އުފުލި ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން އޭޖީ އޮފީސް ހާޒިރުވާން ޖެހޭ ގޮތަށް ހުށަހަޅައި ހިނގަމުންދާ މައްސަލަތައް ރައްދުވާ ކައުންސިލްތަކަށް އަނބުރާ ފޮނުވައިލާން ނިންމައިފައިވާ ކަމަށެވެ.