Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އެމްޑީޕީން މި އުޅޭ ގޮތަށް އުޅެން ޖެހޭ ސަބަބެއް ނުވިސްނޭ: މީކާއީލް

އެމްޑީޕީން މި އުޅޭ ގޮތަށް އުޅެން ޖެހޭ ސަބަބެއް ނުވިސްނޭ: މީކާއީލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އިން މިހާރު އުޅޭ ގޮތަށް އުޅެން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ، އެ ޕާޓީގެ އެތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހުރިކަން ހާމަވެގެން ދިޔައެވެ. އެގޮތުން އަންނަ މެއިމަހުގެ 14ވަނަ ދުވަހު ބާއްވާ އެތެރޭގެ އިންތިހާބަށް ޕާޓީގެ ދެ ފެކްޝަންގެ މެދުގައި އޮތް ވާދަވެރިކަން ފެނިގެން ދިޔައިރު، އެއް ބަޔަކު އަނެއް ބަޔަކަށް ހުތުުރު ބަހުން މުއާމަލާތް ކުރިތަން ވެސް ފެނުނެވެ. ސަންގު ޓީވީގައި ރޭ ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، މިއީ އެމްޑީޕީގެ ފަރާތުން ފެނިގެންވާނެ ކަންކަމެއް ނޫން ކަމަށާއި، އެޕާޓީއަކީ ވޯޓު "ފުރިހަމަ ކޮށްގެން" ވެރިކަން ކުރަމުން އަންނަ ބައެއް ކަމަށެވެ. މީކާއީލް ވަނީ ޗެެއާޕާސަން ކަމަށް ވާދަކުރައްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ފެކްޝަނުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދީ، ނުފޫޒުން ކަމަށް ތުހުމަތު ކުރައްވައިފައެވެ. ގައުމީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވެސް އޮތްއިރު، ހަމަނުޖެހުން ހިންގަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ގައުމީ މަޖިލީހުން ބޭނުން ކޮންމެ ކަމެއް، ކޮންމެ ވަގުތެއްގައި ވެސް ފާސް ކުރުމުގެ ބާރު އެބަ އޮތް. ސަރުކާރުގެ ނުފޫޒާއި، ކުންފުނިތަކުގެ ނުފޫޒުން ގައުމީ  މަޖިލިސްގެ ސުޕަރ މެޖޯރިޓީ ވެސް އެވަނީ ހޯއްދަވައިފައި." މީކާއީލް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމީ، 100 މެމްބަރުންގެ ތާއީދާއެކުގައެވެ. އިންތިހާބު ފަސް ކުރުމަކީ ފައްޔާޒު ބޭނުންވެލެއްވި ގޮތެވެ. އަދި އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ބޭނުންވެލެއްވީ، އިންތިހާބު ފަސް ނުކުރުމަށެވެ. އިންތި އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ފަސް ކުރަން ބޭނުން ނުވީ އެންމެ 15 މެމްބަރުންނެވެ. މެއިމަހުގެ 14ވަަނަ ދުވަހު ބާއްވާ، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ވަރަށް ފޯރި ގަދަވާނެ ކަމަށް ބެލެވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް