ޚަބަރު ޝަރުޢީ ދާއިރާ

"މަހްލޫފްގެ މައްސަލަ ބޭރުކޮށްލައިފައި ވަނީ ގާނޫނާ ޚިލާފަށް"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ކޯޓުން ބޭރުކޮށްލީ ގާނޫނު ދަންނަ އިޖުރާއަތްތަކެއްގެ މައްޗަށް ނޫން ކަމަށް ދައުލަތުން ހައިކޯޓުގައި މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރ މަހްލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުގައި މިއަދު ވަނީ ފަށައިފައެވެ.

އެގޮތުން މިއަދުގެ އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާ ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ އަދި ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ މަދަނީ މިންގަނޑުން މައްސަލަ ނިންމާއިރު ހެކިތައް ވަޒަންކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ވަކީލާ ވިދާޅުވީ މި މައްސަލައިގައި ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވަނީ ކުށުގެ އުންސުރުތައް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅައިފައި ހުރި ވަކިވަކި ހެކިތައް ވަޒަންކޮށްފައި ކަމަށެވެ. އަދި ވަކި ހެއްކަކީ ކޮން އުންސުރެއް ސާބިތުކުރަން ހުށަހަޅައިފައިވާ ހެއްކެއް ކަން ބަޔާންކުރައްވައިފައިވާ ކަމަށާއި، މި މަރުހަލާގައި އެކަމަށް ވާހަކަ ނުދެއްކޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވަކީލާ އައިޝަތު މުހައްމަދު މީގެ އިތުރުން ވިދާޅުވީ މި މަރުހަލާގައި ހެކިތަކާ ގުޅޭ ގޮތުން ވާހަކަދައްކައިފި ނަމަ، ޝަރީއަތުގައި ހެކިބަސް ނަގައި ނިމުމަށް ފަހު ހެއްކާ ބެހޭ ގޮތުންނާއި ހުލާސާ ބަޔާނުގެ ބޭނުން ކެނޑިގެންދާ ކަމަށެވެ. އެހެންކަމުން ދައުލަތުން ވަނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަން ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!